މިއަދު ދިވެހި މުޖުތަމަޢިން ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަނީ ފާޙިޝްކަންކަމާއި މުންކަރާތްތަކެވެ. ބޮޑެތި ޖަރީމާތަކާއި ނުބައި ފާފަތަކެވެ. ދިވެހިވެށީގައި މިނުބައި އަޚްލާޤީ ބަލިމަޑުކަން ފަތުރަމުންދަނީ ފާޅުގައެވެ. އެންމެންގެ ކުރިމަތީގައި ﷲ ތަޢާލާ ހަރާމްކުރެއްވި ބޮޑެތި ފާފަތަކަށް އަރައިގަންނަމުން ދަނީ އެއްވެސް ލަދެއްނެތިއެވެ.
ﷲ ތަޢާލާ ވަހީކުރައްވައިފައިވެއެވެ.
﴿ إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ وَاللَّـهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ﴾ [سورة النور 19]
މާނައީ: “ ހަމަކަށަވަރުން އީމާންވި މީހުންގެ ތެރޭގައި ހުތުރުކަން ބޮޑު ފާފައިގެ ވާހަކައާއި ޢަމަލު، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޛާބު އެމީހުންނަށް ހުށްޓެވެ. ﷲ ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެއެވެ. ”
ލޯމަތިން ފެންނަމުންދާ ބޮޑެތި ކޯފާތަކާއި ނަރަކައިގެ ވޭންދެނިވި ޢަޒާބަކަށް ބެލުމެއްނެތި މިފަދަ މީހުން ފާޙިޝްކަންކަން ފެތުރުމުގައި އެބައިމީހުންގެ ނަފްސުތަކާއި މުދަލާއި އަގުހުރި ވަގުތު ނަގާލަމުންދާތަން ފެނެއެވެ. އެގޮތުން ހިލޭ އަންހެނުންނާއި ފިރިހެނުން ގައިގޯޅީވެ ކުޅޭ ފިލުމުތަކާއި ލަވަތައް ބެލުމާއި އެފެތުރުމާއި މިޔުޒިކީ ތަފާތު ޙަރަކާތްތައް ހިންގުމާއި އެފަދަ ފާޙިޝްކަންކަމަށް ވޯޓްދީ ހިތްވަރުދީ ޓީމްތައް ހަދާ ސޯޝަލް މީޑިޔާގައި ކެމްޕެއިންކޮށް ވާދަކުރަމުންދަނީ މަރާއިމެދު އާޚިރަތާއިމެދު އެއްވެސް ޚިޔާލެއް ފިކުރެއް ނެތީމައެވެ.
މިނޫނަސް ދިވެހި މީޑިޔާތަކުގައިވެސް މީސްތަކުން ކުރާ ހަޑިހުތުރު ފާފަތަކާއި މުންކަރާތްތައް އެއްވެސް އިމެއް، މިނެއް ނެތި ހާމަކުރަމުންދަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައެވެ. ބޭރުގެ ތަފާތު ފިލުމުކުޅެ ލަވަކިޔާ ކާފަރު ފާސިޤުންގެ ލޯބީގެ ގުޅުންތަކާއި އެމީހުންގެ ދިރިއުޅުމާއި އާދަކާދަ ގެނެސްދެނީ މުނިފޫހިފިލުވުމުގެ ނަމުގައެވެ. އަދިވެސް ތަފާތު ޤައުމުތަކުގައި ރައްބެއް ރަސޫލެއް ނުދަންނަ މީހުން ބޮޑެތި ފާފަތަކާއި ނުބައިކަންކަން ކޮށްއުޅޭގޮތް ސިފަކޮށް ލިޔެފައިވާ ލިޔުންތަކާއި އެފަދަ ހަޑިމުޑުދާރު ވާހަކަތަކާއި ބަރަހަނާޙާލުގައިވާ ތަފާތު ފަންނާނުންގެ ފޮޓޯތަކާއި ހަޑިހުތުރުބަސްތަކާއި މަންޒަރުތަކާއި ނުބައި އަޚްލާޤުތަކާއި ﷲ ތަޢާލާ ހަރާމްކުރެއްވި އެތައް ކަމެއް ލިޔެ ފަތުރަމުންދަނީ މުސްލިމު ނަމެއްކިޔާ މުސްލިމަކަށްވެ ހުރެއެވެ. މިފަދަ މީހުން ބިރުވެތިވާންވީ ޙިސާބުބެއްލެވޭ ދުވަހު އެބައިމީހުންކުރި ފާފަތަކާއި ފެތުރި ފާފަތަކާއި އެފާފަތައް މީސްތަކުން ބަލަމުންދާހާ ހިނދަކު އޭގެ ޖަޒާލިބި ޤިޔާމަތްދުވަހު އޭގެ އަޒާބު ލިބިދާނެ ކަމަށްޓަކައެވެ. ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ.
وَلَيَحْمِلُنَّ أَثْقَالَهُمْ وَأَثْقَالًا مَّعَ أَثْقَالِهِمْ ۖ وَلَيُسْأَلُنَّ يَوْمَ الْقِيَامَةِ عَمَّا كَانُوا يَفْتَرُونَ ﴿سورة العنكبوت 13﴾
މާނައީ: “އަދި ހަމަކަށަވަރުން، އެބައިމީހުންގެ އަމިއްލަ نفس ގެ ފާފަތަކާއި އަދި އަމިއްލަ ފާފަތަކާއެކު، އެބައިމީހުން (މަގުފުރެއްދި މީހުން) ގެ ފާފަތައްވެސް އެބައިމީހުން އުފުލާނެތެވެ. އަދި ހަމަކަށަވަރުން، އެބައިމީހުން ހަދައި އުޅުނު ދޮގުތަކާމެދު قيامة ދުވަހުން އެބައިމީހުންނާ سؤال ކުރައްވާހުށްޓެވެ.”