މިއީ ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބިން ބާޒު رحمه الله ދެއްވާފައިވާ ނަސޭހަތެއްގެ ތަރުޖަމާއެވެ.
ބިންހެލުންތަކާ ގުޅުންހުރި ނަސޭހަތެއް
الحمد لله، والصلاة والسلام على رسول الله، وعلى آله وصحابته ومن اهتدى بهداه، أما بعد:
ފަހެ، ﷲ ސުބުޙާނަހޫ ވަތަޢާލާއަކީ އެއިލާހު ނިޔާކުރައްވާ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ޙަކީމްވަންތަ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. ހަމައެފަދައިން އެއިލާހީ ކަންކަން ޝަރުޢުކުރައްވާ އަމުރުކުރެއްވުމުގައި ޙަކީމްވަންތަ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. އަދި އެއިލާހުގެ (ކައުނުގެ) އާޔަތްތަކުގެ ތެރެއިން އިރާދަކުރެއްވި އެއްޗެއް ޚަލްޤުކުރައްވައެވެ. އެއިލާހަށް އަދާކުރުމަށް ވާޖިބުވެގެންވާ ޙައްޤުތައް ހަނދުމަކޮށްދީ އެއިލާހުގެ އަޅުތަކުން ބިރުވެތިކުރުމަށްޓަކައެވެ. އަދި އެއިލާހަށް ޝިރުކުކޮށް، އެއިލާހުގެ އަރުމުފުޅުތަކާ ޙިލާފުވެ، ނަހީކުރެއްވި ކަންކަމަށް އަރައިގަންނަ މީހުންނަށް އިންޛާރުކުރުމަށްޓަކައެވެ. އެއީ އެއިލާހުގެ އަންނަނިވި ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ.
﴿…وَمَا نُرْسِلُ بِالْآيَاتِ إِلا تَخْوِيفًا﴾ [1]
މާނައީ: “… އަދި އިންޛާރެއްކަމުގައި މެނުވީ ތިމަންއިލާހުގެ އާޔަތްތައް ނުފޮނުއްވަމެވެ.”
އަދިވެސް ﷲ عز وجل ވަޙީކުރެއްވިއެވެ.
﴿سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنْفُسِهِمْ حَتَّى يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُ عَلَى كُلِّ شَيْءٍ شَهِيدٌ﴾ [2]
މާނައީ: “އުދަރެސްތަކުގައްޔާއި، އެއުރެންގެ އަމިއްލަ ނަފްސުތަކުގައިވާ، ތިމަންއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތައް، ތިމަންއިލާހު އެއުރެންނަށް ނިކަންހުރެ ދައްކަވާހުށީމެވެ. އެއީ ޙައްޤު ތެދުކަން އެއުރެންނަށް ބަޔާންވެ އެނގިއްޖައުމަށް ދާނދެނެވެ. ކަލޭގެފާނުންގެ ރައްބަކީ ކޮންމެކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ އިލާހަކުކަމުގައި ނުފުދޭހެއްޔެވެ.”
އަދިވެސް ވަޙީކުރެއްވިއެވެ.
﴿ قُلْ هُوَ الْقَادِرُ عَلَى أَنْ يَبْعَثَ عَلَيْكُمْ عَذَابًا مِنْ فَوْقِكُمْ أَوْ مِنْ تَحْتِ أَرْجُلِكُمْ أَوْ يَلْبِسَكُمْ شِيَعًا وَيُذِيقَ بَعْضَكُمْ بَأْسَ بَعْضٍ…﴾ [3]
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! އެއިލާހީ، ތިޔަބައިމީހުންގެ (ބޯ) މަތިން ނުވަތަ ތިޔަބައިމީހުންގެ ފައިތަކުގެ ދަށުން، ތިޔަބައިމީހުންގެ މައްޗަށް ޢަޛާބެއް ފޮނުއްވުމަށް ނުވަތަ ތިޔަބައިމީހުން ބައިބަޔަށް ވަކިކުރައްވާ ތިޔަބައިމީހުންގެ ތެރެއިން އެއްބަޔެއްގެ ބާރުގެ ރަހަ، އަނެއްބަޔަކަށް ދެއްކެވުމަށް ކުޅަދުންވަންތަ އިލާހެވެ…”
އަދި ޖާބިރު ބުން ޢަބްދުﷲ رضي الله عنهما ގެ އަރިހުން، ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި، ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް ރިވާކުރައްވާފައިވެއެވެ.
