[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދެދަތްޕިލާ ދެމެދުގައިވާ އެއްޗަށް ރައްކާތެރިވޭ!

ދެދަތްޕިލައިގެ ދެމެދުގައިވާ އެއްޗަކީ ދުލެވެ. ދުލަކީ ﷲ ޞުބުހާނަހޫ ވަތަޢާލާ އިންސާނުންނަށް ދެއްވި ނިޢުމަތްތަކުގެ ތެރެއިން ވަރަށް އަގުބޮޑު ނިޢުމަތެކެވެ. އަދި އިންސާނާ ކިބައިގައި ލައްވާފައިވާ ގުނަވަންތަކުގެ ތެރެއިން އެންމެ މުހިއްމު  އެއް ގުނަވަނެކެވެ.

މި ގުނަވަނަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ވަރުގަދަ  މަސްކޮޅެވެ. މި ވަރުގަދަ މަސްކޮޅު ލައްވަވާފައިވަނީ އެ ބޭނުން ކޮށްގެން އެއިލާހަށް ޙަމްދުކޮށް ޝުކުރު ކުރުމަށެވެ. މި ދުލުގެ އެހީގައި އަޅުގަނޑުމެންނަށް ކީރިތި ޤުރުއާން ކިޔަވައި ޒިކުރުކޮށް  އަދި ޙައްޤުބަސް ބުނުމެވެ.  އަދި އެކަކު އަނެކަކާ މުޢާމަލާތްކޮށް މުޢާސަލާތު ކުރުމުގައި ހިތުގައި އުފެދޭ ޝުޢޫރުތައް ރިވެތިގޮތުގައި ފާޅުކުރުމެވެ. މިއަށް ކިޔަނީ ވާހަކަދެއްކުމުގެ އަދަބެވެ. ވާހަކަދެއްކުމުގައި ނުވަތަ ބަހެއް ބުނުމުގެ ކުރީގައި އެއާމެދު ވިސްނައި ފިކުރުކޮށްލަންޖެއެވެ. އެއާއިމެދު މަސްއޫލުވާންޖެހެއެވެ. އެހެނީ ގިޔާމަތްދުވަހު އަހަރުމެން ދުލުން ބޭރުކޮށްފައިވާ ބަސްތަކާއިމެދު ސުވާލުވެވޭނެއެވެ. ﷲ ޞުބުހާނަހޫވަތަޢާލާއަކީ މޮޅަށް ދެނވޮޑިގެންނަވާ މޮޅަށް އައްސަވާ ވޮޑިގަންނަވާ އިލާހެއެވެ. އެއިލާހަށް އެއްވެސްކަމެއް ވަންހަނާވެ ސިއްރުވެގެން ނުވެއެވެ. އަހަރުމެން މީސްތަކުންނާއި އެކަހެރިވެ، ސިއްރުން ކުރާ ސައްލާތައް އެއިލާހު މޮޅަށް ދެނަވޮޑިގަންނަވައެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.

(أَلَمْ تَرَ أَنَّ اللَّهَ يَعْلَمُ مَا فِى السَّمَـوَتِ وَمَا فِى الأَرْضِ مَا يَكُونُ مِن نَّجْوَى ثَلَـثَةٍ إِلاَّ هُوَ رَابِعُهُمْ وَلاَ خَمْسَةٍ إِلاَّ هُوَ سَادِسُهُمْ وَلاَ أَدْنَى مِن ذَلِكَ وَلاَ أَكْثَرَ إِلاَّ هُوَ مَعَهُمْ أَيْنَ مَا كَانُواْ ثُمَّ يُنَبِّئُهُم بِمَا عَمِلُواْ يَوْمَ الْقِيَـمَةِ إِنَّ اللَّهَ بِكُلِّ شَىْءٍ عَلِيمٌ) [سورة المُجَادَلة: 7]

