[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مَجَالِسُ شَهْرِ رَمَضَانَ – ހަތްވަނަ މަޖްލިސް

ރޯދައިގައި ރޯދަވެރިން ބެހިގެންވާ ބައިތަކުގެ ތެރެއިން

 

ހުރިހާ ޝަރީކުންގެ ކިބައިން ހުސްޠޯހިރުވެ ވޮޑިގެންވާ ﷲ ތަޢާލާއަށް ޙަމްދު ހުއްޓެވެ. އެއިލާހީ ޢައިބުތަކުންނާއި އުނިކަންތައްތަކުން ހުސްޠާހިރުވެ، މާތްވެ މަތިވެރިވެ ވޮޑިގެންވާ އިލާހެވެ. އަނބެއް އަދި ދަރިކަލެއް ލިބިވޮޑިގަތުމުންވެސް ހުސްޠާހިރުވެ ވޮޑިގެންވާ އިލާހެވެ. އަދި ގަދަފަދަވެގެންވާ ހަތް އުޑު ތަނބުތަކާއިނުލައި، މަތިމައްޗަށް އުފުއްލެއްވި އިލާހެވެ. އަދި އެއިލާހު ބިންގަނޑު ފެތުރުއްވިއެވެ. އަދި އެ ބިންގަނޑު ހިފެހެއްޓެވުމަށްޓަކައި ފަރުބަދަތައް ލެއްވިއެވެ. އެއިލާހީ ހިތްތަކުގައި ފޮރުވިފައިވާ ސިއްރުތަކާއި، ޚިޔާލުތަށް އެއިލާހަށް ފާޅުވެވޮޑިގެންވާ އިލާހެވެ. ތެދުމަގާއި މަގުފުރެދުމުގެ ތެރެއިން އިސްވެ ހިނގާފައިވާ ކަންކަމާއި، ވަމުން އަންނަ ކަންކަން ތަޤުދީރުކުރައްވާ އިލާހެވެ. އެއިލާހުގެ ލުޠުފުގެ ކަނޑުގައި އަޅުވެރިންގެ ބޯޓުތައް ދަތުރުކުރެއެވެ. އެއިލާހުގެ މައިދާނުގައި ޒާހިދުންގެ އަސްތައް ބުރުޖަހަޖަހައި ތިބެތެވެ. އަދި އެއިލާހުގެ ޙަޟުރަތުގައި ކިޔަވާކުދިންގެ ބޭނުންތައްވެއެވެ. އަދި ޤަޞްދުކުރި މީހުންގެ ނިމުންވެއެވެ.  އެކިޔަވާކުދިން އިޖްތިހާދުކުރުމުގައި އުފުލާބުރަ ވަނީ އެއިލާހުގެ ބެއްލެވުމުގެ ދަށުގައެވެ. އަދި އެއިލާހީ، ކަޅުފޮއި އަނދިރި ރެއެއްގައި ކަޅުހިނި ހިރޭހިރުންވެސް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. އަދި އިންސާނާ އޭނާ ހީކުރާ ހީކުރުންތަކުގައާއި އަދި އޭނާ ޤަބޫލުކުރާ ޤަބޫލުކުރުމުގައި، އޭނާގެ ނަފްސު އޭނާއަށް ވަސްވާސްދޭ ކަންތައްތައްވެސް އެއިލާހު ދެނެވޮޑިގެންވެއެވެ. އަދި އެއިލާހުގެ ޙަޟުރަތުގައި ކަންކަމުގައި އެދި ދުޢާ ދަންނަވާ ފަރާތްތަކަށް އެއިލާހު ދީލަތިވެ ވޮޑިގެންވެއެވެ. އެދޭ މިންވަރަށްވުރެ އިތުރަށް ބޭނުންތަށް ފުއްދަވާދެއްވައެވެ. އަދި ޞާލިޙު ޢަމަލުތައްކުރާ އިޚުލާޞްތެރިންނަށް ދެއްވެވުން އިތުރުކޮށްދެއްވައެވެ. އަދި އަދަދުކުރުމެއް ނުވާގޮތުގައި އަހަރެން އެއިލާހަށް ޙަމްދުކުރަމެވެ. އަދި އެއިލާހުގެ ނިޢުމަތްތަކަށް އަހަރެން ޝުކުރުވެރިވަމެވެ. އަދި އެއިލާހަށް ޝުކުރުވެރިވުމުން އެއިލާހު ނިޢުމަތްތައް އިތުރުކޮށްދެއްވައެވެ.

