[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޒަކާތާބެހޭ ފިޤްހު (4): ޒަކާތްނުދޭމީހާއަށް ހުރި ޢުޤޫބާތް

ދެވަނަ މަސްއަލަ: ޒަކާތްދިނުމުން މަނާވެގެންފިމީހާގެ މުދަލުން ޒަކާތަށް ވާޖިބުވާ މިންވަރުގެ އިތުރަށް ޢުޤޫބާތެއްގެގޮތުން އެއްޗެއް ނެގިދާނެ ހެއްޔެވެ؟

ޒަކާތްދިނުމުން މަނާވެގެންފިމީހާގެ މުދަލުން ޒަކާތަށް ވާޖިބުވާ މިންވަރުގެ އިތުރަށް ޢުޤޫބާތެއްގެގޮތުން އެއްޗެއް ނެގިދާނެތޯއާމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފުވެފައިވެއެވެ. މިގޮތުން ދެބަސްފުޅެއް އައިސްފައިވެއެވެ.

ފުރަތަމަ ބަސްފުޅު: ޒަކާތްދިނުމުން މަނާވެގެންފިމީހާގެ މުދަލުން ނެގޭނީ ޒަކާތަށް ވާޖިބުވާ މިންވަރު އެކަންޏެވެ. މިއީ ފިޤްހީ މަޛްހަބުތަކުގެ ތެރެއިން؛ ޙަނަފީންނާއި،(1) މާލިކީންނާއި،(2) ޝާފިޢީންނާއި،(3) ހަންބަލީން(4) އިއްތިފާޤުވެފައިވާ ބަސްފުޅެކެވެ. އަދި މިއީ ގިނަ ޢިލްމުވެރިންގެވެސް ބަސްފުޅެވެ.(5)

ދަލީލުތައް:
ފުރަތަމައީ: ޤުރުއާނުން

ﷲ ތަޢާލާގެ ވަޙީ ބަސްފުޅު ((وَلَا تَأْكُلُوا أَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ)) ] البقرة : 188[ މާނައީ: “އަދި ތިޔަބައިމީހުން، ތިޔަބައިމީހުންގެ މެދުގައި މީސްތަކުންގެ މުދާތައް ބާޠިލުގޮތުގައި ކައި ނުހަދާށެވެ!” މި އާޔަތުގެ ޢާއްމު މާނައެވެ.

ދަލީލުނެގޭ ގޮތް:

ވާޖިބުވެގެންވަނީ، ދިނުމަށް މަނާވެގަތް ޒަކާތުގެ މިންވަރު ނެގުމެވެ. އެ މިންވަރަށްވުރެ އިތުރުވާ އެއްޗެއް، އެމީހާގެ ރުހުމާއެކު ނޫނީ ނެގުން ޙަލާލުވެގެންނުވެއެވެ.

ދެވަނައީ: ސުންނަތުން

ޖާބިރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވާ ޙަދީޘްގެ ޢާއްމު ޙުކުމެވެ. (އެ ޙަދީޘްގައި) ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((إِنَّ دِمَاءَكُمْ وَأَمْوَالَكُمْ عَلَيْكُمْ حَرَامٌ كَحُرْمَةِ يَوْمِكُمْ هَذَا، فِى شَهْرِكُمْ هَذَا، فِى بَلَدِكُمْ هَذَا))(6) މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ މިދުވަސް (އެބަހީ؛ ޢަރަފާތުދުވަސް)އާއި، ތިޔަބައިމީހުންގެ މި މަސް (އެބަހީ؛ ޙައްޖުމަސް)އާއި، ތިޔަބައިމީހުންގެ މި ރަށް (އެބަހީ؛ މައްކާ) ޙުރުމަތްތެރިވިފަދައިން ތިޔަބައިމީހުންގެ ލެއާއި، މުދަލަކީ ތިޔަބައިމީހުންގެ މައްޗަށް ޙުރުމަތްތެރިވެގެންވާ ތަކެއްޗެކެވެ.”

ތިންވަނައީ: ޞަޙާބީން ރަޟިޔަﷲ ޢަންހުމްގެ އަޘަރުން

ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަވަހާރަވުމަށްފަހު، އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގެ ދުވަސްވަރު ޒަކާތްދިނުމުން ބަޔަކު މަނާވެގަތެވެ. އެދުވަސްވަރަކީ ޞަޙާބީބޭކަލުން ގިނަދުވަސްވަރަކަށް ވީއިރުވެސް، އެއިގެ ތެރެއިން އެއްވެސް ބޭކަލަކު ޒަކާތުގެގޮތުގައި ނެގުން ވާޖިބުވާ މިންވަރުގެ އިތުރަށް އެބައިމީހުންގެ އަތުން އެއްޗެއް ނެންގެވިކަމަކަށް، އަދި އިތުރަށް ނެގޭނެކަމަކަށް އެއްވެސް ބަސްފުޅެއް ނަޤުލުވެފައެއްނުވެއެވެ.(7)

ހަތަރުވަނައީ: ޒަކާތަކީ އަޅުކަމަކަށްވާއިރު، އެ އަޅުކަމުން މަނާވެގެންފިމީހާގެ މުދަލުން ދެބައިކުޅައެއްބައި އަތުލުމަކީ ވާޖިބުކަމެއް ނޫނެވެ. އެއީ އެހެން އަޅުކަންތައްތައް ކުރުމުން މަނާވެގެންފިމީހެއްގެ މުދާ އަތުނުލެވޭ ފަދައިންނެވެ.

