ދެވަނައީ؛ މިނިވަނަކުކަމުގައިވުން
ޒަކާތް ވާޖިބުވުމުގެ ޝަރުޠުތަކުގެ ތެރޭގައި މުދަލުގެ ވެރިފަރާތަކީ މިނިވަނަކު ކަމުގައިވުން ޝަރުޠުވެގެންވެއެވެ.
ދަލީލު:
ޒަކާތްދިނުން ވާޖިބުވެގެންވަނީ މިނިވަނުންގެ މައްޗަށްކަމުގައި އަންނަވަވީއާއި،(1) އިބްނު ރުޝްދު(2) އިޖްމާޢު ގެންނަވާފައިވެއެވެ.
ފުރަތަމަ ފަރުޢު: އަޅަކު ޒަކާތްދިނުމުގެ ޙުކުމް
އަޅަކު، އޭނާގެ މުދަލުން ޒަކާތްދިނުމެއް ނުވެއެވެ. މިއީ ފިޤްހީ ހަތަރު މަޛްހަބުކަމުގައިވާ ޙަނަފީ،(3) މާލިކީ،(4) ޝާފިޢީ،(5) އަދި ޙަންބަލީ(6) މަޛްހަބުގައި އިއްތިފާޤުވެފައިވާ ކަމެކެވެ. އަދި މިއީ ގިނަ ޢިލްމުވެރިންގެވެސް ބަސްފުޅެވެ.(7) އަދި މިކަމަށް އިޖުމާޢު އައިސްފައިވާކަމުގައި ބުނެވިފައިވެއެވެ.(8) އެއީ އަންނަނިވި ސަބަބުތަކާހުރެއެވެ.
- އަޅެއްގެ މިލްކުގައި އެއްޗެއް ނުވުމެވެ.(9)
- ޒަކާތަކީ މިލްކުކޮށްދެވޭ އެއްޗެއްކަމަށްވުމާއެކު، އަމިއްލަ ނަފްސަށް އެއްޗެއް މިލްކުނުކުރެވޭ މީހަކަށް އެހެންމީހަކަށް އެއްޗެއް މިލްކުކޮށެއް ނުދެވޭނެއެވެ.(10)
ދެވަނަ ފަރުޢު: މިނިވަންވުމަށް އެއްބަސްވެވިފައިވާ އަޅަކު ޒަކާތްދިނުމުގެ ޙުކުމް
މިނިވަންވުމަށް އެއްބަސްވެވިފައިވާ އަޅެއްގެ މުދަލުން ޒަކާތްދިނުން ވާޖިބުވެގެންނުވެއެވެ.(11) މިކަމަށް އިޖުމާޢު އައިސްފައިވާކަމުގައި ބުނެވިފައިވެއެވެ.(12) އެހެނީ، މިނިވަންވުމަށް އެއްބަސްވެވިފައިވާ އަޅަކީ ފުރިހަމައަށް މިލްކުވާނެ މީހެއްނޫނެވެ. އަދި ބާކީ ދިރުހަމެއްގެ މިންވަރު އޮތަސް އަޅެއްގެ ދަރަޖައިން ފިލައިނުދާނެއެވެ.(13)
________________________
(1) އަންނަވަވީ ވިދާޅުވެފައިވެއެވެ. “ކުޑަކުދިންނާއި މޮޔައިން ފިޔަވައި، މިނިވަން މުސްލިމެއްގެ މައްޗަށް ޒަކާތް ވާޖިބުވެގެންވާކަން ކީރިތި ޤުރުއާނާއި ސުންނަތާއި އިޖުމާޢުން އައިސްފައިވާ ޢާއްމު ދަލީލުތަކުން ސާފުކޮށް އެނގެއެވެ.” ((المجموع)) (5/326).
(2) އިބްނު ރުޝްދު ވިދާޅުވެފައިވެއެވެ. “ޒަކާތް ވާޖިބުވެގެންވާ މީހުން ދަންނައެވެ. ފަހެ، ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވާގޮތުގައި ޒަކާތް ވާޖިބުވެގެންވަނީ ބުއްދި ސަލާމަތުން ހުރި، މުދާ ފުރިހަމައަށް ލިބިފައިވާ މުދަލަށް ނިޞާބު ހަމަވެފައިވާ ކޮންމެ މުސްލިމެއްގެ މައްޗަށެވެ.” ((بداية المجتهد)) (1/245).
(3) ((حاشية ابن عابدين)) (2/259)، ((تبيين الحقائق)) للزيلعي (1/253).
(4) މާލީކީ މަޛްހަބުގެ ޢިލްމުވެރިން ވިދާޅުވާގޮތުގައި، އަޅެއްގެ މައްޗަށާއި، ސާހިބުމީހާ އަޅުމީހާއަށް މިލްކުކޮށްދޭ މުދަލުންވެސް ޒަކާތް ދިނުމެއް ނުވެއެވެ. ((مواهب الجليل)) للحطاب (3/150)، ((منح الجليل)) لعليش (2/4).
(5) ((المجموع)) للنووي (5/326)، ((نهاية المحتاج)) للرملي(3/125). ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިން، ސާހިބުމީހާ އަޅުމީހާއަށް މިލްކުކޮށްދޭ މުދަލުން ޒަކާތްދިނުން ވާޖިބުކުރައްވައެވެ. އެހެންނަމަވެސް، ޒަކާތްނެރުން ވާޖިބުވާނީ ސާހިބުމީހާގެ މައްޗަށެވެ. އަޅުގެ މައްޗަކަށް ނޫނެވެ. انظر ((المجموع)) للنووي (5/326).
