[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 62 ” މިސްކިތްތައް ޒީނަތްތެރި ކުރުމާއި އެކަމުގައި ފަޚުރުވެރިވުން “

  1. މިސްކިތްތައް ޒީނަތްތެރި ކުރުމާއި އެކަމުގައި ފަޚުރުވެރިވުން.

ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރޭގައި މިސްކިތްތައް ޒީނަތްތެރި ކުރުމާއި އެތަންތަނުގައި ބިންވަޅުނަގައި ހެދުމާއި އެކަމުގައި ފަޚުރުވެރިވުން ހިމެނެއެވެ. އަނަސް رضي الله عنه ގެ ކިބައިން އިމާމު އަޙްމަދު ރިވާކުރައްވާފައި ވެއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((لَا تَقُومُ السَّاعَةُ حَتَّى يَتَبَاهَى النَّاسُ فِي الْمَسَاجِدِ))[1] މާނައީ: “މިސްކިތްތަކާމެދު މީސްތަކުން ފަޚުރުވެރިވެ އުޅެއްޖައުމަށް ދާންދެން ޤިޔާމަތް ޤާއިމް ނުވާހުއްޓެވެ.”

އަދި ނަސާއީ އާއި އިބްނު ޚުޒައިމާގެ ރިވާޔަތުގައި، ހަމަ އެކަލޭގެފާނުގެ ކިބައިން ވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((مِنْ أَشْرَاطِ السَّاعَةِ أَنْ يَتَبَاهَى النَّاسُ فِي الْمَسَاجِدِ))[2] “ޤިޔާމަތް ވުމުގެ ޢަލާމާތްތަކުގެ ތެރޭގައި މިސްކިތްތަކާމެދު މީސްތަކުން ފަޚުރުވެރިވުން ހިމެނެއެވެ.”

[އިމާމު] ބުޚާރީ ވިދާޅުވިއެވެ.

[އެބަސްފުޅުގެ މާނައީ:] “އަނަސްގެފާނު ވިދާޅުވިއެވެ. [އެއީ] އެއާމެދު މީސްތަކުން ފަޚުރުވެރިވެ އުޅުމެވެ. އެއަށްފަހު މަދުން މެނުވީ މިސްކިތްތައް ބިނާކޮށް ނޫޅެތެވެ. މިސްކިތާމެދު ފަޚުރުވެރި ވުމީ: ފަންނީ ޒީނަތްތެރި ކުރުމާމެދު ސަމާލުކަން ދިނުމެވެ. އިބްނު ޢައްބާސް ވިދާޅުވެފައިވެއެވެ. ޔަހޫދީންނާއި ނަޞާރާއިން [ފައްޅިތައް] ޖަރީކުރި ފަދައިން މިސްކިތްތައް ޒީނަތްތެރި ކުރާނޭކަން ކަށަވަރެވެ.”[3]

ދެންފަހު މިސްކިތްތައް ޒީނަތްތެރިކުރުން عُمَرُ بْن الخَطَّاب رضي الله عنه މަނާކުރެއްވިއެވެ. އެހެނީ އެކަމުގެ ސަބަބުން މީސްތަކުން އެބައިމީހުންގެ ނަމާދުން މަޝްޣޫލު ކުރުވައެވެ. އަދި ނަބިއްޔާ صلى الله عليه وسلم ގެ މިސްކިތްކޮޅު އާކުރުމަށް އަމުރު ކުރައްވަމުން ވިދާޅުވިއެވެ.

[އެބަސްފުޅުގެ މާނައީ:] “ވިއްސާރައިން މީސްތަކުން ހިޔާކޮށްދޭށެވެ. އަދި ރަތްކުލަ ނުވަތަ ރީނދޫކުލައިން ދުރުވާށެވެ. ފަހެ މީސްތަކުން ފިތުނަވެރި ވެދާނެއެވެ.”[4]