ފަސްވަނައީ: އަނިޔާވެރިއެއްގެ ކިބައިން ޙައްޤެއްހޯދާއިރު، އިތުރަކަށް ނުނެގޭނެއެވެ. އެއީ އެހެނިހެން ޙައްޤުތައް ހޯދާއިރުވެސް އިތުރަށް ނުހޯދޭ ފަދައިންނެވެ.

ދެވަނަ ބަސްފުޅު: ޒަކާތްދިނުމުން މަނާވެގެންފިމީހާގެ ކިބައިން ޒަކާތް ނެގޭނެއެވެ. އަދި މުދަލުގެ ދެބައިކުޅައެއްބައި ނެގުމަށް ތަޢުޒީރުކުރެވޭނެއެވެ.(8) މިއީ ޝާފިޢީގެ ކުރީގެ ބަސްފުޅެވެ.(9) އަދި މިއީ ޙަންބަލީ މަޛްހަބުގެ(10) ބަސްފުޅެއްވެސްމެއެވެ. މިގޮތަށް އަލްއަޥްޒާޢީ(11) ވިދާޅުވެއެވެ. އަދި އިސްޙާޤު ބުން ރާހަވައިހިއާއި،(12) އިބްނުލް ޤައްޔިމާއި،(13) އިބްނު ޢުޘައިމީންއާއި،(14) (ސަޢޫދީ ޢަރަބިއްޔާގެ) ލަޖްނަތުއް ދާއިމާއިން(15) މި ބަސްފުޅު އިޚްތިޔާރުކުރައްވާފައިވެއެވެ.

ދަލީލު:

ބަހްޒު ބުން ޙަކީމް، އޭނާގެ ބައްޕަގެ ކިބައިން، އަދި ބައްޕަ ކާފަގެ ކިބައިން ރިވާކުރައްވާފައިވާ ޙަދީޘުގައި، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން އެކަން ޞައްޙަކޮށް އައިސްފައިވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. ((فِي كُلِّ سَائِمَةِ إِبِلٍ فِي أَرْبَعِينَ بِنْتُ لَبُونٍ، وَلَا يُفَرَّقُ إِبِلٌ عَنْ حِسَابِهَا، مَنْ أَعْطَاهَا مُؤْتَجِرًا بِهَا فَلَهُ أَجْرُهَا، وَمَنْ مَنَعَهَا فَإِنَّا آخِذُوهَا وَشَطْرَ مَالِهِ، عَزْمَةً مِنْ عَزَمَاتِ رَبِّنَا عَزَّ وَجَلَّ، لَيْسَ لِآلِ مُحَمَّدٍ مِنْهَا شَيْءٌ))(16) މާނައީ: “(ޒަކާތަށް ނެރެންޖެހޭނީ) ކޮންމެ ހުއިހައްޕާ ސާޅީސް ޖަމަލަކުން ބިންތު ލަބޫންއެކެވެ. (ބިންތު ލަބޫންއަކީ ދެއަހަރު ފުރިހަމަވެ ތިން އަހަރަށް އެޅިފައިވާ އަންހެން ޖަމަލެވެ.) އަދި ޙިސާބުކުރުމުގައި ޖަމަލުތައް ތަފާތުކުރުމެއް ނުވެއެވެ. (އެބަހީ؛ ދެމީހުން ބައިވެގެން ޖަމަލުގެންގުޅޭނަމަ، ޙިސާބުކުރާއިރު ދެމީހުންގެ ބައިވެސް އެކީގައި ޙިސާބުކުރުމެވެ. ނުވަތަ ޒަކާތްނެގުމުގައި ޅަ ޖަމަލާއި، ފަލަ ޖަމަލު ތަފާތުނުކުރުމެވެ. ޒަކާތްނަގާއިރު މެދުފަންތީގެ ޖަމަލުން ނެގުމެވެ.) ހެޔޮ އަޖުރަށް އެދި (ހެޔޮ ރަނގަޅު ޖަމަލެއް) ދީފިމީހަކަށް އެކަމުގެ ހެޔޮއަޖުރުވެއެވެ. އަދި ޒަކާތަށްވާ މިންވަރު ދިނުމުން މަނާވެގެންފިމީހެއްގެ އަތުން އަހަރެމެން އެ މިންވަރާއި، އެމީހާގެ މުދަލުގެ ދެބައިކުޅައެއްބައި ނަގާހުށީމެވެ. (އެއީ) އަހަރެމެންގެ ވެރި ރައްބުގެ ޙައްޤުތަކުގެ ތެރެއިންވާ ޙައްޤެކެވެ. ޒަކާތުގެ އެއްވެސް އެއްޗެއް މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ އާލުންނަކަށްނުވެއެވެ.”

