[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަކުދިންގެ ވާހަކަ: މުސްޙަފުގައި ހުރި ހިރަފުސް

kidsstory8ވިއާމު ޢަބުދުލް ޢަޒީޒު އިންޓަރނޭޝަނަލް އެއާލައިނަކީ ކާމިޔާބުކަމާއެކު އަމިއްލަ ބަޔަކު ހިންގަމުން އަންނަ އެއާލައިނެކެވެ. މި އެއާލައިނުން އެންމެ ޚާއްޞަ ސަމާލުކަމެއް ދެނީ އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި ދަތުރުވެރިންނަށެވެ. މި އެއާލައިނުން ދަތުރުކުރާ ކޮންމެދަތުރުވެރިޔަކު ، ދަތުރު ނިންމާފައި ގެއަށްދަނީ ހިތްހަމަޖެހިފައި ތިބެގެންނެވެ. ސަބަބަކީ އެތާނގެ ދަތުރުވެރިންނާމެދު މުވައްޒަފުން ބަހައްޓާ ގާތްކަމާއި އޯގާވެރިކަމެވެ. އެއީ ހަމަހަމަކަމާއެކު ހަރުދަނާ އުސޫލެއް ގެންގުޅޭކަމަށް މަޝްހޫރު ތަނެކެވެ.

އެއްދުވަހަކު ފުރާވަރުގެ ޒުވާނަކު ޓީވީ ބަލަން އިންދާ ، ވިއާމް އިންޓަރނޭޝަނަލް އެއާލައިންނަށް މުވައްޒަފުން ބޭނުންވެގެން ކޮށްފައިވާ އިޢުލާނެއްގެ އަޑު އިވުނެވެ. މި އަޑު އިވުމާއެކު މި ޒުވާނާ މިކަމަށް އެދި ވަޒީފާއާއި ބެހޭ ފޯރމު ފޮނުވިއެވެ. އަދި ފޯމާއެކު އެ ޒުވާނާގެ ވަނަވަރާއި އައިޑީކާޑުގެ ކޮޕީ އަދި ތަޢުލީމީ ސަނަދުތަކުގެ ކޮޕީވެސް ހުށަހެޅިއެވެ.

ފޯމު ހުށަހެޅިތާ ތިން ދުވަސް ފަހުން ވިއާމް ޢަބްދުލް ޢަޒީޒު އިންޓަރނޭޝަނަލް އެއާޕޯޓުގެ އޮފީހަށް ޙާޒިރުވުމަށް އެދި ފޮނުވާފައި އޮތް ސިޓީއެއް ލިބުނެވެ. މި ސިޓީ ލިބުމުން މިޒުވާނާ ، އޭނަގެ ނަމުންނަމަ އަޙުމަދުޝާން ކަނޑައެޅިފައިވާ ގަޑިއަށް އެ އޮފީހަށް ދިޔައެވެ.

އެތަނަށް ދިޔައިރު ފަސް މީހުން ތިއްބެވެ. އަޙުމަދު ޝާނަށް މަޢުލޫމާތު ލިބުނު ގޮތުގައި އެ ފަސް މީހުންނަކީ ފޯމް ހުށަހެޅި ފަންސާސް މީހުންގެ ތެރެއިން އެމީހުން ހޮވައިފައިވާ ފަސް މީހުންނެވެ.

ގިނަ އިރުތަކެއް ނުވެ އެ އޮފީހުން ވަޑައިގަތް ބޭފުޅަކު ވިދާޅުވިއެވެ. “ތިން ބޭފުޅުންވެސް މަސައްކަތަށް ވަޑައިގަންނަވާ. މި އެއާޕޯޓުން ވަޒީފާ ރަސްމީކޮށް ޙަވާލު ކުރެވޭނީ ،މަސައްކަތުގެ ވަގުތީ ޒިއްމާ ޙަވާލުކުރެވޭ ތިން މަސްދުވަހުގެ މުއްދަތުގެ ތެރޭގައި އެމީހެއްގެ ޙަރަކާތްތަކާއި ކަންތައްތައް ހުންނަގޮތްތަކަށް ބަލާފައި. އެކަންކަން ބައްލަވާނީ ސީދާ މި އެއާޕޯޓްގެ ވެރިޔާ. ފަސް ބޭފުޅުންނަށްވެސް ކާމިޔާބީއަށް އެދެން . މަސައްކަތުގެ ގަޑީގައި ބޭނުންކުރާނެ ފަސް ކޮޓަރި ހުންނާނެ. މި އޮތީ ތަޅުދަނޑި. ކޮޓަރީގައި އޮންނާނެ ފޮތެއް. އެ ފޮތުގައި އިތުރު އިރުޝާދު ލިޔެފައި ވާނެ. މި ތިންމަސް ދުވަހުގެ މުސާރަ ބަރާބަރަށް ލިބޭނެ. ކޮޓަރި ދައްކާނަން. ވަޑައިގަންނަވާ.”

