[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޛުލް ޤަރްނައިން ރަސްގެފާނުގެ ވާހަކަ – 2

Untitled-2

ޛުލް ޤަރްނައިން ރަސްގެފާނުގެ ފުރަތަމަ ދަތުރު

އެކަލޭގެފާނު އެއްމެ ފުރަތަމަ ދަތުރުގައި ވަޑައިގެންނެވީ މަޣުރިބާއި ދިމާއަށެވެ. އެއީ އެކަލޭގެފާނު އެވަގުތު ހުންނެވި ތަނުގެ ގޮތުން އެކަލޭގެފާނަށް މަޣުރިބު ފަރާތެވެ. އެދުވަސްވަރުގައި އެކަލޭގެފާނުގެ މަޣުރިބު ފަރާތަކީ ކޮބައިކަން އެއްމެ މޮޅަށް ދެނެވޮޑިގަންނަވަނީ ﷲ ތަޢާލާއެވެ. އެވަގުތު އެކަލޭގެފާނު ހުންނެވި ރަށުން ބަލާނަމަ މަޣުރިބާއި ވީފަރާތައް އެކަލޭގެފާނު ދަތުރު ކުރެއްވީއެވެ. އެކަލޭގެފާނު އެވަގުތު ހުންނެވީ ކޮންރަށެއްގައިކަމާއި ވަޑައިގެންނެވީ ކޮންރަށަކަށް ކަންވެސް މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.

އެކަލޭގެފާނަށް އިރުއޮއްސޭ ހިސާބަށް ދެވުމުން ފެނިވަޑައިގަތީ ކަޅުކުލައިގެ ފެންގަނޑަކަށް އިރުއޮއްސޭ މަންޒަރެވެ. އަދި އެކަލޭގެފާނަށް އެތަނުން ޤައުމެއްގެ މީހުން ފެނިވަޑައިގަތެވެ. (( حَتَّى إِذَا بَلَغَ مَغْرِبَ الشَّمْسِ وَجَدَهَا تَغْرُبُ فِي عَيْنٍ حَمِئَةٍ وَوَجَدَ عِنْدَهَا قَوْمًا  )) سورة الكهف 86  މާނަ: (( އިރުއޮއްސޭތަނަށް އެކަލޭގެފާނު ވަޑައިގެންނެވުމަށް ދާންދެނެވެ. އެ ހިނދު ކަޅުކުލައިގެ ފެންގަނޑަކަށް އިރޮއްސޭތީ އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އަދި އެތާކައިރިން އެކަލޭގެފާނަށް ޤައުމެއްގެ މީހުން ފެނިވަޑައިގަތެވެ. ))

އެކަޅޭގެފާނަށް އެތާކައިރިން ފެނިވަޑައިގެންނެވި ޤައުމުގެ މީހުންނާއިމެދު ދެން އެކަލޭގެފާނު ކަންތައް ކުރައްވާނީ ކިހިނަކުންބާއެވެ؟ އެކަލޭގެފާނަކީ ﷲ ގެ މަގަށް ގޮވާލައި އެމަގަށް މީސްތަކުން އެނބުރުއްވުމަށް މުޅި ބިމުގައި ދަތުރުކުރައްވާ ބޭކަލެކެވެ. އެކަލޭގެފާނަށް ﷲ ތަޢާލާ ހުރިހާ ބާރެއް ދެއްވާފައި ވުމުން އެކަލޭގެފާނު އެބައިމީހުން ޤަތުލުކުރައްވާނީ ހެއްޔެވެ؟ ނުވަތަ އެހެނިހެންވެސް ރަސްރަސްކަލުން ކަންަތައް ކުރައްވާ ގޮތަށް ރަށްރަށް ހިފުމަށްފަހު އެރަށުގެ އަހުލުވެރިން ނިކަމެތިކޮށް އަޅުވެތިކުރާނީ ހެއްޔެވެ؟ ﷲ ތަޢާލާގެ ވަޙީބަސްފުޅެއްގައި ވެއެވެ. ((إِنَّ الْمُلُوكَ إِذَا دَخَلُوا قَرْيَةً أَفْسَدُوهَا وَجَعَلُوا أَعِزَّةَ أَهْلِهَا أَذِلَّةً وَكَذَلِكَ يَفْعَلُونَ )) سورة النمل 34 މާނަ (( ހަމަކަށްވަރުން ރަސްރަސްކަލުން ( ހަނގުރާމަވެރިންގެ ގޮތުގައި ) ރަށަކަށް އަރައިގެންފިނަމަ، އެރަށެއް ސުންނާފަތިކުރައްވައި، ފަސާދަކުރައްވައި، އަދި އެރަށެއްގެ އަހުލުވެރިންކުރެ ޢިއްޒަތްތެރިން ނިކަމެތިކުރައްވައެވެ. އެއުރެން ( އެބަހީ: ވެރިން ) ކަންތައްކުރައްވަނީ ހަމަ އެފަދައިންނެވެ. ))

