[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 66 ” ޒަމާން ކައިރިވުން… “

qiyaamai vumuge

  1. ޒަމާން ކައިރިވުން.

އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ. ((لا تَقُومُ السَّاعَةُ… حَتَّى يَتَقَارَبَ الزَّمَانُ))[1] “ޒަމާން ކައިރިވެއްޖައުމާ ހަމައަށް ޤިޔާމަތް ޤާއިމް ނުވާހުއްޓެވެ.”

އަދިވެސް އެކަލޭގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ވިދާޅުވިއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((لاَ تَقُومُ السَّاعَةُ حَتَّى يَتَقَارَبَ الزَّمَانُ، فَتَكُونُ السَّنَةُ كَالشَّهْرِ، وَيَكُونُ الشَّهْرُ كَالْجُمُعَةِ، وَتَكُونُ الْجُمُعَةُ كَالْيَوْمِ، وَيَكُونُ الْيَوْمُ كَالسَّاعَةِ، وَتَكُونُ السَّاعَةُ كاحْتِرَاقِ السَّعَفَةِ))[2] މާނައީ: “ޒަމާން ކައިރިވެއްޖައުމަށް ދާންދެން ޤިޔާމަތް ޤާއިމް ނުވާހުއްޓެވެ. ފަހެ އަހަރަކީ މައްސަރެއް ފަދައިން ވެދެއެވެ. އަދި މަހަކީ ދުވަސްކޮޅެއް ފަދައިން ވެދެއެވެ. އަދި ދުވަސްކޮޅަކީ ދުވަހެއް ފަދައިން ވެދެއެވެ. އަދި ދުވަހަކީ ހިނދުކޮޅެއް ފަދައިން ވެދެއެވެ. އަދި ހިނދުކޮޅަކީ ފަންކޮޅެއް އަނދައިގެން ދިޔުން ކަހަލަ ކަމަކަށް ވެގެން ދެއެވެ.”

ޒަމާން ކައިރިވުމޭ ބުނެވޭ ބަހުގެ މުރާދާމެދު ޢިލްމުވެރިންގެ ބަސްފުޅުތަކެއް ވެއެވެ. އޭގެތެރޭގައި:

  1. އެއީ ވަގުތުގައިވާ ބަރަކާތް ކުޑަވުމެވެ.[4]

އިބްނު ޙަޖަރު ވިދާޅުވެފައި ވެއެވެ. [ބަސްފުޅުގެ މާނައީ:] “ތިމަންނާމެންގެ ޒަމާނުގައި މިކަން މިވަނީ ފެނިފައެވެ. ފަހެ އަހުރެމެންގެ މިޒަމާނުގެ ކުރިން އައި ޒަމާނުގައި ދުވަސްތައް ހިނގާފައިވާ ވަރަށްވުރެ އަވަހަށް މިހާރު ދުވަސްތައް ހިނގާތަން އަހުރެމެންނަށް މިދަނީ ފެންނަމުންނެވެ.”[4]

  1. އޭގެ މުރާދަކީ މަހުދީ ގެފާނާއި ޢީސާގެފާނުގެ ޒަމާނުގައި އެކަން އޮންނާނެގޮތެވެ. ދިރިއުޅުމުގެ ފޮނިކަން މީސްތަކުންނަށް ލިބި އަމާންކަން ފެތުރި ޢަދުލުވެރިކަން ޤާއިމްވުމުންނެވެ. އެގޮތުން ހެޔޮ ދުވަސްތައް ދިގުވެގެން ދިޔަކަމުގައި ވިޔަސް މީސްތަކުންނަށް ހީވަނީ އެދުވަސްތައް ކުރުކަމުގައެވެ. އަދި އުނދަގޫ ދުވަސްތައް އެއީ ކުރު ދުވަސްތައް ކަމުގައި ވީނަމަވެސް ދިގުކަމުގައި ހީވެއެވެ.[5]
  2. އެކަމުގެ މުރާދަކީ ދީންވެރިކަން ނެތުމުގައި އެޒަމާނުގެ މީސްތަކުންގެ ޙާލަތަށް ކައިރިކައިރީގައި ބަދަލު އައުމެވެ. ހެޔޮކަމަކަށް އަމުރުކުރާނެ މީހަކު އަދި ނުބައިކަމެއް މަނާކުރާނޭ މީހަކު އެމީހުންގެތެރޭ ނެތުމާހަމައަށެވެ. ފާސިޤުކަން ގަދަވެގަނެ ފާސިޤުކަމުގެ އަހުލުވެރިން ފާޅުވުމުންނެވެ. އެއީ ދީނުގެ ޢިލްމު އުނގެނުން ދޫކޮށްލައި ޖާހިލުކަމަށް ރުހުމުންނެވެ. އޭރުގައި މީސްތަކުން ޢިލްމުވެރި ކަމުގައި ހަމަހަމައެއް ނުވާނެތެވެ. ފަހެ ޢިލްމުވެރިކަމަކީ ތަފާތު ދަރަޖަތައްވާ ކަމެއްވެސް މެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ: (وَفَوْقَ كُلِّ ذِي عِلْمٍ عَلِيمٌ) [سورة يوسف: 86][6] މާނައީ: “އަދި ކޮންމެ ޢިލްމުވެރިޔެއްގެ މައްޗަށް (ހުރިހާކަމެއް) މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ވޮޑިގެންވެއެވެ.” ޖާހިލުން ކަމުގައި ވުމުން މެނުވީ ހަމަހަމަކަމެއް ނުމެވޭމެއެވެ.
  3. އޭގެ މާނައަކީ އެޒަމާނުގެ މީސްތަކުންގެ ކައިރިކަމެވެ. މުވާސަލާތީ ވަޞީލަތްތައް ފުރިހަމަވުމުގެ ސަބަބުންނާއި ދުރު ކައިރިކޮށްދޭ އެއްގަމާއި ވައިގެ އުޅަނދުފަހަރުގެ ހަލުވިކަމާހުރެއެވެ.[7]
  4. އޭގެ މުރާދަކީ ވަގުތު ކުރުވުމެވެ. އަދި އޭގެ ދުވެލި ހަމަ ޙަޤީޤަތުގައި ވެސް އަވަސްވެފައި ހުރުމެވެ. އެކަން ވާހުށީ ފަހު ޒަމާނުގައެވެ.