އެ ބޭފުޅާއެކު ވަޒީފާއަށް އެދުނު މީހުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ހޯދި ފަސް މީހުން ދިޔައެވެ. އެ ދިޔަ މަގުމަތީ އެކަކު އަނެކަކުގެ މޫނަށް ބަލާފައި އަހާ ކަހަލައެވެ. މީ ކޮންކަހަލަ އޮފީހެއް ބާވައެވެ. މި އޮފީހުގައި އިންޓަރވިއު ކުރުމެއްވެސް ނެތީ ބާވައެވެ.

ކޮންމެއަކަސް ދެވިފައިވާ އިރުޝާދާ އެއްގޮތަށް އެ ފަސް ޒުވާނުން މަސައްކަތް ފެށިއެވެ. މަސައްކަތަށް ޝައުގު ހުރި އެ ފަސް ޒުވާނުން ފޯރިއާއި ޖޯޝުގައި ފުރަތަމަ އެއްމަސް ދުވަހު ،ހުއްޓާނުލާ ވަރަށް ބޮޑަށް މަސައްކަތް ފެށިއެވެ. ދެވިފައިވާ އިރުޝާދުގައި އޮތީ އެއާޕޯޓުގެ ކަނޑައެޅިފައިވާ ސަރަޙައްދުގެ ތެރޭގައި އެމީހަކަށް ފެނުނު މަސައްކަތެއް ކުރުމަށެވެ. އަދި ހޭދަކުރި ވަގުތުވެސް ލިޔުމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ވަގުތެއް ހޭދަކޮށް ގިނަ މަސައްކަތްކުރަން އެ ފަސް މީހުންވެސް ސަމާލުކަން ދޭން ފެށިއެވެ.

ރޭގަނޑާއި ދުވާލު ނުނިދާ ބުރަކޮށް މަސައްކަތް ކުރުމުގައި މަޝްޣޫލުވެގެން ތިބެ ދުވަސްތައް ގުނަމުން ދެއެވެ. އެއްމަހާ ދިހަ ދުވަސް ވީއިރު އޭގެތެރެއިން އެކަކުގެ މަންމަ ވަރަށް ބޮޑަށް ބަލިވެގެން ފުރައިގެން ބޭރަށްދާން ޖެހިގެން މަސައްކަތް ދޫކޮށްލާފައި ހިނގައްޖެއެވެ.މިކަމާ އެންމެންވެސް ހިތާމަކޮށް އެ ހިތާމައިގައި ބައިވެރި ވިއެވެ.

ދެން ތިބި ހަތަރު ކުދިންގެ ތެރެއިން އެކަކުގެ އާދަ އަކީ ގިނަ އިރު މަސައްކަތް ކުރަންވެގެން ރޭގަނޑާއި ދުވާލު ނުނިދާ މަސައްކަތް ކުރުމެވެ. މިގޮތަށް މަސައްކަތް ކުރުމުގެ ސަބަބުން އޭނަ އަވަހަށް ވަރުބަލިވާން ފެށިއެވެ. އެންމެފަހުން ދެމަސް މުޅިން ހަމަ ނުވަނީސް އޭނާ ނުވެސް ބުނެ އެހެންރަށަކަށް ފުރައިގެން ހިނގައްޖެ އެވެ.

ބާކީ ތިބި ތިން މީހުން ނުވަތަ ތިން ޒުވާނުން ހިތްވަރުކުރަމުން ދިޔައީ ހީވާގި ކަމާއެކު ތިން މަސް ފުރިހަމަ ކުރުމަށެވެ. މީގެ ތެރޭގައި ހުރި އައިހަމް ކިޔާ ޒުވާނާ މަސައްކަތަށް ނިކުންނަނީ ހެނދުނު އަށެއް ޖަހާއިރެވެ. އަދި މަސައްކަތް ހުއްޓާލަނީ ރޭގަނޑު ނުވައެއް ޖަހާއިރެވެ. ކާ ގަޑި ފިޔަވާ ހުރިހާގަޑިއެއް ހޭދަކުރަނީ މަސައްކަތުގައެވެ.