لَمَّا نَزَلَتْ هَذِهِ الآيَةُ: ﴿قُلْ هُوَ القَادِرُ عَلَى أَنْ يَبْعَثَ عَلَيْكُمْ عَذَابًا مِنْ فَوْقِكُمْ﴾ [الأنعام: 65]، قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ((أَعُوذُ بِوَجْهِكَ))، قَالَ: ﴿أَوْ مِنْ تَحْتِ أَرْجُلِكُمْ﴾ [الأنعا4: 65]، قَالَ: ((أَعُوذُ بِوَجْهِكَ)) [4]
މާނައީ: ﴿قُلْ هُوَ القَادِرُ عَلَى أَنْ يَبْعَثَ عَلَيْكُمْ عَذَابًا مِنْ فَوْقِكُمْ﴾ [މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ތިޔަބައިމީހުންގެ (ބޯ) މަތިން ތިޔަބައިމީހުންގެ މައްޗަށް ޢަޛާބެއް ފޮނުއްވުމަށް ކުޅަދުންވަންތަ އިލާހެވެ.] މިއާޔަތް ބާވައިލެއްވުމުން ރަސޫލުﷲ ޙަދީޘްކުރެއްވިއެވެ. “ﷲގެ ވަޖުހުފުޅު މެދުވެރިކޮށް ރައްކާތެރިކަމަށް އެދެމެވެ.” ވިދާޅުވިއެވެ. ﴿أَوْ مِنْ تَحْتِ أَرْجُلِكُمْ﴾ [މާނައީ: ނުވަތަ ތިޔަބައިމީހުންގެ ފައިތަކުގެ ދަށުން] ޙަދީޘްކުރެއްވިއެވެ. “ﷲގެ ވަޖުހުފުޅު މެދުވެރިކޮށް ރައްކާތެރިކަމަށް އެދެމެވެ.”
އަދި އަބުއްޝައިޚް އަލްއަޞްބަޙާނީ މުޖާހިދުގެ އަރިހުން މި އާޔަތުގެ ތަފްސީރުގައި ރިވަކުރައްވާފައިވެއެވެ.
﴿قُلْ هُوَ القَادِرُ عَلَى أَنْ يَبْعَثَ عَلَيْكُمْ عَذَابًا مِنْ فَوْقِكُمْ﴾ ވިދާޅުވިއެވެ. “(އެއީ) ގަދަފަދައަޑާއި، ހިލައާއި ވައެވެ.” ﴿أَوْ مِنْ تَحْتِ أَرْجُلِكُمْ﴾ ވިދާޅުވިއެވެ. “(އެއީ) ބިންހެލުމާއި ބިންގަނޑު ގަނބައިގަތުމެވެ.”
ޖުމްލަގޮތެއްގައި މިދުވަސްވަރު ގިނަ ސަރަހައްދުތަކަށް މިއަންނަ ބިންހެލުންތަކަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަޅުތަކުން އެއިލާހަށް ބިރުވެތިކުރުމުގެ ގޮތުން ފޮނުއްވާ އާޔަތްތަތެއްކަމާއެކު ޝައްކެއްނެތެވެ. އަދި މިބިންމަތީ ހިނގާ ބިންހެލުންތަކާ އަދި މިނޫންވެސް އަޅުތަކުންނަށް ގެއްލުން ލިބޭފަދަ ކަންތައްތަކަކީ އެބައިމީހުންނަށް ޖެހޭ އުނދަގޫތަކުގެ ވައްތަރެކެވެ. މިއިން ކޮންމެ ކަމަކީ ޝިރުކާއި ފާފަތަކުގެ ސަބަބުން ޖެހޭ ކަންކަމެވެ. އެއީ ﷲ عز وجل ވަޙީކުރައްވާފައިވާ ފަދައިންނެވެ.
﴿وَمَا أَصَابَكُمْ مِنْ مُصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَنْ كَثِيرٍ﴾ [5]
މާނައީ: “ތިޔަބައިމީހުންނަށް ޖެހޭހާ މުޞީބާތެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެކަލާނގެ ގިނަ ފާފަތައް ޢަފޫކުރައްވަތެވެ.”
އަދިވެސް ވަޙީކުރައްވާފައިވެއެވެ.
﴿مَا أَصَابَكَ مِنْ حَسَنَةٍ فَمِنَ اللَّهِ وَمَا أَصَابَكَ مِنْ سَيِّئَةٍ فَمِنْ نَفْسِكَ… ﴾ [6]
މާނައީ: “ތިބާޔަށް ލިބިއްޖެ ހެޔޮކަމަކީ، ފަހެ، ﷲގެ ޙަޟްރަތުން އައިކަމެކެވެ. އަދި ތިބާއަށް ލިބިއްޖެ ދެރަކަމަކީ، ފަހެ، ތިބާގެ އަމިއްލަ ނަފްސުގެ ފުށުން އައިކަމެކެވެ. ..”