އެހެންނަމަވެސް ޞާލިޙު ވެރިން އެއާއި ތަފާތެވެ. އެބައިމީހުން މީސްތަކުން ނިކަމެތިކޮށް އަޅުވެތިކޮށެއް ނުހަދައެވެ. ޛުލް ޤަރްނައިން  ރަސްގެފާނު އެ ޤައުމުގެ މީހުންނާއި މެދު ކަންތައްކުރެއްވީ ކިހިނަކުންތޯއެވެ؟

އެކަމާއި ގުޅޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.((قُلْنَا يَا ذَا الْقَرْنَيْنِ إِمَّا أَنْ تُعَذِّبَ وَإِمَّا أَنْ تَتَّخِذَ فِيهِمْ حُسْنًا )) سورة الكهف 86  މާނަ: (( ތިމަންރަސްކަލާންގެ ވަޙީކުރެއްވީމެވެ. އޭ ޛުލްޤަރްނައިން އެވެ. އެހެންޏާ ތިބާ އެއުރެންނަށް އުޤޫބާތް ދެއްވާށެވެ. ނުވަތަ އެއުރެންނާއިމެދު އޯގާތެރިކޮށް ކަންތައް ކުރާށެވެ. ))

ޛުލް ޤަރްނައިން ރަސްގެފާނަށް ﷲ ތަޢާލާ ކޮންމެ ކަމެއް ކުރުމުގެ ކުޅަދާނަކަން ދެއްވިއެވެ. ސަބަބުތައް ލެއްވިއެވެ. އެ ޤައުމުގެ މީހުންނަށް އެކަލޭގެފާނު ބޭނުންނަމަ ޢަޒާބުދެއްވޭނެތެވެ. ނުވަތަ ހެޔޮގޮތުގައި ދޫކޮށްލެވޭނެއެވެ. ނަމަވެސް މި ޢަދުލުވެރި ރަސްގެފާނު ޚިޔާރުކުރެއްވެވީ އެއްމެ ޢަދުލުވެރި މަގެވެ. އެބައިމީހުންނަށް ﷲ ތަޢާލާގެ މަގަށް ދަޢުވަތުދީ ގޮވާލެއްވުމަށްފަހު ހައްޤައް ރުޖޫޢަނުވެ ޝިރުކުކުރުމުގައި ދެމިތިބި މީހުންނަށް އެކަލޭގެފާނު އުޤޫބާތް ދެއްވެވުމެވެ.  އަދި އީމާންވި ޞާލިޙް ޢަމަލުކުރުމަށް ރުޖޫޢަވީ މީސްތަކުން  މާތްކޮށް ހިތައި ހެޔޮގޮތުގައި ދޫކޮށްލެއްވުމެވެ. އަދި އެއްމެ ރިވެތި ގޮތުގައި އީމާންވީ މީހުންނާއި މުޢާމަލާތްކުރެއްވެވިއެވެ. މިއީ އެއްމެ ޢަދުލުވެރި މަގުކަން ކަށަވަރެވެ.

((قَالَ أَمَّا مَنْ ظَلَمَ فَسَوْفَ نُعَذِّبُهُ ثُمَّ يُرَدُّ إِلَى رَبِّهِ فَيُعَذِّبُهُ عَذَابًا نُكْرًا (87) سورة الكهف 87  މާނަ: (( އެކަލޭގެފާނު ވިދާޅުވިއެވެ. އަނިޔާވެރިވީމީހުން ( ޝިރުކުކުރިމީހުން) ދަންނާށެވެ. ފަހެ ނިކަންހުރެ އެމީހަކަށް އަހުރެމެން އުޤޫބާތް ދެއްވާހުށީމެވެ. ދެން ފަހެ އޭނާގެ ވެރި ރަސްކަލާންގެ ހަޟްރަތައް އޭނާ ރައްދުކުރެވޭހުއްޓެވެ. އަދި އެކަލާންގެ އެމީހަކަށް ގަދަފަދަވެގެންވާ ޢަޒާބެ ދެއްވާހުއްޓެވެ. ))