 ތިންވަނަ މަސްއަލަ: ވެރިކަމުގެފަރާތުގެ ބާރު ނުފޯރާ މީހަކު ޒަކާތްދިނުމުން މަނާވެގަތުން

ވެރިކަމުގެފަރާތުގެ ބާރު ނުފޯރާ މީހުން ޒަކާތްދިނުމުން މަނާވެގެންފިނަމަ، އެބައިމީހުން ޒަކާތް ދައްކައިފުމަށް ދާންދެން އެބައިމީހުންނާ ދެކޮޅަށް ހަނގުރާމަކުރާނީއެވެ.

ދަލީލުތައް:
ފުރަތަމައީ؛ ޤުރުއާނުން

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَخَلُّوا سَبِيلَهُمْ ۚ إِنَّ اللَّـهَ غَفُورٌ‌ رَّ‌حِيمٌ)) (التوبة: 5) މާނައީ: “ފަހެ، އެބައިމީހުން ތައުބާވެ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ އުޅެފިނަމަ، ދެން އެބައިމީހުން މިނިވަންކަމާއެކު ދޫކޮށްލާށެވެ! ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.”

ދަލީލުނެގޭ ގޮތް:

އާޔަތުގައި އެބައިމީހުންނާ ހަނގުރާމަކުރުން މަނާކުރައްވާފައި އެވަނީ ޝަރުޠަކާއެކުއެވެ. އެއީ އެބައިމީހުން އިސްލާމްދީނަށްވަދެ، އެ ދީނުގައިވާ ވާޖިބުތައް ނެގެހެއްޓުމެވެ. އެ ދީނުގައިވާ ވާޖިބުތައް ނެހެއްޓޭނީ ދެކަމެއް ކޮށްގެންނެވެ. އެއީ ނަމާދު ޤާއިމުކުރުމާއި، ޒަކާތް ދިނުމުންނެވެ. އެހެންނޫންނަމަ، އެބައިމީހުންނާ ހަނގުރާމަކުރުން ހުއްދަވެގެންވެއެވެ.

ދެވަނައީ؛ ސުންނަތުން

އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވެއެވެ. އަބޫހުރައިރާ ވިދާޅުވިއެވެ. ((لَمَّا تُوُفِّيَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَاسْتُخْلِفَ أَبُو بَكْرٍ، وَكَفَرَ مَنْ كَفَرَ مِنْ الْعَرَبِ، قَالَ عُمَرُ: يَا أَبَا بَكْرٍ، كَيْفَ تُقَاتِلُ النَّاسَ، وَقَدْ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَقُولُوا: لَا إِلَهَ إِلَّا اللهُ، فَمَنْ قَالَ: لَا إِلَهَ إِلَّا اللهُ، عَصَمَ مِنِّي مَالَهُ وَنَفْسَهُ إِلَّا بِحَقِّهِ، وَحِسَابُهُ عَلَى اللَّهِ؟ قَالَ أَبُو بَكْرٍ: وَاللَّهِ لَأُقَاتِلَنَّ مَنْ فَرَّقَ بَيْنَ الصَّلَاةِ وَالزَّكَاةِ، فَإِنَّ الزَّكَاةَ حَقُّ الْمَالِ، وَاللَّهِ لَوْ مَنَعُونِي عَنَاقًا كَانُوا يُؤَدُّونَهَا إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَقَاتَلْتُهُمْ عَلَى مَنْعِهَا. قَالَ عُمَرُ: فَوَاللَّهِ مَا هُوَ إِلَّا أَنْ رَأَيْتُ أَنْ قَدْ شَرَحَ اللَّهُ صَدْرَ أَبِي بَكْرٍ لِلْقِتَالِ فَعَرَفْتُ أَنَّهُ الْحَقُّ)) މާނައީ: “ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަވަހާރަވުމުން، އަބޫބަކުރުގެފާނު ޚަލީފާއަކަށް އިސްކުރެވުނެވެ. އަދި ޢަރަބިންގެ ތެރެއިން ކާފަރުވީ ބަޔަކު ކާފަރުވިއެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. “އޭ އަބޫބަކުރެވެ! މީސްތަކުންނާ ހަނގުރާމަކުރައްވާނީ ކޮންފަދައަކުންތޯއެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައި ވަނީ؛ އެބައިމީހުން لَا إِلَهَ إِلَّا اللهُ ކިޔައިފުމަށްދާންދެން މީސްތަކުންނާ ހަނގުރާމަކުރުމަށް ތިމަންކަލޭގެފާނަށް އަމުރުކުރެވުނެވެ. ފަހެ، لَا إِلَهَ إِلَّا اللهُ ކިޔައިފި މީހެއްގެ މުދަލާއި ނަފްސު ޙައްޤަކާލައިގެން މެނުވީ ތިމަންކަލޭގެފާނުގެ ކިބައިން ސަލާމަތްކޮށްފިއެވެ. އަދި އެމީހެއްގެ ހިސާބުބެއްލެވުން ވަނީ ﷲއަށެވެ.” އަބޫބަކުރުގެފާނު ވިދާޅުވިއެވެ. “ﷲ ގަންދީފައި ބުނަމެވެ. ނަމާދާއި ޒަކާތާ ތަފާތުކުރާމީހުންނާ ހަމަކަށަވަރުންވެސް ތިމަން ހަނގުރާމަކުރާ ހުށީމެވެ. ފަހެ، ހަމަކަށަވަރުން ޒަކާތަކީ މުދަލުންވާ ޙައްޤެކެވެ. ﷲ ގަންދީފައި ބުނަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް އެބައިމީހުން (ޒަކާތުގެގޮތުގައި) އަދާކޮށްއުޅުނު އަހަރެއްނުވާ ބަކަރިއެއް (މިހާރު) ދިނުމުން މަނާވެގަންނަކަމުގައިވީނަމަވެސް، މަނާވެގަތަތީވެ ތިމަން އެބައިމީހުންނާ ހަނގުރާމަކުރާ ހުށީމެވެ.” ޢުމަރުގެފާނު ވިދާޅުވިއެވެ. “ފަހެ، ﷲ ގަންދީފައި ބުނަމެވެ. ﷲ، އަބޫބަކުރުގެފާނުގެ ހިތްޕުޅު އެ ހަނގުރާމައަށް ތަނަވަސްކޮށްދެއްވާފައިވާކަން ތިމަންނައަށް އެނގުމުން (އެބަހީ؛ އަބޫބަކުރުގެފާނުގެ ޙުއްޖަތްތަކުގެ ފުރިހަމަކަމުގެ ސަބަބުން)، ފަހެ، ތިމަންނައަށްވެސް އެއީ ޙައްޤުކަން އެނގިއްޖެއެވެ.”