އަދި ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އަޅުހެކިވަމެވެ. އެއިލާހަށް ބައިވެރިއަކު ނުވެއެވެ. އެއިލާހީ އަޅުތަކުންނަށް ރަޙުމަތްވަންތަ، އަޅުތަކުންގެ ވެރި އިލާހެވެ. އަދި މުޙައްމަދުގެފާނަކީ ﷲގެ އަޅާ އަދި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެކަލޭގެފާނަކީ، ހުރިހާ ގައުމެއްގައިވާ ހުރިހާ ޚަލްޤުތަކުގެމައްޗަށް ފޮނުވުނު ބޭކަލެކެވެ. އެކަލޭގެފާނުގެ މައްޗަށް ﷲތަޢާލާ ޞަލަވާތް ލައްވާށިއެވެ. އަދި އެކަލޭގެފާނުގެ ޞަޙާބީ، އަބޫބަކުރުގެފާނުގެ މައްޗަށް ޞަލަވާތްލައްވާށިއެވެ. އެކަލޭގެފާނަކީ އެކަލޭގެފާނުގެ ނަފްސުންނާއި މުދަލުން ހޭދަކުރައްވާ ދީލަތި ބޭކަލެކެވެ. އަދި ޢުމަރުގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނަކީ އިސްލާމް ދީނަށް ނަޞްރު ދިނުމަށްޓަކައި ކުރިޔަށް ވަޑައިގެންނެވި ބޭކަލެކެވެ. އަދި ޢުޘްމާނުގެފާނުގެ މައްޗަށްވެސް ޞަލަވާތްލައްވާށިއެވެ. އެކަލޭގެފާނަކީ العُسْرة (އުނދަގުލުގެ ލަޝްކަރު. އެބަހީ، ތަބޫކު ހަނގުރާމައި ގެ) ލަޝްކަރު ތައްޔާރުކުރެއްބި ބޭކަލެވެ. ހެކިވެރިން ތެދުވާ ދުވަހުގައި (ޤިޔާމަތް ދުވަހުގައި) އެކަލޭގެފާނަށްހުރި ފަޚުރެއްގެ ބޮޑުކަމާއެވެ. އަދި ޢަލީގެފާނުގެ މައްޗައްވެސް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނަކީ ހިތްވަރުގަދަކަމާއި ދިމާވާ ކަންކަމުގައި ކެއްތެރިވާ ބޭކަލެއްކަމުގައި މަޝްހޫރުވެފައިވާ ބޭކަލެކެވެ. އަދި ރސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެންމެހާ އާލުންނާއި އަޞްޙާބުންނާއި ތަބިޢީންނާއި އެއްބަޔަކު އަނެއްބަޔަކަށް ގޮވާ ދުވަހާއި ހަމައަށް  (އެބަހީ ޤިޔާމަތް ދުވަހާއި ހަމައަށް) އިޙްސާންތެރިކަމާއެކު އެބޭކަލުންނަށް ތަބަޢަވީހާބަޔަކަށް އެންމެ ފުރިހަމަ ސަލާމުން ސަލާމްލެއްވުމަށް އެދި ދުޢާކުރަމެވެ.

އަޚުންނޭވެ! ރޯދާގައި، ރޯދަވެރިން ބެހިގެންވާ ބައިތަކުގެ ތެރެއިން ފަސް ބައި އިސްވެ ހިނގައްޖެއެވެ. މިމަޖުލީހުގައި އަޅުގަނޑުމެން، ރޯދަވެރިން ބެހިގެންވާ ބައިތަކުގެ ތެރެއިން އިތުރު ބައިތަކާ ބެހޭގޮތުން ވާހަކަދައްކާނަމެވެ.

ހަވަނަ ބައި

ދަތުރުވެރިޔާގެ ދަތުރަކީ ރޯދަ ދޫކޮށްލުމުގައި ހީލަތެއް ހެދުމަށްކުރާ ދަތުރެއްކަމުގައި ނުވާނަމަ ރޯދަ ދޫކޮށްލުން ހުއްދަވެގެންވެއެވެ. ރޯދަ ދޫކޮށްލުމުގައި ހީލަތެއް ހެދުމަށް ދަތުރު ކުރާނަމަ އޭނާގެ މައްޗަށް ރޯދަ ދޫކޮށްލުން ޙަރާމްވެގެންވެއެވެ. އެހާރުން އޭނާގެ މައްޗަށް ރޯދަހިފުން ވާޖިބުވާނެއެވެ. ފަހެ ރޯދަ ދޫކޮށްލުމުގެ ޙީލަތެއްނެތި ދަތުރުކުރާނަމަ، ރޯދަ ދޫކޮށްލުމާއި ރޯދަ ހިފުމުގެ އިޚްތިޔާރު އޭނާއަށް ލިބިގެންވެއެވެ. އެދަތުރަކީ ދިގު ދަތުރެއް ނުވަތަ ކުރު ދަތުރެއް ކަމުގައި ވީނަމަވެސް މެއެވެ. އަދި ކަމެއް ޖެހިގެން ބޭނުމަކަށް ކުރާ ދަތުރެއް ކަމުގައި ވީނަމަވެސް ނުވަތަ ދެމިގެންދާ ގޮތުގައި ތަކުރާރުކޮށް ކުރާ ދަތުރެއް ކަމުގައި ވީނަމަވެސް މެއެވެ. މިސާލަކަށް މަތިންދާ ބޯޓުގައި ފެންދިނުމަށް މަސައްކަތް ކުރާމީހާ އާއި، ޓެކްސީ ދުއްވާ މީހުން ފަދަ މީހުންނެވެ. ދަލީލަކީ، ޢާންމުކޮށް މިކަމުގައި ﷲތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅެވެ.

وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ يُرِيدُ اللَّـهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ ﴿البقرة: ١٨٥﴾

މާނައީ: “އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ. ﷲ ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ.”

އަދި އަލް އިމާމު ބުޚާރީއާއި އަލް އިމާމު މުސްލިމް އަނަސް ބުން މާލިކު رضي الله عنه ގެ އަރިހުން ރިވާކުރައްވަފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “كُنَّا نُسَافِرُ مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَلَمْ يَعِبِ الصَّائِمُ عَلَى الْمُفْطِرِ وَلَا الْمُفْطِرُ عَلَى الصَّائِمِ”([1]) މާނައީ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކު ތިމަންބޭކަލުން ދަތުރުކުރައްވަމެވެ. ރޯދަ ހިފައިގެންހުރި ބޭކަލަކު، ރޯދަ ދޫކޮށްލާގެން ހުރި ބޭކަލަކަށް އަޢިބެއް ނުކިޔުއްވައެވެ. އަދި ރޯދަ ދޫކޮށްލާގެންހުރި ބޭކަލަކު، ރޯދަ ހިފާގެންހުރި ބޭކަލަކަށް އަޢިބު ނުކިޔުއްވައެވެ.”

އަދި އަބޫ ސަޢީދުލް ޚުދުރީ رضي الله عنهގެ އަރިހުން އިމާމު މުސްލިމް ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“يَرَوْنَ أَنَّ مَنْ وَجَدَ قُوَّةً فَصَامَ فَإِنَّ ذَلِكَ حَسَنٌ وَيَرَوْنَ أَنَّ مَنْ وَجَدَ ضَعْفًا فَأَفْطَرَ فَإِنَّ ذَلِكَ حَسَنٌ”([2])

މާނައީ: “އެބޭކަލުން (އެބަހީ އަޞްޙާބު ބޭކަލުން) ދެކިވަޑައި ގަންނަވަނީ، ހަށިގަނޑުގައި ވަރުހުރެއްޖެ މީހާ ރޯދަ ހިފުމަށެވެ. އެމީހަކަށް އެގޮތް ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި ހަށިގަނޑުގައި ވަރުނެތް މީހާ ދޫކޮށްލުމަށެވެ. އެމީހަކަށް އެގޮތް ހެކޮކަން ބޮޑެވެ.”

ސުނަން އަބޫ ދާވޫދުގައި حمزة بن عمرو الأسلمي رضي الله عنه ގެ އަރިހުން ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “އޭﷲގެ ރަސޫލާއެވެ. ތިމަންކަލޭގެފާނަކީ މީހުންގޮވައިގެން އެއްތަނުން އަނެއްތަނަށް ކުއްޔަށް ދަތުރު ކޮށްދީ އުޅޭ މީހަކީމެވެ. ފަހެ އެކަމުގައި ތިމަންކަލޭގެފާނު އުޅުށްވަނިކޮށް ފަހަރެއްގައި މިމަހާ (އެބަހީ ރަމަޟާން މަހާ) ދިމާވެދާނެއެވެ. ތިމަންކަލޭގެފާނަކީ ހަށިގަނޑުގައި ބާރުހުރި ޒުވާނަކީމެވެ. ރޯދަހިފުން ފަސްކުރުމަށްވުރެ (ރޯދަ މަހުގައި) ރޯދަ ހިފުން ތިމަންކަލޭގެފާނަށް މާ ފަސޭހައެވެ. ރޯދަހިފުން ފަސްކޮށްފިނަމަ އެކަން ތިމަންކަލޭގެފާނު ބޮލުގައި އެޅިފައިވާ ދަރަންޏެއްގޮތުގައި ވާނެއެވެ. އޭ ﷲގެ ރަސޫލާއެވެ. އެންމެ އަޖުރު ބޮޑުވާނީ ތިމަންކަލޭގެފާނު ރޯދަ ހިފުމުން ހެއްޔެވެ؟ ނުވަތަ ރޯދަ ދޫކޮށްލުމުން ހެއްޔެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

: “أي ذلك شئت يا حمزة”

މާނައީ: “އޭ ޙަމްޒާއެވެ. ކަލޭގެފާނު ބޭނުންފުޅުވެ ވަޑައިގެންނެވި ގޮތަކަށް ޢަމަލުކުރައްވާށެވެ.”[3]

 

ޓެކްސީ ދުއްވާ (ދެރަށްދޭތެރޭގައި ދިގު ދަތުރުކުރާ)  މީހަކަށް ރަމަޟާން މަހުގެ ރޯދަ ހިފަން އުނދަގޫނަމަ، މިސާލަކަށް ހޫނު ގަދަކަމުން، ފިނި މޫސުމުގެ ދުވަސްތައް އަންނަންދެން އަދި ރޯދަ ހިފުމަށް އޭނާއަށް ފަސޭހަ ވާނދެން ރޯދަ ހިފުން ފަސްކޮށްލެވިދާނެއެވެ.

