[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބަލިމީހާއަށް ޒިޔާރަތްކުރުމުގެ މާތްކަން

11356664_661906567243514_1927530637_n

 ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނޭވެ! މިއަދު އަޅުގަނޑުމެން ދިރިއުޅެމުންދާ މުޖުތަމަޢަށް ކަޅިއެއް އެއްލާ ބަލައިފިނަމަ، ފެންނަމުންދާ ހިތާމަވެރި މަންޒަރަކީ ބަލިމީހުންނަށް އެކަށީގެންވާ އަޅާލުމެއް ނުދޭތަނެވެ. ހޮސްޕިޓަލުގައި އަޅާލާނެ ބަޔަކު ނުވެ، އެނދުތަންމަތިވެފައިވާ ތަނެވެ. ހަމަޔަޤީނުން، އެބައިމީހުންނާއި މެދުގައި ވިސްނާލައިފިނަމަ، އެބައިމީހުންގެ މައްޗަށް ބަލަދުއަރާނެ ބަޔަކު ތިބޭނެކަން ކަށަވަރެވެ. އެހެންނަމަވެސް ފެންނަމުންދާ ޙަޤީޤަތަކީ، ބުރަމަސައްކަތުން ދަރިން ބަލާ ބޮޑުކުރީމާ، މައިންބަފައިން މުސްކުޅިވާ ދުވަހު ނުވަތަ ބަލިވާ ދުވަހު އެބައިމީހުންނަށް ދަރިންގެ ފަރާތުން އަޅާލުމެއް ނުދޭވޭތަނެވެ. ތިމާގެ އަޚާއަށް ބަލިމަޑުކަމެއް ޖެހޭ ދުވަހު، އޭނާ އެއީ ނުދަންނަ މިހެއް ކަމުގައި ތިބާ ހަދާތަނެވެ. އެންމެ ކުޑަ މިނުން ބަލި މީހާ ކައިރިއަށް ޒިޔާރަތްކުރާކަށް، ވަގުތެއް ނުވާ ތަނެވެ. އިސްލާމީ މުޖްތަމަޢެއްގައި މިފަދަ މަންޒަރެއް ފެންނަމުން ދިއުމަކީ ހިތާމަކުރަންޖެހޭ ކަމެކެވެ.  މި ލިޔުމުގައި ބަލާލަން ޤަސްދުކުރަނީ، ބަލިމީހާއަށް ޒިޔާރަތް ކުރުމާއި ބެހޭ ގޮތުންނެވެ.

 އާދެ! އެކަމެއް ކުރުމަށް މި އުންމަތުގެ މާތް ނަބިއްޔާ صلى الله عليه وسلم ހިތްވަރު ދެއްވި ކަންތައްތަކުގެ ތެރޭގައި ބަލި މީހުންނަށް ޒިޔާރަތްކުރުން ހިމެނެއެވެ. ބަލިމީހާއަށް ޒިޔާރަތްކޮށް، ޙާލުއަޙުވާލު އޮޅުންފިލުވާ ހެދުމުން، އޭނާގެ ހިތަށް ހިތްހަމަޖެހުން ލިބެއެވެ. އަދި ބަލިމީހުންނަށް ޒިޔާރަތްކުރުން އެއީ އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އަދާކުރަންޖެހޭ ޙައްޤެކެވެ. ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ބަލިމީހުންނަށް ޒިޔާރަތް ކުރާ މީހުންނަށް ބޮޑުވެގެންވާ އަޖުރު ހުރި ކަމުގެ އުފާވެރި ޚަބަރު ރަސޫލާ صلى الله عليه وسلم ވަނީ ދެއްވާފައެވެ.

 އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.

عن أبي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : ((حَقُّ الْمُسْلِمِ عَلَى الْمُسْلِمِ خَمْسٌ : رَدُّ السَّلَامِ وَعِيَادَةُ الْمَرِيضِ وَاتِّبَاعُ الْجَنَائِزِ وَإِجَابَةُ الدَّعْوَةِ وَتَشْمِيتُ الْعَاطِسِ)) [ روى البخاري (1240)]

މާނައީ: އަބޫޙުރައިރާ رَضِيَ اللَّهُ عَنْهُ ވިދާޅުވިއެވެ. ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާތީ އަޑުއެއްސެވީމެވެ. ”އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އަދާކުރަންޖެހޭ ފަސް ޙައްޤެއްވެއެވެ. އެއީ ސަލާމް ގޮވާލާހިނދު އޭގެ ޖަވާބުދިނުމާއި، ބަލިވެއުޅޭއިރު އޭނާއަށް ޒިޔާރަތްކުރުމާއި، މަރުވުމުން ޖަނާޒާގައި ބައިވެރިވުމާއި، (ކެއުމަށް) ދަޢުވަތެއް ދެވޭހިނދު އެދަޢުވަތު ޤަބޫލުކުރުމާއި، ކިނބިހި އަޅާހިނދު الحمد للَّه ކިޔައިފިމީހާއަށް ޖަވާބުގައި يَرْحَمُكَ اللَّهُ މިފަދައިން ބުނުމެވެ.”