وَأَمَّا مَنْ آَمَنَ وَعَمِلَ صَالِحًا فَلَهُ جَزَاءً الْحُسْنَى وَسَنَقُولُ لَهُ مِنْ أَمْرِنَا يُسْرًا (88)  )) سورة الكهف 88  މާނަ: (( އަދި އީމާންވެ ޞާލިޙު ޢަމަލުކުޅަމީހާ ދަންނާށެވެ. ފަހެ އެމީހަކަށް ހެޔޮ ޖަޒާހުއްޓެވެ. އަދި އެމީހަކަށް ﷲ ތަޢާލާއާއި ކުއްތަންވާނޭ ފަސޭހަ މަގުތައް އުނގަންނަވައި ދެއްވާހުށީމެވެ. ))

ޛުލް ޤަރްނައިން ރަސްގެފާނަކީ ޢަދުލުވެރި ޞާލީހު ވެރިއެކެވެ. އެކަލޭގެފާނު މުޅި ބިމުގައި ދަތުރުކުރެއްވެވީ ހަމައެކަނި ﷲގެ މަގަށް ދަޢުވަތު ދެއްވުމަށެވެ. ބިން އިޞްލާޙު ކުރެއްވުމަށެވެ. ބިންމަތީގައި ތައުޙީދު ފެތުރުއްވުމަށެވެ. މިއީ ކީރިތި ޤުރުއާން ގައި ބަޔާންކުރައްވާފައި ވާ އެކަލޭގެފާނު މަޣުރިބަށް ކުރެއްވެވި ދަތުރުފުޅެވެ.

ޛުލް ޤަރްނައިން ރަސްގެފާނުގެ ދެވަނަ ދަތުރުފުޅު

ދެން އެކަލޭގެފާނު ދަތުރުކުރެއްވެވީ މަޝްރިޤު ފަރާތަށެވެ. ކުރިންވެސް ބަޔާން ކުރެއްވެވުނުފަދައިން އެކަލޭެގެފާނުގެ މަޝްރިޤަކީ ކޮބައިކަމާއި އެކަލޭގެފާނު އުޅުއްވެވި ރަށާއި މި އެއްމެހައި ކަންތައްތައް މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އެ ހުރިހާ ތަފްސީލެއް އަޅުގަނޑުމެންނަކަށް މުހިއްމެއް ނޫނެވެ. މުހިއްމުވާނެނަމަ އެކަން ﷲ ތަޢާލާ ބަޔާންކޮށް ދެއްވިހެވެ. އަޅުގަނޑުމެންނަށް މުހިއްމީ އެކަލޭގެފާނު މީސްތަކުންނާއި މުޢާމަލާތް ކުރެއްވެވި ގޮތެވެ. އަދި ﷲ ގެ ދީނަށް މީސްތަކުންނަށް ދަޢުވަތުދީ އެ ދީން ފެތުރުއްވުމަށް ހުރިހާ ސަބަބެއްގައި ހިއްޕަވައި ކުރެއްވެވި ބުރަމަސައްކަތެވެ. ﷲ ގެ ދީންނަށް ދަޢުވަތުދީ ފެތުރުއްވުމަށް ބޭނުންވާމީހާ އަކީ ހަރަކާތްތެރި ގަދައަޅައި މަސައްކަތް ކުރާމީހަކަށް ވާން ޖެހެއެވެ. އެހެން ކަމުން ﷲ ތަޢާލާ ދެން ވަޙީކުރައްވަނީ މިފަދައިންނެވެ. ((ثُمَّ أَتْبَعَ سَبَبًا (89) )) سورة الكهف 89 މާނަ: (( ދެން އެކަލޭގެފާނު (ސަބަބުތަކުގައި ހިއްޕަވައި ) އެހެން މަގަކުން ކުރިޔަށް ވަޑައިގެންނެވިއެވެ. ))

ފަހެ އެކަލޭގެފާނު ދީނުގެ ދަޢުވަތު ފެތުރުއްވުމަށްޓަކައި ހުރިހާ ސަބަބުތަކެއްގައި ހިއްޕެވިއެވެ.