ﷲ ތަޢާލާ ޢުމަރުގެފާނަށް ރަޙްމަތް ލައްވާށިއެވެ. ފަހެ ޢުމަރުގެފާނުގެ ވަޞިއްޔަތުގައި ނުހިފި ބަޔަކީ މީސްތަކުންނެވެ. އަދި ރަތްކުލައާއި ރީނދޫ ކުލައިން ފުއްދައިލީކީ ވެސް ނޫނެވެ. ކީއްތޯއެވެ! އެކަން ފަހަނައަޅައި، ހެދުން ވިޔެ ކަނޑާ ނަގާހެން މިސްކިތްތަކުގައި ކަނޑައި ނަގައިފުމާ ހަމައަށް ހިނގައްޖެއެވެ. އަދި ރަސްރަސްކަލުންނާއި ޚަލީފާއިން، މިސްކިތް ބިނާކުރުމާއި އެތަން ޖަރީކޮށް ޒީނަތްތެރި ކުރުމުގައި ފަޚުރުވެރިވެއްޖެއެވެ. އަދި އެކަމުގައި ޢަޖައިބުތައް ވެސް ގެނެސްގެންފި ވެއެވެ. އަދިއަދާ ޖެހެންދެންވެސް މިފަދަ މިސްކިތްތައް ބިނާކުރުން މެދުކެނޑިގެން ނުމެދޭއެވެ. ޝާމްކަރައާއި މިޞްރު އަދި މަޣްރިބު ކަރައާއި އަންދަލުސް އަދި މިނޫންވެސް ޤައުމުތަކުގައި ވާފަދައިންނެވެ. މިއަދާ ހަމައަށްވެސް މިސްކިތްތައް ޒީނަތްތެރި ކުރުން މުސްލިމުން ކިބައިން ހުއްޓުމަކަށް ނާދެއެވެ.

އެއްވެސް ޝައްކެއް ނެތްގޮތުގައި މިސްކިތްތައް ޒީނަތްތެރި ކުރުމަކީ އަރާމުގައި އުޅުމާއި އިސްރާފް ކުރުމުގެ ޢަލާމާތެކެވެ. އެތަންތަން ބިނާކުރުން ވާންޖެހޭހުށީ، ހަމައެކަނި އަޅުކަން ކުރުމަށާއި ޛިކުރު ކުރުމަށެވެ. އަދި ހޫނާއި ފިނިން އަދި ވިއްސާރައިން މީސްތަކުންނަށް ހިޔާވަހިކަން ލިއްބައިދޭ ތަނަކަށް ވުމުން ފުދޭހުއްޓެވެ.

ދެންފަހެ ހަމަކަށަވަރުން މިސްކިތްތައް ޒީނަތްތެރި ކުރުމާއި މުޞްޙަފުތައް ވަރަނގުކޮށް ތުތުވުމާމެދު ހަލާކުގެ ބިރުވެރި އިންޒާރު އައިސްފައި ވެއެވެ. أَبُو الدَّرْدَاء رضي الله عنه ގެ ކިބައިން الحَكِيمُ التِّرمِذِي ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ:

((إِذَا زَوَّقْتُمْ مَسَاجِدَكُمْ، وَحَلَّيْتُمْ مَصَاحِفَكُمْ؛ فَالدَّمَارُ عَلَيْكُمْ)) “ތިޔަބައިމީހުންގެ މިސްކިތްތައް ޖަރީކޮށް މުޞްޙަފުތައް ވަރަނގުކުރަން ފަށައިފިނަމަ ދެންފަހެ ތިޔަބައިމީހުންނަށް ހަލާކު ވެއެވެ.”[5]

المُنَاوِي ވިދާޅުވެފައި ވެއެވެ.

[އެބަސްފުޅުގެ މާނައީ:] “މިސްކިތްތައް ޖަރީކުރުމާއި މުޞްޙަފުތައް ވަރަނގުކޮށް ތުތުވުމީ ނަހީ ކުރެވިގެންވާ ކަމެކެވެ. އެހެނީ އެކަމުގެ ސަބަބުން ހިތް މަޝްޣޫލު ކުރުވައެވެ. އަދި ﷲ ތަޢާލާއާމެދު ވިސްނައި ފިކުރުކޮށް ބިރުވެތިވުމުން ޣާފިލު ކުރުވައެވެ. ޝާފިޢީގެފާނު ދެކެވަޑައިގަންނަވާ ގޮތުގައި ރަނާއި ރިހިން މިސްކިތްތައް ޒީނަތްތެރި ކުރުން –އެއީ ގެފުޅު- ކަމުގައި ވިޔަސް ޙަރާމް ވެގެންވާ ކަމެކެވެ. އަދި އެނޫން ތަންތަން [ޖަރީކުރުން] މަކްރޫހަ ވެގެން ވެއެވެ. [6]

 

____________________________________

[1] ((مسند أحمد)) (3 / 134 – بهامشه منتخب كنز العمال)).

قال الألباني: ((صحيح)). ބައްލަވާ:  ((صحيح الجامع)) (6 / 174) (ح 7298).

[2]  ((سنن النسائي)) (2 / 32 – بشرح السيوطي).

[3]  [ބައްލަވާ:] ((صحيح البخاري))، كتاب الصلاة، باب بنيان المسجد، (1 / 539 – مع الفتح).

[4]  ބައްލަވާ: ((صحيح البخاري)) (1 / 539 – مع الفتح).

[5]  ((صحيح الجامع الصغير)) (1 / 220) (ج 599)، وقال الألباني: ((إسناده حسن)).

[6]  [ބައްލަވާ:]  ((فيض القدير)) (1 / 367).