އަދި އިސްވެދިޔަ އުންމަތްތަކާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿فَكُلًّا أَخَذْنَا بِذَنْبِهِ فَمِنْهُمْ مَنْ أَرْسَلْنَا عَلَيْهِ حَاصِبًا وَمِنْهُمْ مَنْ أَخَذَتْهُ الصَّيْحَةُ وَمِنْهُمْ مَنْ خَسَفْنَا بِهِ الْأَرْضَ وَمِنْهُمْ مَنْ أَغْرَقْنَا وَمَا كَانَ اللَّهُ لِيَظْلِمَهُمْ وَلَكِنْ كَانُوا أَنْفُسَهُمْ يَظْلِمُونَ﴾ [7]
މާނައީ: “އަދި އެއިން ކޮންމެ ބަޔަކުވެސް، އެބަޔެއްގެ ކުށުގެ ސަބަބުން ތިމަންއިލާހު ގެންދެވީމެވެ. ފަހެ، ތަންތަން ހަލާކުކުރަނިވި ގަދަ ވަޔެއް ތިމަންއިލާހު އެބަޔެއްގެ މައްޗަށް ފޮނުއްވި މީހުން އެއުރެންގެ ތެރެއިންވިއެވެ. އަދި ޢަޛާބުގެ ގަދައަޑެއް ފޮނުއްވައި ގެންދެވި މީހުންވެސް އެއުރެންގެ ތެރެއިންވިއެވެ. އަދި އެއުރެންނާއެކު ބިންގަނޑު ގަންބަވައިގަތް މީހުންވެސް އެއުރެންގެ ތެރެއިންވިއެވެ. އަދި (ކަނޑުގައި) ޣަރަޤުކުރެއްވި މީހުންވެސް އެއުރެންގެ ތެރެއިންވިއެވެ. އެއުރެންނަށް އަނިޔާކުރެއްވުމަކަށް ﷲ އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، އެއުރެންގެ ނަފްސުތަކަށް ހަމަ އެއުރެން އަނިޔާކުރި ކަމުގައިވިއެވެ.”
ފަހެ، އެންމެހާ މުސްލިމުންނާއި އެނޫން މީހުންގެ ތެރެއިން މުކައްލަފުންނަށް ވާޖިބުވެގެންވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ތައުބާވުމެވެ. އަދި އެއިލާހުގެ ދީނުގައި ޘާބިތުވުމެވެ. އަދި ޝިރުކާއި ފާފަތަކާއި އެނޫންވެސް އެއިލާހު ނަހީކުރެއްވި އެންމެހާ ކަންތައްތަކުން ދުރުހެލިވުމެވެ. ދުނިޔެއާއި އާޚިރަތުގެ އެންމެހާ ނުބައިކަމުން ދިންނެވުމާއި ކާމިޔާބު ލިބެންދެނެވެ. އަދި ﷲ ތަޢާލާ އެންމެހާ ނުބައި ކަންކަމުން އަޅަމެން ދިފާޢުކޮށްދެއްވަންދެނެވެ. އަދި ހުރިހާ ހެޔޮކަމެއް ލިބެންދެނެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.
﴿ وَلَوْ أَنَّ أَهْلَ الْقُرَىٰ آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاءِ وَالْأَرْضِ وَلَـٰكِن كَذَّبُوا فَأَخَذْنَاهُم بِمَا كَانُوا يَكْسِبُونَ ﴾ [8]
މާނައީ: “ރަށްތަކުގެ އަހުލުވެރިން އީމާންވެ ތަޤުވާވެރިވީނަމަ، ހަމަކަށަވަރުން، އުޑުންނާއި ބިމުން، ތިމަންއިލާހު އެއުރެންގެ މައްޗަށް ބަރަކާތުގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ. އެހެނެއްކަމަކު، އެއުރެން ދޮގުކުރިއެވެ. ދެން އެއުރެން ހޯދައި އުޅުނު ޢަމަލުތަކަށްޓަކައި، ތިމަންއިލާހު (ކޯފާގެ ޢަޛާބުން) އެއުރެން ހިއްޕެވީމެވެ.”
އަދި އަހުލު ކިތާބީންނާ ބެހޭގޮތުން އެއިލާހު ވަޙީކުރައްވާފައިވެއެވެ.
﴿ وَلَوْ أَنَّهُمْ أَقَامُوا التَّوْرَاةَ وَالْإِنجِيلَ وَمَا أُنزِلَ إِلَيْهِم مِّن رَّبِّهِمْ لَأَكَلُوا مِن فَوْقِهِمْ وَمِن تَحْتِ أَرْجُلِهِم …﴾ [9]
މާނައީ: “އަދި އެއުރެން ތައުރާތާއި، އިންޖީލާއި، އެއުރެންގެ ރައްބުގެ ޙަޟްރަތުން އެއުރެންނަށް ބާވައިލެއްވި ފޮތުގެ (އެބަހީ: ޤުރުއާނުގެ) ޙުކުމް ޤާއިމުކުރިނަމަ، އެއުރެންގެ މަތިންނާއި، އެއުރެންގެ ފައިދަށުން އެއުރެންނަށް ރިޒްޤު ލިބުނީހެވެ…”
އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ.
