[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٥ ( ف 2 ، د 12 –އެންމެ ފުރަތަމަ ފޮނުއްވުނު ރަސޫލާއި އެންމެ ފަހުން ފޮނުއްވުނު ރަސޫލު )

ﷲ ތަޢާލާ އެންމެހާ ރަސޫލުބޭކަލުން ފޮނުއްވީ އުފާވެރި ޚަބަރާއި ބިރުވެރި ޚަބަރު ދެއްވާ ބޭކަލުންތަކެއް ކަމުގައެވެ. އެކަމުގެ ދަލީލަކީ ﷲ ތަޢާލާގެ މި ވަޙީބަސްފުޅެވެ.

﴿رُسُلًا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى اللَّـهِ حُجَّةٌ بَعْدَ الرُّسُلِ ﴾ [ النساء ١٦٥] ([1])

މާނައީ: “ތިމަންއިލާހު އެރަސޫލުބޭކަލުން ފޮނުއްވީ އުފާވެރިކަމުގެ ޚަބަރުދެއްވާ އަދި ބިރުގަންނަވާ ބޭކަލުންގެ ގޮތުންނެވެ. އެއީ ރަސޫލުން ފޮނުއްވުމަށްފަހު ﷲތަޢާލާގެ މައްޗަށް މީސްތަކުން ދައްކާނޭ އެއްވެސް ޙުއްޖަތެއް ނުއޮތުމަށްޓަކައެވެ.”

އެބޭކަލުންގެ ތެރެއިން އެންމެ ފުރަތަމަ ބޭކަލަކީ ނޫޙު ޢަލައިހިއްސަލާމެވެ. އަދި އެންމެ ފަހު ބޭކަލަކީ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައެވެ. އަދި އެއީ ނަބީކަން ޚަތިމު ކުރެއްވި ކަލޭގެފާނެވެ. ރަސޫލުން ކުރެ އެންމެ ފުރަތަމަ ރަސޫލަކީ ނޫޙުގެފާނުކަމުގެ ދަލީލަކީ ﷲގެ ވަޙީބަސްފުޅެވެ.

﴿ إِنَّا أَوْحَيْنَا إِلَيْكَ كَمَا أَوْحَيْنَا إِلَىٰ نُوحٍ وَالنَّبِيِّينَ مِن بَعْدِهِ ۚ وَأَوْحَيْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَعِيسَىٰ وَأَيُّوبَ وَيُونُسَ وَهَارُونَ وَسُلَيْمَانَ ۚ وَآتَيْنَا دَاوُودَ زَبُورًا ﴾ [النساء ١٦٣] ([2])   

މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު ކަލޭގެފާނަށް ވަޙީ ބާވައިލެއްވީ ނޫޙު ޢަލައިހިއްސަލާމަށާއި އެކަލޭގެފާނުގެ ފަހުގެ ނަބީބޭކަލުންނަށްވެސް ވަޙީ ބާވާލެއްވިފަދައިންނެވެ.”

އަދި ނޫޙު ޢަލައިހިއްސަލާމުން ފެށިގެން މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައާ ހަމައަށް ކޮންމެ އުންމަތަކަށްވެސް ﷲ ތަޢާލާ ރަސޫލަކު ފޮނުއްވިއެވެ. އެބޭކަލުން އެބައިމީހުންނަށް އަމުރުކުރެއްވީ ހަމައެކަނި ﷲ އަށް އަޅުކަން ކުރުމަށެވެ. އަދި ތާޣޫތަށް އަޅުކަންކުރުން ނަހީކުރެއްވިއެވެ. ދަލީލަކީ ﷲ ތަޢާލާގެ މި ބަސްފުޅެވެ.

﴿وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ﴾[ النحل ٣٦] ([3] )   

މާނައީ: “އަދި ހަމަކަށަވަރުން ކޮންމެ އުންމަތަކަށް ތިމަންއިލާހު ރަސޫލުބޭކަލަކު ފޮނުއްވީމެވެ. އެއީ ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރުމަށާއި އަދި ޠާޣޫތާ ދުރުހެލިވެގަތުމަށް އެންގެވުމަށެވެ.”

ތާޣޫތަށް ކާފިރުވުމާއި މާތް ﷲ އަށް އީމާންވުން، ﷲ ތަޢާލާ ހުރިހާ އަޅުތަކުންގެ މައްޗަށް ފަރުޟުކުރެއްވިއެވެ.

