[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޒަކާތާބެހޭ ފިޤްހު (5): ޒަކާތް ވާޖިބުވުމުގެ ޝަރުޠުތައް

ޒަކާތް ވާޖިބުވުމުގެ ޝަރުޠުތައް:

ފުރަތަމައީ؛ އިސްލާމަކުކަމުގައިވުން

ޒަކާތް ވާޖިބުވާނީ މުސްލިމުންގެ މައްޗަށެވެ. އަދި އެއްވެސްގޮތަކަށް އިސްލާމްނުވެހުރި ކާފަރެއްގެ މައްޗަށް ޒަކާތްދިނުމެއް ނުވެއެވެ.

ދަލީލުތައް:
ފުރަތަމައީ؛ ޤުރުއާނުން

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِمْ بِهَا)) (التوبة: 103) މާނައީ: “އޭގެސަބަބުން ކަލޭގެފާނު އެބައިމީހުން ޠާހިރުކުރައްވާނޭ، އަދި އެބައިމީހުންގެ ހެޔޮކަން އިތުރުކޮށްދެއްވާނޭ ޞަދަޤާތެއް، އެބައިމީހުންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ!”

ދަލީލުނެގޭ ގޮތް:

މި އާޔަތުގައި ޒަކާތްނެރުމުގެ ޚިޠާބު އައިސްފައި އެވަނީ މުސްލިމުންނަށެވެ. އެހެނީ، އެ ޒަކާތުގެ ސަބަބުން އެބައެއްގެ ނަފްސުތައް ޠާހިރުވާނޭ، އަދި ހެޔޮކަން އިތުރުވާނޭ ބަޔަކީ މުސްލިމުންނެވެ.(1)

ދެވަނައީ؛ ސުންނަތުން

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެފައިވެއެވެ. މުޢާޛު ބުން ޖަބަލް ރަޟިޔަﷲ ޢަންހު ޔަމަނަށް ފޮނުއްވަވަން ގާތްވިހިނދު ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((ادْعُهُمْ إِلَى شَهَادَةِ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنِّي رَسُولُ اللَّهِ، فَإِنْ هُمْ أَطَاعُوا لِذَلِكَ فَأَعْلِمْهُمْ أَنَّ اللَّهَ قَدْ افْتَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي كُلِّ يَوْمٍ وَلَيْلَةٍ، فَإِنْ هُمْ أَطَاعُوا لِذَلِكَ فَأَعْلِمْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ صَدَقَةً فِي أَمْوَالِهِمْ تُؤْخَذُ مِنْ أَغْنِيَائِهِمْ وَتُرَدُّ عَلَى فُقَرَائِهِمْ))(2) މާނައީ: “ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާކަމަށާއި، ތިމަންކަލޭގެފާނަކީ ﷲގެ ރަސޫލާކަމަށް ހެކިވުމަށް އެބައިމީހުންނަށް ތިބާ ގޮވާލައްވާށެވެ. ފަހެ، އެކަމުގައި އެބައިމީހުން ތިބާއަށް ކިޔަމަންތެރިވެއްޖެނަމަ، ﷲ ވަނީ އެބައިމީހުންގެ މައްޗަށް ރެއަކާއިދުވާލަކު ފަސްނަމާދު ފަރުޟުކުރެއްވިކަން އަންގަވާށެވެ. ފަހެ، އެކަމުގައި އެބައިމީހުން ތިބާއަށް ކިޔަމަންތެރިވެއްޖެނަމަ، އެބައިމީހުންގެ މައްޗަށް ﷲ ޒަކާތް ފަރުޟު ކުރެއްވިކަން އަންގަވާށެވެ. އެ ޒަކާތް ނެގޭނީ އެބައިމީހުންގެ ތެރެއިން މުއްސަނދިންގެ އަތުންނެވެ. އަދި އެ ޒަކާތް ދެވޭނީ އެބައިމީހުންގެ ތެރެއިންވާ ފަޤީރުންނަށެވެ.”

