ސުވާލު: ޟުޙާ ނަމާދު ދާއިމީ ގޮތެއްގައި ކުރާނަމަ ކުރާނީ ކިތައް ރަކުޢަތް ހެއްޔެވެ؟ ރަސޫލުﷲ صلى الله عليه وسلم ކުރެއްވިފަދައިން އަށް ރަކުޢަތް ހެއްޔެވެ؟ އަދި އެ ނަމާދުގައި ކިޔަވަނީ ކޮން ސޫރަތްތަކެއް ހެއްޔެވެ؟ ފާތިޙާއަށް ފަހު ފަށާނީ وَالشَّمْسِ ނުވަތަ وَالضُّحَىٰ އިން ހެއްޔެވެ؟
ޖަވާބު: ޟުޙާ ނަމާދަކީ ގަދަވެގެންވާ ސުންނަތެކެވެ. ނަބިއްޔާ صلى الله عليه وسلم އެނަމާދު ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ އަޞްޙާބުންނަށް އެނަމާދު ކުރުމަށް އިރުޝާދު ދެއްވިއެވެ. އެނަމާދުގެ މަދު މިންވަރަކީ ދެ ރަކުޢަތެވެ. ތިބާ އެ ދެ ރަކުޢަތް ކުރުމަށް ރައްކާތެރިވުމުން އެނަމާދު އަދާކުރެވުނީއެވެ. ހަތަރެއް، ހައެއް، އަށެއް ނުވަތަ އެއަށްވުރެ ގިނަ ރަކުޢަތް ކުރިކަމުގައިވިޔަސް މައްސަލައެއް ނެތެވެ. އެނަމާދަށް ވަކި ޢަދަދަކަށް ރަކުޢަތްކުރުމަށް ޙައްދެއް ކަނޑައެޅިފައެއް ނުވެއެވެ. ތިބާއަށް ފަސޭހަ މިންވަރަކަށް ކުރުމުން ފުދޭނެއެވެ. ނަމަވެސް ނަބިއްޔާ صلى الله عليه وسلم ދެ ރަކުޢަތް ކުރެއްވިއެވެ. އަދި ހަތަރު ރަކުޢަތްވެސް ކުރެއްވިއެވެ. އަދި މައްކާ ފަތަޙަ ކުރެއްވި ދުވަހު އަށް ރަކުޢަތް ކުރެއްވިއެވެ. ފަހެ، މިކަމުގައި މާބޮޑު މައްސަލައެއް ނެތެވެ.
ޞަޙީޙު މުސްލިމް ގައި ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާކުރައްވާފައިވެއެވެ.
((كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلِّي الضُّحَى أَرْبَعًا، وَيَزِيدُ مَا شَاءَ اللهُ)) [رواه مسلم في (صلاة المسافرين) برقم (1175)، وابن ماجه في (إقامة الصلاة) برقم (1371)، والإمام أحمد في (باقي مسند الأنصار) برقم (25084)]
މާނައީ: “ނަބިއްޔާ صلى الله عليه وسلم ޟުޙާ ނަމާދުގެ ހަތަރު ރަކުޢަތް ކުރައްވައެވެ. އަދި ﷲ އިރާދަކުރެއްވި މިންވަރަކަށް އިތުރު ކުރައްވައެވެ.”
ޞަޙީޙު މުސްލިމް އާއި ޞަޙީޙު ބުޚާރީގައި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާކުރައްވާފައިވެއެވެ.
أَوْصَانِي خَلِيلِي صَلَّى اللهُ عَلَيْهِ وَسَلَّمَ بِثَلَاثٍ: ((بِصِيَامِ ثَلَاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ، وَرَكْعَتَيِ الضُّحَى، وَأَنْ أُوتِرَ قَبْلَ أَنْ أنام)) [رواه البخاري في (الصوم) برقم (1845) واللفظ له، ومسلم في (صلاة المسافرين) برقم (1182)]
މާނައީ: “ތިމަންކަލޭގެފާނުގެ ޚަލީލު ތިމަންކަލޭގެފާނަށް ތިން ކަމަކަށް ވަޞިއްޔަތް ކުރެއްވިއެވެ. ކޮންމެ މަހެއްގައި ތިން ދުވަހު ރޯދަ ހިފުމާއި ޟުޙާ ނަމާދުގެ ދެ ރަކުޢަތް ކުރުމާއި، ނިދުމުގެ ކުރިން ވިތުރި ކުރުމަށެވެ.”
