ރޯދައިގައި ރޯދަވެރިން ބެހިގެންވާ ބައިތަކުގެ ތެރެއިން ދެންހުރި ބައިތައް
ޙަމްދުޙުރީ އެއްކައުވަންތަ މަތިވެރިވެ ވޮޑިގެންވާ ޖައްބާރުވަނތަ އިލާހަށެވެ. އެއިލާހީ ޤުދުރަތްވަންތަ ބާރުގަދަ ޤައްހާރު ވަންތަ އިލާހެވެ. އެއިލާހީ އަޅުތަކުންގެ ލޯތަކަށް ފެނުމާއި ޙިއްސުތަކުން އެއިލާހު ދެނެގަތުމުގެ ކުޅަދާނަކަން ނުވާ މަތިވެރިވެގެންވާ އިލާހެވެ. އެއިލާހު، އެއިލާހުގެ އެންމެހާ މަޚުލޫގުން ފަޤީރުކަމުގެ ސިފައިން ސިފަކުރެއްވެވިއެވެ. އެއިލާހުގެ ކުޅަދުންވަތަކަން، ރޭގަނޑާއި ދުވާލު ބަދަލުކުރެއްވުމުން ފާޅުވެގެން ދެއެވެ. އަދި އެއިލާހު، ހާލުގައި ޖެހިފައިވާ ބަލިމީހާއަށް ކުރިމަތިވެފައިވާ ގެލުންތަކުގެ ޝަކުވާގެ އަޑުއައްސަވާ ވޮޑިގެންވެއެވެ. އަދި ކަޅުފޮއި އަނދިރި ރެއެއްގައި ހޮހަޅައިގެތެރޭގައިވާ ކަޅުހިނި ހިރޭ ހިރުންވެ އެއިލާހު ބައްލަވާ ވޮޑިގެންވެއެވެ. ޟަމީރުތަކުގައި ފޮރުވިފައިވާ ކަންކަމާއި، ވަންހަނާވެފައިވާ ސިއްރުތައް އެއިލާހު ދެނެވޮޑިގެންވެއެވެ. އެއިލާހުގެ ޞިފަފުޅުތައްވަނީ އެއިލާހުގެ ޛާތުފުޅާ އެކަށީގެންވާ ގޮތަށެވެ. މަޚުލޫޤުންގެ ސިފަތަކާއި އެއިލާހުގެ ޞިފަފުޅުތައް އެއްގޮތްކުރާ މީހުންނަކީ ކާފަރުންނެވެ. ޤުރުއާނާއި ސުންނަތުގައި އެއިލާހު ޞުބުޙާނަހޫ ވަތަޢާލާ، އެއިލާހުގެ އަމިއްލަ ނަފްސުފުޅުގެ މައްޗަށް ސިފަކުރައްވާފައިވާ ސިފަފުޅުތަށް އަހަރެމެން އެއިލާހުގެ ސިފަފުޅުތައްކަމުގައި ސާބިތުކުރަމެވެ.
أَفَمَنْ أَسَّسَ بُنْيَانَهُ عَلَىٰ تَقْوَىٰ مِنَ اللَّـهِ وَرِضْوَانٍ خَيْرٌ أَم مَّنْ أَسَّسَ بُنْيَانَهُ عَلَىٰ شَفَا جُرُفٍ هَارٍ ﴿التوبة: ١٠٩﴾
މާނައީ: “ފަހެ، ހެޔޮކަންބޮޑީ، ﷲއަށް ތަޤުވާވެރިވުމާއި، އެއިލާހުގެ ރުހިވޮޑިގަތުން ލިބުމުގެ މައްޗަށް އެމީހެއްގެ ބިނާގެ ބިންގާ އެޅި މީހާ ހެއްޔެވެ؟ ނުވަތަ ވެއްޓިގެންދާ ގުންޑޮޅިއެއްގެ ތުންފަތްމަތީގައި އެމީހެއްގެ ބިނާގެ ބިންގާ އަޅާ މީހާހެއްޔެވެ؟”
އުފާވެރި ވަގުތުގައާއި ދަތިކަމުގެ ވަގުތުގައި އެއިލާހު ޞުބުޙާނަހޫ ވަތަޢާލާއަށް ޙަމްދު ކުރަމެވެ. އަދި ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އަޅުހެކިވަމެވެ. އެއިލާހަށް ބައިވެރިއަކު ނުވެއެވެ. ކަންކަން ތަދުބީރުކުރެއްވުމުގައާއި ޚަލްޤު ކުރެއްވުމުގައި އެއިލާހު އެއްކައުވަންތައެވެ.