ވަޒީފާއަށް އެންމެ ފުރަތަމަ އެދުނު ،އަޙުމަދު ޝާން ،އޭނައަށް ވަޒީފާ ލިބޭނެކަމުގެ ޔަޤީންކަން އޮތްކަމުގައި ރައްޓެހިން ގާތު ބުނަމުން ދެއެވެ. ސަބަބަކީ އޭނާއަކީ ކުރިންވެސް އެއާޕޯޓެއްގައި މަސައްކަތްކޮށް ކުރުމުއްދަތެއްގެ ނަމަވެސް ،ތަޖުރިބާ ހުރި މީހަކަށްވާތީއާ އަދި އޭނާ ގިނަވަގުތު މަސައްކަތުގައި ހޭދަކުރުމެވެ.

އަޙުމަދު ޝާން މަސައްކަތް ކުރަން ފަށަނީ ފަތިހު ފަހެއްޖަހާ އިރުގައެވެ، ހަވީރު ކުޅެން މެދު ކަނޑާލުމަށްފަހު ދެން ފަށަނީ އިރުއޮއްސި ހައެއް ޖަހާއިރެވެ. އަދި ރޭގަނޑު ދިހައެއް ޖަހަންދެން މަސައްކަތް ކުރެއެވެ. ކެއުމާއި ފެންވަރާ އަރާމުކުރުމަށް ހޭދަކުރަނީ މަދު ވަގުތު ކޮޅެކެވެ.

މަސައްކަތަށް ކުރިމަތިލި ކުދިންގެ ތެރޭގައި ހުރި ޢުމުރުން އެންމެ ހަގު ކުއްޖަކީ ޔައިޝް އެވެ. ޔައިޝްގެ ޢުމުރުން ކިރިޔާ އަށާރަ އަހަރު ފުރުނީއެވެ. ޔައިޝް ފަތިހު ހަތަރެއް ޖަހާއިރު ހޭލައެވެ. ނަމަވެސް،މަސައްކަތަށް ނިކުންނަނީ ހައެއްޖަހާއިރެވެ. އަދި އެއާޕޯޓުގެ އެކި ސަރަޙައްދުގައި މަސައްކަތް ކުރުމަށްފަހު ބާރަ ޖަހާއިރު ހުއްޓާލައެވެ. ޔައިޝް ދެން ފެންނަނީ މެންދުރު އެކެއް ޖަހާއިރެވެ. އަދި ތިނެކާ ހަތަރަކާ ދޭތެރޭގައިވެސް ފަނަރަ ވަރަކަށް މިނިޓު އޭނާގެ ކޮޓަރީގައި ހޭދަކުރެއެވެ. އިރުއޮއްސި ހައެއްޖަހާއިރު މަސައްކަތް ހުއްޓާލުމަށްފަހު ޔައިޝް ދެން މަސައްކަތް ފަށަނީ ރޭގަނޑު އަށަކުން އެގާރަ އަށެވެ.

ވިއާމް ޢަބުދުލް ޢަޒީޒު އިންޓަރނޭޝަނަލް އެއާޕޯޓަށް ވަޒީފާއަށް އެދި ހުށަހެޅި އެކި ޢުމުރުފުރައިގެ ޒުވާނުންގެ ތެރެއިން ފުރާވަރުގެ މި ތިން ޒުވާން ، ހީވާގިކަމާއި އުއްމީދާއެކު ދެވިފައިވާ އިރުޝާދާ އެއްގޮތަށް މަސައްކަތުގައި ތިންމަސްދުވަސް ހޭދަކޮށްފިއެވެ. ދެން އޮތީ ދާއިމީ ވަޒީފާ ލިބެނީ ކާކަށްތޯ އިންތިޒާރުކުރުމެވެ.

އެންމެންވެސް އެތަނުން ވަޒީފާ ލިބުމަށް އެދެއެވެ. ސަބަބަކީ އެ ކުންފުނީގައި ހަމަހަމަ އުސޫލެއް އޮންނާތީއެވެ. އެތާނގެ ވެރިންގެ ހިތްހެޔޮކަމުންނެވެ. މުސާރައިގެ އިތުރުން ލިބޭ އެހެނިހެން އިނާޔަތްތައްވެސް ތަފާތުވެފައި ރަގަޅު ވުމެވެ.