މައްކާ ފަތަޙަކުރެއްވި ދުވަހު ނަބިއްޔާ صلى الله عليه وسلم ޟުޙާ ނަމާދުގެ އަށް ރަކުޢަތް ކުރައްވަނިކޮށް އުންމު ހާނީ رضي الله عنها ދެކެވަޑައިގަތްކަމަށް އެކަމަނާގެ އަރިހުން ޞަޙީޙު މުސްލިމް އާއި ޞަޙީޙު ބުޚާރީގައި ރިވާކުރައްވާފައިވެއެވެ. [رواه البخاري في (الصوم) برقم (344)، ومسلم في (صلاة المسافرين) برقم (1177)]
ފަހެ، އަށެއް، ދިހައެއް، ބާރަ ނުވަތަ އެއަށްވުރެ ގިނައިން ނުވަތަ މަދުން ރަކުޢަތް ކުރުމަކީ މައްސަލައެއް ނޫންކަން އަންނަނިވި ޙަދީޘުން އެނގެއެވެ.
((صَلَاةُ اللَّيْلِ وَالنَّهَارِ مَثْنَى مَثْنَى)) [رواه الإمام أحمد في (مسند المكثرين من الصحابة) برقم (4776)، ورواه الترمذي في (الصلاة) برقم (424) و (429)، وفي الجمعة برقم (597)، والنسائي في (قيام الليل وتطوع النهار) برقم (1666). وأبو داود في (الصلاة) برقم (1295)، وابن ماجه في (إقامة الصلاة والسنة فيها) برقم (1322)]
މާނައީ: “ރޭގަނޑާއި ދުވާލު ދެ ރަކުޢަތުން ދެ ރަކުޢަތުން ނަމާދު ކުރާށެވެ.”
ފަހެ، ސުންނަތް ގޮތަކީ ކޮންމެ ދެރަކުޢަތަކުން ސަލާމްދެމުން ދެ ރަކުޢަތުން ދެ ރަކުޢަތުން ނަމާދުކުރުމެވެ. ޟުޙާ ނަމާދުގެ އެންމެ މަދު މިންވަރަކީ ދެ ރަކުޢަތެވެ. އެއީ އިރު އެރީއްސުރެ އިރު މެދު ޖެހުމާ ހަމައަށެވެ. ޟުޙާގެ ވަޤުތަކީ އެއީއެވެ. އެންމެ ރަނގަޅު ގޮތަކީ އިރުގެ ހޫނު ގަދަވެގަންނަ ވަޤުތު އެ ނަމާދު ކުރުމެވެ. އެއީ އަންނަނިވި ޙަދީޘްގައިވާ ފަދައިންނެވެ.
((صَلَاةُ الْأَوَّابِينَ حِينَ تَرْمَضُ الْفِصَالُ)) [رواه مسلم في صحيحه]
މާނައީ: “ކިޔަމަންތެރިންގެ ނަމާދުވަނީ (އެބަހީ: ޟުޙާނަމާދުވަނީ) ހޫނުކަން ގަދަވެގަންނަ ވަޤުތެވެ.”
އޭގެ މުރާދަކީ ޅަޖަމަލުތަކަށް ބިންގަނޑުގެ ހޫނުކަން އިޙުސާސްވާ ގަޑިއެވެ. (1)
ފަހެ، އެނަމާދު އެއް ދުވަހު ކޮށްފައި އަނެއް ދުވަހު ދޫކޮށްލުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ދާއިމީ ގޮތެއްގައި އެނަމާދު ކުރުމެވެ. އެއީ އަންނަނިވި ޙަދީޘްގައިވާ ފަދައިންނެވެ.
