[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލް އިމާމު އަޙްމަދު: أحمد بن حنبل – إمام أهل السنة – 6

imaam ahmed

ޒުހުދުވެރިކަން

صالح بن أحمد بن حنبل ވިދާޅުވިއެވެ.

“އެކަލޭގެފާނު ވަރަށްގިނައިން ލައިގެން ކާނެ އެއްޗެއްގެ ގޮތުގައި ރާހުތް ބޭނުންކުރައްވައެވެ. އަދި އެތިކޮޅަކުން ހިރަފުސް ފޮޅައިލާފައި ފަރިއްކުޅުވަނިކޮށްވެސް ފަހަރެއްގައި ފެނިދާނެއެވެ. އަދި އަނެއްބައި ތައްޓަކަށް ލައެވެ. އަދި އެއަށް ފެންއަޅައިފައި މަޑުވަންދެން ބަހައްޓަކައެވެ. ދެން އެއަށްފަހު ލޮނުކޮޅެއް އަޅައިގެން އޭތި ފަރިއްކުޅުވައެވެ. އަދު ދުވަހަކުވެސް އެކަލޭގެފާނު އަންނާރެއް އަދި سفرجل[1] އެއް އަދި އެއްވެސް ވައްތަރެއްގެ މޭވާއެއް ބައްލަވައި ގަންނަވަނިކޮށް ތިމަންކަލޭގެފާނު ދެކިވަޑައި ނުގަންނަވަމެވެ. ކަރާފިޔަވައެވެ. ފަހެ ރޮއްޓާއެކު އެކަލޭގެފާނު ކަރާ ނުވަތަ މޭބިސްކަދުރު ނުވަތަ ކަދުރު ފަރިއްކުޅުވައެވެ. އެނޫން އެއްޗެއް އެކަލޭގެފާނު ފަރިއްކުޅުވަނިކޮށްވެސް އަދި ބައްލަވައިގަންނަވަނިކޮށްވެސް ތިމަންކަލޭގެފާނު ދެކިވަޑައި ނުގަންނަވަމެވެ. ތިމަންބޭކަލުން އެފަދަ އެއްޗެއް ގަނެފިނަމަ އެކަލޭގެފާނަށް ނުފެންނާނެހެން ފޮރުވައިގެން ގެންގުޅެމެވެ.”[2]

موسى بن حماد البربري ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“الحسن بن عبد العزيزގެ އަރިހަށް މިޞްރުން އެކަލޭގެފާނުގެ ވާރުތަމުދަލުގެ ގޮތުގައި އެއްލައްކަ ދީނާރު ގެނެވުނެވެ. ދެން އެކަލޭގެފާނު އަޙްމަދު ބުން ޙަންބަލްގެ އަރިހަށް އެއިން ތިން ކޮތަޅު ގެންދެވިއެވެ. އެއިން ކޮންމެ ކޮތަޅެއްގައި އެއްހާސް ދީނާރުވިއެވެ. އަދި ވިދާޅުވިއެވެ. “އޭ އަބޫ ޢަބްދުﷲ އެވެ. މިއީ ޙަލާލު ވާރުތަ މުދަލެެވެ. ފަހެ މީގައި ހިފާށެވެ. އަދި މިއިން ކަލޭގެފާނުގެ ޢާއިލާއަށް އެހީތެރިކަން ހޯދާދޭށެވެ.” އެކަލޭގެފާނު ވިދާޅުވިއެވެ. “ތިމަންކަލޭގެފާނު ތިފައިސާއަކަށް ބޭނުން ޖެހިގެން ނުވެއެވެ. ތިމަންކަލޭގެފާނު މިއުޅުއްވަނީ ފުދިގެންނެވެ.” އެކަލޭގެފާނު އެފައިސާތައް ރައްދުކުރެއްވިއެވެ. އަދި އެއިން އެއްވެސް މިންވަރެއްގައި ނުހިއްޕަވައެވެ.”[3]

إسحاق بن هانئ ވިދާޅުވިއެވެ.

“އެއްދުވަހެއްގެ ހެނދުނުގައި އިމާމް އަޙްމަދުގެ އަރިހުގައި (كتاب الزهد) ކިޔެވުމަށްޓަކައި ތިމަންކަލޭފެފާނު އިންނެވީމެވެ. އަދި ތިމަންކަލޭގެފާނު އެކަލޭގެފާނު އިށީނުމަށްޓަކައި ކުނާގަނޑެއް ފަތުރާ ދިނީމެވެ. އަދި ބޯއަޅާލުމަށަޓަކައި ބާލީހެއް ބޭންދީމެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. “މީ ކޮންއެއްޗެއް ހެއްޔެވެ؟” ތިމަންކަލޭގެފާނު ދެންނެވީމެވެ. “އެއީ ކަލޭގެފާނު އޭގެ މަތީ އިށީންދުމަށްޓަކައެވެ.” އެކަލޭގެފާނު ވިދާޅުވިއެވެ. “މަދު އެތިކޮޅަކުން (ފުއްދާލައިގެން) މެނުވީ ޒުހުދުވެރިކަން ފުރިހަމަވެގެން ނުވެއެވެ.” ދެން ތިމަންކަލޭގެފާނު އެއެތި ނެގީމެވެ. ދެން އެކަލޭގެފާނު ބިންމަތީގައި އިށީންދެވަޑައިގަތެވެ.”[4]