ރޯދަ ހިފުމާއި ރޯދަ ދޫކޮށްލުމުގެ ތެރެއިން ދަތުރުވެރިޔާއަށް އެންމެ ހެޔޮކަން ބޮޑު ގޮތަކީ، އޭނާއަށް އެންމެ ފަސޭހަ ގޮތަކަށް ޢަމަލުކުރުމެވެ. ދެގޮތަކީވެސް (ރޯދަ ހިފުމާއި ރޯދަ ދޫކޮށްލުމުގެ ތެރެއިން ރޯދަވެރިޔާއަށް) ހަމަހަމަ ދެގޮތްކަމުގައި ވާނަމަ ރޯދަހިފުން ހެޔޮކަން ބޮޑުވެގެންވެއެވެ. އެހެނީ އޭރުން އޭނާގެ ބޮލުގައި އެޅިފައިވާ (ރޯދާގެ) ޒިންމާ އަވަހަށް ފިލާގެންދާނެއެވެ. އަދި އޭނާއަށް އެންމެ މުރާލިކަމާއި އެއްކޮށް ރޯދަހިފޭނީ މީސްތަކުންނާ އެއްކޮށް ރޯދަ ހިފާއިރުގައެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަ އަމަލުކުރެއްވި ގޮތެވެ. ޞަޙީޙު މުސްލިމުގައި އަބޫ ދަރުދާ رضي الله عنهގެ އަރިހުން ރިވާވެފައިވާ ރިވާޔަތުގައި ވާފަދައިންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ތިމަންބޭކަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކުގައި ރަމަޟާން މަހުގެ ވަރަށް ހޫނު ގަދަ ދުވަހެއްގައި ދަތުރަކަށް ނުކުމެވަޑައިގަތީމެވެ. ހޫނު ގަދަވުމުގެ ސަބަބުން ބައެއް ބޭކަލުން އެބޭކަލުންގެ އަތްތައް ބޯމަތީ އަޅުއްވަތެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ޢަބްދުﷲ ބުން ރަވާޙް ފިޔަވާ ތިމަންބޭކަލުންގެ ތެރޭގައި ރޯދަވެރިޔަކު ނުހުންނަވައެވެ.”([4])

 

އަދި އަޞްޙާބު ބޭކަލުންނަށް ރޯދަ ހިފުން ބުރަކަމަކަށް ވެގެންދިޔަކަން ރަސޫލުﷲ ޞައްލަﷲ ޢަލައި ވަސައްލަމައަށް އެނގިވަޑައިގެންނެވި ހިނދު، އެބޭކަލުންނަށް ރިޢާޔަތް ކުރެއްވުމަށްޓަކައި އެކަލޭގެފާނު ރޯދަ ދޫކޮށްލެއްވިއެވެ. ޖާބިރު رضي الله عنهގެ އަރިހުން ރިވާވެގެންވިއެވެ. “ރަސޫލުﷲ ޞާއްލަﷲ ޢަލައިހި ވަސައްލަމަ މައްކާ ފަތަޙަ ކުރެއްވި އަހަރުގައި، މައްކާއަށް ދަތުރު ކުރެއްވިއިރު، كراع الغميم އާއި ހަމައަށް ވަޑައިގެންނެވެންދެން ރޯދައަށް ހުންނެވިއެވެ. އަދި މީސްތަކުންވެސް އެކަލޭގެފާނާއި އެއްކޮށް ރޯދައަށް ހުންނެވިއެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައަހި ވަސައްލަމައަށް ދެންނެވުނެވެ. މީސްތަކުންނަށް ރޯދަހިފުން ބުރަވެއްޖެއެވެ. އެބޭކަލުން ބައްލަވަން އެތިއްބެވީ ކަލޭގެފާނު ޢަމަލު ކުރައްވާގޮތެކެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަޞުރަށް ފަހުގައި ފެން ޖޯޑެއް ގެނައުމަށް އެދިލެއްވިއެވެ. އަދި އެކަލޭގެފާނު ފެން ހިއްޕެވިއެވެ. މީސްތަކުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބަލަހައްޓައިގެން ތިއްބެވިއެވެ.”([5])

އަދި އަބޫ ސަޢީދުލް ޚުޟުރީ رضي الله عنه ގެ އަރިހުން ރިވާވެފައިވާ ޙަދީޘްގައި ވެއެވެ. “ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވާރޭ ފެނުން ހެދިފައިފާ ފެންގަނޑެއްގެ ކައިރިން ވަޑައިގެންނެވިއެވެ. އޭރު މީސްތަކުން ރޯދައަށް ތިބި ހާލު، ހޫނުގަދަ ދުވަހެއްގައި ހިނގައިފައި ވަޑައިގަންނަވަނީއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުންނެވީ އެކަލޭގެފާނުގެ ބަޣަލަށް ސަވާރުވެގެންނެވެ. ދެން އެކަލޭގެފާނު ޙަދީޘް ކުރެވިއެވެ.