އެ ވަޒީފާ ލިބޭނީ ކާކަށް ބާވައެވެ. އިންތިޒާރުގައި މާ ގިނަ ދުވަސްތަކެއް ގުނާކަށް ނުޖެހުނެވެ. ކުންފުނީގެ އެންމެ އިސް ވެރިޔާގެ ކޮޓަރިކޮޅަށް ތިން ޒުވާނުން ގެނެވުނެވެ. އަދި ވެރިޔާ ތިން ޒުވާނުންގެ މޫނަށް ބަލާފައި އޯގާތެރިކަމާއެކު ވިދާޅުވިއެވެ.

” ހިތްވަރާއި އުއްމީދާއެކު ތިން ކުދިންވެސް މަސައްކަތްކޮށްފި. ތިޔައީ އަދި ވަރަށް ޅަ ކުދިން . އެކަމަކު ތިންކުދިންގެ ހިތުގައިވެސް މަސައްކަތާމެދު ޝައުގު އެބައޮތް. އެހެންނަމަވެސް މި ކުންފުނިން އިޢުލާންކޮށްފައިވާ މަޤާމަށް ހަމަޖައްސަނީ ހަމައެކަނި މަސައްކަތަށް މޮޅުކުދިންނެއް ނޫން. ބޭބެމެންގެ ކުންފުނީގައި ބަލާ ،ހިފަހައްޓާ މިންގަނޑު ދާއިމީގޮތެއްގައި ހިފެހެއްޓޭނީ ކޮންކުއްޖެއްތޯ ބަލާފައި އެ ކުއްޖަކަށް ވަޒީފާ ލިބިގެންދާނެ. މި އުޞޫލަކީ ފަހަރެއްގައި އެހެން ކުންފުނިތަކާ ތަފާތު އުޞޫލަކަށްވެސް ވެދާނެ”.

“އަނެއްކާ އެއީ ކޮން އުޞޫލެއްތޯ… ؟” ތިން މީހުންނަށް އެއްފަހަރާ އަހާލެވުނެވެ.

“ތިޔައިން ކޮންމެ ކުއްޖެއްގެ ކޮޓަރީގައި އޮންނާނެ މުސްޙަފެއް. ބައެއް ދިވެހިން ” ޚަތިމް” މި ނަންވެސް އެއަށް ނިސްބަތް ކުރޭ. އެކަމަކު އެންމެ ރަގަޅު ނަމަކީ މުސްޙަފު. ތިން ކުދިންވެސް އަވަހަށް ގޮސް މުސްޙަފު ހިފައިގެން މި ކޮޓަރިއަށް އާދޭ.” ބަފަޔަކު އޭނާގެ ދަރިންނާ މުޚާޠަބު ކުރާގޮތަށް ކުންފުނީގެ ވެރިޔާ ވާހަކަ ދެއްކެވިއެވެ.

ތިން ޒުވާނުން ސުވާލު އުފެދިފައިތިބެ ހަލުވި ހިނގުމެއްގައި ހިނގާލާފައިގޮސް މުސްޙަފު ހިފައިގެން ގޮސް އަލުން ވެރިޔާގެ ކޮޓަރިކޮޅަށް ވަނެވެ. އަދި އެމީހުން އައުމުން އޮފީހުގެ ވެރިޔާ އެ ތިންމީހުން އަތަށް ހުދުކުލައިން އޮތް ތިން ފޮތިކޮޅު ދިނެވެ. އަދި ވަރަށް ރީތިކޮށް މުސްޙަފު ފޮހެލުމަށް އެދިވަޑައިގަތެވެ.

ތިން ޒުވާނުން ސުވާލުގެ ނަޒަރުން ވެރިޔާއަށް ބަލާލަމުން ވަރަށް ފަރުވާތެރިކަމާއެކު ފޮހެލިއެވެ. އަދި އެ ހުދު ފޮތިކޮޅު ވެރިޔާއަށް ދައްކާލިއެވެ. ޔައިޝްގެ ފޮތިކޮޅު ފިޔަވާ ދެން ތިބި ދެ ޒުވާނުންގެ ހުދު ފޮތިކޮޅު އޮތީ މުސްޙަފުގައި ހުރި ހިރަފުހުން ކަޅު ވެފައެވެ.

އެއާޕޯޓުގެ ވެރިޔާ ޔައިޝްއަށް އިޝާރާތްކުރައްވާ ވިދާޅުވިއެވެ.” މި ކުންފުނީގައި ބަލާމިންގަނޑު ތަފާތު ވެދާނެ. އަޅުގަނޑުމެން ބެލި މިންގަނޑުން ފާސްވެ މި ވަޒީފާއަށް ހޮވިފައިވަނީ ޔައިޝް މުޙައްމަދު އިމްޖާދު”.

