[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަނގަޅު ގަހާއި ނުބައި ގަސް

الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا محمد وعلى آله وصحبه أجمعين. أما بعد

އަހަރަކީ ގަހެކެވެ. މައްސަރަކީ އޭގެ ގޮފިތަކެވެ. ދުވަސްތަކަކީ އެގޮފިތަކުން ފަޅަފައިވާ ކުދިއޮފިތަކެވެ. ވަގުތަކީ އޭގެފަތްތަކެވެ. އިންސާނާގެ ކޮންމެ ނޭވާއަކީ އޭގެ މޭވާއެވެ. އެހެންކަމުން ކޮންމެ ނޭވާއެއްވެސް ﷲ ރުހިވޮޑިގަންނަވާ ޢަމަލެއްގައި ހޭދަކޮށްފި މީހާ ދަންނާށެވެ! އޭނާގެ މޭވާ ފޮނިވާހުއްޓެވެ. އަދި ﷲ ރުހިވޮޑިނުގަންނަވާ ޢަމަލެއްގައި ހޭދަކޮށްފިމީހާ ދަންނާށެވެ! އޭނާގެ މޭވާ ހިތިވާހުއްޓެވެ. މޭވާތައް ބިނުން އޮތީ ޤިޔާމަތްދުވަހުއެވެ. އެދުވަހު ފޮނިމޭވާތަކާއި ހިތިމޭވާތައް އެނގިގެންދާނެއެވެ.

ޢިޚްލާޞާއި ތަވްޙީދަކީ ހިތުގައިވާ ގަހެކެވެ. އޭގެ ގޮފިތަކަކީ ޢަމަލެވެ. އަދި އޭގެ މޭވާއަކީ ދުނިޔެއާއި އާޚިރަތުގެ އަރާމާއި އުފަލާއި ހިތްހަމަޖެހުމެވެ.
ސުވަރުގޭގެ މޭވާތައް ހުސްވުމެއް އަދި މަނާވުމެއް ނުވާ ފަދައިން، އިޚްލާޞްތެރިކަމާއި ތަވްޙީދުގެ މޭވާވެސް ހުސްނުވާހުއްޓެވެ.

ޝިރުކާއި، ދޮގާއި، ދެއްކުންތެރިކަމަކީވެސް ހިތުގައިވާ ގަހެކެވެ. އޭގެ މޭވާއަކީ ދުނިޔޭގައި ބިރުވެރިކަމާއި، ހިތްހަމަނުޖެހުމާއި، ކަންބޮޑުވުމާއި ހާސްކަމެއްގެ ތެރޭގައި އުޅެންޖެހުމެވެ. އަދި އާޚިރަތުގައި ޒައްޤޫމާއި ޢަޛާބުގެ ރަހަ ލިބިގަންނަންޖެހުމެވެ.

ﷲ ތަޢާލަ މިދެގަހުގެ ވާހަކަ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ. أَلَمْ تَرَ كَيْفَ ضَرَبَ اللَّهُ مَثَلا كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِي السَّمَاءِ (٢٤)تُؤْتِي أُكُلَهَا كُلَّ حِينٍ بِإِذْنِ رَبِّهَا وَيَضْرِبُ اللَّهُ الأمْثَالَ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ (٢٥)وَمَثَلُ كَلِمَةٍ خَبِيثَةٍ كَشَجَرَةٍ خَبِيثَةٍ اجْتُثَّتْ مِنْ فَوْقِ الأرْضِ مَا لَهَا مِنْ قَرَارٍ (٢٦) “ﷲ، ރަނގަޅު ބަހެއްގެ މިޘާލު ޖެއްސެވީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އެއީ، އެ ގަހެއްގެ މޫތައް (ބިމުގައި) ހަރުލާފައި ހުންނަ، އަދި އެ ގަހެއްގެ ގޮފިތައް (ބިޔަކޮށްހެދި) މައްޗަށް އުފުލިފައިވާ ގަހެއްގެ މިޘާލެވެ. އެ ގަހުގެ ވެރިއިލާހުގެ އިޛުނަފުޅާއެކު، ހުރިހާ ހިނދެއްގައި އެ ގަހުގެ މޭވާ ލިބިދެއެވެ. ﷲ، މީސްތަކުންނަށް މިޘާލުޖައްސަވަނީ، އެއުރެން ހަނދުމަކުރުމަށްޓަކައެވެ. އަދި ނުބައި ބަހެއްގެ މިޘާލަކީ، ބިންމަތިން އުފުރާލި (އަދި) އެ ގަހަކަށް އެއްވެސް ސާބިތުކަމެއްނުވާ، ނުބައި ގަހެއްގެ މިޘާލެވެ.”

________________________
އަޞްލު: فوائد الفوائد لابن القيم رحمه الله