އިސްލާމްދީނުގައި ޢާއްމުގޮތެއްގައި ހުރިހާ ކަބޯތަކެއްޗެއްވަނީ ހުއްދަ ކުރައްވައި ޙަލާލް ކުރައްވައިފައެވެ. ހަރާމްކުރެއްވި އެއްޗެއް ފިޔަވައެވެ. މިސާލަކަށް އޫރުމަސް، މުޅަތަކެތި، ބަނގުރާ، އަދި ﷲގެ އިސްމުފުޅު ނުގަނެ ކަތިލެވޭތަކެއްޗަކީ ކަނޑައެޅިގެން ހަރާމް އެއްޗިއްސެވެ. ނަމަވެސް ޤުރުއާނުގައި ނުވަތަ ޙަދީޘުގައި ކަނޑައެޅިގެން އެއްޗެއް ހަރާމްކަމުގައި ބަޔާންނުވާހާ ހިނދަކު އެއެއްޗަކީ ހުއްދަ އެއްޗެކެވެ. ހަލާލު ރަނގަޅު އެއްޗެކެވެ. މުޢާމަލާތުގެ އަޞްލަކީވެސް އެއީއެވެ. ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ.
((يَا أَيُّهَا النَّاسُ كُلُوا مِمَّا فِي الْأَرْضِ حَلَالًا طَيِّبًا وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ)) ﴿سورة البقرة 167﴾
މާނައީ: ” އޭ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތީގެ ތެރެއިން حلال ރަނގަޅު ތަކެތި ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި شيطان އާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން تبع ނުވާށެވެ! (އެހެނީ) ހަމަކަށަވަރުން އެ شيطان އާއީ، ތިޔަބައިމީހުންނަށްހުރި ކަނޑައެޅި ބަޔާންވެގެންވާ عداوة ތެރިޔެކެވެ “
އަދިވެސް ވަޙީކުރައްވައިފައިވެއެވެ.
((وَكُلُوا مِمَّا رَزَقَكُمُ اللَّـهُ حَلَالًا طَيِّبًا ۚ وَاتَّقُوا اللَّـهَ الَّذِي أَنتُم بِهِ مُؤْمِنُونَ )) ﴿سورة المئدة 88 ﴾
މާނައީ: ” އަދި اللَّه، ތިޔަބައިމީހުންނަށް ދެއްވި ތަކެތީގެ ތެރެއިން، حلال ރަނގަޅު ތަކެތި ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން، އެކަލާނގެއަށް إيمان ވެގެންތިބި اللَّه އަށް، ތިޔަބައިމީހުން تقوى ވެރިވާށެވެ! “
އެގޮތުން މުސަޅުމަހަކީ ވެސް އެއްގަމުމަސް ތަކުގެ ތެރެއިން މަސްކެއުން ހުއްދަ ޙަލާލު އެއްޗެކެވެ. ޞަޙީޙް މުސްލިމުގައި އައިސްފައިވެއެވެ.
عَنْ أَنَسِ بْنِ مَالِكٍ ، قَالَ : ” مَرَرْنَا فَاسْتَنْفَجْنَا أَرْنَبًا بِمَرِّ الظَّهْرَانِ ، فَسَعَوْا عَلَيْهِ فَلَغَبُوا ، قَالَ : فَسَعَيْتُ حَتَّى أَدْرَكْتُهَا ، فَأَتَيْتُ بِهَا أَبَا طَلْحَةَ فَذَبَحَهَا فَبَعَثَ بِوَرِكِهَا وَفَخِذَيْهَا إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَأَتَيْتُ بِهَا رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَبِلَهُ ” (صحيح مسلم3618 » كِتَاب الصَّيْدِ وَالذَّبَائِحِ وَمَا يُؤْكَلُ مِنَ …» بَاب إِبَاحَةِ الْأَرْنَبِ)
އަނަސް ބުން މާލިކުގެ އަރިހުން އައިސްފައިވެއެވެ. ” ތިމަންމެން މަރުއްޡަހްރާން ( އެއީ މައްކާއިން މަދީނާއަށް ދާމަގުމަތީގައިވާ ތަނެކެވެ. މިހާރު ވާދީ ފާޠިމާއޭ ވެސްކިޔެއެވެ.) ކިޔުނު ހިސާބުގައި ވަނިކޮށް މުސަޅެއްފެނި ތިމަންމެން އެ ހޮރުން ނެރުނީމެވެ. ދެންފަހެ މީސްތަކުން އެމުސަޅު ފަހަތުން ވަރުބަލިވެއްޖައުމަށް ދާންދެން ދުވުނެވެ. ވިދާޅުވިއެވެ. އެ އަތުވެއްޖައުމަށް ދާންދެން ތިމަންކަލޭގެފާނުވެސް ދުވީމެވެ. އަދި ތިމަންކަލޭގެފާނު އެހިފައިގެން އަބޫ ޠަލްހާގެ އަރިހަށް އައީމެވެ. އެކަލޭގެފާނު އެ ކަތިލައްވާ އޭގެ ފަހަތުން ބަޔަކާއި ދެފައި ފަލަމަސްގަނޑާއިއެކު ރަސޫލާ (صلى الله عليه وسلم) އަށް ފޮނުއްވެވިއެވެ. ދެން ތިމަންކަލޭގެފާނު އެހިފައިގެން އެކަލޭގެފާނުގެ އަރިހަށް ދިޔުމުން އެކަލޭގެފާނު ޤަބޫލުކުރެއްވިއެވެ. “
ޞަހީޙް ބުޚާރީގައިވާ ރިވާޔަތުގައި އެކަލޭގެފާނު އެއިން ފަރީއްކުޅުއްވި ކަމުގައި އައިސްފައިވެއެވެ. އަދި އެކަލޭގެފާނަށް މުސަޅުމަސް ގެންދެވުނީ ކައްކަވައި މީރުކުރައްވައިގެންނެވެ. މިޙަދީޘުން ސާފުގޮތުގައި މުސަޅުމަސް ކެއުމަކީ ހުއްދަކަމެއް ކަމުގެ ދަލީލް ލިބެއެވެ. މިނޫނަސް އިމާމް އަބޫ ޙަނީފާގެފާނު، މާލިކުގެފާނު، ޝާފިޢީގެފާނު އަދި އިމާމް އަޙްމަދުގެފާނުގެ އަރިހުގައިވެސް މުސަޅުމަސް ކެއުން ހުއްދައެވެ. މިނޫނަސް އިހާއިފަހުގެ ޢިލުމުވެރިންގެ މެދުގައި މުސްޅުމަސް ކެއުމާއިމެދު ޚިލާފެއް ނުވެއެވެ.