“اشْرَبُوا أَيُّهَا النَّاسُ”

 މާނައީ: “އޭ މީސްތަކުންނޭވެ. ތިޔަބައިމީހުން ފެން ބޯށެވެ.”

ދެން މީސްތަކުން ފެން ބުއިމުން މަނާވެގަތެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

” إِنِّي لَسْتُ مِثْلَكُمْ، إِنِّي أَيْسَرُكُمْ، إِنِّي رَاكِبٌ “

މާނައީ: “ތިމަންކަލޭގެފާނު މިވަނީ ތިޔަބޭކަލުން ފަދައިންނެއް ނޫނެވެ. ތިމަންކަލޭގެފާނު މިހުންނެވީ ތިޔަބައި މީހުންނަށްވުރެ ފަސޭހަކޮށް، ސަވާރީއަކަށް ސަވާރުވެގެންނެވެ.”

ދެން މީސްތަކުން ފެން ބުއިމަށް މަނާވެގަތެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަވާރީއިން ފައިބާ ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ފެން ހިއްޕެވިއެވެ. އަދި މީސްތަކުންވެސް ފެން ހިއްޕެވިއެވެ. އެހެންނަމަވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުންނެވީ ފެން ހިއްޕެވުމަށް ބޭނުންވެ ވަޑައިގެންނެއް ނޫނެވެ.”([6])

ދަތުރުވެރިޔާއަށް ރޯދަ ހިފުމަށް ބުރަވެއްޖެނަމަ އޭނާއަށް ވަނީ ރޯދަ ދޫކޮށްލުމެވެ. އެހާލަތުގައި ދަތުރުވެރިޔާގެ މައްޗަށް ރޯދަ ހިފުމެއް ނުވެއެވެ. ޖާބިރުގެފާނުގެ އަރިހުން ރިވާވެގެންވާ (އިސްވެދިޔަ) ޙާދީޘްގައި، މީސްތަކުންނަށް ރޯދަ ހިފުމަށް ބުރައަކަށް ވެގެންދިޔަ ހިނދު އެކަލޭގެފާނު ރޯދަ ދޫކޮށްލެވިއެވެ. އަދި އެކަލޭގެފާނަށް ދެންނެވުނެވެ. ހަމަކަށަވަރުން ބައެއް ބޭކަލުން ރޯދަ ހިފައިފިއެވެ. ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

” أُولَئِكَ الْعُصَاةُ أُولَئِكَ الْعُصَاةُ “

މާނައީ: “އެއީ ނުކިޔަމަންތެރިވި މީހުންނެވެ. އެއީ ނުކިޔަމަންތެރި ވީމީހުންނެވެ.”([7])

އަދިވެސް އިމާމު ބުޚާރީއާއި އިމާމު މުސްލިމް ޖާބިރުގެފާނުފެ އަރިހުން ރިވާކުރެއްވިއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލަހި ވަސައްލަމަ ދަތުރެއްގެ މަތީގައިވިއެވެ. ދެން ޖަމާޢަތެއް ފެނިވަޑައި ގަތެވެ. އަދި މީހަކަށް ހިޔާއަޅައިގެން ވާތަން ފެނިވަޑައި ގެންނެވިއެވެ. ޙަދީޘް ކުރެއްވިއެވެ.

“ما هذا”

 މާނައީ: “މީކޮންކަމެއްހެއްޔެވެ؟”

އެބޭކަލުން ދެންނެވިއެވެ. “އެއީ ރޯދަވެރިއެކެވެ.”

ދެން ޙަދީޘްކުރެއްވިއެވެ.

” لَيْسَ مِنَ الْبِرِّ الصِّيَامُ فِى السَّفَرِ”

މާނައީ: “ދަތުރުމަތީގައި ރޯދަހިފުމަކީ ހެޔޮކަމުގެ ތެރެއިން ވާކަމެއް ނޫނެވެ.”([8])

ރޯދަވެރިއަކު ދުވާލުގެ މެދުތެރެއިން ދަތުރަކަށްނުކުމެ، ރޯދަހިފުމަށް ބުރަވެއްޖެނަމަ، އޭނާގެ ރަށުން ނުކުތުމުން އޭނާއަށް ރޯދަ ދޫކޮށްލުން ހުއްދަވެގެން ވެއެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައހި ވަސައްލަމަ كراع الغميم އަށް ވަޑައިގަނެވެންދެން މީސްތަކުންނާއި އެކު ރޯދަ ހިއްޕެވިއެވެ. ދެންފަހެ މީސްތަކުންނަށް ރޯދަ ހިފުމަށް ބުރަވިނދު އެކަލޭގެފާނު ރޯދަ ދޫކޮށްލެއްވިއެވެ. އަދި މީސްތަކުންވެސް އެކަލޭގެފާނާއި އެއްކޮށް ރޯދަ ދޫކޮށްލެވިއެވެ.