ދަލީލުނެގޭ ގޮތް:

ލެއާއި މުދަލަށް ރައްކާތެރިކަން ލިބުން ގުޅިފައިވަނީ ދެ ޝަރުޠަކާއެވެ. އެއީ؛ لَا إِلَهَ إِلَّا اللهُ ކިޔުމާއި، އެކަލިމައިގެ ޙައްޤުތައް އަދާކުރުމެވެ. އެކަލިމައިގެ ޙައްޤުތައް އަދާކުރުމުގެ ތެރޭގައި ޒަކާތް ހިމެނިގެންވެއެވެ. ފަހެ، ޒަކާތަކީ އަބޫބަކުރުގެފާނު ވިދާޅުވެފައިވާ ފަދައިން މުދަލުގެ ޙައްޤެކެވެ.

ތިންވަނައީ؛ އިޖުމާޢުން

ޒަކާތް ދިނުމުން މަނާވެގަނެއްޖެމީހަކު ޒަކާތް ދީފުމަށްދާންދެން އެމީހަކާ ހަނގުރާމަކުރަންޖެހޭނެކަމަށް ޞަޙާބީން އިޖުމާޢުވެފައިވާކަމަށް އިބްނު ބައްޠާލުއާއި،(17] އިބްނު ޢަބްދުލްބައްރުއާއި،(18) އިބްނު ޤުދާމާއާއި،(19) އަންނަވަވީ(20) ބަޔާންކުރައްވާފައިވެއެވެ.

________________________

(1) ((شرح معاني الآثار)) للطحاوي (4/20)، ((البناية شرح الهداية)) للعيني (3/291).

(2) ((البيان والتحصيل)) لابن رشد الحفيد (9/320)، ((الذخيرة)) للقرافي (3/135).

(3) ((المجموع)) للنووي (5/331)، ((روضة الطالبين)) للنووي (2/208).

(4) ((الفروع)) لابن مفلح (4/246)، ((كشاف القناع)) للبهوتي (2/257).