ދެންފަހެ މިކަމަކީ އަދި ހިނގާފައިވާ ކަމެއް ނޫނެވެ. އެކަން ކަށަވަރުވެގެން ދަނީ ދައްޖާލުގެ ޒަމާނުގެ ދުވަހެއްގެ ދިގުމިން އަހަރެއްފަދައިން އަދި މަހެއް ފަދައިން އަދި ދުވަސްކޮޅެއް ފަދައިން ވެއްޖައުމާހަމައަށް ދެމިގެންދާނެކަމުގައި އައިސްފައި ވާތީއެވެ. ފަހެ އެދުވަސްތައް ދިގުވާނީ އެއީ ކުރު ދުވަސްތަކެއް ކަމުގައިވާތީކަން ކަށަވަރެވެ.[8] އެއީ ކައުނުގެ ނިޒާމު ގަނޑުބަނޑުވެ ދުނިޔެ ފަނާވުން ކައިރިވުމުންނެވެ.

ابْنُ أَبِيْ جمْرَة[9] ވިދާޅުވިއެވެ. [ބަސްފުޅުގެ ތަރުޖަމާއީ:] “ޒަމާން ކައިރިވުމުގެ މުރާދަކީ އެދުވަސްތައް ކުރުވުން ކަމުގައި ވެދާނެއެވެ. ޙަދީޘްގައި ވާފަދައިންނެވެ. ((لاَ تَقُومُ السَّاعَةُ حَتَّى تَكُونُ السَّنَةُ كَالشَّهْرِ))، ޙަދީޘްގެ މާނައީ: “އަހަރުދުވަސް އެއީ މައްސަރެއްކަމުގައި ވެއްޖައުމާ ހަމައަށް ޤިޔާމަތް ޤާއިމްނުވާ ހުއްޓެވެ.” މިހެންކަމުން އެކުރުކަމަކީ އެއީ ޙިއްސީ ނުވަތަ މަޢުނަވީ ކަމެއް ކަމުގައި ވެސް ވެދާނެއެވެ:

ޙިއްސީގޮތް ދަންނައެވެ: ފަހެ އެކަން އަދި ފާޅުވެފައެއް ނުވެއެވެ. އެއީ ޤިޔާމަތް ކައިރިވުމުން ހިނގާ ކަންކަމުގެ ތެރެއިން ކަމެއް ކަމުގައި ބެލެވެއެވެ.

އަދި މަޢުނަވީގޮތް ދަންނައެވެ: އެފާޅުވީއްސުރެ އެކަމުގައި ދިގު މުއްދަތެއް ވެއެވެ. އެކަން އެނގޭނީ ދީނީ ޢިލްމުވެރިންނަށާއި ދުނިޔޭގެ ކަންކަމުގެ މާހިރުންނަށެވެ. ފަހެ މީގެ ކުރިން ބަޔަކު ކޮށްފައިނުވާ ވަރަށް އެކަމުގައި މަސައްކަތް ކުރުމުގެ ކުޅަދާނަކަން އެމީހުންނަށް ލިބިފައިވާތީ ފެނިގެން ދެއެވެ. އަދި އެކަމުގެ ޝަކުވާތައް ކުރެވުނަސް އޭގެ ސަބަބަކީ ކޮބައިކަން ބުނެދޭކަށް އެމީހުންނަކަށް ނޭނގެއެވެ. އެއީ އީމާންކަމުގެ ބަލިކަށިކަމާހުރެ ޝަރީޢަތާ ޚިލާފުވާގޮތަށް އެކިބާވަތުގެ ކަންކަން ފެންނަމުން ދިއުން ކަމުގައި ވެދާނެއެވެ. އޭގައިވެސް އެންމެ ނުބައިކަންހުރީ ކާބޯތަކެތީގައެވެ. އޭގެތެރޭގައި ސީދާ ޙަރާމް ތަކެއްޗާއި އެކަމުގައި ވަންހަނާކަމެއް ނެތްވަރަށް ޝައްކުވާ ތަކެތި ހިމެނެއެވެ. އަދި ގިނަބަޔަކު އެކަމުގައި ބަލައިވެސް ނުލައެވެ. ލިބެންއޮތް އެއްޗެއް ވިއްޔާ އެއީ ކޮންމެ ގޮތަކަށްވާ އެއްޗަކަށްވިޔަސް އެއާދިމާއަށް ދުވެއެވެ.