“ފަހެ، އުޑުތަކާއި ބިމުގައި ވަނީނަމަ ވާހާ ތަކެއްޗަކާއި ކަމެއް، ﷲ (ފުރިހަމައަށް) ދެނެވޮޑިގެން ވާކަން ތިބާ ދެކެވަޑައިނުގައްނަވަމުހެޔެވެ؟ ސިއްރު ސައްލާއެއް ކުރުމަށް ތިން މީހަކު ބައްދަލުވާ ހިނދު، ހަތަރުވަނައަށް ﷲ ވޮޑިގެންނުވާ އެއްވެސް ތަނެއްގައި، އެއްވެސް ބައަކު އެއްވެ، ސިއްރު ސައްލާއެއް ނުކުރެއެވެ. އަދި ހަތަރު މީހަކު ބައްދަލުވާ ހިނދު ފަސްވަނައަށް، އަދި އެއަށްވުރެ މަދު ނުވަތަ ގިނަ ބަޔަކު، ކޮންމެ ތަނެއްގައި އެއްވި ކަމުގައި ވިއަސް، އެއުރެންނާއި އެކު ﷲ ވޮޑިގެން ނުވާ ތަނެއްނުވެއެވެ. (އެބަހީ: އެމީހުންގެ ސިއްރު ސައްލާތަކުގައި ދެކެވޭ ވާހަކަތަކާއި ކުރެވޭ ކަންތައްތައް ﷲ ފުރިހަމައަށް ދެނެވޮޑިގެންވެއެވެ.) ދެން ޤިޔާމަތް ދުވަހުގައި ﷲ އެއުރެންނަށް، އެއުރެން ކޮށްއުޅުނު ކަންތައްތަކުގެ ޚަބަރު ކުރައްވާނެއެވެ. ހަމަކަށަވަރުން ﷲ ހުރިހާ ކަމެއް ފުރިހަމައަށް ދެނެވޮޑިގެންވެއެވެ.”

އަހަރެމެން ކުރާ އެންމެހާ ކަންތައްތަކާއި ބުނާ އެންމެހާ ބަސްތައް ލިޔުއްވުމަށްޓަކައި ﷲ ވަނީ މަލާއިކަތުން ލައްވާފައެވެ. އެކަމަށް އިޝާރަތް ކުރައްވައި ﷲ ވަޙީކުރައްވާފައިވެއެވެ.

(وَإِنَّ عَلَيْكُمْ لَحَـفِظِينَ)

“ރައްކާތެރިވެ ބަލަހައްޓަވާ މަލާއިކަތުން ތިޔަބައިމީހުންގެ މައްޗަށް، އެބަތިއްބެވިކަން ކަށަވަރެވެ.”

(كِرَاماً كَـتِبِينَ)

“މާތްވެގެންވާ ލިޔުއްވާ މަލާއިކަތުންނެވެ.”

(يَعْلَمُونَ مَا تَفْعَلُونَ)

“ތިޔަބައިމީހުން ކުރައްވާ ކަންތައްތައް އެމަލާއިކަތުން ދެނެވަޑައިގަންނަވައެވެ.”

]سُورة الإنفطار ގެ 10 ވަނަ އާޔަތުން  12 ވަނަ އާޔަތަށް[

އެމަލާއިކަތުން ލިޔުއްވުމަށް ތައްޔާރަށް ތިއްބާ މެނުވީ އިންސާނާއަށް އެއްވެސް ބަހެއް ނުބުނެވޭނޭކަން ބަޔާންކުރައްވާ އެހެން ސޫރަތެއްގައި ﷲ ވަޙީކުރައްވާފައިވެއެވެ.

(إِذْ يَتَلَقَّى الْمُتَلَقِّيَانِ عَنِ الْيَمِينِ وَعَنِ الشِّمَالِ قَعِيدٌ)

“އޭނާގެ ކަނާތް ފަރާތުގައްޔާއި ވާތް ފަރާތުގައި ތިއްބަވާ ދެމަލާއިކަތުން (އޭނާކުރާ ޢަމަލުތަކާއި ބުނާ ބަސްތައް) ލިޔުއްވާ ހިނދެވެ.”

(ماَيَلْفِظُ مِنْ قَوْلٍ إِلاَّ لَدَيْهِ رَقِيْبٌ عَتِيْدٌ)

“އޭނާގެ ކައިރީގައި (އޭނާ ކުރާ ކަންތައްތައް) ބަލަހައްޓަވާ (އެ ކަންތައްތައް ލިޔުއްވަން) ތައްޔާރުވެ ތިއްބަވާ ދެމަލާއިކަތުން ތިއްބަވަނިކޮށް މެނުވީ އޭނާއަކަށް އެއްވެސް ބަހެއް ނުބުނެވޭނެއެވެ.”