ފިލާވަޅުގެ އިރުޝާދުތައް

* ރަސޫލުބޭކަލުންގެ މަސައްކަތަކީ: އިމާންވެ ކިޔަމަންގަތް މީހުންނަށް ހުރި ނިޢުމަތުގެ އުފާވެރިކަމުގެ ޚަބަރުދެއްވައި ޝިރުކުކޮށް އުރެދޭ މީހުންނަށްހުރި ޢަޛާބާ ބެހޭގޮތުން މީސްތަކުންނަށް އިންޛާރުދެއްވުމެވެ. އަދި ﷲ އަށް އަޅުކަންކުރަންވީ ގޮތް ބަޔާންކޮށްދެއްވުމެވެ.

* އެބޭކަލުންގެ ތެރެއިން އެންމެ ފުރަތަމަ ބޭކަލަކީ ނޫޙު ޢަލައިހިއްސަލާމެވެ. އަދި އެންމެ ފަހު ބޭކަލަކީ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައެވެ. އެދެމެދުގައި ﷲ ތަޢާލާވަނީ ވަރަށް ގިނަ ރަސޫލުން ފޮނުއްވާފައެވެ. އެގޮތުން އިބްރާހީމް ޢަލައިހިއްސަލާމް އާއި މޫސާ ޢަލައިހިއްސަލާމް އާއި ޢީސާ ޢަލައިހިއްސަލާމް ފަދަ ބޭކަލުން އޭގެ ތެރޭގައި ހިމެނެއެވެ.

* ނަބީކަން ޚަތިމުކުރެއްވީ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައެވެ. އެކަލޭގެފާނަށްފަހު ނަބިއްޔެއް އަދި ރަސޫލެއްވެސް ނުވެއެވެ. އެކަލޭގެފާނަށްފަހު، އެމީހަކަށް ވަޙީ ބާވާލެއްވޭކަމަށް ބުނެ ނަބީކަން ނުވަތަ ރަސޫލުކަން ދަޢުވާކޮށްފިމީހަކީ ދޮގުވެރި މަގުފުރެއްދުންތެރިއެކެވެ. އެފަދަ މީހުންގެ ތެރޭގައި މުސައިލިމާ އަލްކައްޛާބުފަދަ މީހުން ހިމެނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَـٰكِن رَّسُولَ اللَّـهِ وَخَاتَمَ النَّبِيِّينَ ﴾ [الأحزاب ٤٠]

މާނައީ: “ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި މުޙައްމަދުގެފާނު ނުވެތެވެ. އެހެނެއްކަމަކު، (އެކަލޭގެފާނީ) ﷲގެ ރަސޫލާއެވެ. އަދި ނަބީކަން ޚަތިމުކުރެއްވި ކަލޭގެފާނުވެސްމެއެވެ.”

ސުވާލުތައް

  1. ރަސޫލުބޭކަލުންގެ މަސައްކަތަކީ ކޮބާ ހެއްޔެވެ؟ އެކަމުގެ ދަލީލު ލިޔާށެވެ.
  2. އެންމެ ފުރަތަމަ ރަސޫލަކީ ކޮން ބޭކަލެއް ހެއްޔެވެ؟ އެކަމުގެ ދަލީލު ލިޔާށެވެ.
  3. އެންމެ ފަހުގެ ނަބިއްޔާ ކޮން ބޭކަލެއް ހެއްޔެވެ؟ އެކަމުގެ ދަލީލު ލިޔާށެވެ.
  4. ނަބީކަމަށް ދަޢުވާކޮށްފި މީހަކަށް ތިބާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟
  5. ރަސޫލުބޭކަލުން އެބޭކަލުންގެ ޤައުމުގެ މީހުންގެ ގާތަށް ވަޑައިގަތީ ކޮންކަމަކައިގެން ހެއްޔެވެ؟

__________________________________

([1]) [النساء: ١٦٥]

([2]) [النساء: ١٦٣]

([3]) [النحل: ٣٦]

مادة التوحيد ١ (ފޮތް)

مادة التوحيد ٢ (ފޮތް)

مادة التوحيد ٣ (ފޮތް)

مادة التوحيد ٤ (ފޮތް)

مادة التوحيد ٥  ގެ އެހެނިހެން ބައިތައް