ފުރަތަމައީ؛ އުޚްރަވީ ޢުޤޫބާތް
ޒަކާތް ނުދިނުމުން މީސްތަކުން ދުރުހެލިކުރެއްވުމުގެގޮތުން، ޚާއްޞަކޮށް ޒަކާތްނުދޭމީހާއަށް އާޚިރަތުގައި ލިބޭނެ ޢުޤޫބާތުގެ ވާހަކަ ޤުރުއާނާއި ސުންނަތުގައި ވާރިދުވެފައިވެއެވެ.
(1) ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ اللَّـهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ * يَوْمَ يُحْمَىٰ عَلَيْهَا فِي نَارِ جَهَنَّمَ فَتُكْوَىٰ بِهَا جِبَاهُهُمْ وَجُنُوبُهُمْ وَظُهُورُهُمْ ۖ هَـٰذَا مَا كَنَزْتُمْ لِأَنفُسِكُمْ فَذُوقُوا مَا كُنتُمْ تَكْنِزُونَ)) (التوبة: 34-35) މާނައީ: “އަދި ރަނާއި ރިހި ޚަޒާނާކޮށް، ﷲގެ މަގުގައި އެތަކެތި ހޭދަނުކޮށް ތިބޭ މީހުން (ދަންނާށެވެ!) ފަހެ، ވޭންދެނިވި ޢަޛާބު ހުރިކަމުގެ ޚަބަރު، އެބައިމީހުންނަށް ކަލޭގެފާނު ދެއްވާށެވެ! (އެގޮތުގެމަތިން) އެބައިމީހުން، އެއްކޮށް ޚަޒާނާކުޅަ، ރަންރިހި، އެދުވަހުން ނަރަކައިގެ އަލިފާނުން ދޮންކުރައްވައި، އެތަކެތިން، އެބައިމީހުންގެ ނިތްކުރިތަކުގައްޔާއި، އަރިކަށިތަކުގައްޔާއި، ބުރިކަށިތަކުގައި ޖެއްސެވޭނެއެވެ. (އަދި އަންގަވާނެތެވެ.) މިހިރީ، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްޓަކައި، ތިޔަބައިމީހުން އެއްކޮށް ޚަޒާނާކުޅަ ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން ޚަޒާނާކޮށް އުޅުނު ތަކެތީގެ ރަހަ ދެކޭށެވެ!”
(2) އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((مَنْ آتَاهُ اللَّهُ مَالًا، فَلَمْ يُؤَدِّ زَكَاتَهُ، مُثِّلَ لَهُ شُجَاعًا أَقْرَعَ، لَهُ زَبِيبَتَانِ، يُطَوَّقُهُ يَوْمَ الْقِيَامَةِ، يَأْخُذُ بِلِهْزِمَتَيْهِ يَعْنِي بِشِدْقَيْهِ، يَقُولُ: أَنَا مَالُكَ أَنَا كَنْزُكَ، ثُمَّ تَلَا ((وَلَا يَحْسَبَنَّ الَّذِينَ يَبْخَلُونَ بِمَا آتَاهُمُ اللَّـهُ مِن فَضْلِهِ هُوَ خَيْرًا لَّهُم ۖ بَلْ هُوَ شَرٌّ لَّهُمْ ۖ سَيُطَوَّقُونَ مَا بَخِلُوا بِهِ يَوْمَ الْقِيَامَةِ ۗ وَلِلَّـهِ مِيرَاثُ السَّمَاوَاتِ وَالْأَرْضِ ۗ وَاللَّـهُ بِمَا تَعْمَلُونَ خَبِيرٌ)) (آل عمران: 180)))(1) މާނައީ: “ﷲ މީހަކަށް މުދަލެއް ދެއްވައި، އެ މުދަލަކުން ޒަކާތް ނުދީފިމީހާ (ދަންނާށެވެ!) އެމީހަކަށް (އެ މުދާތައް) ވިހައިން ފުރިފައިވާ ހަރުފައަކަށް ހަދާލެވެއެވެ. އެ ހަރުފައިގައި ކަޅު ދެ ތިކިވާނެއެވެ. ޤިޔާމަތްދުވަހު އެ ހަރުފަ އެ މީހާގެ ކަރުގައި އޮޅާލާނެއެވެ. (އެ ހަރުފަ އެ މީހާގެ ގައިގައި ދަތްއަޅަން އުޅުމުން، ދަތްއެޅިޔަ ނުދިނުމަށްޓަކައި) އެ ސޮރުގެ ދެ ކޮލުކަށިގަނޑުގައި