އެކަލޭގެފާނަށް މި ފަހަރުގެ ދަތުރުފުޅުގައި ދިމާވި ޤައުމުގެ މީހުންގެ ކަންތައްތަކަކީ އަޖައިބު ކުރުވަނި ކަމެކެވެ. އެބައިމީހުން އެ ރަށުގައި ދިރިއުޅޭއިރު، އިރު އެރީއްސުރެ އޮއްސުމަށް ދާންދެން އެ އިރުން ސަލާމަތްވާނެ އެއްވެސް ހުރަހެއް އެބައިމީހުންނަކަށް ލިބިގެން ނުވެއެވެ. ބުނެވޭގޮތުގައި ހިޔާވަހިކަން ހޯދާނޭ ގެތަކެއް އެބައިމީހުންނަކަށް ނުވެއެވެ. އަދި އެބައިމީހުންނަކީ ހަށިތައް އިރުން ނިވައިކުރުމަށްޓަކައި ލާނެ އެއްވެސް ފޭރާމެއް ލިބިފައި ނުވާ ބައެއްކަމުގައި ވެސް ބުނެވެއެވެ.

((حَتَّى إِذَا بَلَغَ مَطْلِعَ الشَّمْسِ وَجَدَهَا تَطْلُعُ عَلَى قَوْمٍ لَمْ نَجْعَلْ لَهُمْ مِنْ دُونِهَا سِتْرًا )) سورة الكهف 90 މާނަ: (( އިރުއަރާތަނަށް ވަޑައިގެންފުމަށް ދާންދެނެވެ. އިރުގެ ހޫނުން ސަލާމަތްވާނެ އެއްވެސް ނިވަލެއް ތިމަންރަސްކަލާންގެ އެބަޔަކަށް ލައްވާފައިނުވާ ޤައުމެއްގެ މައްޗަށް އިރުއަރާތީ އެކަލޭގެފާނު ދެކެވަޑައިގަތެވެ. ))

ޛުލް ޤަރްނައިން ރަސްގެފާނު މި ޤައުމުގެ މީހުންނާއި މެދު ކަންތައް ކުރެއްވެވީ ކިހިނަކުން ހެއްޔެވެ؟ މަތީގައި އިސްވެ މިބާޔާންކުރެވުނު އާޔަތައްފަހު ﷲ ތަޢާލާ، ކުރީގެ ޤައުމުގެ މީހުންނާއިމެދު އެކަލޭގެފާނު ކަންތައް ކުރެއްވި ގޮތުގެ ވާހަކަ ގެނެސްދިން ފަދައިން، މިދަތުރުގެ ތަފްސީލު ބަޔާންކޮށް ދެއްވާފައެއް ނުވެއެވެ. ނަމަވެސް ﷲ ތަޢާލާ އެހިސާބުން އެވާހަކަ ނިއްމަވާލެއްވީއެއް ނޫނެވެ. ޖެހިގެން އައި އާޔަތުގައި އެއިލާހު އެކަމަށް އިޝާރަތް ކުރައްވާފައި ވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ((كَذَلِكَ )) سورة الكهف 90 މާނަ (( ކަންހުރީ ހަމަ އެފަދައިންނެވެ. ))

އެބަހީ މިބައިމީހުންނާއި މެދުވެސް އެކަލޭގެފާނު ކަންތައްކުރެއްވެވީ ހަމަ އެފަދައިންނެވެ. ކުރީގެ ޤައުމުގެ މީހުންނާއިމެދު ކަންތައް ކުރެއްވެވި ގޮތަށެވެ. ﷲގެ މަގަށް ގޮވަައިލައްވައި ހަނދާންކޮށްދިނުމަށްފަހު އީމާންވެ ކިޔަމަންތެރިވީމީހުންގެ ހެޔޮ ޖަޒާއެވެ. އެނބުރި ޝިރުކަށް ރުޖޫޢަވީމީހުންނަށް ޢަޒާބުދެއްކެވުމެވެ. ތަފްސީލް ތަކުރާރުކުރެއްވުމުގެ ބަދަލުގައި މި މިންވަރުން ފުއްދާލެއްވެވީއެވެ. (( وَقَدْ أَحَطْنَا بِمَا لَدَيْهِ خُبْرًا )) الكهف 90 މާނަ: (( ހަމަކަށަވަރުން އެކަލޭގެފާނުގެ ކިބައިގާވާހާ ކަމެއްގެ ޚަބަރު ތިމަންރަސްކަލޭންގެ މޮޅަށް ދެނެވޮޑިގަންނަވަމެވެ. ))

  – ނުނިމޭ –


ނޯޓް: މިވާހަކަ ލިޔެފައި އެވަނީ މަޝްހޫރު ދާޢީ ފަޟީލަތުއްޝައިޚް ނަބީލުލް ޢިވަޟީ ޙަފިޡަހުﷲ ކިޔައިދެއްވާފައިވާ ގޮތަށެވެ.