[سورة ق ގެ 17 ވަނަ އާޔަތާއި 18 ވަނަ އާޔަތް]

އޭ ﷲ ގެ އަޅުތަކުންނޭވެ! ﷲ އަށް ބިރުވެތިވާށެވެ! ﷲ ގަންދީ ހުވާކޮށްފާ ބުނަމެވެ. އިންސާނާ ނިދާ ފަދައިން އިންސާނާ މަރުވާނެވެ. އެއަށް ފަހު، ﷲ ގެ ޙަޟްރަތަށް ރުޖޫޢަކުރެއްވޭނެއެވެ. އެއަށް ފަހު ކިޔެވިދިޔަ އާޔަތުގައިވާ، މަލާއިކަތުން ލިޔުއްވި ތިބާގެ ޢަމަލުތަކުގެ ފޮތް ތިބާގެ ކުރިމަތީގައި ހުޅުވާލެވޭނއެވެ. އަދި އަހަރެމެންގެ ވެރި رَبُّ ވަނީ އަހަރެމެންނަށް މިމަންޒަރު ވަރަށް ސާފުކޮށް ބަޔާންކުރައްވާފައެވެ. އެއީ ބުއްދިއެއް ލިބިގެންވާ މީހެއްގެ ހިތަށް ސިފަކުރެވޭނެ ފަދައިންނެވެ.

ނިކަން އަޑުއަށްސަވާށެވެ.

(وَوُضِعَ الْكِتَـبُ فَتَرَى الْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يوَيْلَتَنَا مَا لِهَـذَا الْكِتَـبِ لاَ يُغَادِرُ صَغِيرَةً وَلاَ كَبِيرَةً إِلاَّ أَحْصَاهَا وَوَجَدُواْ مَا عَمِلُواْ حَاضِرًا وَلاَ يَظْلِمُ رَبُّكَ أَحَدًا) [سورة الكهف 49]

“އަދި އެދުވަހުން ކޮންމެ މީހެއްގެ (އަތުގައި އެމީހެއްގެ) ފޮތް ބާއްވައިލެއްވޭނެއެވެ. އެފޮތުގައިވާ ތަކެތީގެ ސަބަބުން މުޖްރިމުން ބިރުން ތިބޭތީ ތިބާއަށް ފެންނާނެއެވެ. އެމީހުން ބުނާނެތެވެ. އަހަރެމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. މިފޮތަށް މިވެފައި ވަނީ ކިހިނެއް ހެއްޔެވެ؟ ކިތަންމެ ކުޑަ ވިޔަސް އަދި ކިތަންމެ ބޮޑުވިޔަސް ކަމެއް ނުހިމަނައި އެފޮތް ދޫކޮށްލާފައި ނުވެއެވެ. އަދި އެބައިމީހުން ކުރި އެންމެހައި ޢަމަލެއް އޭގައި ވަނިކޮށް އެބައިމީހުން ދެކޭނެއެވެ. އަދި ތިބާގެ ވެރި رَبُّ އެކަކަށްވެސް އަނިޔާވެރި ގޮތުން ކަމެއް ނުކުރައްވާ ހުއްޓެވެ.”

ޢަމަލުތައް ލިޔުއްވޭކަން އެނެގޭއިރުވެސް ހިތާމައަކީ ބޭކާރު ވާހަކަތަކުގައި އަހަރެމެންގެ ވަޤުތުތައް ނަގާލެވޭތީއެވެ. ޙަޤީޤަތުގައި އެހެން އެވާންޖެހެނީ އަހަރެމެންނަށް ފުރިހަމައަށް އެކަމަށް އީމާން ނުވެވޭތީއެވެ. އެހެންވެ، ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހެއްނަމަ، ބޭކާރު ވާހަކަތައް ދެއްކުމުން ދުރުހެލިވުމަށް ﷲ ގެ ނަބިއްޔާ صلّى الله عليه وسلّم ވަނީ ޝަރުޠުކުރައްވާފައެވެ.

ކީރިތި ރަސޫލާ صلّى الله عليه وسلّم ޙަދީޘްކުރައްވާފައިވަނީ-

((مَنْ كَانَ يُؤْمِنُ بِاللهِ وَالْيَوْمِ آخِرِ فَلْيَقُلْ خَيْرًا أَوْلِيَصْمُتْ)) [رواه البخاري]

މާނައަކީ: “ﷲ އާއި އާޚިރަތްދުވަހަށް އީމާންވާމީހާ ހެޔޮބަސްބުނާހުށިކަމެވެ. ނޫންނަމަ ހަނުހުންނާށެވެ.”