﴿أَفَأَمِنَ أَهْلُ الْقُرَىٰ أَن يَأْتِيَهُم بَأْسُنَا بَيَاتًا وَهُمْ نَائِمُونَ * أَوَأَمِنَ أَهْلُ الْقُرَىٰ أَن يَأْتِيَهُم بَأْسُنَا ضُحًى وَهُمْ يَلْعَبُونَ * أَفَأَمِنُوا مَكْرَ اللَّـهِ ۚ فَلَا يَأْمَنُ مَكْرَ اللَّـهِ إِلَّا الْقَوْمُ الْخَاسِرُونَ﴾ [10]
މާނައީ: “ފަހެ، ރަށްތަކުގެ އަހުލުވެރިން އެއުރެން ރޭގަނޑުގައި ނިދާފައިތިއްބައި އެއުރެންގެ ގާތަށް ތިމަންއިލާހުގެ ޢަޛާބު އަތުވެދާނެކަމާމެދު (ބިރެއްނެތި) އަމާންވެ ތިބީހެއްޔެވެ؟ * ނުވަތަ ރަށްތަކުގެ އަހުލުވެރިން، އެއުރެން ކުޅެކުޅެތިއްބައި ދުވާލުގެ ޟުޙާ ވަގުތުގައި އެއުރެންގެ ގާތަށް ތިމަންއިލާހުގެ ޢަޛާބު އަތުވެދާނެ ކަމާމެދަކު (ބިރެއްނެތި) އަމާންވެ ތިބީހެއްޔެވެ؟ * ފަހެ، ﷲގެ ރޭއްވެވުމާމެދު އެއުރެން (ބިރެއްނެތި) އަމާންވެ ތިބީހެއްޔެވެ؟ ފަހެ ގެއްލެނިވެގެންވާ މީހުން މެނުވީ ﷲގެ ރޭއްވެވުމާމެދު (ބިރެއްނެތި) އަމާންވެގެންނެއް ނުތިބޭނެތެވެ.”
އަދި އަލްޢައްލާމާ އިބްނުލްޤައްޔިމް رحمه الله ލިޔުއްވާފައިވެއެވެ.
” ބައެއް ފަހަރު ﷲ ސުބުޙާނަހޫ ވަތަޢާލާ ނޭވާލުމުގެ އިޛުނަ ބިމަށް ދެއްވަވައެވެ. ފަހެ، އޭގެ ސަބަބުން ބޮޑެތިވެގެންވާ ބިންހެލުންތައް ކުރިމަތިވެއެވެ. ފަހެ، އޭގެ ސަބަބުން އަޅުތަކުންނަށް ބިރުވެތިކަން ކުރިމަތިވެއެވެ. އަދި ފާފަތަކުން ދުރުވެ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ރުޖޫޢަވެއެވެ. އަދި އެކަމަށް ހިތާމަކޮށް ތައުބާވެއެވެ. އެއީ ބިން ހެލިގަތުމުން ސަލަފުންގެ ބައެއް ބޭފުޅުން ވިދާޅުވެފައިވާ ފަދައިންނެވެ. “ހަމަކަށަވަރުން ތިޔަބައިމީހުންގެ ރައްބު ތިޔަބައިމީހުންނަށް އެއިލާހުގެ ރުއްސެވުން ހޯދުމުގެ ފުރުޞަތު ދެއްވަނީއެވެ.”
އަދި މަދީނާއަށް ބިންހެލުމެއް އައުމުން ޢުމަރު ބުން އަލްޚައްޠާބު رضي الله عنه އެބައިމީހުންނާ މުޚާޠަބުކޮށް ނަސޭހަތް ދެއްވަމުން ވިދާޅުވިއެވެ. “ދެވަނަ ފަހަރަށް އަތުވެއްޖެނަމަ ތިޔަބައިމީހުންނާއެކު ތިމަންކަލޭގެފާނު އެތަނުގައި ނޫޅުއްވާނަމެވެ.” [ޝައިޚުގެ ބަސްކޮޅު ނިމުނީ]
=ނުނިމޭ=
___________________________________
[1] سورة الإسراء الآية 59.
[2] سورة فصلت الآية 53.
[3] سورة الأنعام الآية 65.
[4] رواه البخاري في كتاب تفسير القرآن برقم 4262، ورواه الترمذي في تفسير القرآن برقم 2991.
[5] سورة الشورى الآية 30.
[6] سورة النساء الآية 79.
[7] سورة العنكبوت الآية 40.
[8] سورة الأعراف الآية 96.
[9] سورة المائدة من الآية 66.
[10] سورة الأعراف الآيات 97 – 99.