((أَنَّ أَحَبَّ الْعَمَلِ إِلَى اللهِ أَدْوَمُهُ وَإِنْ قَلَّ)) [رواه البخاري في (الرقاق) برقم (5983)، ومسلم في (الصيام) برقم (1958) واللفظ له]
މާނައީ: “ހަމަކަށަވަރުން ﷲ އެންމެ ލޯބިވެވޮޑިގެންވާ ޢަމަލަކީ ކިޔަންމެ މަދުވިޔަސް ދާއިމީގޮތެއްގައި ކުރާ ކަންކަމެވެ.”
ފަހެ، އެންމެ ހެޔޮވެގެންވަނީ ދާއިމީ ގޮތެއްގައި ކުރުމެވެ. ދާއިމީގޮތެއްގައި ޟުޙާ ނަމާދު ދޫކޮށްލައިފި މީހަކު ނުވަތަ ބައެއް ދުވަސް ދުވަހު އެނަމާދު ދޫކޮށްލައިފި މީހެއްގެ މައްޗަށް އެއްވެސް ކަމެއް ނެތެވެ. އެހެނީ އެއީ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ. ﷲ އަށް ޙަމްދު ހުއްޓެވެ.
ދެންފަހެ، ސުންނަތްވެގެން ވަނީ ފާތިޙާ ސޫރަތާއެކު އެމީހަކަށް ފަސޭހަވެގެންވީ މިންވަރަކަށް ސޫރަތްތަކެއް ނުވަތަ އާޔަތްތަކެއް ކިޔެވުމެވެ. ކިޔެވުމަށް ވަކި މިންވަރެއް ކަނޑައެޅިފައެއް ނުވެއެވެ. ވާޖިބުވެގެންވަނީ ފާތިޙާ ސޫރަތް ކިޔެވުމެވެ. އޭގެ އިތުރަށް ކިޔަވާ ކިޔެވުމަކީ ސުންނަތެވެ. ފަހެ، وَالشَّمْسِ وَضُحَاهَا ނުވަތަ وَاللَّيْلِ إِذَا يَغْشَىٰ ނުވަތަ وَالضُّحَىٰ ނުވަތަ أَلَمْ نَشْرَحْ ނުވަތަ وَالتِّينِ ނުވަތަ اقْرَأْ ނުވަތަ އެނޫން ސޫރަތްތަކެއް ކިޔެވިކަމުގައި ވިޔަސް މައްސަލައެއް ނެތެވެ. ނުވަތަ ވަކި ޢަދަދަކަށް އާޔަތްތަކެއް ނުވަތަ ފާތިޙާ ސޫރަތަށް ފަހު އެންމެ އާޔަތެއް ކިޔެވިކަމުގައިވިޔަސް މައްސަލައެއް ނެތެވެ. މިހުރިހާ ގޮތެއްވެސް ރަނގަޅެވެ.
والحمد لله. وفق الله الجميع.
__________________________________________________
ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒު رحمه الله
(ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ(
(1) މިޙަދީޘްގައި “ޅަޖަމަލުތަކުގެ” ވާހަކަ މިފަދައިން ބަޔާންކުރައްވާފައިވާ ސަބަބަކީ އިރުގެ ހޫނު ގަދަވެގަންނަ ވަޤުތަކީ ވެލިގަނޑު ހޫނުވުމުން ޅަ ޖަމަލުތަކުގެ ފައި ފިހިގެންދާ ވަޤުތެއްކަމުގައި ވާތީއެވެ. އެއީ އެސޮރުމެންގެ ބަލިކަށިކަމުންނެވެ. ބައްލަވާ: https://islamqa.info/ar/2626
ޟުޙާ ނަމާދު ކުރެވޭނެ އެންމެ ފުރަތަމަ ވަގުތަކީ އިރުއެރުމަށްފަހު، ގާތްގަނޑަކަށް 15 މިނެޓު ފަހުންނެވެ. އަދި އެންމެ ފަހު ވަގުތަކީ މެންދުރު ނަމާދުގެ ގާތްގަނޑަކަށް 20 މިނެޓު ކުރިންނެވެ. ބައްލަވާ: فتاوى نور على الدرب/ مجلد 10/ كتاب الصلاة