[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސަބާގެ ރަނިކަމަނާ އާއި ސުލައިމާންގެފާނު

ސުލައިމާނުގެފާނަކީ ދުނިޔޭގައި އެންމެ ބޮޑު ރަސްކަމެއް ﷲ ތަޢާލާދެއްވި އެއިލާހުގެ ނަބިއްޔެކެވެ. ޢިލްމާއި ވެރިކަމާއި ނަބީކަން ދެއްވަވާ ޖިންނީންނާއި ވަޔާއި ދޫނިސޫފާސޫފި އެކަލޭގެފާނުގެ ކިޔަމަންކަމުގެ ދަށުގައި ލެއްވިއެވެ. ދޫނިސޫފާ ސޫފީގެ ބަސްމޮށުންތެރިކަން ސުލައިމާނުގެފާނަށް ﷲ ތަޢާލާ އުނގައްނައިދެއްވިއެވެ. އެކަލޭގެފާނަކީ އެކަލޭގެފާނަށް ﷲތަޢާލާ ދެއްވައިފައިވާ ނިޢުމަތްތަކަށް ގިނަގިނައިން ޝުކުރުވެރިވެ އުޅުއްވި ބޭކަލެކެވެ.

އެއްދުވަހެއްގައި އެކަލޭގެފާނު އެކަލޭގެފާނުގެ ލަޝްކަރުގައި ހިމެނޭ ޖިންނިންނާއި އިންސިންގެ އިތުރުން ދޫނިސޫފާސޫފި އެއްކުރެއްވި ހިނދު ހުދުހުދު ކިޔާ ދޫނި އެތަނަށް ހާޒިރުވެފައި ނުވާތީ އެކަލޭގެފާނު އެކަމާ ސުވާލުކުރެއްވިއެވެ. މި ވާހަކަ ނަމްލު ސޫރަތުގައި ﷲ ތަޢާލާ ވަޙީކުރައްވައި ބަޔާން ކުރައްވައިފައިވެއެވެ.

((وَتَفَقَّدَ الطَّيْرَ فَقَالَ مَا لِيَ لَا أَرَى الْهُدْهُدَ أَمْ كَانَ مِنَ الْغَائِبِينَ ))(( لَأُعَذِّبَنَّهُ عَذَابًا شَدِيدًا أَوْ لَأَذْبَحَنَّهُ أَوْ لَيَأْتِيَنِّي بِسُلْطَانٍ مُّبِينٍ )) (سورة النمل 20,21 )

މާނައީ: ” އަދި އެކަލޭގެފާނު ދޫނިސޫފާސޫފި ހޯއްދަވައި ބެއްލެވިއެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންނަށް هُدهُد މި ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ އޭތި غيب ވެގެންވީ ހެއްޔެވެ؟ ހަމަކަށަވަރުން، (އޭތީގެ عذر އެއްގެގޮތުން) ފާޅުވެގެންވާ ހެތްކެއް އަހުރެންގެގާތަށް ނުގެނައިނަމަ، އެ އެއްޗަށް ބޮޑުވެގެންވާ عقوبات އެއް އަހުރެން ދޭހުށީމެވެ. ނުވަތަ އޭތި ކަތިލާހުށީމެވެ.”

މާގިނައިރުތަކެއްނުވެ ހުދުހުދު ސުލައިމާންގެފާނުގެ އަރިހަށް އައީ ބޮޑުވެގެންވާ ޚަބަރަކައިގެންނެވެ. އެއީ ޔަމަނުގެ ސަބާގައި ވެރިކަން ކުރަމުންދާ އަންހެނަކުވާކަމާއި އެކަމަނާއަށް ބޮޑު ތަޚުތެއް ލިބިގެންވާކަމާއި އެކަމަނާގެ ބޮޑު ލަޝްކަރެއްވާކަމުގެ ޚަބަރެވެ. އަދި ﷲ ތަޢާލާ ފިޔަވާ އިރަށް އެބައިމީހުން އަޅުކަން ކުރަމުންދާ ކަމުގެ ޚަބަރެވެ. ބިންމަތީގައި ޝިރުކު ކުރަމުންދާކަމުގެ ޚަބަރެވެ.