ވަގުތުގައާއި ރިޒްޤުގައި އަދި ގޮވާމުގައި ބަރަކާތް ލެއްވުން ހަމައެކަނި ވަނީ އީމާންކަމުގައި ހުރި ގަދަކަމަކާއި ކުރަން އަމުރު ކުރައްވާފައިވާ ކަންކަން ކޮށް އަދި ނަހީ ކުރައްވާފައިވާ ކަންކަމުން ދުރުވެގަތުމުން ކަން އޮތްގޮތެވެ. އެކަމުގެ ހެތްކަކީ ﷲ ތަޢާލާގެ މިވަޙީ ބަސްފުޅެވެ. (وَلَوْ أَنَّ أَهْلَ الْقُرَىٰ آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاءِ وَالْأَرْضِ وَلَـٰكِن كَذَّبُوا فَأَخَذْنَاهُم بِمَا كَانُوا يَكْسِبُونَ) [الأعراف: 96] އާޔަތުގެ މާނައީ: “ރަށްތަކުގެ އަހުލުވެރިން، އީމާންވެ ތަޤްވާވެރިވީނަމަ، ހަމަކަށަވަރުން، އުޑުންނާއި ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބަރަކާތުގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ. އެހެނެއްކަމަކު، އެއުރެން ދޮގުކުރޫއެވެ. ދެން، އެއުރެން ހޯދައި އުޅުނު ޢަމަލުތަކަށްޓަކައި، ތިމަންރަސްކަލާނގެ (ކޯފާގެ ޢަޛާބުން) އެއުރެން ހިއްޕެވީމެވެ.”

________________________________

[1] ((صحيح البخاري))، كتاب الفتن، (13 / 81 – 82 – مع الفتح).

[2] ((مسند أحمد)) (2 / 537 – 538 – بهامشة منتخب الكنز)، ورواه الترمذي عن أنس. انظر: ((جامع الترمذي))، أبواب الزهد، باب ماجاء في تقارب الزمن وقصر الأمل، (6 / 624 – 625 – مع تحفة الأحوذي).

قال ابن كثير: ((إسناده على شرط مسلم)). ((النهاية / الفتن والملاحم)) (1 / 181)، تحقيق د. طه زيني.

قال الهيثمي: ((رجاله رجال الصحيح)). ((مجمع الزوائد)) (7 / 231).

وقال الألباني: ((صحيح)). انظر: ((صحيح الجامع الصغير)) (6 / 175) (ح 7299).

[3] ބައްލަވާ: ((معالم السنن)) (6 / 141 – 142 – بهامش مختصر سنن أبي داود للمنذري)، و ((جامع الأصول)) لابن الأثير (10 / 409)، و ((فتح الباري)) (13 / 16).

[4] [ބައްލަވާ:] ((فتح الباري)) (13 / 16).

[5] ބައްލަވާ: ((فتح الباري)) (13 / 16).

[6] ބައްލަވާ: ((مختصر سنن أبي داود)) للمنذري (6 / 142).

[7] ބައްލަވާ: ((إتحاف الجماعة)) (1 / 497)، و ((العقاعد الإسلامية)) (ص 247) لسيد سابق.

[8] ބައްލަވާ: ((مختصر سنن أبي داود)) (6 / 142)، و ((جامع الأصول)) (10 / 409)، تحقيق عبد القادر الأرناؤوط.

[9] އެއީ العَلاَّمَة أَبُو مُحّمَّد عَبْد الله بْن سَعْد بْن سَعِيد بْن أَبِي جَمْرة الأَزْدِي الأَنْدَلُسِيْ المَالِكِي އެވެ. ވެވަޑައިގެންނެވީ ޙަދީޘް ޢިލްމުވެރިއެއް ކަމުގައެވެ. އެކަލޭގެފާނުގެ އެތައް ފޮތްތަކެއް ވެއެވެ. އޭގެތެރޭގައި ޞަޙީޙުލް ބުޚާރީގެ ޚުލާޞާ ((جمع النهاية))، އަދި ޙަދީޘްޢިލްމާއި ރުއުޔާއާ ބެހޭ ފޮތެއް ކަމުގައިވާ ((المرائي الحسان)) ހިމެނެއެވެ.