ހިފަހައްޓާނެއެވެ. އެ ހަރުފަ ބުނާނެއެވެ. “ތިމަންނައީ ކަލޭގެ މުދަލެވެ. ތިމަންނައަކީ ކަލޭގެ ކަންޒެވެ.” ދެން (ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ) މި އާޔަތް ކިޔަވާ ވިދާޅުވިއެވެ. ((وَلَا يَحْسَبَنَّ الَّذِينَ يَبْخَلُونَ بِمَا آتَاهُمُ اللَّـهُ مِن فَضْلِهِ هُوَ خَيْرًا لَّهُم ۖ بَلْ هُوَ شَرٌّ لَّهُمْ ۖ سَيُطَوَّقُونَ مَا بَخِلُوا بِهِ يَوْمَ الْقِيَامَةِ ۗ وَلِلَّـهِ مِيرَاثُ السَّمَاوَاتِ وَالْأَرْضِ ۗ وَاللَّـهُ بِمَا تَعْمَلُونَ خَبِيرٌ)) (މާނައީ: “ﷲ، އެކަލާނގެ ފަޟްލުވަންތަކަމުގެ ތެރެއިން އެބައިމީހުންނަށް ދެއްވި ތަކެއްޗާމެދު، ދަހިވެތިވާ މީހުން، އެކަންއެއީ، އެބައިމީހުންނަށްހުރި ހެޔޮކަމެއް ކަމުގައި ހީނުކުރާހުށިކަމެވެ! އަދި ކިއެއްތަ! އެއީ، އެބައިމީހުންނަށްހުރި ނުބައިކަމެކެވެ. އެބައިމީހުން ދަހިވެތިވި ތަކެތީން ޤިޔާމަތްދުވަހުން އެބައިމީހުންގެ ކަރުގައި ކަސްތަޅު އަޅުއްވާ ހުށްޓެވެ. އުޑުތަކާއި ބިމުގެ މިލްކުވެރިކަންވަނީ ﷲއަށެވެ. އަދި، ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”)
(3) އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((مَا مِنْ صَاحِبِ ذَهَبٍ وَلاَ فِضَّةٍ لاَ يُؤَدِّي مِنْهَا حَقَّهَا إِلاَّ إِذَا كَانَ يَوْمُ الْقِيَامَةِ صُفِّحَتْ لَهُ صَفَائِحَ مِنْ نَارٍ فَأُحْمِيَ عَلَيْهَا فِى نَارِ جَهَنَّمَ فَيُكْوَى بِهَا جَنْبُهُ وَجَبِينُهُ وَظَهْرُهُ، كُلَّمَا بَرَدَتْ أُعِيدَتْ لَهُ فِى يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ حَتَّى يُقْضَى بَيْنَ الْعِبَادِ فَيُرَى سَبِيلُهُ إِمَّا إِلَى الْجَنَّةِ وَإِمَّا إِلَى النَّارِ…الحديث))(2) މާނައީ: “ރަނާއި ރިހި (މުދަލުގެ ގޮތުގައި ލިބިގެންވާ) މީހަކު، އެ ތަކެތީގެ ޙައްޤު (އެބަހީ؛ ޒަކާތް) ނުދީފިކަމުގައި ވާނަމަ، ޤިޔާމަތްދުވަހު، އެމީހަކަށް އެ މުދާތައް އަލިފާނުންވާ (ދަގަނޑު) ފޮތިތަކެއްފަދައިން ހަދާލެވެއެވެ. ފަހެ، އެތަކެތި ނަރަކައިގެ އަލިފާނުން ދޮންކުރެވި، އެތަކެތިން، އެމީހާގެ ނިތްކުރީގައްޔާއި، އަރިކަށީގައްޔާއި، ބުރިކަށީގައި، ޖައްސަވަމުން ގެންދަވާނެތެވެ. އެ ފޮތިތައް ހިހޫވާ ކޮންމެފަހަރަކު އަނެއްކާވެސް ދޮންކުރެވެއެވެ. ކޮންމެ ދުވަހެއްގެ ދިގުމިން ފަންސާސްހާސް އަހަރުވާ (ޤިޔާމަތް) ދުވަހުގައި، މީސްތަކުންނާމެދު ޙުކުމް ކުރެވިއްޖެއުމަށް ދާންދެން، އެމީހަކަށް މި ޢުޤޫބާތް ދެއްވާނެތެވެ. ފަހެ، އޭގެފަހުގައި، އެމީހާއަކަށް ސުވަރުގޭގެ މަގަށް، ނޫނީ ނަރަކައިގެ މަގަށް މަގުދެއްކެވޭނެއެވެ….”
