الحمد لله، نحمده، ونستعينه، ونستغفره، ونعوذ بالله من شرور أنفسنا، وسيئات أعمالنا، من يهده الله فلا مضل له، ومن يضلل فلا هادي له، وأشهد أن لا إله إلا الله وحده لا شريك له، وأشهد أن محمداً عبده ورسوله. أما بعد:
ޢައުރަ ނިވާކުރުމަކީ އިސްލާމްދީނުގައި ނުހަނު ބާރުއަޅުއްވާފައިވާ ކަމެކެވެ. ނަމަވެސް މީސްތަކުން އެކަމަށް ފަރުވާކުޑަކުރުމުގެ ސަބަބުން މުޖުތަމަޢުގައި ގިނަގުނަ ފާޙިޝްކަންތައްތައް މިވަނީ ފެތުރިފައެވެ. ހަމައެފަދައިން ބެލުންތައް ތިރިކުރުމަށް ވެސް އިސްލާމްދީނުގައި ވަނީ އަމުރު ކުރައްވާފައެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗإِنَّ اللَّـهَ خَبِيرٌ بِمَا يَصْنَعُونَ * وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ…﴾ [سورة النور ٣٠ ، ٣١]
މާނައީ: “މުއުމިނު ފިރިހެނުންނަށް އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ. އެގޮތް އެއުރެންނަށްޓަކައި ޠާހިރުކަން ބޮޑެވެ. ހަމަކަށަވަރުން ﷲ އީ އެއުރެން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. * އަދި މުއުމިނު އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ…”
އަދި ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.
«يَا عَلِيُّ لَا تُتْبِعِ النَّظْرَةَ النَّظْرَةَ، فَإِنَّ لَكَ الْأُولَى وَلَيْسَتْ لَكَ الْآخِرَةُ» [رواه أبو داود ، وحسنه الألباني]
މާނައީ: “އޭ ޢަލީގެފާނެވެ. (ހިލޭ އަންހެނަކު) އެއްފަހަރު ފެނުމުން އަނެއްކާވެސް ދެވަނަ ފަހަރަށް އޭނާއާ ދިމާއަށް ނުބަލާށެވެ. ފަހެ ހަމަކަށަވަރުން ފުރަތަމަ ބެލުންވަނީ ކަލޭގެފާނަށެވެ. (އެބަހީ: ޤަޞްދަކާ ނުލާ ބެލިއްޖެނަމަ ފާފަވެރިނުވާނެއެވެ.) ނަމަވެސް ދެވަނަ ބެލުން ކަލޭގެފާނަކަށް ނުވެއެވެ. (އެބަހީ: ދެވަނަ ފަހަރަށް ބަލައިފިނަމަ ފާފަވެރިވާނެއެވެ.)”
އަދިވެސް އެކަލޭގެފާނު صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.
((لَا يَنْظُرُ الرَّجُلُ إِلَى عَوْرَةِ الرَّجُلِ، وَلَا الْمَرْأَةُ إِلَى عَوْرَةِ الْمَرْأَةِ)) [رواه مسلم]
މާނައީ: “ފިރިހެނުން ފިރިހެނުންގެ ޢައުރައަށް ނުބަލާށެވެ. އަދި އަންހެނުން އަންހެނުންގެ ޢައުރައަށް ނުބަލާށެވެ.”
* ޤުރުއާނުން ޢައުރަ ނިވާކުރުމަށްވާ ބައެއް ދަލީލުތައް
ފަހެ، ޢައުރަ ނިވާކުރުމަށް ޤުރުއާނުގައި ވަރަށް ގިނަ ދަލީލުތައް އައިސްފައިވެއެވެ. އޭގެ ތެރެއިން ބައެއް ދަލީލުތައް މިތަނުގައި ޛިކުރުކޮށްލާނަމެވެ.
