އަށްވަނަ ޙުކުމް
ވަރިކުރުމާއި ގުޅިގެން އަންހެނުންނަށް ދީފައިވާ މުދަލެއް ފިރިމީހާ އަތުލުން
ފިރިން އެމީހުންގެ އަނބިންވަރިކުރާއިރުގައި އިޙްސާންތެރިކަމާއެކު އެކަނބަލުން ދޫކޮށްލުމަށް ﷲ ތަޢާލާ އަމުރުކުރައްވާފައިވެއެވެ. އަދި ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ ޙުކުންފުޅުތައް، އެދެމީހުން ޤާއިމް ނުކުރާނެކަމާމެދު، އެދެމީހުން ބިރުގަންނަނަމަ މެނުވީ، އެކަނބަލުންނަށް ރަނުގެގޮތުގައި ދިން ތަކެތީގެ ތެރެއިން އެއްޗެއް އަތުލުންވަނީ ނަހީކުރައްވާފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.
(وَلاَ يَحِلُّ لَكُمْ أَن تَأْخُذُواْ مِمَّآ آتَيْتُمُوهُنَّ شَيْئاً إِلاَّ أَن يَخَافَآ أَلاَّ يُقِيمَا حُدُودَ الله فَإِنْ خِفْتُمْ أَلاَّ يُقِيمَا حُدُودَ الله)[سورة البقرة:229]
މާނައީ: “އަދި، އެ ދެމީހުން، ﷲ ކަނޑައަޅުއްވާފައިވާ حكم ތައް قائم ނުކުރެވިދާނެކަމަށް ބިރުގަންނަނަމަ މެނުވީ، އެކަނބަލުންނަށް ތިޔަބައިމީހުން ދީފައިވާ ތަކެތީގެ ތެރެއިން އެއްޗެއް ތިޔަބައިމީހުން އަތުލުން ތިޔަބައިމީހުންނަކަށް حلال ވެގެނެއް ނުވެއެވެ.”
އެ އާޔަތުގައި އެވަނީ ދެމަފިރިންގެ މެދުގައި ﷲ ތަޢާލާ ކަނޑައަޅައިފައިވާ ޙުކުމްފުޅުތަށް ޤާއިމް ކުރުމަށް އަންގަވާފައެވެ. އަދި ހެޔޮގޮތުގައި ކިޔަމަންތެރިކަމާއެކު އެކަކު އަނެކަކަށް ދޭންޖެހޭ ޙައްޤުތަށް އަދާކުރުމަށް އަންގަވާފައެވެ. އަދި ދެމަފިރުންގެ މެދުގައި ޚިލާފުތަށް އުފެދި، ދެބަސްވުމާއި ނުރުހުންތެރިކަމާއި ނަފުރަތްތެރިކަން އުފެދިއްޖެނަމަ، އަންހެންމީހާއަށް ވަރިއަށް އެދުން ހުއްދަވެގެންވެއެވެ. އަދި އެފަދަ ހާލަތުގައި އަނބިމީހާއަތުން މުދަލެއް އަތުލުން ފިރިމީހާއަށް ހުއްދަވެގެންވެއެވެ. އެހާލަތުގައި އަނބިމީހާ ވަރިއަށް އެދިގެން ކުރާ ވަރިއަށް ފިޤުހު ޢިލްމުވެރިން ދެއްވާފައިވާ ނަމަކީ ( الخُلع ) ޚުލުޢު ވަރިއެވެ. މި ވަރީގައި އަނބިމީހާ ފިރިމީހާކައިރިން ދުރުވުމުގެ ބަދަލެއްގެ ގޮތުން އެއްޗެއް އަނބިމީހާގެ އަތުން އަތުލެވޭނެއެވެ.
މިފަދައިން ފިރިމީހާ އަނބިމީހާގެ އަތުން އެއްޗެއް އަތުލާހިނދުގައި ޢަދުލުވެރިކަމާ އިންޞާފުވެރިކަމާއެކު އެއެއްޗެއް އަތުލާހުށިކަމެވެ. އެއީ ރަނުގެ ގޮތުގައި ދީފައިވާ އެއްޗެއް ކަމުގައިވިޔަސް އަދި ޒިފާފުގެރޭގައި ދީފައިވާ އެއްޗެއްކަމުގައިވިޔަސް އަދި އަންހެންމީހާއަށް ހޭދަކޮށްފައިވާ ހޭދަކުރުމެއްކަމުގައިވިޔަސް އެއެއްޗެއް އަތުލާއިރުގައި ޢަދުލާއި އިންޞާފުން އަތުލާހުށިކަމެވެ. އަދި އަނބިން އެމީހުންގެ ފިރިން އަތުން ލިބިގެންފައިވާ އެއްޗެއް ދޭހުށިކަމެވެ.