ދެވަނައީ؛ ދުނިޔަވީ ޢުޤޫބާތް
ފުރަތަމަ މަސްއަލަ: ވެރިއެއްގެ ބާރުގެ ދަށުގައިވާ މީހަކު ޒަކާތްނުދިނުން
ވެރިއެއްގެ ބާރުގެ ދަށުގައިވާ މީހަކު ޒަކާތްނުދީފިނަމަ، ގަދަކަމުން ޒަކާތް އަތުލަންޖެހޭނެއެވެ.
ދަލީލުތައް:
ފުރަތަމައީ؛ ޤުރުއާނުން
ﷲ ވަޙީ ކުރައްވާފައިވެއެވެ. ((خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِم بِهَا)) (التوبة: 103) މާނައީ: “އޭގެސަބަބުން ކަލޭގެފާނު އެބައިމީހުން ޠާހިރުކުރައްވާނޭ، އަދި އެބައިމީހުންގެ ހެޔޮކަން އިތުރުކޮށްދެއްވާނޭ ޞަދަޤާތެއް، އެބައިމީހުންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ!”
ދަލީލުނެގޭ ގޮތް:
އާޔަތުގައި (ޒަކާތް ނެންގެވުމަށް) މުޚާޠަބުކުރައްވާފައިވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްމައާ ކަމުގައިވީނަމަވެސް، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ފަހުން، އެކަލޭގެފާނު ހުންނެވިފަދަ (އަމުރުވެރި) މަޤާމުގައި ހުންނަވާ ޚަލީފާއިންނާއި އަމުރުވެރިންވެސް މި މުޚާޠަބުގައި ޝާމިލުވާނެއެވެ.
ދެވަނައީ؛ ސުންނަތުން
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ރިވާކުރައްވާފައިވެއެވެ. މުޢާޛު ބުން ޖަބަލް ރަޟިޔަﷲ ޢަންހު ޔަމަނަށް ފޮނުއްވަވަމުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((… فَأَعْلِمْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ صَدَقَةً فِي أَمْوَالِهِمْ تُؤْخَذُ مِنْ أَغْنِيَائِهِمْ فَتُرَدُّ عَلَى فُقَرَائِهِمْ))(3) މާނައީ: “އެބައިމީހުންގެ މައްޗަށް ﷲ ޒަކާތް ފަރުޟު ކުރެއްވިކަން އަންގަވާށެވެ. އެ ޒަކާތް ނެގޭނީ އެބައިމީހުންގެ ތެރެއިން މުއްސަނދިންގެ އަތުންނެވެ. އަދި އެ ޒަކާތް ދެވޭނީ އެބައިމީހުންގެ ތެރެއިންވާ ފަޤީރުންނަށެވެ.”
ދަލީލުނެގޭ ގޮތް:
(ޙަދީޘްގައި) ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ މުޢާޛުގެފާނަށް އަންގަވާފައި އެވަނީ ޒަކާތް ނެންގެވުމަށެވެ. މިކަމުން ދަލީލުކޮށްދެނީ ޒަކާތް ނެގުމަކީ ޙާކިމާއާއި އޭނާގެ ނައިބުންގެ އިޚްތިޞާޞްތަކުގެ ތެރޭގައި ހިމެނޭކަމެއްކަމެވެ.
ތިންވަނައީ؛ އިޖްމާޢުން
މީހަކު ޒަކާތްނުދީފިނަމަ، ގަދަކަމުން ޒަކާތް އަތުލަންޖެހޭނެކަމަށް އިބްނު ބައްޠާލުއާއި،(4) އިބްނު ޢަބްދުލްބައްރުއާއި،(5) އިބްނު ޤުދާމާއާއި،(6) އަންނަވަވީއާއި،(7) އައްޞަންޢާނީ(8) އިޖުމާޢު ނަޤުލުކުރައްވާފައިވެއެވެ.
(ނުނިމޭ)
___________________________
(3) رواه البخاري (1395)، ومسلم (19).