މި ޚަބަރުލިބުމާއިއެކު ސުލައިމާންގެފާނު އެކަމަނާއަށް ސިޓީފުޅެއް ފޮނުއްވެވިއެވެ. އޭގައި އެކަލޭގެފާނު ބަޔާންކުރެއްވި ކަންތަކުގެ ވާހަކަ ބަޔާން ކުރައްވާ ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ.

((  إِنَّهُ مِن سُلَيْمَانَ وَإِنَّهُ بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ))((أَلَّا تَعْلُوا عَلَيَّ وَأْتُونِي مُسْلِمِينَ )) ﴿ سورة النمل 30, 31﴾

މާނައީ: ” އެއީ، ހަމަކަށަވަރުން، سليمان ގެފާނުގެ އަރިހުން އައި ސިޓީފުޅެކެވެ. އަދި ހަމަކަށަވަރުން، އޭގައި އަންގަވާފައިވަނީ [بسـم اللَّه الرّحمـن الرّحيـم] އެވެ. (رحمن ވަންތަ رحيم ވަންތަ اللَّه ގެ اسم ފުޅުން ފަށައިގަންނަމެވެ.) ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ބޮޑާވެނުގަނެ، إسلام ވެގެން ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ!”

މިސިޓީފުޅާއިއެކު އެކަމަނާ ޤައުމުގެ ބޮޑުން އެއްކުރައްވާ ހައްދަވާނެގޮތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. ރަސްރަސްކަލުން ހަނގުރާމައިގެ ގޮތުގައި ރަށަކަށް އަރައިފިނަމަ އެރަށެއް ސުންނާފަތިކޮށް ފަސާދަކޮށް އެރަށެއްގެ ޢިއްޒަތްތެރިން ނިކަމެތިކުރައްވާކަން އެކަމަނާއަށް އެނގިވަޑައިގަންނަވައެވެ. އެހެންވެ އެކަމަނާ ޤަޞްދުކުރެއްވީ ސުލައިމާންގެފާނަށް ހަދިޔާއެއް ފޮނުއްވަވާށެވެ. އެހެންނަމަވެސް އެކަމަނާ ފޮނުއްވެވި ހަދިޔާ ސުލައިމާންގެފާނު ޤަބޫލުފުޅެއް ނުކުރެއްވެވިއެވެ. އެހެނީ ﷲ ތައާލާވަނީ އެކަމަނާގެ އަތުގައިހުރި މުދަލަށްވުރެ ގިނަ މުދާ އެކަލޭގެފާނަށް ދެއްވައިފައެވެ.

ސުލައިމާންގެފާނު އެކަލޭގެފާނުގެ ދަރުބާރުގައި ތިބި މީހުންނާއި މުޚާތަބުކުރައްވާ ސަބާގެ ރަނިކަމަނާކަމުގައިވާ ބަލްޤީސްގެ ބޮޑު ތަޚުތު ގެނެސްދޭނީ ކާކުތޯ ސުވާލުކުރިއެވެ. އެހިނދު ޖިންނީންގެ ތެރެއިން ހިމެނޭ ބާރުގަދަ ޢިފުރީތަކު ސުލައިމާންގެފާނު އެކަލޭގެފާނުގެ މަޤާމުން ތެދުވުމުގެ ކުރިން އެގެނެސްދޭނެކަމާއި އަދި އެއުފުލުމުގެ ބާރު ހުރިކަމާއި އޭގައިވާ މުތާއި ޖަވާހިރަށް ރައްކާތެރިވާނެކަމުގައި ބުންޏެވެ. ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ.

((قَالَ عِفْرِيتٌ مِّنَ الْجِنِّ أَنَا آتِيكَ بِهِ قَبْلَ أَن تَقُومَ مِن مَّقَامِكَ ۖ وَإِنِّي عَلَيْهِ لَقَوِيٌّ أَمِينٌ )) ﴿ سورة النمل 39﴾

މާނައީ: ” ޖިންނީންގެ ތެރެއިން عفريت އަކު ދެންނެވިއެވެ. ކަލޭގެފާނު ތިޔަ އިންނެވިތަނުން ތެދުވެވަޑައިގަތުމުގެ ކުރިން، ކަލޭގެފާނުގެ އަރިހަށް ތިމަން އެ ގެނެސްދީފާނަމެވެ. އަދި ހަމަކަށަވަރުން، ތިމަންނާއީ، އެ އުފުލޭފަދަ، ބާރުގަދަ، އޭގެމައްޗަށް أمانة ތެރިއަކީމެވެ”