(5) އިބްނު ޤުދާމާ ވިދާޅުވެފައިވެއެވެ. “ޒަކާތް ދިނުމަކީ ވާޖިބެއްކަން ޤަބޫލުކުރާ ޙާލު، ޒަކާތްދިނުމުން މަނާވެގެންފިމީހެއްގެ ކިބައިން، ވާޖިބުވާ މިންވަރު ނެގުމުގެ ބާރުވެރިކަން ވެރިފަރާތަށް ލިބިގެންވެއެވެ. އެމީހާގެ އަތުން އެ މިންވަރު ނެގުމަށްފަހު ތަޢުޒީރުކުރެވޭނެއެވެ. އަދި އެ މިންވަރުގެ އިތުރަށް އެއްޗެއް ނުނެގޭނެކަމަށް ގިނަ ޢިލްމުވެރިންގެ ބަސްފުޅުތަކުގައިވެއެވެ. އެބޭކަލުންގެ ތެރޭގައި؛ އަބޫ ޙަނީފާއާއި، މާލިކާއި، ޝާފިޢީއާއި، އެ ބޭބޭކަލުންގެ މަޛްހަބުތަކުގެ ޢިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ.”((المغني)) (2/428).

(6) رواه مسلم (1218).

(7) ((المغني)) لابن قدامة (2/428).

(8) އެމީހާގެ މުދަލުގެ ދެބައިކުޅައެއްބައިތޯ ނުވަތަ ޒަކާތަށްވާ މިންވަރުގެ ދެބައިކުޅައެއްބައިތޯ އިތުރަށް ނަގާނީ، މި މަސްއަލައާމެދުގައި މިގޮތަށް ބަސްފުޅު ވިދާޅުވާ ޢިލްމުވެރިންގެ މެދުގައި އިޚްތިލާފުވެފައިވެއެވެ.

(9) ((المجموع)) للنووي (5/331)، ((روضة الطالبين)) للنووي (2/208).

(10) ((المغني)) لابن قدامة (2/428)، ((الإنصاف)) للمرداوي (3/135).

(11) އިބްނުލް ޤައްޔިމު ވިދާޅުވެފައިވެއެވެ. “އަލްއަޥްޒާޢީއާއި، އިމާމް އަޙްމަދާއި، އިސްޙާޤު ބުން ރާހަވައިހި ފަދަ ބޭފުޅުން ވިދާޅުވެލައްވަނީ ޙަދީޘްގެ ބޭރުފުށުގެ މާނައިގައިވާގޮތަށް، ޒަކާތް ދިނުމުން މަނާވެގެންފިމީހެއްގެ ޒަކާތަށްވާ މިންވަރާއި، މުދަލުގެ ދެބައިކުޅައެއްބައި ނެގުމަށް ވިދާޅުވެލައްވައެވެ. އަދި ޝާފިޢީގެ ކުރީގެ ބަސްފުޅަކީ؛ ޒަކާތް ދިނުމުން މަނާވެގެންފިމީހެއްގެ ޒަކާތަށްވާ މިންވަރާއި، މަނާވެގަތަތީވެ ޢުޤޫބާތެއްގެ ގޮތުން މުދަލުގެ ދެބައިކުޅައެއްބައި ނެގޭނެއެވެ. ދަލީލު ނަންގަވަނީ މި ޙަދީޘުންނެވެ.” ((حاشية ابن القيم مع عون المعبود (4/318)، އިބްނު ޤުދާމާ ވިދާޅުވިއެވެ. “އަދި އިސްޙާޤު ބުން ރާހަވައިހިއާއި އަބޫބަކުރު ޢަބްދުލްޢަޒީޒު ވިދާޅުވެލައްވަނީ، ޒަކާތަށް ވާޖިބުވާ މިންވަރާއި، މުދަލުގެ ދެބައިކުޅައެއްބައި ނެގުމަށެވެ.” ((المغني)) (2/428)

(12) ((المغني)) لابن قدامة (2/428)، ((حاشية ابن القيم مع عون المعبود)) (4/318).

(13) އިބްނުލް ޤައްޔިމު ވިދާޅުވެފައިވެއެވެ. “ޙާލަތްތަކެއްގައި މުދަލުން ޢުޤޫބާތް ދިނުން ޝަރުޢުވެފައިވެއެވެ. މީގެ ތެރޭގައި؛ ޣަނީމާމުދަލުން ވައްކަންކުރާމީހާގެ މުދާ އެންދުމާއި، އަދި އެމީހާއަށް ޣަނީމާމުދަލުން ލިބެންވާ ބައިން މަޙްރޫމުކުރުމާއި، ދަނޑުގޮވާން ގަހުގައި ހުންނަ އިރު އެތަކެތިން ވައްކަންކުރާމީހާގެ އަތުން އެއްގުނައިތުރަށް ނެގުމާއި، މީހުން އަތުން ގެއްލިފައިވާ ތަކެތި ވަންހަނާކުރާމީހާގެ އަތުން އެއްގުނައިތުރަށް ނެގުމާއި، ޒަކާތްނެރުމުން މަނާވެގެންފިމީހެއްގެ މުދަލުގެ ދެބައިކުޅައެއްބައި ނެގުން ހިމެނެއެވެ.” ((إعلام الموقعين عن رب العالمين)) (2/75).

