[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތައްމަތިތަކުން ތެދުވެ ދަމުނަމާދުކުރުމުގެ މުހިއްމުކަން

كيف_نصلي_صلاة_الليل

ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ރަސޫލުﷲ صلى الله عليه وسلم އާއި މުޚާތަބު ކުރައްވައި ވަޙީ ކުރައްވާފައިވަނީ

يَا أَيُّهَا الْمُزَّمِّلُ ﴿١﴾ قُمِ اللَّيْلَ إِلَّا قَلِيلًا ﴿٢﴾ نِّصْفَهُ أَوِ انقُصْ مِنْهُ قَلِيلًا ﴿٣﴾ أَوْ زِدْ عَلَيْهِ وَرَتِّلِ الْقُرْآنَ تَرْتِيلًا ﴿٤﴾ )  سورة المزمل 1،2،3،4( މާނައީ: “އޭ ރަޖާ އަޅުއްވާގެން އޮތް ނަބިއްޔާއެވެ. ރޭގަޑުގެ ކުޑަ ވަގުތުކޮޅެއް ފިޔަވައި ރޭއަޅުކަމަށް ތެދުވެ ވަޑައިގަންނަވާށެވެ. ރޭގަޑުގެ ދެބައިކުޅަ އެއްބައިގައި ރޭއަޅުކަން ކުރައްވާށެވެ. ނުވަތަ އެއަށްވުރެ ތަންކޮޅެއް މަދު ކުރައްވާށެވެ. ނުވަތަ އެއަށްވުރެ އިތުރު ކުރައްވާށެވެ. އަދި ލަސްލަހުން ޤުރުއާން ކިޔަވާ ވިދާޅުވާށެވެ.”

މިއާޔަތްތައް ބާއްވާލެއްވުމުން ރަސޫލުﷲ صلى الله عليه وسلم އާއި އަސްޙާބު ބޭކަލުން އެބޭކަލުންގެ ފައިންޕުޅުތައް ދުޅަވަންދެން ރޭއަޅުކަމުގައި ޤާއިމުވެ ތިއްބެވިއެވެ. މިގޮތުގައި ފުރިހަމަ އެއްއަހަރު ވޭތުވެދިއުމަށްފަހު ﷲ ގެ ރަޙުމަތްވަންތަކަމާއި ޙިކުމަތް ވަންތަކަން ނިއާކުރާ ގޮތުގެ މަތިން މިކަން ލުއި ކުރެއްވުމުގެ އާޔަތް ބާވާލެއްވއެވެ.

އެއާޔަތަކީ (إِنَّ رَبَّكَ يَعْلَمُ أَنَّكَ تَقُومُ أَدْنَىٰ مِن ثُلُثَيِ اللَّيْلِ وَنِصْفَهُ وَثُلُثَهُ وَطَائِفَةٌ مِّنَ الَّذِينَ مَعَكَ ۚ وَاللَّـهُ يُقَدِّرُ اللَّيْلَ وَالنَّهَارَ ۚ عَلِمَ أَن لَّن تُحْصُوهُ فَتَابَ عَلَيْكُمْ ۖ فَاقْرَءُوا مَا تَيَسَّرَ مِنَ الْقُرْآنِ ۚ…) (سورة المزمل  20) މާނައީ : ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުންކުރެ ބަޔަކު، ރޭގަނޑުގެ ތިންބައިކުޅަ ދެބަޔަށްވުރެ މަދުންނާއި، އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައާއި، އަދި އެ ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގައި، ރޭއަޅުކަން ކުރެއްވުމަށް ތިއްބަވާކަން ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ރޭގަނޑާއި، ދުވާލުގެ ވަގުތުތައް މިންވަރު ކުރައްވަނީ اللَّه އެވެ. މުޅި ރޭގަނޑު، ރޭއަޅުކަމުގައި قائم ވެ ތިބުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެން ނުވާނެކަން އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، ތިޔަބައިމީހުންގެ މައްޗަށް އެކަން عفو ކުރައްވައި ލުއިކުރައްވައިފިއެވެ. ފަހެ، قرآن ން ފަސޭހަވީ މިންވަރެއް ތިޔަބައިމީހުން ކިޔަވާށެވެ!”