نعيم އެކަލޭގެފާނުގެ ސަނަދުން، އިމާމް އަޙްމަދުގެ ދަރިކަލުން صالح بن أحمد بن حنبل ގެ އަރިިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“الواثقގެ ވެރިކަމުގެ ދުވަސްވަރު ތިމަންކަލޭގެފާނު ބައްޕަގެ އަރިހަށް ދިޔައީމެވެ. (އޭރު ތިމަންބޭކަލުންގެ ހާލަތު ދެނެވޮޑިގެންވަނީ ﷲއެވެ.) އޭރު އެކަލޭގެފާނު ވަނީ އަޞުރު ނަމާދަށް ގެއިން ބޭރަށް ނުކުމެވަޑައިގެންފައެވެ. ގޭތެރޭގައި އެކަލޭގެފާނު އިށީނުމަށްޓަކައި ކެހެރިން ހަދާފައިވާ ކުނާއެއް ވިއެވެ. އޭތިވަނީ ދުވަސްވެ ހަސްނެތިފައެވެ. އޭތީގެ ދަށުގައި ސިޓީއެއް ނޫވަތަ ފަތްފުއްތަކެއް އޮތެވެ. އޭގައި ވަނީ މިފަދައިންނެވެ. “އޭ أبو عبد الله އެވެ. ކަލޭގެފާނު ތިއުޅުއްވާލެއް ދަތިކަމާއެވެ! އަދި ކަލޭގެފާނުގެ ބޮލުގައި އެޅިފައިވާ ދަރަނިތަކާއެވެ! ފަހެ ތިމަންކަލޭގެފާނު މީހެއްގެ އަތައްދީފައި ހަތަރުހާސް ދިިރުހަމް ކަލޭގެފާނަށް ފޮނުވާފީމެވެ. އެއީ އެއިން ކަލޭގެފާނު ދަރަނިތައް އަދާކޮށް ކަލޭގެފާނުގެ އަހުލުވެރިން ތަނަވަސް ވުމަށެވެ. އެއީ ޞަދަޤާތެއް އަދި ޒަކާތެއްވެސް ނޫނެވެ. އެކަމަކު އެއީ އަހަރެންގެ ބައްޕަގެ ފަރާތުން ވާރަތަކުރި މުދަލެވެ.” ތިމަންކަލޭގެފާނު އެ ފަތްފުށުގައިވާ އެއްޗެއް ކިޔުމަށްފަހު އެ ފަތްތުށް ބޭއްވީމެވެ. ދެންފަހެ ބައްޕަ ގެއަށް ވަތްހިނދު ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ބައްޕާއެވެ. މި ފަތްފުށަކީ ކޮން ފަތްފުށެއްތޯއެވެ؟ އެހިނދު އެކަލޭގެފާނުގެ މޫނުފުޅު ރަތްވެގެން ދިޔައެވެ. އަދި ވިދާޅުވިއެވެ. “ކަލޭގެފާނު އޭތިނަގާށެވެ. އަދި އެފަތްފުށުގެ ޖަވާބާއިގެން ކަލޭގެފާނު ވަޑައިގަންނަވާށެވެ.” އެކަލޭހެފާނު އޭނާއަށް އޭގެ ޖަވާބުގައި މިފަދައިން ލިޔުއްވިއެވެ. “ކަލޭގެ ފަތްފުށް ތިމަންކަލޭގެފާނާހަމަށް އަތުވެއްޖެއެވެ. ތިމަންބޭކަލުން މި އުޅުއްވަނީ ޢާފިޔަތުގައެވެ. އަދި ތިމަންބޭކަލުން ދަރަނި ވެރިވެފައިވަނީ ތިމަންބޭކަލުންނަށް (ދަރަނި ފުއްދުމަށް އެދި) ބާރުނާޅާ އުނދަގޫ ނުކުރާ މީހަކަށެވެ. އަދި ތިމަންކަލޭގެފާނުގެ ޢާއިލާ އުޅުއްވަނީ ނިޢުމަތުގައެވެ. ޙަމްދުހުރީ ﷲ އަށެވެ.””[5]