(14) އިބްނު ޢުޘައިމީން ވިދާޅުވެފައިވެއެވެ. “ޞައްޙަގޮތަކީ (ޒަކާތްދިނުމުން މަނާވެގެންފިމީހަކު) ތަޢުޒީރުކުރަންޖެހޭނެއެވެ. އެއީ ބަހްޒު ބުން ޙަކީމް، އޭނާގެ ބައްޕަގެ ކިބައިން، އަދި ބައްޕަ ކާފަގެ ކިބައިން ރިވާކުރައްވާފައިވާ ޙަދީޘްގައިވެއެވެ. ޒަކާތްދިނުމުން މަނާވެގެންފިމީހާއާބެހޭގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((إنَّا آخُذُوهَا وَشَطْرَ مَالِهِ عَزَمَةٌ مِنْ عَزَمَاتِ رَبِنَا)) މާނައީ: “ހަމަކަށަވަރުން (ޒަކާތުން ވާޖިބުވާ) މިންވަރާއި، މުދަލުގެ ދެބައިކުޅައެއްބައި އަހަރެމެން ނަގާހުށީމެވެ. (އެއީ) އަހަރެމެންގެ ވެރި ރައްބުގެ ޙައްޤުތަކުގެ ތެރެއިންވާ ޙައްޤެކެވެ.” ޝައްކެއްނެތްގޮތުގައި، ޝަރުޢުން ޢުޤޫބާތެއް ކަނޑައަޅައިފިކަމުގައިވާނަމަ، އެއީ ތަޢުޒީރީގޮތުން ކަމުގައިވީނަމަވެސް، ވެރިފަރާތުން ވާޖިބުކުރާ ކަމަކަށްވުރެ ހެޔޮވެގެންވެއެވެ. އެހެންކަމުން، ޒަކާތުގެ މިންވަރާއި، މުދަލުގެ ދެބައިކުޅައެއްބައި އަހަރެމެން ނަގާނީއެވެ. شَطْرُ المَالِ އަކީ މުދަލުގެ ދެބައިކުޅައެއްބައެވެ. އެހެންނަމަވެސް، އެއީ ޢާއްމުކޮށް އެމީހާގެ މުޅި މުދަލުގެ ދެބައިކުޅައެއްބައިތޯ، ނުވަތަ ޒަކާތުގެގޮތުގައި ދިނުމަށް މަނާވެގަތް މުދަލުގެ ދެބައިކުޅައެއްބައި ހެއްޔެވެ؟ މި މައްސަލާގައި ޢިލްމުވެރިންގެ ދެބަސްފުޅެއްވެއެވެ. ފުރަތަމަ ބަސްފުޅަކީ؛ އަހަރެމެން ނަގާނީ ޒަކާތުގެ މިންވަރާއި، އެ މިންވަރުގެ ދެބައިކުޅައެއްބައެވެ. ދެވަނަ ބަސްފުޅަކީ؛ އަހަރެމެން ނަގާނީ ޒަކާތުގެ މިންވަރާއި، އެމީހާގެ މުޅި މުދަލުގެ ދެބައިކުޅައެއްބައެވެ. … އިޙްތިމާލުތަކެއް އޮވެއްޖެނަމަ، އަހަރެމެން ހިފާނީ އެ ދެއިޙްތިމާލުގެ ތެރެއިން ލުއި އިޙްތިމާލުގައެވެ. އެހެނީ، ލުއި އިޙްތިމާލަށްވުރެ އިތުރަށް ނަގާ އެއްޗެއްގައި ޝައްކު އެކުލެވިގެންވާނެއެވެ. އަދި މުސްލިމުންގެ މުދަލުގެ އަޞްލަކީ އިޙްތިރާމުކުރުމެވެ. އެހެންނަމަވެސް، މީސްތަކުން ހައްދުފަހަނައަޅައިގެންގޮސް، ދެކޮޅުހެދުން ބޮޑުވެ، ޒަކާތްދިނުން މަނާވެގެންފިނަމަ، ވަލިއްޔުލްއަމުރު ދެވަނަ އިޙްތިމާލުކަމުގައިވާ ޒަކާތުގެ މިންވަރާއެކީގައި މުޅި މުދަލުގެ ދެބައިކުޅައެއްބައި ނެގުމުގެ ބާރު ލިބިގެންވެއެވެ.” ((الشرح الممتع)) (6/200-201).