މިނޫނަސް އެކަލޭގަފާނުގެ މަޖްލިސްގައިވި ޞާލިޙް މީހަކު ﷲގެ އިސްމުފުޅަކުން ދުޢާކޮށް އެކަލޭގެފާނު ކަޅިހިންގައިލެއްވުމުގެ ކުރިން އެކަމަނާގެ ތަޚުތު ސުލައިމާންގެފާނުގެ ދަރުބާރަށް ގެނައެވެ. އޭރު އެކަމަނާވަނީ އެކަމާނާގެ ޤައުމުގެ ބޮޑުންނާއި ބޮޑު ވަފުދަކާއިއެކު ސުލައިމާންގެފާނުގެ އަރިހަށް އައުމަށް ދަތުރުފަށާފައެވެ. އެކަމަނާ އައުމުގެ ކުރިން އެ ތަޚުތަކީ އެކަމާގެ އެއްޗެއްކަން އެކަމަނާއަށް އެނގޭތޯ ބެއްލެވުމަށްޓަކައި ސުލައިމާނުގެފާނު އެތަޚުތު ބަދަލުކުރެއްވިއެވެ. އަދި އެކަމަނާ އައުމުން އެކަމަނާގެ ތަޚުތުވަނީ އެފަދައިންތޯ އެއްސެވުމުން އެތަޚުތުވަނީ އެފަދަ ގޮތަކަށް ކަމުގައި އެކަމަނާގެ ބުންޔެވެ.

ސުލައިމާނުގެފާނު އެކަމަނާއަށްޓަކައި ބިއްލޫރިން ވަރަށް ފުރިހަމަ ގަނޑުވަރެއް ބިނާކޮށްފައިވެއެވެ. ދެން އެކަލޭގެފާނު އެކަމަނާއަށް ދެންނެވީ އެގަނޑުވަރަށް ވަދެވަޑައިގަތުމަށެވެ. އެއަށްފަހު އެކަމަނާ އިސްލާމްވެވަޑައިގަތްގޮތުގެ ވާހަކަ ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ބަޔާންކުރައްވައިފައިވަނީ މިފަދައިންނެވެ.

((يلَ لَهَا ادْخُلِي الصَّرْحَ ۖ فَلَمَّا رَأَتْهُ حَسِبَتْهُ لُجَّةً وَكَشَفَتْ عَن سَاقَيْهَا ۚ قَالَ إِنَّهُ صَرْحٌ مُّمَرَّدٌ مِّن قَوَارِيرَ ۗ قَالَتْ رَبِّ إِنِّي ظَلَمْتُ نَفْسِي وَأَسْلَمْتُ مَعَ سُلَيْمَانَ لِلَّـهِ رَبِّ الْعَالَمِينَ))  ﴿سورة النمل 44﴾

މާނައީ: “އެކަމަނާއަށް ދެންނެވިއެވެ. ގަނޑުވަރަށް ވެދެވަޑައިގަންނަވާށެވެ! ފަހެ، އެކަމަނާއަށް އެތަން ފެނިވަޑައިގަތްހިނދު، އެއީ ފެންގަނޑެކޭ ހީފުޅުކުރައްވައި (ފެންގަނޑަކަށް އެރިވަޑައިގަންނަވާގޮތަށް) ދެފައިންޕުޅު كشف ކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ ހަމަކަށަވަރުން، އޮމާން ބިއްލޫރިން ހެދިފައިވާ ގަނޑުވަރެކެވެ. (ދެން އެކަމަނާ إسلام ވުމަށް سليمان ގެފާނު ވިދާޅުވިހިނދު) އެކަމަނާ ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ އަމިއްލަ نفس އަށް އަޅު އަނިޔާވެރިވެއްޖައީމެވެ. އަދި سليمان ގެފާނުގެ އަރިހުގައިވެ، عالم ތަކުގެވެރި اللَّه އަށް ބޯލަނބައި، ކިޔަމަންވެއްޖައީމެވެ”

=ނިމުނީ=