عبد الله بن أحمد بن حفصة ގެ އަރިހުން ރިވާވެގެންވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“މައްކާއަށް ކުރި ދަތުރެއްގައި މައްކާގެ ގެޔަކަށް ތިމަންބޭކަލުން ފޭބީމެވެ. އެގޭގައި أبو بكر بن سماعةގެ ނަމުން ކުންޔާ ދެވިފައިވާ މުސްކުޅި ބޭކަލަކު އުޅުނެވެ. އެކަލޭގެފާނަކީ މައްކާގެ އަހުލުވެރިއެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ދަތުރެއްގައި ތިމަންބޭކަލުންގެ އަރިހަށް، މިގެއަށް أبو عبد الله (أحمد بن حنبل) ފާބައިވަޑައިގެންނެވިއެވެ. އޭރު ތިމަންކަލޭގެފާނަކީ ކުޑަކުއްޖެކެވެ. ދެންފަހެ ތިމަންކަލޭގެފާނުގެ އަރިހުގައި ތިމަންކަލޭގެފާނުގެ މަންމަ ދެންނެވިއެވެ. ” އެބޭކަލަކާއި އެކީގައި ވާށެވެ. އަދި އެބޭކަލަކަށް ރަނގަޅަށް ޚިދުމަތްދެއްވާށެވެ. އެއީ ވަރަށް ޞާލިޙު ބޭކަލެކެވެ.” ތިމަންކަލޭގެފާނު އެކަލޭގެފާނަށް ޚިދުމަތް ކުރުމުގައި ވީމެވެ. އެކަލޭގެފާނު ޙަދީޘް އުނގެނުމަށްޓަކައި ގެއިން ބޭރަށް ގޮސް އުޅެއެވެ. އެހެން އުޅުމުގެ ތެރޭގައި އެކަލޭގެފާނުގެ ގަމީސްތަކާއި އެކަލޭގެފާނުގެ ހުރިހާ ސާމާނެއް ވަގަކު ވަގަށް ނަގައިފިއެވެ. އެކަލޭގެފާނު ގެއަށް ވަޑައިގަތުމުން ތިމަންކަލޭގެފާނުގެ މަންމަ އެކަލޭގެފާނަށް ދަންނަވާފިއެވެ. “ވަގަކުވަދެ ކަލޭގެފާނުގެ ހުރިހާ ގަމީސްތަކެއް ވަގަށް ނަގައިފިއެވެ.” އެކަލޭގެފާނު ވިދާޅުވިއެވެ. “(ޙަދީޘްތައް ލިޔެފައިވާ) ފަތްފުއްތަކަށް ކަމަނާ ހެއްދެވީ ކިހިނެއްތޯއެވެ؟” އެކަލޭގެފާނަށް މަންމަ ވިދާޅުވިއެވެ. ” ފެހިކުލައިގެ ފޮށައި ތެރޭގައި އެތަކެތި ވާނެއެވެ.” އެނޫން އެހެން އެއްވެސް އެއްޗަކާއި ބެހޭގޮތުން އެކަލޭގެފާނު ސުވާލެއް ނުކުރައްވައެވެ.”[6]

الرماديގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

عبد الرزاق އަޙްމަދު ބުން ޙަންބަލް ގެ ވާހަކަ ޛިކުރުކުރައްވާ ކީރިތިކުރައްވަމުން ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. “ތިމަންކަލޭގެފާނުގެ އަރިހަށް އަޙްމަދު އައެވެ. އަދި އޭރު ތިމަންކަލޭގެފާނަށް ޚަބަރު ލިބިފައިވަނީ އެކަލޭގެފާނުގެ އަތްޕުޅުން ފައިސާ ހުސްވެފާވާ ކަމަށެވެ. ދެން ތިމަންކަލޭގެފާނު ދިހަ ދީނާރުން އޭކަލޭގެފާނަށް ހުށައެޅީމެވެ. ދެން އެކަލޭގެފާނު ހިނިވަރުނަ ކުރައްވާ ވިދާޅުވިއެވެ. “އޭ أبو بكرއެވެ. މީސްތަކުންގެ ކިބައިން ތިމަންކަލޭގެފާނު އެއްޗެއް ޤަބޫލުކުރާނަމަ ކަލޭގެފާނު ދެއްވާއެއްޗެއް ޤަބޫލު ކުރެއްވީމުހެވެ.” އެކަލޭގެފާނު ތިމަންކަލޭގެފާނު ދެއްވި އެއްވެސް އެއްޗެއްގައި ނުހިއްޕަވައެވެ.”[7]

(ނުނިމޭ)


[1]  މޭވާގެވައްތަރެއް

[2]  سيرة الإمام أحمد لأبي الفضل صالح بن أحمد بن حنبل (41)

[3]  المنهج الأحمد (1/11) وذكره أبو نعيم مسندا (9/175)

[4]  السابق (11,12)

[5] أبو نعيم في الحلية (9/178)

[6]  أبو نعيم في الحلية (9/179,180)

[7]  سير أعلام النبلاء للذهبي (11/229)

މިލިޔުމުގެ އެހެންބައިތައް