كراع الغميم އަކީ عُسْفان އާއި مَرِّ الظَّهْرانއާއި ދެމެދު އޮންނަ ނަމަކަށް ކިޔޭ ވާދީއެއްގެ ދެމެދުން އޮންނަ غميم އޭކިޔުނު ވާދީއެއްގައި الْحَرَّةގެ ކޮޅުން އެވާދީއަކަށް ދެމިފައިވާ، ކަޅުކުލައަކަށްދާ ފަރުބަދައެކެވެ.

އަދި ދަތުރުވެރިޔާ ދުވާލުގެ ވަގުތުގައި (ރޯދަ ދޫކޮށްލާފައިވާ ހާލު) ރަށަށް އާދެވެއްޖެނަމަ އެދުވަހު، އޭނާއަށް ރޯދަ ހިފުން ހުއްދަވެގެން ނުވެއެވެ. (އެބަހީ، ދަތުރު ނިމެގެން ރަށުގައި ޤަރާރުވާ ވަގުތުން ފެށިގެން އޭނާގެ ރޯދަ ފުރިހަމަކުރަން ފެށުން ހުއްދަވެގެން ނުވެއެވެ.) އެހެނީ އޭނާ ވީ، ދުވާލުގެ ފުރަތަމަކޮޅުގައި ރޯދަ ދޫކޮށްލާފައިވާ މީހެއްގެ ގޮތުގައެވެ. އަދި ފަޖުރުގެ އަލިކަން ފާޅުވުމާ ހަމައިން މެނުވީ ފަރުޟު ރޯދަހިފަން ފެށުން ހުއްދަވެގެން ނުވެއެވެ. އެހެންނަމަވެސް ދުވަހުގެ ބާކީ އޮތްބައިގައި ކެއުން ބުއިމުން މަނާވެގެން އޭނާ ހުންނަންޖެހޭނެ ހެއްޔެވެ؟

މިކަމުގައި ޢިލްމުވެރިންގެ މެދުގައި ވަނީ ޚިޔާލު އުފެދިފައެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ރޯދަމަހުގެ އެވަގުތަށް އިޙްތިރާމު ކުރުމުގެ ގޮތުން އޭނާ ދުވާލުގެ ބާކީ އޮތް ވަގުތުގައި ކެއުން ބުއިމުން މަނާވެގެން ހުރުން ވާޖިބު ވެގެންވެއެވެ. އަދި ހަމައެއާއި އެއްކޮށް އެދުވަހުގެ ރޯދަ ޞައްޙަ ނުވުމުގެ ސަބަބުން، އެދުވަހުގެ ރޯދަ ޤަޟާކުރަންވެސް ޖެހޭނެއެވެ. މިއީ އިމާމު އަޙްމަދުގެ މަޛުޙަބުގެ މަޝްހޫރުގޮތެވެ.

އަދި އަނެއްބައި ޢިލްމުވެރިން ވިދާޅުވެއެވެ. “އެދުވަހުގެ ބާކީވާ ބައިގައި ކެއިން ބުއިމުން ދުރުވެހުރުން އޭނާގެ މައްޗަކަށް ވާޖިބުވެގެން ނުވެއެވެ. އެހެނީ އޭނާގެމައްޗަށް ރޯދަ ޤަޟާކުރަން ވާޖިބުވެފައިވާއިރު ކެއުން ބުއިމުން މަނާވެގެން ހުރުމުން ކުރާނެ ފައިދާއެއް ނެތެވެ. ބޭރުފުށުންނާއި އެތެރެފުށުން ބަލާއިރު، ދުވާލުގެ ކުރީކޮޅުގައި އޭނާއަށް ރޯދަ ދޫކޮށްލުމަށް ހުއްދަވެދިޔަ ވަގުތިގައިވެސް ރަމަޟާންމަހުގެ ހުރުމަތްތެރިކަން އޮތެވެ.”

ޢަބްދުﷲ ބުން މަސްޢޫދު ވިދާޅުވިއެވެ. “ދުވާލުގެ ކުރީކޮޅުގައި ކައިފި މީހަކު ދުވާލުގެ ފަހުކޮޅުގައިވެސް ކާށެވެ.[9]

އެބަހީ ޢުޛުރަކައިލާގެން ދުވާލުގެ ކުރީކޮޅު ކެއުން ހުއްދަވި މީހަކަށް ދުވާލުގެ ފަހުކޮޅުގައިވެސް ކެއުން ހުއްދަވެގެން ވެއެވެ.

މިއީ އިމާމު މާލިކާއި އިމާމު ޝާފިޢީގެ މަޛުހަބުގައި ވާ ގޮތެވެ. އަދި މިފަދައިން އިމާމު އަޙްމަދުގެ ރިވާޔަތެއްގައިވެސް ވެއެވެ. އެހެންނަމަވެސް އޭނާ ކައިބޮއި ހަދާކަން މީހުންނަށް ނާންގައި ފޮރުވާށެވެ. އެއީ މީސްތަކުން ނުބައި ހީކުރުމެއް ހީކޮށްފާނެ ކަމަށްޓަކައެވެ. ނުވަތަ އޭނާއަށް ތަބާވެ ބަޔަކު ރޯދަ ދޫކޮށްލާފާނެ ކަމަށްޓަކައެވެ.

