- ރާބުއިން ގިނަވެ އެކަން ޙަލާލުކޮށްގަތުން.
ރާބުއިން މިއުއްމަތުގައި ފާޅުވިއެވެ. އަދި އޭގެނަން ނޫން އެހެން ނަމެއް އެއަށް ކިޔޫއެވެ. މީގެވެސް އެންމެ ނުބައިކަން ހުރީ މީސްތަކުންކުރެ ބަޔަކު އެކަން ޙަލާލުކޮށްގަތުމުގައެވެ. މިކަން ހިމެނިގެންވަނީ ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރެއިންނެވެ. އަނަސް ބިން މާލިކު رضي الله عنه ގެ ކިބައިން އަލްއިމާމު މުސްލިމް ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.
((مِنْ شَرَائِطِ السَّاعَةِ: … (وّذَكَرَ مِنْهَا) وَيُشْرَبَ الْخَمْرُ))[1] މާނައީ: “ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރޭގައި … ރާބުއިން (އޭގެތެރޭގައި ނަންގަނެވުނެވެ.)”
ރާބުއިން ހުއްދަ ކުރާނޭ ބަޔަކު މިއުއްމަތުގައި ވާނޭކަން ޛިކުރު ކުރެވިފައިވާ ބައެއް ޙަދީޘްތައް މިޔުޒިކުގެ ސާމާނުގެ ވާހަކައިގައި ނަންގަނެވި ހިނގައްޖެއެވެ.
އަދިވެސް އޭގެ ތެރޭގައި عُبَادَة بن الصَّامِت ގެ ކިބައިން އަލްއިމާމު އަޙްމަދު އާއި އިބްނު މާޖާ ރިވާ ކުރައްވާފައިވާ މިޙަދީޘް ހިމެނެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((لَيَسْتَحِلَّنَّ طَائِفَةٌ مِنْ أُمَّتِي الْخَمْرَ بِاسْمٍ يُسَمُّونَهَا إِيَّاهُ))[2] މާނައީ: “ތިމަންކަލޭގެފާނުގެ އުއްމަތުގެ ބަޔަކު ރަލަށް ނަމެއް ކިޔާ އެ ހުއްދަ ކުރާނެއެވެ.”
ދެންފަހެ އެތަކެއް ނަންތަކެއް ރަލަށް ދެވިފައިވެއެވެ. “ރޫޙީ ބުއިން” ފަދަ ނަންތަކަށް ދާންދެނެވެ.
އަދި ޙަދީޘް ތަކުން އެނގި ބަޔާންވާ ގޮތުގައި މިއުއްމަތުގައި ރާބުއިން ޢާންމުވާނެއެވެ. އަދި އޭގެތެރެއިން ބަޔަކު އެ ހުއްދަކޮށް ނުހަނު ބޮޑަށް އޭގެ ނަން ވެސް ބަދަލު ކުރާނެތެވެ.
ރާ ޙަލާލުކޮށްގަތުންމުގެ މުރާދު ابْنُ العَرَبِي ދެގޮތަކަށް ތަފްސީރު ކުރައްވައެވެ:
ފުރަތަމައީ: އެބުއިމަކީ ޙަލާލު ކަމެއް ކަމުގައި ދެކުމެވެ.
ދެވަނައީ: އޭގެ މުރާދަކީ އެބުއިން ޢާންމުވެ ތަނަވަސްވުމެވެ. ޙަލާލުކަމެއް ޢާންމުވެފައިވާ ފަދައިން ވުމެވެ.
އެގޮތަށް ކަންކުރި މީހުންގެ ވާހަކަ އިވި ފެނިފައިވާ ކަމުގައިވެސް އެކަލޭގެފާނު ޛިކުރު ކުރައްވާފައި ވެއެވެ.[3] އަދި އެއީ މިޒަމާނުގައި ގިނަވެފައިވާ ކަމެކެވެ. ފަހެ އެބުއިމުގެ ފިތުނައިގައި ވެސް ބަޔަކު ވަނީ ޖެހިފައެވެ.
މިކަމުގައިވެސް އެންމެ ނުބައިކަން އިތުރީ ފާޅުގައި އެވިއްކާހެދުމެވެ. އަދި ބައެއް އިސްލާމީ ޤައުމުތަކުގައި ސިއްރިޔާތުގައި އެބޮއި ހެދުމެވެ. މަސްތުވާތަކެތި ވަނީ މީގެ ކުރީން ފެތުރިފައި ނުވާ މިންވަރަށް ފެތުރި ޢާންމު ވެފައެވެ. އޭގެ ނުރައްކަލުގެ ބޮޑުކަމާއި ފަސާދައިގެ ބޮޑުކަމާމެދު ވަނީ އިންޒާރު އައިސްފައެވެ. ދެންފަހެ އިސްވެހުރި ކަންކަމާއި ފަސްވެހުރި ކަންކަންމުގެ އަމުރުވެރިކަން ވަނީ ﷲ އަށެވެ.
= ނުނިމޭ =
މިލިޔުމުގެ އެހެންބައިތައް ބައްލަވާ
_____________________________
[1] ((صحيح مسلم))، كتاب العلم، باب رفع العلم وقبضه وظهور الجهل والفتن في آخر الزمان، (16 / 221 – مع شرح النووي).
[2] ((مسند أحمد)) (5 / 318 – بهامشه منتخب كنز العمال)، و ((سنن أبي ماجه)) (2 / 1123).
وقال ابن حجر في ((الفتح)) (10 / 51): ((سنده جيد)).
والحديث صححه الألباني. انظر: ((صحيح الجامع الصغير)) (5 / 13 ، 14) (ح 4945).
[3] ބައްލަވާ: ((فتح الباري)) (10 / 51).