 

މިއާޔަތުގައި އެނގޭ ގޮތުގައި ޤުރުއާނުން ފަސޭހަ މިންވަރެއް ކިޔަވައި، ނަމާދު ޤާއިމުކުރުމަށް ﷲ ވަނީ އަމުރުކުރައްވާފައިވެއެވެ. އަދި ﷲ ގެ ރަޙުމަތުން މިއުއްމަތުގެ މީހުންގެ މައްޗަށް ލުއިކުރައްވާ ރޭއަޅުކަން ކުރުމަކީ ސުންނަތެއް ކަމުގައި ލެއްވިއެވެ. ނަމަވެސް ރަސޫލުﷲ صلى الله عليه وسلم ގެ ރިސާލަތުގެ ބުރަ މަސްޢޫލިއްޔަތާ އެކުވެސް ރޭއަޅުކަން ކުރެއްވުމުގައި އެކަލޭގެފާނު ދެމިހުންނެވިއެވެ. ރޭގަނޑުގެ ދަންވަރުގެ ހަމަހިމޭންކަމުގެ ތެރޭގައި ރަސޫލުﷲ صلى الله عليه وسلم ހައްދަވައި ބޮޑުކުރެއްވި ރައްބަށް މުނާޖާ ދެންނެވުމުގައި ޤާއިމްވެ ހުންނެވިއެވެ.

 ރޭއަޅުކަމަކީ، ނުވަތަ ތަޙައްޖުދު ނަމާދަކީ ރަސޫލުﷲ صلى الله عليه وسلم ގެ މައްޗަށް ﷲ ތަޢާލާ ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. ނަމަވެސް އުއްމަތުގެ މީހުންގެ މައްޗައް އެއީ ގަދަވެގެންވާ ސުންނަތެކެވެ.

ރޭއަޅުކަމަކީ ރޭގަޑުގެ ހަމަހިމޭންކަމުގެ ތެރޭގައި މުޅިދުނިޔެ ޣާފިލުކަމުގެ ނިދީން ނިދާފައި ވަނިކޮށް ތެދުވެ، ﷲ ތަޢާލާ ހަދުމަކޮށް އެއިލާހައް އަޅުކަން ކުރުމެވެ. ފާފަފުއްސެވުމަށް އެދި އެއިލާހައް ދެންނެވުމެވެ. ﷲ ތަޢާލާ ގެ ހަޟުރަތައް އިސްތިޣްފާރުކޮށް އެއިލާހުގެ ރަޙުމަތްތައް އެދި ދެންނެވުމެވެ.

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ރޭގަޑުގެ ޢިޝާ ނަމާދަށްފަހު ނުނިދާ ބޭކާރު ވާހަކައިގައި ނުވަތަ ބޭކާރު ކަންކަމުގައި ވަގުތުތައް ހޭދަކޮށްލާ މީހުންނެވެ. ރޭގަޑުގެ އެކެއް ޖަހަންދެން ނުވަތަ ދޭއް ޖަހަންދެން ހޭލާއުޅޭ މީހުންނެވެ. ނަމަވެސް ރަސޫލުﷲ صلى الله عليه وسلم ރުހިވަޑައި ނުގަންނަވާ ކަންތައްތަކުގެ ތެރޭގައި މަޣްރިބް ނަމާދަށް ފަހު އިޝާ ނާމާދު ކުރީގައި ނިދުމާއި އަދި ޢިޝާ ނަމާދަށް ފަހު ބޭކާރު ގޮތުގައި ހޭލާ އުޅުން ހިމެނެވެ. އެހެންނަމަވެސް ޢިޝާ ނަމާދަށް ފަހުވެސް ﷲ އަށް ޛިކުރުކޮށް އަޅުކަންކުރަން ތިބޭ މީހުންނާއި، ދީނީ ތަޢުލީމު ހާސިލުކުރަން ނުވަތަ އުގަންނައިދޭން ތިބޭ މީހުންނާއި އަދި އަބިމީހާގެ ގާތުގައި ހިތްހަމަޖައްސާލަން ތިބޭ މީހުން މީގެ ތެރެއިން އިސްތިސްނާވެގެންވެއެވެ.