(4) އިބްނު ބައްޠާލު ވިދާޅުވެފައިވެއެވެ. “ޢިލްމުވެރިން އިޖްމާޢުވެވަޑައިގެންފައިވާގޮތުގައި، ޒަކާތް ނެރުމުން މަނާވެގެންފިމީހެއްގެ މުދަލުން، ގަދަކަމުން އެ މުދާ އަތުލެވޭނެއެވެ.” ((شرح صحيح البخاري)) لابن بطال(3/391).
(5) އިބްނު ޢަބްދުލްބައްރު ވިދާޅުވެފައިވެއެވެ. “އިމާމާއަށް (އެބަހީ؛ ވެރިމީހާއަށް) ޒަކާތް ނެގުމަށް އެދެވޭނެއެވެ. އަދި އެމީހެއްގެ މައްޗަށް ޒަކާތް ވާޖިބުވެގެންވާކަމަށް އިޤުރާރުވާމީހާ، ނުވަތަ އެމީހެއްގެ މައްޗަށް (ޒަކާތުގެ ޙުކުމް އަންގައިދީގެން) ޙުއްޖަތް ޤައިމުވެއްޖެމީހެއްގެ ކިބައިން އިމާމާ ޒަކާތް ނަގަންޖެހޭނެއެވެ.”((الاستذكار)) (3/217).
(6)އިބްނު ޤުދާމާ ވިދާޅުވެފައިވެއެވެ. “ޒަކާތް ނެގުމުގެ ބާރުވެރިކަން އިމާމާއަށް ލިބިގެންވެއެވެ. އަދި ޒަކާތް ނެރުމުން މަނާވެގެންފިމީހެއްގެ ކިބައިން ގަދަކަމުން ޒަކާތުގެ ގޮތުގައި ނެގުމުން، އެމީހަކަށް ހެޔޮޖަޒާނުލިބުނު ނަމަވެސް، ޒަކާތަށްވާބައި ނެގުމުގެ ބާރުވެރިކަން އިމާމާއަށް ލިބިގެންވާކަމަށް އިއްތިފާޤުވެފައިވެއެވެ.” ((المغني)) (2/478).
(7) އަންނަވަވީ ވިދާޅުވެފައިވެއެވެ. “ފަހުގެ ރިވާޔަތުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((فَأَخْبِرْهُمْ أَنَّ اللهَ فَرَضَ عَلَيْهِمْ زَكَاةً تُؤْخَذُ مِنْ أَمْوَالِهِمَ)) މާނައީ: “ފަހެ، އެބައިމީހުންގެ މައްޗަށް ﷲ ޒަކާތް ފަރުޟު ކުރެއްވިކަން އަންގަވާށެވެ. އެ ޒަކާތް ނެގޭނީ އެބައިމީހުންގެ މުދަލުންނެވެ.” މި ޙަދީޘްގައި މިވާ ((مِنْ أَمْوَالِهِمَ)) މި ލަފުޒުން ދަލީލުކުރާގޮތުގައި، ޒަކާތް ނެރުމުން މަނާވެގެންފިމީހެއްގެ ކިބައިން، އެމީހާގެ އިޚްތިޔާރާނުލައި، ޒަކާތަށްވާ މުދާ ނެގޭނެއެވެ. މި ޙުކުމާމެދު ޚިލާފެއްނެތެވެ. އެހެންނަމަވެސް، މިގޮތަށް ގަދަކަމުން އެމީހާގެ ކިބައިން ޒަކާތްނެގުމުން އެމީހާގެ ޒިންމާ ބަރީއަވުމާއި، އެމީހާއަށް އެކަމުގެ ހެޔޮޖަޒާ ލިބޭނެ ހެއްޔެވެ؟ މި މަސްއަލާގައި އަހަރެމެންގެ އަޞްޙާބުން (އެބަހީ؛ ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިން) ގެ ކިބައިން ދެ ގޮތަކަށް އައިސްފައިވެއެވެ.” ((شرح النووي على مسلم)) (1/200).
(8) އައްޞަންޢާނީ ވިދާޅުވިއެވެ. “ޒަކާތް ދިނުމުން މަނާވެގެންފިމީހެއްގެ ކިބައިން ގަދަކަމުން ވެރިފަރާތުން ޒަކާތް ނަގާނީއެވެ. އަދި ފާޅުވެގެން އެނގޭގޮތުގައި އެކަމެއްގެ މައްޗަށް ވަނީ އިޖުމާޢުވެފައެވެ.”((سبل السلام)) (1/521).
___________________________