ދަލީލުނެގޭ ގޮތް:

ޒަކާތްދިނުމަށް އަމުރުކުރުމަށް އަންގަވާފައި އެވަނީ އިސްލާމްދީނަށް ވަނުމުގައި ކިޔަމަންގަތްފިކަމުގައި ވާނަމައެވެ. އަދި ((أَغْنِيَائِهِمْ)) މި ޢިބާރާތުގައިވާ ޟަމީރު ރައްދުވަނީ ކިޔަމަންގަނެ، އިސްލާމްދީނަށް ވަދެއްޖެ މީހުންނަށެވެ. އަދި ހަމަމިގޮތަށް އެބައިމީހުންގެ ތެރޭގައިވާ ފަޤީރުންނަކީވެސް ކިޔަމަންގަނެ، އިސްލާމްދީނަށް ވަދެއްޖެ މީހުންނެވެ.(3)

ތިންވަނައީ؛ އިޖުމާޢުން

މުސްލިމެއްގެ މައްޗަށް ޒަކާތް ވާޖިބުވެގެންވާކަމަށް އަންނަވަވީއާއި،(4) އިބްނު ރުޝްދު(5) އިޖުމާޢު ގެންނަވާފައިވެއެވެ. އަދި ކާފަރެއްގެ މައްޗަށް ޒަކާތް ދިނުމެއް ނުވާކަމަށް އިބްނު ޙަޒްމުއާއި،(6) އިބްނު ޤުދާމާ(7) އިޖުމާޢު ގެންނަވާފައިވެއެވެ.

ހަތަރުވަނައީ؛ ޒަކާތަކީ އަޅުކަމަކަށްވުމާއެކު، ކާފަރެއްގެ ކިބައިން އަޅުކަމެއް ޙާޞިލެއްނުވާނެއެވެ.(8)

__________________________

(1) ينظر: ((المحلى)) لابن حزم (4/4) رقم (638)، ((الجامع لأحكام القرآن)) للقرطبي (8/124).

(2) رواه البخاري (1395)، ومسلم (19).

(3) ينظر: ((المحلى)) لابن حزم (4/4) رقم (638).

(4) އަންނަވަވީ ވިދާޅުވެފައިވެއެވެ. “ކުޑަކުދިންނާއި މޮޔައިން ފިޔަވައި، މިނިވަން މުސްލިމެއްގެ މައްޗަށް ޒަކާތް ވާޖިބުވެގެންވާކަން ކީރިތި ޤުރުއާނާއި ސުންނަތާއި އިޖުމާޢުން އައިސްފައިވާ ޢާއްމު ދަލީލުތަކުން ސާފުކޮށް އެނގެއެވެ.” ((المجموع)) (5/326).

(5) އިބްނު ރުޝްދު ވިދާޅުވެފައިވެއެވެ. “ޒަކާތް ވާޖިބުވެގެންވާ މީހުން ދަންނައެވެ. ފަހެ، ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވާގޮތުގައި ޒަކާތް ވާޖިބުވެގެންވަނީ ބުއްދި ސަލާމަތުން ހުރި، މުދާ ފުރިހަމައަށް ލިބިފައިވާ މުދަލަށް ނިޞާބު ހަމަވެފައިވާ ކޮންމެ މުސްލިމެއްގެ މައްޗަށެވެ.” ((بداية المجتهد)) (1/245).

(6) އިބްނު ޙަޒްމު ވިދާޅުވެފައިވެއެވެ. “އަދި އެބޭކަލުން އިއްތިފާޤުވެވަޑައިގެންފައިވާގޮތުގައި ކާފަރެއްގެ މުދަލުން ޒަކާތް ނެރުމެއް އެމީހާގެ މައްޗަކަށް ނުވެއެވެ. އިސްތިޘްނާވެގެންވަނީ އެމީހާގެ ބިމެއްގައި ހެދޭ ގޮވާމާމެދުގައެވެ. އެމީހާގެ ގޮވާމުން ދިހަބައިކުޅަ އެއްބައި ނަގާނީތޯ ނުވަތަ ނޫންތޯ އާމެދު ޢިލްމުވެރިން ވަނީ އިޚްތިލާފުވެފައެވެ. އަދި ބަނީ ތަޣްލިބު ޤަބީލާގެ ނަޞާރާއިންގެ މުދާތައް އިސްތިޘްނާވެގެންވެއެވެ. އެބައިމީހުންގެ އަތުން ޞަދަޤާތް ނަގާއިރު އިތުރުކޮށްގެން ޞަދަޤާތް ނަގާނީތޯ ނުވަތަ ނޫންތޯއާމެދު ޢިލްމުވެރިން ވަނީ އިޚްތިލާފުވެފައެވެ.” ((مراتب الإجماع)) (ص: 37).

(7) އިބްނު ޤުދާމާ ވިދާޅުވެފައިވެއެވެ. “ކާފަރުމީހާ ދަންނައެވެ! އޭނާގެ މައްޗަށް ޒަކާތްދިނުމެއް ނެތްކަމާމެދަކު ޚިލާފެއްނެތެވެ.” ((المغني)) (2/464).

([8]) ((فتح القدير)) للكمال ابن الهمام (2/154).

________________________

ޒަކާތާބެހޭ ފިޤްހުގެ ކުރީގެ ލިޔުންތައް