ސުވަރުގެ ލިބުމުގެ މަގެއް ކަމުގައި ވެސް ދޫރައްކާތެރިވުން ހިމެނެއެވެ. ނަބިއްޔާ صلّى الله عليه وسلّم ގެ ބަސްފުޅު ނިކަން އަޑުއައްސަވާށެވެ.

((مَنْ يَضْمَنْ لِي مَابَيْنَ لَحْيَيْهِ وَمَا بَيْنَ رِجْلَيْهِ أَضْمَنْ لَهُ الْجَنَّة)) [رواه البخاري]

މާނައަކީ: “އެމީހެއްގެ ދުލާއި ލަދުވެތިގުނަވަނަށް ރައްކާތެރިވާނެކަމުގެ ޔަޤީންކަންދީފި މީހަކަށް ސުވަރުގެ ލިބޭނެކަމުގެ ޔަޤީންކަން ތިމަންކަލޭގެފާނު ދެއްވަމެވެ”.

ދޫރައްކާތެރި ކުރުމުން ސުވަރުގެ ލިބޭނެކަމުގެ އުފާވެރި ޚަބަރު ދެއްވާފައި ﷲ ގެ ނަބިއްޔާ صلّى الله عليه وسلّم ނިންމަވައެއް ނުލައްވައެވެ. ނަމަވެސް ދޫރައްކާތެރި ނުކުރާނަމަ ނަރަކައަށް އެއްލާލެވޭނެ ކަމުގެ އިންޒާރުވެސް ވަނީ ކުރައްވާފައެވެ. ކީރިތި ރަސޫލާ صلّى الله عليه وسلّم ޙަދީޘްކުރައްވާފައިވަނީ-

وَإِنَّ الرَّجُلَ لَيَتَكَلَّمُ بِالْكَلِمَةِ مِنْ سَخَطِ اللهِ تَعَالَى لَا يُلْقِي لَهَا بَالًا، يَهْوِي بِهَا فِي النَّارِ أَبْعَدَ مَا بَيْنَ السَّمَاءِ وَالْأَرْض (رواه البخاري)

މާނައީ: އަދި ހަމަކަށަވަރުން އިންސާނާއަށް އޭނާ ބުނާ ބަހުގެ ބޮޑުކަން ނޭގިނަމަވެސް، ﷲ ކޯފާވެ ވޮޑިގަންނަވާ ފަދަ ބަހެއް ބުނުމުގެ ސަބަބުން، އުޑާއި ބިމާއި ދެމެދުގައިވާ ދުރުމިނަށް ވެރެ ދުރުން އޭނާ ނަރަކައަށް އެއްލާލެވޭނެއެވެ.

ﷲ ގެ އަޅުތަކުންނޭ! އުޑާއި ބިމާއި ދެމެދުގައިވާ ދުރުމިނަށް ވުރެ ދުރުމިނަކުން ނަރަކަށް އެއްލާލެއްވުމުން ސަލާމަތްކަން ހޯދާށެވެ. އޭގެ ސަބަބަކީ ތިމާ ވިސްނައިނުލާ ދައްކާ ބޭކާރު ވާހަކަތަކެވެ. ވިސްނާނުލައި ބުނެވޭ ބަހެއްގެ ސަބަބުން ޝައިތާނާއަށް އަހަރެމެންގެ މެދުގައިވާ އެއްބައިވަންތަކަމާއި އަޚުވަންތަކަން ފުނޑުފުނޑުކޮށްލުމުގެ ފުރުސަތު ނުދޭށެވެ. ޝައިޠާނާ އިންސާނާއަށް ޒީނަތްތެރިކޮށް ދީފައިވަނީ މުނިފޫހިފިލުވުމުގެ ގޮތުން އެހެން މީހުންގެ ވާހަކަތައް ދެއްކުމެވެ. މީހަކަށް މަލާމާތެއް ކޮށްލުމެވެ. މީގެން ކޮންމެ ކަމެއްގެ ސަބަބުން ޝައިޠާނާ އޭނާއަށް އޭނާގެ ފުރިހަމަކާމާއި، ބުއްދިވެރިކަން އޭނާއަށް ވިސްނުވައިދެއެވެ. ނަމަވެސް ހަޤީޤަތުގައި އޭނާ ވަނީ ޝައިޠާނާއަށް ހެއްލިފައިވާ މޮޔައެއް ކަމުގައެވެ. ޢާދުބާގައިގެ މީހުންނާއި ޘަމޫދުބާގައިގެ މީހުންނަކީ ބުއްދިވެރިން ކަމުގައިވީހިނދުވެސް ޝައިޠާނާ އެމީހުން މަގުފުރެއްދީ އެފަދައިންނެވެ. ﷲ ވަޙީކުރައްވާފައިވަނީ