ރޭއަޅުކަމުގެ މާތްކަމާއިމެދު ކީރިތި ޤުރުއާނުގެ ވަރަށް ގިނަ އާޔަތްތައް އައިސްފައިވެއެވެ.

ﷲ ތަޢާލާ ސަޖިދަ ސޫރަތުގައި ވަޙީ ކުރައްވާފައިވަނީ

تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿١٦﴾ فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ﴿١٧﴾ (سورة السجدة 17،16) މާނައީ: “ޢަޛާބަށް ބިރުވެތިވެ، ޘަވާބަށް ދަހިވެތިވެ،  އެބައިމީހުންގެ ވެރި ރައްބަށް ދުޢާކުރާ ޙާލު، އެބައިމީހުންގެ އަރިކަށިތައް ދާންމަތި ތަކާއި ފޭވެގެންވެއެވެ. (އެބަހީ؛ ނިދިދޫކޮށްލައި ތައްމަތިތަކުން ތެދުވެ ރޭއަޅުކަން ކުރެތެވެ.) އަދި އެބައިމީހުންނަށް ތިމަން ﷲ ދެއްވި ތަކެތިން ހޭދަ ކުރެތެވެ. އެމީހުންނަށް ޓަކައި ފޮރުވިގެންވާ ދަރުމައާއި ޘަވާބުއެއީ އެއްވެސް ނަފްސަކަށް އިގިގެންވާ އެއްޗެއްނޫނެވެ. އެއީ އެމީހުން އެކުޅަ ޢަމަލުތަކުގެ ހެޔޮ ޖަޒާއެވެ.”

މުޢާޛް ބުނު ޖަބަލް (ރަޟިޔަﷲ ޢަންހު) ވިދާޅުވެފައި ވަނީ: ރަސޫލުﷲ صلى الله عليه وسلم ތިމަންނައަށް ވިދާޅުވިއެވެ. ألا أدلك على أبواب الخير ؟ الصوم جنّة ، والصدقة تطفيء الخطيئة كما يُطفيء الماء النار ، وصلاة الرجل في جوف الليل  “ކަލޭގެފާނަށް ތިމަންކަލޭގެފާނު ހެޔޮކަމުގެ ދޮރުތައް ދައްކަވަންހެއްޔެވެ؟ ރޯދައަކީ ރައްކައުތެރި ކަމެކެވެ. ޞޮދަޤާތަކީ ފާފަތައް ނިއްވާލާކަމެކެވެ. އެއީ ފެނުން އަލިފާންނިވޭ ފަދައިންނެވެ. އަދި ރޭގަޑުގެ ތެރޭގައި މީހަކު ކުރާ ނަމާދެވެ. އެހެން ހަދީޘްކުރުމަށްފަހު  މިއާޔަތް ކިޔަވާ ވިދާޅުވިއެވެ.

تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿١٦﴾ فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ﴿١٧﴾ މާނައީ: “ޢަޛާބަށް ބިރުވެތިވެ، ޘަވާބަށް ދަހިވެތިވެ،  އެބައިމީހުންގެ ވެރި ރައްބަށް ދުޢާކުރާ ޙާލު، އެބައިމީހުންގެ އަރިކަށިތައް ދާންމަތި ތަކާއި ފޭވެގެންވެއެވެ. (އެބަހީ؛ ނިދިދޫކޮށްލައި ތައްމަތިތަކުން ތެދުވެ ރޭއަޅުކަން ކުރެތެވެ.) އަދި އެބައިމީހުންނަށް ތިމަން ﷲ ދެއްވި ތަކެތިން ހޭދަ ކުރެތެވެ. އެމީހުންނަށް ޓަކައި ފޮރުވިގެންވާ ދަރުމައާއި ޘަވާބުއެއީ އެއްވެސް ނަފްސަކަށް އިގިގެންވާ އެއްޗެއްނޫނެވެ. އެއީ އެމީހުން އެކުޅަ ޢަމަލުތަކުގެ ހެޔޮ ޖަޒާއެވެ.”

ޔާﷲ އަޅަމެންނަކީ އަރާމު ތައްމަތިތަކުން ތެދުވެ ރޭ އަޅުކަންކުރާ ބައެއްކަމުގައި ލައްވާށި! امين.