(15) ލަޖްނަތުއް ދާއިމާއިން ވިދާޅުވެފައިވެއެވެ. “ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ހިދާޔަތަކީ ޒަކާތްދިނުމަށް މަނާވެގެންފިމީހާގެ އަތުން ބާރުގެބޭނުންކޮށްގެން އެ މިންވަރުނެގުމާއެކު މަނާވެގަތަތީވެ ތަޢުޒީރުކުރުމެވެ. ބަހްޒު ބުން ޙަކީމް، އޭނާގެ ބައްޕަގެ ކިބައިން، އަދި ބައްޕަ ކާފަގެ ކިބައިން ރިވާކުރައްވާފައިވާ ޙަދީޘުގައި، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން އެކަން ޞައްޙަކޮށް އައިސްފައިވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. ((فِي كُلِّ سَائِمَةِ إِبِلٍ فِي أَرْبَعِينَ بِنْتُ لَبُونٍ، وَلَا يُفَرَّقُ إِبِلٌ عَنْ حِسَابِهَا، مَنْ أَعْطَاهَا مُؤْتَجِرًا بِهَا فَلَهُ أَجْرُهَا، وَمَنْ مَنَعَهَا فَإِنَّا آخِذُوهَا وَشَطْرَ مَالِهِ، عَزْمَةً مِنْ عَزَمَاتِ رَبِّنَا عَزَّ وَجَلَّ، لَيْسَ لِآلِ مُحَمَّدٍ مِنْهَا شَيْءٌ)) (رواه أحمد وأبو داود والنسائي) މާނައީ: “(ޒަކާތަށް ނެރެންޖެހޭނީ) ކޮންމެ ހުއިހައްޕާ ސާޅީސް ޖަމަލަކުން ބިންތު ލަބޫންއެކެވެ. (ބިންތު ލަބޫންއަކީ ދެއަހަރު ފުރިހަމަވެ ތިން އަހަރަށް އެޅިފައިވާ އަންހެން ޖަމަލެވެ.) އަދި ޙިސާބުކުރުމުގައި ޖަމަލުތައް ތަފާތުކުރުމެއް ނުވެއެވެ. (އެބަހީ؛ ދެމީހުން ބައިވެގެން ޖަމަލުގެންގުޅޭނަމަ، ޙިސާބުކުރާއިރު ދެމީހުންގެ ބައިވެސް އެކީގައި ޙިސާބުކުރުމެވެ. ނުވަތަ ޒަކާތްނެގުމުގައި ޅަ ޖަމަލާއި، ފަލަ ޖަމަލު ތަފާތުނުކުރުމެވެ. ޒަކާތްނަގާއިރު މެދުފަންތީގެ ޖަމަލުން ނެގުމެވެ.) ހެޔޮ އަޖުރަށް އެދި (ހެޔޮ ރަނގަޅު ޖަމަލެއް) ދީފިމީހަކަށް އެކަމުގެ ހެޔޮއަޖުރުވެއެވެ. އަދި ޒަކާތަށްވާ މިންވަރު ދިނުމުން މަނާވެގެންފިމީހެއްގެ އަތުން އަހަރެމެން އެ މިންވަރާއި، އެމީހާގެ މުދަލުގެ ދެބައިކުޅައެއްބައި ނަގާހުށީމެވެ. (އެއީ) އަހަރެމެންގެ ވެރި ރައްބުގެ ޙައްޤުތަކުގެ ތެރެއިންވާ ޙައްޤެކެވެ. ޒަކާތުގެ އެއްވެސް އެއްޗެއް މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ އާލުންނަކަށްނުވެއެވެ.” ((فتاوى اللجنة الدائمة)) 2 (3/163) އަލްޤަރުޟާވީ މި ޢުޤޫބާތް ލައްވާފައިވަނީ ވެރިކަމުގެފަރާތުގެ ބާރެއްގެގޮތުގައެވެ. ވިދާޅުވެފައިވެއެވެ. “އަހަރެމެން ދެކޭގޮތުގައި ބަހްޒް ބުން ޙަކީމްގެ ޙަދީޘަށް އިތުބާރުކުރެވޭފަދަ ޟަޢީފުވާފަދަ ފާޑެއް ކިއިފައެއްނުވެއެވެ. އެހެންކަމުން، އެ ޙަދީޘް ވަނީ ކުރިން އަހަރެމެން ބުނި ފަދައިންނެވެ. (އެބަހީ؛ އެ ޙަދީޘަކީ ޢަމަލުކުރެވޭފަދަ ޙަދީޘެކެވެ.) އެ ޙަދީޘްގައި އެކުލެވިގެންވަނީ ވެރިކަމުގެ ފަރާތަށް އިޚްތިޔާރުލިބިގެންވާ ތަޢުޒީރީ ޢުޤޫބާތެކެވެ.” ((فقه الزكاة)) (780)، ويُنظر (779 – 784) .

(16) رواه أبو داود (1575)، والنسائي (5/15)، وأحمد (5/2) (20030)، والدارمي (1/486) (1677)، وابن خزيمة (4/18) (2266)، والطبراني (19/410) (985)، والحاكم (1/554)، والبيهقي (4/105) (7577). صحَّح إسناده يحيى بن معين كما في ((التلخيص الحبير)) لابن حجر (2/737) وقال: إذا كان من دون بَهز ثقة، وقال أحمد كما في ((تنقيح تحقيق التعليق)) (2/257): ما أدري ما وجهه هو عندي صالح الإسناد. وضعَّفه ابن حزم في ((المحلى)) (6/57)، وقال ابن الملقِّن في ((خلاصة البدر المنير)) (1/296): لا أعلم له علَّة غير بهز، والجمهور على توثيقه، وحسَّن إسناده في ابن حجر في ((الكافي الشاف)) (221)، وحسَّنه الألباني في ((صحيح سنن النسائي))(5/15) .