ހަތްވަނަ ބައި

ބަލި ފަސޭހަ ވާނެކަމުގެ އުންމީދު އޮންނަ ބަލި މީހުން: މިފަދަ މީހުންގެ ތިން ހާލަތެއްވެއެވެ.

ފުރަތަމަ ހާލަތް:

(ބަލީގެ ސަބަބުން) ރޯދަ ހިފުން ބުރައަކަށް ނުވެ އަދި ރޯދައިގެ ސަބަބުން ގެއްލުމެއްވެސް ނުވާ މީހާ: މިފަދަ މީހާ ރޯދަ ހިފުން ވާޖިބުވާނެއެވެ. އެހެނީ ރޯދަ ދޫކޮށްލުން ހުއްދަވާނެ އެއްވެސް ޢުޛުރެއް އޭނާއަކަށް ނުވެއެވެ.

ދެވަނަ ހާލަތް: 

(ބަލީގެ ސަބަބުން) ރޯދަ ހިފުމަށް ބުރަވެ، އަދި ރޯދައިގެ ސަބަބުން ގެއްލުމެއް ނުވާ މީހުން: ފަހެ އޭނާ ރޯދަ ދޫކޮށްލާށެވެ. ﷲތަޢާލާގެ ވަޙި ވަސްފުޅުގައި ވާފަދައިންނެވެ. وَمَنْ كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ [البقرة/185] މާނައ: “އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ.”

ދަތިކަމާއެކު ރޯދަ ހިފުން އޭނާގެ މައްޗަށް މަކުރޫހަވެގެން ވެއެވެ. އެހެނީ އޭނާއަށް ﷲތަޢާލާ ދެއްވާފައިވާ ލުއިފަސޭހަކަން ދޫކޮށް އޭނާގެ ނަފްސަށް އުނދަގޫ ދިނީތީއެވެ.

” إِنَّ اللهَ يُحِبُّ أَنْ تُؤْتَى رُخَصُهُ، كَمَا يَكْرَهُ أَنْ تُؤْتَى مَعْصِيَتُهُ “([10])

މާނައީ: “ހަމަކަށަވަރުން ﷲތަޢާލާ، އެއިލާހު ކަނޑައަޅުއްވާފައިވާ ފާފަތަކަށް އަރައިގަތުމަށް ނުރުއްސަވާ ފަދައިން އެއިލާހު ދެއްވާފައިވާ ލުއިފަސޭހަ ކަމުގައި ހިއްޕެވުމަށް ލޯބިކުރައްވައެވެ.”

ތިންވަނަ ހާލަތް: ރޯދައިގެ ސަބަބުން ގެއްލުން ވާމީހުން:

ފަހެ އޭނާގެ މައްޗަށް ރޯދަ ދޫކޮށްލުން ވާޖިބު ވާނެއެވެ. އޭނާއަށް ރޯދަހިފުން ހުއްދަ ވެގެން ނުވެއެވެ. ﷲތަޢާލާގެ ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ.

وَلَا تَقْتُلُوا أَنْفُسَكُمْ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا [النساء/29]

މާނައީ: “އަދި، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުން ޤަތުލު ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރަޙުމަތްވަންތަ އިލާހު ކަމުގައި ﷲ ވޮޑިގެންވެއެވެ.”

އަދިވެސް ވަޙީކުރައްވާފައިވެއެވެ.

وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ [البقرة/195]

މާނައީ: ” އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފްސުތަށް ހަލާކުގެ ތެރެޔަށް އެއްލާނުލާށެވެ!”

އަދި ނަބިއްޔާ ޞައްލަﷲގެ ޙަދީޘްފުޅުގައި ވެއެވެ.

“إِنَّ لِنَفْسِكَ عَلَيْكَ حَقًّا”([11])

މާނައީ: “ހަމަކަށަވަރުން ތިބާގެ ނަފްސަށްވެސް ޙައްޤުވެއެވެ”

ﷲތަޢާލާގެ ލުއިފަސޭހަކަން ލިބިގެންވާއިރު، އެނަފްސަށް ގެއްލުން ނުދިނުން އެއީ ނަފްސައް ލިބިގެންވާ ޙައްޤެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުގައި ވެއެވެ.

” لَا ضَرَرَ وَلَا ضِرَارَ ” ([12])

މާނައީ: “ގެއްލުން ދިނުމެއް އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ.”