(6) ((كشاف القناع)) للبهوتي (2/168)، ((الإنصاف)) للمرداوي (3/7) . ޙަންބަލީ މަޛްހަބުގައި ސާހިބުމީހާއާއި އަޅާއާ ދެމީހުންކުރެ އެކެކެއްގެ މައްޗަށްވެސް ޒަކާތް ދިނުމެއް ނުވެއެވެ. انظر ((الإنصاف)) للمرداوي (3/7).
(7) އިބްނު ޤުދާމާ ވިދާޅުވެފައިވެއެވެ. “… ފުރިހަމައަށް މިލްކުވާ، މިނިވަން މުސްލިމެއްގެ މައްޗަށް މެނުވީ ޒަކާތް ވާޖިބުވެގެންނުވެއެވެ. މިއީ ގިނަ ޢިލްމުވެރިންގެ ބަސްފުޅެވެ. އަދި މިކަމުގައި ޢަޠާއުއާއި އަބުޘަޥްރުގެ ކިބައިން މެނުވީ ޚިލާފެއް އައިސްފައިވާކަމެއް ތިމަންމެނަށް އެނގިގެނެއްނުވެއެވެ. ފަހެ، އެދެބޭފުޅުން ވިދާޅުވެލައްވަނީ: އަޅެއްގެ މައްޗަށް އޭނާގެ މުދަލުން ޒަކާތްދިނުން ވާކަމުގައެވެ.” ((المغني)) لابن قدامة (2/464).
(8) އަލްޚަރަޝީ ވިދާޅުވެފައިވެއެވެ. “އަޅުންނާއި، އަޅަކާ އެއްފަދަ މީހެއްގެ މުދަލުން، ނުވަތަ ނަޢަމްސޫފިން، ނުވަތަ ގޮވާމުން ޒަކާތްދިނުމެއް ނުވެއެވެ. އަދި އެމީހާ ވިޔަފާރިއަށް ބޭނުންކުރާ އެއްޗަކުންވެސް ޒަކާތްދިނުމެއް ނެތްކަމާމެދަކު ޚިލާފެއްނެތެވެ. އެއީ އެމީހަކީ މުދާގެ މިލްކުވެރިކަން ލިބިގެންވާމީހަކަށް ނުވާތީއެވެ.” ((شرح مختصر خليل)) للخرشي (2/181).
(9) ((حاشية ابن عابدين)) (2/259).
(10) ((تبيين الحقائق)) للزيلعي (1/253).
(11) އަލްޤޫނޫވީ ވިދާޅުވެފައިވެއެވެ. “الـمُكَاتَبُ (މިނިވަންވުމަށް އެއްބަސްވެވިފައިވާ އަޅު)އަކީ؛ އަޅަކާއި އޭނާގެ ސާހިބުމީހާއާ ދެމީހުން، އެ އަޅުމީހާ މިނިވަންވުމަށް އަގެއް ކަނޑައަޅައި އެކަން ލިޔެ އެއްބަސްވުމެވެ. ފަހެ، އެ އަޅުމީހާ މަސައްކަތްކޮށްގެން އެއަގު އަދާކޮށްފިނަމަ މިނިވަންވީއެވެ.” (أنيس الفقهاء (1/61). އިބްނު ޢުޘައިމީން ވިދާޅުވެފައިވެއެވެ. “މިނިވަންވުމަށް އެއްބަސްވެވިފައިވާ އަޅުންނަކީ؛ އެބައިމީހުންގެ ނަފްސުތައް އެބައިމީހުންގެ ސާހިބުންގެ ކިބައިން ގަނެފައިވާ މީހުންނެވެ. الـمُكَاتَبُ ނެގިފައިވަނީ الكِتَابَةُ މި ބަހުންނެވެ. އެހެނީ، މި އެއްބަސްވުމަކީ ސާހިބުމީހާއާއި އަޅާއާދެމެދުގައި ލިޔެވޭ އެއްބަސްވުމެކެވެ.” ((الشرح الممتع)) (6/229).
(12) އިބްނުލް މުންޛިރު ވިދާޅުވެފައިވެއެވެ. “އަދި މިނިވަންވުމަށް އެއްބަސްވެވިފައިވާ އަޅަކު މިނިވަންވެއްޖެއުމަށްދާންދެން ޒަކާތް ދިނުމެއް ނުވާކަމުގައި އެބޭކަލުން (އެބަހީ؛ ޢިލްމުވެރިން) އެއްބަސްވެވަޑައިގެންފައިވެއެވެ. މިގޮތާ ޚިލާފަށް ދެކެވަޑައިގަންނަވަނީ އަބޫ ޘަޥްރުއެވެ. އަބޫ ޘަޥްރު ވިދާޅުވެލައްވަނީ އެ އަޅާގެ މައްޗަށް ޒަކާތް ދިނުން އޮންނާނެކަމުގައެވެ.” ((الإجماع)) (ص: 47). އިބްނު ޤުދާމާ ވިދާޅުވެފައިވެއެވެ. “ޖުމްލަގޮތެއްގައި ދަންނަވާނަމަ، ތިމަންމެނަށް އެނގިފައިވާގޮތުން، މިނިވަންވުމަށް އެއްބަސްވެވިފައިވާ އަޅެއްގެ މައްޗަށް ޒަކާތްދިނުންނެތްކަމާމެދަކު ޚިލާފެއްނެތެވެ.” ((المغني)) (10/415).
(13) ((المغني)) لابن قدامة (2/464).
__________________________