(17) އިބްނު ބައްޠާލު ވިދާޅުވެފައިވެއެވެ. “ފަހެ، އަބޫބަކުރު ރަޟިޔަﷲ ޢަންހު ދެކެވަޑައިގެންނެވީ (ޒަކާތްދިނުމުން މަނާވެގަތް) ހުރިހާ އެންމެނާ ހަނގުރާމަކުރެއްވުމަށެވެ. އަބޫބަކުރުގެފާނުގެ ރައުޔާ ޢުމަރުގެފާނު ރައުޔު ޚިލާފުވުމަށްފަހު، ޢުމަރުގެފާނަށް އަބޫބަކުރުގެފާނުގެ ރައުޔަކީ ރަނގަޅު ރައުޔުކަން އެނގިވަޑައިގެން، ޢުމަރުގެފާނުގެ އެކަލޭގެފާނުގެ ރައުޔު ދޫކޮށްލައްވައި، އަބޫބަކުރުގެފާނުގެ ރައުޔަށް ރުޖޫޢަވެވަޑައިގަތުމުން، ހުރިހާ ޞަޙާބީންވެސް އަބޫބަކުރުގެފާނުގެ ރައުޔަށް އެއްބަސްވެވަޑައިގެންނެވިއެވެ.” ((شرح صحيح البخاري)) (3/391).

(18) އިބްނު ޢަބްދުލްބައްރު ވިދާޅުވެފައިވެއެވެ. “އަބޫބަކުރުގެފާނާއި، ޢުމަރުގެފާނާއި، އެންމެހާ ޞަޙާބީބޭކަލުން އިއްތިފާޤުވެވަޑައިގެންފައިވަނީ، ޒަކާތް ދިނުމުން މަނާވެގަތްމީހުން، ﷲގެ ޙައްޤެއްކަމުގައިވާ ޒަކާތް ދީފުމަށް ދާންދެން ހަނގުރާމަކުރުމަށެވެ. އެއީ އެބައިމީހުން ނަމާދުގެ މައްޗަށް ފަރުވާތެރިވާ ފަދައިންނެވެ.” ((الاستذكار)) (3/214).

(19) އިބްނު ޤުދާމާ ވިދާޅުވެފައިވެއެވެ. “ޒަކާތް ދިނުމުން މަނާވެގަތްމީހަކާ ދެކޮޅަށް ހަނގުރާމަކުރުމަށް އެންމެހާ ޞަޙާބީބޭކަލުން އިއްތިފާޤުވެވަޑައިގެންފައިވެއެވެ.” ((المغني)) (2/427).

(20) އަންނަވަވީ ވިދާޅުވެފައިވެއެވެ. “ޞަޙީޙައިނިގައި (އެބަހީ؛ ޞަޙީޙުލް ބުޚާރީއާއި ޞަޙީޙު މުސްލިމްގައި) އަބޫ ހުރައިރާ ކިބައިން ރިވާވެފައިވާ ރިވާޔަތުން ސާބިތުވާގޮތުގައި؛ ޒަކާތް ދިނުމުން މަނާވެގަންނަ މީހާއާ ދެކޮޅަށް ހަނގުރާމަކުރުމަށް ފުރަތަމަ ޞަޙާބީންގެމެދުގައި ޚިޔާލުތަފާތުވިއެވެ. އަދި އަބޫބަކުރުގެފާނަށް ފެނިވަޑައިގެންނެވީ މަނާވެގަތްމީހުންނާ ދެކޮޅަށް ހަނގުރާމަކުރުމަށެވެ. އަދި އެ ފެނިވަޑައިގަތް ފެނިވަޑައިގަތުމަށް ދަލީލު ދެއްކެވިއެވެ. ފަހެ، އަބޫބަކުރުގެފާނުގެ ރައުޔާ ޚިލާފަށް ފެނިވަޑައިގެންނެވި ބޭކަލުންނަށް، އަބޫބަކުރުގެފާނުގެ ދަލީލުތައް އެނގިލެއްވުމުން، އަބޫބަކުރުގެފާނުގެ ރައުޔަށް އެއްބަސްވެވަޑައިގެންނެވިއެވެ. އެހެންކަމުން، ޒަކާތް ދިނުމުން މަނާވެގަންނަމީހުންނާ ދެކޮޅަށް ހަނގުރާމަކުރުމަކީ، އެކަމުގެ މައްޗަށް އިޖުމާޢުވެފައިވާ ކަމެކެވެ.” ((المجموع)) (5/334).

_________________________

ޒަކާތާބެހޭ ފިޤްހުގެ ކުރީގެ ލިޔުންތައް