އިސްލާމްދީނުގައި އަނބިދަރިންނަށް ޚަރަދުކުރުމީ ފިރިމީހާގެ މައްޗަށްވާ ވާޖިބެކެވެ. އަދި ދަރިން އޭނާގެ މައިންބަފައިންނަށް އިޙްޞާންތެރިވާން ޖެހެއެވެ. މިފަދައިން ޚަރަދުކުރުމީ އަންހެނުންގެ މައްޗަށް ވާޖިބުކުރާ ކަމެއް ނޫނެވެ. އެއީ އޭނާގެ މިލްކުގައި ކިތަންމެ ގިނަ މުދަލެއް ފައިސާއެއް ހުރިކަމުގައިވިޔަސް މެއެވެ. އަދި ކިތަންމެ ގިނަ މުދަލެއް ވާރުތައިން ލިބުނު ކަމުގައި ވިއަސް މެއެވެ. އެމުދާ އޭނާ ހޭދަނުކުރިއަސް ކުރިއަސް ފިރިހެނުންގެ ކޮނޑުގައިވާ ޒިންމާ އަދާކުރަން ޖެހެއެވެ. އެބަހީ: އޭނާއަށް ދޭންޖެހޭ ޚަރަދުބަރަދު ބަރާބަރަށް ދޭން ޖެހެއެވެ. އޭނާގެ ނުރުހުމުގައި އެ ބޭނުންކުރުންވެސް ފިރިން މައްޗަށް ހުއްދަވެގެން ނުވެތެވެ. އެއީ އޭނާގެ ޙައްޤެކެވެ. އަދި ވަރިކޮށްފައިވާ އަންހެނަކަށްވެސް ކަނޑައެޅިގެންވާ މުއްދަތަކަށް ޚަރަދު ބަރަދު ދޭން ޖެހެއެވެ. އަދި ދަރިފުޅަށް ކިރުދިނުމުގައިވެސް އެފަދަ ޙާލަތުގައިވާ އަންހެނާއަށް އުޖޫރަ ދޭން ޖެހެއެވެ.
أَسْكِنُوهُنَّ مِنْ حَيْثُ سَكَنتُم مِّن وُجْدِكُمْ وَلَا تُضَارُّوهُنَّ لِتُضَيِّقُوا عَلَيْهِنَّ ۚ وَإِن كُنَّ أُولَاتِ حَمْلٍ فَأَنفِقُوا عَلَيْهِنَّ حَتَّىٰ يَضَعْنَ حَمْلَهُنَّ ۚ فَإِنْ أَرْضَعْنَ لَكُمْ فَآتُوهُنَّ أُجُورَهُنَّ ۖ وَأْتَمِرُوا بَيْنَكُم بِمَعْرُوفٍ ۖ وَإِن تَعَاسَرْتُمْ فَسَتُرْضِعُ لَهُ أُخْرَىٰ ﴿٦﴾ [سورة الطلاق]
މާނައީ:” ތިޔަބައިމީހުންގެ ތަނަވަސްކަން ހުރިވަރަކުން ތިޔަބައިމީހުން އުޅޭ ތަނެއްގައި އެކަނބަލުން (އެބަހީ: ވަރިކޮށްފައި، ޢިއްދަގައި ތިބޭ އަންހެނުން) ބައިތިއްބާށެވެ! އަދި އެކަނބަލުންނަށް ދަތިކުރުމަށްޓަކައި، ތިޔަބައިމީހުން އެކަނބަލުންނަށް ގެއްލުން ނުދޭށެވެ! އަދި މާބަނޑު އަންހެނުން ކަމުގައި އެކަނބަލުން ވެއްޖެނަމަ، ފަހެ، އެކަނބަލުން ދަރި ވިހައިފުމަށް ދާނދެން ތިޔަބައިމީހުން އެކަނބަލުންނަށް ޚަރަދުކުރާށެވެ! ފަހެ، ތިޔަބައިމީހުންނަށްޓަކައި (ތިޔަބައިމީހުންގެ ދަރިންނަށް) އެކަނބަލުން ކިރުދީފިނަމަ، ފަހެ، ތިޔަބައިމީހުން އެކަނބަލުންނަށް، އެކަނބަލުންގެ އުޖޫރަދޭށެވެ! އަދި ތިޔަބައިމީހުންގެ މެދުގައި ހެޔޮގޮތުގައި އެކަކު އަނެކަކާ މަޝްވަރާކުރާށެވެ! އަދި ތިޔަބައިމީހުންނަށް ދަތިވެއްޖެނަމަ، އޭނާޔަށްޓަކައި، ފަހެ، (އެކުއްޖާޔަށް) އެހެން އަންހެނަކު ކިރުދޭނީއެވެ.”
لِيُنفِقْ ذُو سَعَةٍ مِّن سَعَتِهِ ۖ وَمَن قُدِرَ عَلَيْهِ رِزْقُهُ فَلْيُنفِقْ مِمَّا آتَاهُ اللَّـهُ ۚ لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا مَا آتَاهَا ۚ سَيَجْعَلُ اللَّـهُ بَعْدَ عُسْرٍ يُسْرًا ﴿٧﴾ [سورة الطلاق]
މާނައީ:” ތަނަވަސްކަމުގެ ވެރިޔާ، އޭނާގެ ތަނަވަސްކަންހުރި މިންވަރަކުން ހޭދަކުރާހުށިކަމެވެ! އަދި އެމީހެއްގެ ރިޒުޤު ދަތިކުރައްވާފައިވާ މީހާ، ފަހެ، އެމީހާޔަށް اللَّه ދެއްވި އެއްޗަކުން ހޭދަކުރާހުށިކަމެވެ! އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ދެއްވާފައިވާ އެއްޗެއްގެ މިންވަރުން މެނުވީ، اللَّه ތަކުލީފެއް ނުޖައްސަވަތެވެ. ދަތިކަމަކަށްފަހު، ފަސޭހަކަމެއް، اللَّه ލައްވާހުށްޓެވެ.”
= ނުނިމޭ =
___________________