މިކަމުގައި ދަލީލު ލިބިގެންވަނީ ޞަޙީޙުލް ބުޚާރީގައި ރިވާވެގެންވާ ރިވާޔަތަކުންނެވެ.
އެއީ ثابت بن قيس ގެ އަނބިކަނބަލުންގެ ވާހަކައެވެ. އެރިވާޔަތުގައިވެއެވެ. އެ އަންހެންމީހާއަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ.
((أَتَرُدِّينَ عَلَيْهِ حَدِيقَتَهُ؟ قَالَتْ: نَعَمْ، قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: اقْبَلِ الحَدِيقَةَ وَطَلِّقْهَا تَطْلِيقَةً.))[1]
މާނައީ: “ކަނބުލޭގެ އޭނާގެ ބަޤީޗާ އޭނާއަށް ރައްދުކުރާނަން ހެއްޔެވެ؟ އެކަނބުލޭގެ ދެންނެވިއެވެ. އާއެކެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. އެ ބަޤީޗާ އޭނާއާ ހަވާލުކުރާށެވެ. އަދި އެކަނބުލޭގެ ވަރިކުރާށެވެ.
ފިޤުހު ޢިލްމުވެރިންގެ ތެރެއިން ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާގޮތުގައި ފިރިމީހާ އަނބިމީހައަށް ދީފައިވާ އެއްޗަކަށްވުރެ އިތުރަށް އަތުލުން ހުއްދަވެގެންވެއެވެ. އެއީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.
(فَلاَ جُنَاحَ عَلَيْهِمَا فِيمَا افتدت بِهِ)[سورة البقرة:229]
މާނައީ: “ފަހެ، އެކަނބުލޭގެ ވަރިވުމަށް އެއްޗެއްދިނުމާއި، ދިންއެއްޗެއް ހިފުމުގައި، އެ ދެމީހުންގެ މައްޗަކަށް ކުށެއްނެތެވެ.” މިއާޔަތުން ދޭހަވާގޮތުން މަދުންވެސް އަދި އިތުރަށްވެސް ނެގިދާނެއެވެ.
އަދި شعبي އާއި زهري އަދި حسن البصري ވިދާޅުވެއެވެ. ފިރިމީހާ އަނބިމީހާއަށް ދީފައިވާ އެއްޗަކަށްވުރެ އިތުރަށް އަތުލުން ޙަލާލުވެގެން ނުވެއެވެ. އެހެނީ އެގޮތަށް އަތުލާކަމުގައިވާނަމަ އެއީ ޙައްޤަކާއިނުލާ އަތުލެވޭ އަތުލުމެކެވެ. މިބޭފުޅުން ދަލީލު ނަންގަވަނީ ހަމަ މިއާޔަތުންވެ. އެބޭފުލުން ވިދާޅުވެފައިވަނީ ފިރިމީހާ އަނބިމީހާއަށް ދީފައިވާ އެއްޗެއް އަތުލުން ހުއްދަވެގެންވާ ވާހަކައެވެ.
ރާޖިޙުވެގެންވަނީ ފިރިމީހާ އަނބިމީހާއަށް ދީފައިވާ އެއްޗަކުން އިތުރަށް އަތުލުން ހުއްދަވެގެންވުމެވެ. އެހެނެއްކަމަކު އެއީ މަކުރޫހަކަމެކެވެ.
ޚުލުޢުކުރުމަކީ ވަރިއެއްކަމެއް ނުވަތަ فسخ އެއްކަމާމެދު ފިޤުޙު ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވެފައިވެއެވެ. އެގޮތުން ޖުމްޙޫރު ޢިލްމުވެރިން ވިދާޅުވަނީ އެއީ ވަރިއެއްކަމަށެވެ. އަދި އިމާމް ޝާފިޢީ ވިދާޅުވެފައިވަނީ އެއީ فسخ އެއްކަމަށެވެ.
=ނުނިމޭ=
____________________________
[1] رواه البخاري