ރަމަޟާންމަހުގެ މެދުތެރޭގައި ރޯދައަށްހުއްޓައި ބަލިވާމީހާ، ރޯދަ ފުރިހަމަ ކުރުމަށް ބުރަވެއްޖެ ނަމަ ރޯދަ ދޫކޮށްލުން ބަލިމީހުންނަށް ހުއްދަވެގެންވާތީވެ، އެފަދަ މީހުންނަށް ރޯދަ ދޫކޮށްލުން ހުއްދަވެގެން ވެއެވެ. އަދި ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި، ރޯދަ ދޫކޮށްލައިފައި ވަނިކޮށް ބަލިން ވަސޭހަވެއްޖެނަމަ އެދުވަހުގައި (ބާކީ އޮތްވަގުތުގައި) ރޯދަ ހިފުމުން އޭނާގެ ރޯދަ ޞައްޙަ ނުވާހުއްޓެވެ. އެހެނީ އޭނާވީ ދުވާލުގެ ކުރީކޮޅުގައި ރޯދަ ދޫކޮށްލާފައިވާ މީހަކަށެވެ. އަދި ފަޖުރުގެ އަލިކަން ފާޅުވުމާ ހަމައިން މެނުވީ ފަރުޟު ރޯދަހިފަން ފެށުން ހުއްދަވެގެން ނުވެއެވެ. އެހެންނަމަވެސް ދުވަހުގެ ބާކީ އޮތްބައިގައި ކެއުން ބުއިމުން މަނާވެގެން އޭނާ ހުންނަންޖެހޭނެ ހެއްޔެވެ؟

ޢިލްމުވެރިންގެ މެދުގައި މިކަމުގައިވަނީ ޚިޔާލު އުފެދިފައެވެ. އެވާހަކަ ދަތުރުވެރިޔާގެ ބައިގައި އިސްވެ ބަޔާންވެ ހިނގައްޖެއެވެ.

ރޯދައިގެ ސަބަބުން ބަލި ބޮޑުވެ، ބަލިފަސޭހަވުން ލަސްވާނެކަމަށް ޑޮކްޓަރީ ގޮތުން ސާބިތުވެއްޖެނަމަ، ޞިއްޙަތަށް ރައްކާތެރިވެ، އަދި ބަލި ބޮޑުވެދާނެކަމުގެ ނުރައްކަލައްޓަކައި، އޭނާގެ މައްޗަށް ރޯދަ ދޫކޮށްލުން ހުއްދަވާނެއެވެ. ބައްޔަކީ ފަސޭހަވާނެކަމުގެ އުންމީދުއޮތް ބައެއްޔެއްނަމަ، ބަލިފަސޭހަ ވާންދެން ރޯދަ ނުހިފާ މަޑުކުރުމަށްފަހު، ބަލި ފަސޭހަވުމުން ގެއްލިގެންދިޔަ ރޯދަތައް ޤަޟާކުރާށެވެ. އަދި ބައްޔަކީ ފަސޭހަވާނެކަމުގެ އުންމީދެއް ނެތް ބައްޔެއްނަމަ، އޭނާގެ ޙުކުމަކީ ރޯދަގެއްލޭ ބައިތަކުގެ ތެރެއިން ބަޔާންކުރެވުނު ފަސްވަނަ ބައިގެ ޙުކުމެވެ. އެއީ އޭނާ ރޯދަ ދޫކޮށްލުމަށްފަހު ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދިނުމެވެ.

اللهم وفقنا للعمل بما يرضيك، وجنبنا أسباب سخطك ومعاصيك، واغفر لنا ولوالدينا ولجميع المسلمين برحمتك يا أرحم الراحمين، وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين.

_________________________________

މިފޮތަކީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ ފޮތެއްގެ ތަރުޖަމާއެވެ.

މަޖާލިސް ޝަހްރު ރަމަޟާންގެ އެހެންބައިތައް

([1]) متفق عليه .

([2]) رواه مسلم .

([3]) رواه أبو داود وفي إسناده ضعف وله شواهد ، وأصله في صحيح مسلم عن حمزة أنه قال : يا رسول الله أجد بي قوة على الصيام في السفر فهل علي جناح ؟ فقال النبي ” هي رخصة من الله من أخذ بها فحسن ومن أحب أن يصوم فلا جناح عليه ” .

([4]) البخاري الصوم (1843) ، مسلم الصيام (1122) ، أبو داود الصوم (2409) ، ابن ماجه الصيام (1663) ، أحمد (5/194) .

([5]) مسلم الصيام (1114) ، الترمذي الصوم (710) ، النسائي الصيام (2263) .

([6]) رواه أحمد وسنده جيد قاله في الفتح الرباني .

([7]) مسلم الصيام (1114) ، الترمذي الصوم (710) ، النسائي الصيام (2263) .

([8]) البخاري الصوم (1844) ، مسلم الصيام (1115) ، النسائي الصيام (2262) ، أبو داود الصوم (2407) ، أحمد (3/299) ، الدارمي الصوم (1709) .

[9]  أخرجه ابن شيبة (9435,9137)

([10]) رواه أحمد وابن حبان وابن خزيمة في صحيحيهما وفي سنده شيء من الاضطراب لكن له شواهد من الحديث وأصول الشريعة .

([11]) البخاري الصوم (1867) ، الترمذي الزهد (2413) .

([12]) أخرجه ابن ماجه والحاكم ، قال النووي : وله طرق يقوي بعضها بعضا .