(وَزَيَّنَ لَهُمُ الشَّيْطَـنُ أَعْمَـلَهُمْ فَصَدَّهُمْ عَنِ السَّبِيلِ وَكَانُواْ مُسْتَبْصِرِينَ) [سورة العنكبوت :38]

“އެބައިމީހުންނަކީ ބުއްދިވެރިން ކަމުގައި ވީހިނދުވެސް ޝައިޠާނާ އެބައިމީހުންނަށް އެބައިމީހުންގެ ޢަމަލުތައް ޒީނަތްތެރިކޮށްދީ (ސީދާ) މަގުން އެބައިމީހުން އެއްކިބާކުރިއެވެ.”

އެހެންވެ ﷲ ވަނީ އެއިލާހުގެ އަޅުތަކުންގެ މެދުގައި ވާހަކަ ދެއްކުމަށް ރިވެތި ބަސް އިޚްތިޔާރުކުރުމަށް އަންގަވާފައެވެ.

(وَقُل لِّعِبَادِى يَقُولُواْ الَّتِى هِىَ أَحْسَنُ إِنَّ الشَّيْطَـنَ يَنْزَغُ بَيْنَهُمْ إِنَّ الشَّيْطَـنَ كَانَ لِلإِنْسَـنِ عَدُوًّا مُّبِينًا) [سورة الإسراء: 53]

“ތިމަން އިލާހުގެ އަޅުތަކުންނަށް ތިބާ ވިދާޅުވާށެވެ! ރީތިކަން ބޮޑު ބަސްތަކުން ވާހަކަ ދައްކައި އުޅޭށެވެ! ހަމަކަށަވަރުން ޝައިޠާނާ ތިޔަބައިމީހުންގެ މެދުގައި ފަސާދަ އުފައްދައެވެ. ހަމަކަށަވަރުން ޝައިޠާނާއަކީ އިންސާނުންނަށް ބަޔާންވެގެންވާ ޢަދާވާތްތެރިޔަކުކަމުގައި ވިއެވެ.”

މިއާޔަތުން ވެސް ﷲ ބަޔާންކުރައްވާފާ އެވަނީ ﷲ ގެ އަޅުތަކުންގެ މެދުގައި ދައްކަންޖެހޭ ވާހަކަތައްވެސް ރިވެތި ބަހުން ދެއްކުމަށެވެ. އެހެން ނޫނީ ޝައިޠާނާ އެމީހުންގެ މެދުގައި ރުޅިވެރިކަން އުފައްދައި، ބުނެވުނު އެންމެ ބަހެއްގެ ސަބަބުން މުސްލިމުންގެ މެދުގައި ޙަސަދައާއި، ޢަދާވާތްތެރިކަމާއި، ހަނގުރާމަ އުފައްދާފާނެތީއެވެ. ވީއިރު ﷲ އަހަރެމެންނަށް ރަޙުމްކުރައްވައި މިފަދައިން އިރުޝާދުދެއްވި ހިނދު، އެއިރުޝާދުތަކުގައި ނުހިފައި، އަހަރެމެންގެ މަންމައާއި ބައްޕަ ސުވަރުގެއިން ނެރެލި އަހަރެމެންގެ ޢަދާވާތްތެރިޔާ ޝައިޠާނާއަށް ތަބަޢަވުމުގައި އޮތީ ކޮންފައިދާއެއްތޯ؟ ހަމަ ޔަޤީނުންވެސް އެއްވެސް ފައިދާއެއް ނޯންނާނެކަން ކަށަވަރެއެވެ. ވީމާ އަހުރެން އަހުރެންގެ އަމިއްލަ ނަފްސަށާއި ތިޔަ އެންމެހާ ލޮބުވެތި އަޚުންނަށް މިގޮވާލާ ވަޞިއްޔަތްކުރަނީ ﷲ އަށް ތަޤްވާވެރިވުމަށާއި’ ބަސްމަދުކޮށް ދޫރައްކާތެރިކުރުމަށާއި’ ﷲގެ ހަޒްރަތުން އަބަދާ އަބަދު’ މެދުކެނޑުމެއްނެތި ފާފަ ފުށްސެވުމަށްއެދި ދުޢާ ކުރުމަށެވެ.