މި އަޑު އިވުމުން އަޙުމަދު ޝާނަށް ނުހުރެވިގެން ބުންޏެވެ. ” ބައްލަވާ…ޔައިޝް މަސައްކަތްކުރިއިރު މެންދުރާއި ހަވީރާއި އިރުއޮއްސޭ ގަޑީގައި ހުންނަނީ މަސައްކަތް ހުއްޓާލާފައި .ކޮޓަރީގައި. ދެން ކީއްވެގެންތޯ ……”

” އެއީ ތެދެއް. އޭނާއަށް ނުލިބި ޝާންއަށް ލިބުނުނަމަ އަޅުގަނޑަށްވެސް ގަބޫލު ކުރެވުނީސް. މަސައްކަތުގައި ހޭދަކުރި ވަގުތު ގިނަ ވާނީ އޭނާ ވިއްޔަ”. އައިހަމްވެސް ޝަކުވާކުރަން ފެށިއެވެ.

” ބައްލަވާ…މަސައްކަތް ހުއްޓާލާފައި ހުރި ވަގުތު އަޅުގަނޑު ހޭދަކުރީ ނަމާދުކުރުމާ ގުރުއާން ކިޔެވުމުގައި. އަޅުގަނޑު މަސައްކަތް މެދުކަނޑާލީ އަރާމު ކުރުމަކަށް ނޫން. އަޅުގަނޑު ބިރުގަނޭ ނަމާދު ނުކޮށް މަސައްކަތް ކުރަން. އަދި ޤުރުއާން ނުކިޔަވާ ހުންނަން ޖެހިލުންވޭ. ވަޒީފާ ނުލިބުނަސް ހެޔޮކަމަށް އެކަމުގައި ވަގުތު ހޭދަކުރީ.” ޔައިޝްވެސް އޭނާގެ މަޤްޞަދު ކިޔައިދިނެވެ.

“ތިޔަކުދިންނަށް އިރުޝާދު ދެވިފައިވާނީ ތިޔަކުދިންއެދޭގޮތަކަށް ރާވައިގެން މަސައްކަތް ކުރިއަށް ގެންދަން. ކުންފުނީގެ ފަރާތުން ބުނެފައިވާނީ ވަޒީފާދޭނީ ތިޔަކުދިންގެ ޙަރަކާތްތަކާއި އެހެނިހެން ކަންތައްތަކަށް ބަލާފައި ކަމުގައި. އެހެންވީމާ ތިކުދިންނަށް ބޭބެ ބުނެލަން އޮތީ މިކުންފުނިން ވަޒީފާ ލިބުމާ ތިޔަކުދިންނާ ދެމެދު އޮތް މިވަގުތު އޮތް ހުރަހަކީ މުސްޙަފުގައި ހުރި ހިރަފުސް ކަމުގައި. މުސްޙަފު ދެކެ ލޯބި ވުމަކީ ދީން ދެކެ ލޯބިވާ ކުދިންގެ ފަރާތުން ފެންނަ ސިފައެއް. މަސައްކަތުގެ ވަގުތު ބަހަން ޖެހޭނީ ނަމާދުކޮށް ޤުރުއާން ކިޔަވަން ވަގުތު ލިބޭ ގޮތަށް. އެފަދަ މީހުން ދުނިޔޭގެ ކަންކަމުގައިވެސް ފަރުވާތެރި.މަސައްކަތުގައި މަސްއޫލިއްޔަތަށް ވަފާތެރިވާނެ. ތިޔަކުދިން މަތާރަންފިލާ މައްޗަށް ހިރަފުސްއަރަން ދޫކޮށްލާފައިވާ މުސްޙަފަކީ މާތްﷲގެ ކަލާމްފުޅު. ކުރިއަށް އޮތްތަނުގައިވެސް ތިޔަކުދިން ކީރިތި ގުރުއާނުން އަލިކަން ހޯދައިފިނަމަ ފުރުޞަތުތައް ފަހިވާނެ. ” މިހެން ވިދާޅުވެ ޔައިޝްއާ މުޚާޠަބު ކުރައްވާ މަރުޙަބާ ވިދާޅުވިއެވެ. ދެން ތިބި ކުދިން އިސްޖަހައިގެން ކޮޓަރިން ނިކުތީ އެކުދިންނަށް ﷲ ގެ ކަލާމްފުޅާ މެދު އިހުމާލު ވެވުނީތީ ހިތާމަކުރަމުންނެވެ.