ހަމައެފަދައިން ބަލިމީހުންނަށް ޒިޔާރަތްކުރުމަކީ ސުވަރުގެއަށް ވަދެވި، އެތާގެ ނިޢުމަތްތައް ހޯދުމަށް މަގުފަހިވާ ސަބަބެކެވެ.

 ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

((مَنْ عَادَ مَرِيضًا لَمْ يَزَلْ فِي خُرْفَةِ الْجَنَّةِ))، قِيلَ يَا رَسُولَ اللهِ وَمَا خُرْفَةُ الْجَنَّةِ؟ قَالَ: ((جَنَاهَا)) [أخرجه مسلم]

މާނަ: “ހަމަކަށަވަރުން މުސްލިމަކު އޭނާގެ ބަލި މުސްލިމް އަޙާއަށް ޒިޔާރަށްކޮށްފިނަމަ، އޭނާ އެކަމުން އެނބުރި އަތުވެއްޖައުމަށްދާންދެން، އޭނާވާހުށީ ސުވަރުގޭގެ ދޮންވެ ފައްކާވެފައިވާ މޭވާ ބަގީޗާއެއްގައެވެ.” ޞަޙާބީ ބޭކަނލުން ދެންނެވިއެވެ. ޙުރުފާއަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. “އެއީ ސުވަރުގޭގެ މޭވާ ބިނުމެވެ.” (ސުވަރުގޭގެ މޭވާތަކުގެ ތެރެއިން ބިން މޭވާއެވެ.)

އާދެ! މި އުންމަތުގެ މާތް ނަބިއްޔާ ސިފަކުރައްވާފަ އެވަނީ، ބަލިމީހަކަށް ޒިޔާރަތް ކުރާ މީހާ، ސުވަރުގެއިން މޭވާތައް ބިންނަ ފަދަ މީހަކާ އެވެ. އެބަހީ އޭނާވާހުށީ މޭވާ ބިނުން ފަދަ އަޖުރު ގެ މަތީގައެވެ.

ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

عَنْ عَلِيٍّ رضي الله عنه قَالَ : سَمِعْت رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : (( مَا مِنْ مُسْلِمٍ يَعُودُ مُسْلِمًا غُدْوَةً إلا صَلَّى عَلَيْهِ سَبْعُونَ أَلْفَ مَلَكٍ حَتَّى يُمْسِيَ , وَإِنْ عَادَهُ عَشِيَّةً إلا صَلَّى عَلَيْهِ سَبْعُونَ أَلْفَ مَلَكٍ حَتَّى يُصْبِحَ ، وَكَانَ لَهُ خَرِيفٌ فِي الْجَنَّةِ )) صححه الألباني في صحيح الترمذي  

މާނަ: ޢަލީ رضي الله عنه ވިދާޅުވިއެވެ. ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާތީ އަޑުއެއްސެވީމެވެ. “ދުވާލުގެ ކުރީކޮޅު (އެބަހީ: ހެނދުނު ވަގުތުގައި) މުސްލިމަކު، އެނާގެ ބަލި އަޙާއަށް ޒިޔާރަތްކޮށްފިނަމަ، ހަތްދިހަ ހާސް މަލާއިކަތުން ހަވީރުވަންދެން އޭނާގެ މައްޗަށް ދުޢާ ކުރާ ކަމުގައި މެނުވީ ނުވެއެވެ. އަދި ދުވާލުގެ ފަހުކޮޅު (ހަވީރު ވަގުތުގައި) އޭނާ، ޒިޔާރަތްކޮށްފިނަމަ، ހަތްދިހަ ހާސް މަލާއިކަތުން ފަތިސްވަންދެން އޭނާގެ މައްޗަށް ދުޢާ ކުރާ ކަމުގައި މެނުވީ ނުވެއެވެ. އަދި އޭނާއަށް ދޮންވެ ފައްކާކުރެވިފައިވާ މޭވާތައް ސުވަރުގޭގައި ވެއެވެ.”

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ ބަލި މީހުންނަށް ގިނަގިނައިން ޒިޔާރަތްކުރާ ބަޔަކުކަމުގައި ﷲ ޞުބްޙާނަހޫ ވަތަޢާލާ ލެއްވުމެވެ.

وصلى الله وسلم على محمد و آله صحبه أجمعين. آمين.