– ﴿يَا بَنِي آدَمَ خُذُواْ زِينَتَكُمْ عِندَ كُلِّ مَسْجِدٍ…﴾ [سورة الأعراف ٣١]
މާނައީ: “އޭ އާދަމުގެ ދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ…”
މިއާޔަތް ބާވައިލެއްވުނީ ކިހިނެތް ހެއްޔެވެ؟ އަދި ކޮންއިރަކު ހެއްޔެވެ؟ އަދި ކޮންތަނަކު ހެއްޔެވެ؟
މިއާޔަތް ބާވައިލެއްވުނީ ބޮޑުވެގެންވާ ކަމަކާ ގުޅިގެންނެވެ. ޖާހިލިއްޔަ ޒަމާނުގައި އަންހެނުން އޮރިޔާން ޙާލުގައި ގެފުޅު ވަށައިގެން ޠަވާފުކުރިއެވެ. އަދި ޖާހިލިއްޔަތުގެ އަހުލުން އޮރިޔާން ޙާލު ޠަވާފުކުރިއެވެ. އެހެނީ އެމީހުން ދެކުނުގޮތުގައި އެމީހުން ފާފަތަކަށް އަރައިގަންނައިރު ލައިގެން ތިބޭ ފޭރާމުގައި ޠަފާވު ކުރުން ހުއްދަނުވާނެއެވެ. ފަހެ، ﷲ ތަޢާލާ މިއާޔަތް ބާވައިލެއްވިއެވެ.
﴿يَا بَنِي آدَمَ خُذُواْ زِينَتَكُمْ عِندَ كُلِّ مَسْجِدٍ…﴾ [سورة الأعراف ٣١]
މާނައީ: “އޭ އާދަމުގެ ދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ…”
ފަހެ. ޖާހިލިއްޔަތުގެ އަހުލުންގެ މިޢަމަލު ﷲ ތަޢާލާ ވަނީ އެހެން އާޔަތެއްގައި ބަޔާންކުރައްވާފައެވެ.
﴿وَإِذَا فَعَلُوا فَاحِشَةً قَالُوا وَجَدْنَا عَلَيْهَا آبَاءَنَا وَاللَّـهُ أَمَرَنَا بِهَا ۗ قُلْ إِنَّ اللَّـهَ لَا يَأْمُرُ بِالْفَحْشَاءِ ۖ أَتَقُولُونَ عَلَى اللَّـهِ مَا لَا تَعْلَمُونَ﴾ [سورة الأعراف ٢٨]
މާނައީ: “އެއުރެން ފާޙިޝްކަމެއް ކޮށްފިނަމަ ބުނެއެވެ. ތިމަންމެންގެ ކާބަފައިންވެސް އެކަން ކުރުންމަތީވަނިކޮށް ތިމަންމެން ދުށީމުއެވެ. އަދި އެކަމަށް ﷲ ވަނީ ތިމަންމެންނަށް އަމުރުކުރައްވާފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ފާޙިޝްކަމަކަށް ހަމަކަށަވަރުން ﷲ އމުރެއް ނުކުރައްވައެވެ. ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް ﷲ އާމެދު ތިޔަބައިމީހުން ބުނަނީ ހެއްޔެވެ.”
ޢައުރަތަކުން ބެލުން ތިރިކުރުމަށްވާ ދަލީލު:
– ﴿قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ…﴾ [سورة النــور ٣٠]
މާނައީ: “މުއުމިނު ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ…”
– ﴿وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ…﴾ [سورة النــور ٣١]
މާނައީ: “އަދި މުއުމިނު އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ…”
– ﴿…وَيَحْفَظُوا فُرُوجَهُمْ…﴾ [سورة النــور ٣٠]
މާނައީ: “… އަދި އެއުރެންގެ ފަރުޖުތައް ރައްކާތެރިކުރުމަށް…”
އަދި
– ﴿…وَيَحْفَظْنَ فُرُوجَهُنَّ…﴾ [سورة النــور ٣١]
މާނައީ: “… އަދި އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް…”
މިއީ މީސްތަކުންގެ ލޯތަކަށް ޢައުރަ ނިވާކުރުން ވާޖިބުވާކަމުގެ ދަލީލެވެ.
=ނުނިމޭ=
_________________________
މިއީ އައްޝައިޚް މުޙައްމަދު ޞާލިޙް އަލްމުނައްޖިދު ދެއްވާފައިވާ ޚުޠުބާއެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.