الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ވަރަށް ގިނަ ފަހަރަށް ކަމެއް ގޯސްކޮށް ކުރެވުމުން “ނަމަ” މިފަދައިން ބޭނުން ކުރެވޭގޮތް ދިމާވެއެވެ. އަދި އުންމީދުގައިވެސް މިކަލިމަ ބޭނުންކޮށް އުޅެއެވެ. ޝަރުޢީ ގޮތުން ބަލާލާއިރު މިކަލިމައަކީ ބައެއް ޙާލަތްތަކުގައި ބޭނުންކުރުން ހުއްދަ އަދި އަނެއް ބައި ޙާލަތްތަކުގައި ބޭނުން ކުރުން ނަހީކުރައްވާފައިވާ ކަލިމައެކެވެ. އެހެންކަމުން މިލިޔުމުގައި ތަރުޖަމާ ކުރެވިފައި މިވަނީ މިކަމުގެ ޙާލަތްތަކެވެ.
*******
ހެޔޮކަންތައްތައް ކުރުމަށްޓަކައި އަދި އެކަންކަން އިތުރަށްކުރުމުގެ އުންމީދުގައި “ނަމަ” ކިޔުމަކީ ހުއްދަކަމެއްކަން މީގެން ދަލާލަތުކުރެއެވެ.[1] އަދި ޢިލްމީ މައްސަލަތައް ބަޔާންކޮށްދިނުމުގައި، އެކަން ސާފުކޮށްދިނުމުގެ ގޮތުންނާއި ބަޙުޘްކޮށް ބަޔެއްގެ މައްޗަށް ޙުއްޖަތް ޤާއިމުކުރުމުގައިވެސް “ނަމަ” ބޭނުން ކުރެވިދާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿ لَوْ كَانَ فِيهِمَا آلِهَةٌ إِلَّا اللَّـهُ لَفَسَدَتَا ۚ فَسُبْحَانَ اللَّـهِ رَبِّ الْعَرْشِ عَمَّا يَصِفُونَ﴾ [سورة الأنبياء ٢٢]
މާނައީ: “އެ ދެތާނގައި (އެބަހީ: އުޑާއި، ބިމުގައި) ﷲ މެނުވީ އިލާހުންތަކެއް ވީނަމަ، އެ ދެތަން ފަސާދަވެއްޖައީހެވެ. “
ފަހެ، ހަމަކަށަވަރުން މުޖާދަލާކުރާއިރު ނުވަތަ ވާނެގޮތެއް ލަފާ [ assume ] ކޮށްގެން ވާހަކަދައްކާއިރު އެކަންކަމުގެ ވާހަކަދެއްކޭނީ “ނަމަ” ބޭނުންކޮށްގެންނެވެ.
ޝަރީޢަތުގައި ނަހީކުރައްވާފައިވާ “ނަމަ” އާ މެދު ދަންނައެވެ. ދުނިޔަވީ އެއްޗަކަށް ފިތުނަވެރިވެ ނުވަތަ އޭނާއަށް ފައިދާއެއް ނުވާ ގެއްލުންހުރި އެއްޗަކަށް އެދި ނުވަތަ ޤަޟާޤަދަރަށް ދެކޮޅުހެދުމުގެ ގޮތުން “ނަމަ” ބޭނުންކުރުންވަނީ ނަހީކުރައްވާފައެވެ. އަދި މުޞީބާތެއް ޖެހުމުން އެކަމާ ރުޅިއިސްކުރުމާއި ނިޔާކުރެވުނު ކަމާމެދު ކެތްތެރިކަން ކުޑަވެގެން އުޅުންފަދަ ކަންކަމީ ނަހީކުރައްވާފައިވާ “ނަމަ”އިގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެކަމާ ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((لَوْ تَفْتَحُ عَمَلَ الشَّيْطَانِ)) [أخرجه مسلم 2664]
މާނައީ: ” ‘ނަމަ’ ކިޔުމުން ޝައިޠާނާގެ މަސައްކަތަށް މަގު ފަހިވެގެންދެއެވެ.”
_________________________________
މަޞްދަރު: صفة حجة النبي صلى الله عليه وسلم ، حديث جابر الطويل (ص: 180)
[1] މިތަނުގައި އިޝާރާތްކުރެވިފައި މިވާ ޙަދީޘްއަކީ ނަބިއްޔާ صلى الله عليه وسلم ޙައްޖުކުރެއްވި ގޮތް ބަޔާންކުރައްވާ ޖާބިރު رضي الله عنه ގެ އަރިހުން ޞަޙީޙު މުސްލިމުގައި އައިސްފައިވާ ދިގު ޙަދީޘްއަކަށެވެ. (1218/147)