وَرَبُّكَ يَخْلُقُ مَا يَشَاءُ وَيَخْتَارُ ﴿القصص: ٦٨﴾
މާނައީ: ” ކަލޭގެފާނުގެ ވެރި ރައްބު، އެރައްބު އިރާދަކުރައްވާ އެއްޗެއް ހައްދަވަތެވެ. އަދި އެރައްބު ރުއްސަވައިފި އަޅަކު އިޚްތިޔާރު ކުރައްވަތެވެ.”
އަދި މުޙައްމަދުގެފާނީ ﷲގެ އަޅާ އަދި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެކަލޭގެފާނަކީ، ނަބިއްޔުންކުރެ އެންމެ ޠޯހިރުވެގެންވާ އެންމެ މާތްވެގެންވާ ސާހިބާއެވެ. އަދި އެކަލޭގެފާނާއެކު ޣިރާ ފަރުބަދައިގެ ހޮހަޅައިގައި އެކުވެރިއެއްގެ ގޮތުގައިވީ ސާޙިބާ، އަބޫ ބަކުރުގެފާނުގެ މައްޗަށްވެސް ސަލަވާތްލައްވާށިއެވެ. އަދި ޢުމަރުގެފާނުގެ މައްޗަށްވެސް ޞަލަވާތްލައްވާށިއެވެ. އެކަލޭގެފާނަކީ ކާފަރުން އެކަލޭގެފާނުދެކި ބިރުގަންނަ ބޭކަލެކެވެ. އަދި ޢުޘްމާނުގެފާނުގެ މައްވަށްވެސް ޞަލަވާތްލައްވާށިއެވެ. އެކަލޭގެފާނަކީ އެކަލޭގެފާނުގެ ގެކޮޅުގައި ވަނިކޮށް ޝަހީދުވެވަޑައިގެންނެވި ބޭކަލެކެވެ. އަދި ޢަލީގެފާނުގެ މައްޗަށްވެސް ޞަލަވާތްލައްވާށިއެވެ. އެކަލޭގެފާނަކީ ހާރުދަމުގެ ވަގުތުގައި ރޭއަޅުކަންކުރައްވާ ބޭކަލެކެވެ. އަދި އެކަލޭގެފާނުގެ އެންމެހާ އަޞްޙާބުންނާއި ޚާއްޞަކޮށް މުހާޖިރުންނާއި އަންޞާރުންނަށް ގިނަގުނަވެގެންވީ ޞަލަވާތާއި ސަލާމްލައްވާށިއެވެ.
އަޚުންނޭވެ! ރޯދާގައި، ރޯދަވެރިން ބެހިގެންވާ ބައިތަކުގެ ތެރެއިން ހަތް ބައި އިސްވެ ހިނގައްޖެއެވެ. ދެން ކުރިޔަށް މި އަންނަނީ ބާކީވާ ބައިތަކެވެ.
އަށްވަނަ ބައި
ޙައިޟުވެރިން؛ ފަހެ ހައިޟުވެރިންނަށް ރޯދަ ހިފުން ޙަރާމްވާނެއެވެ. އަދި އެމީހުންގެ ކިބައިން ރޯދަ ޞައްޚަ ނުވާހުއްޓެވެ. އަންހެނުނާއި ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ޙާދީޘް ބަސްފުޅުގައި ވާފަދައިންނެވެ.
“مَا رَأَيْتُ مِنْ نَاقِصَاتِ عَقْلٍ وَدِينٍ أَذْهَبَ لِلُبِّ الرَّجُلِ الْحَازِمِ مِنْ إِحْدَاكُنَّ. قُلْنَ: وَمَا نُقْصَانُ دِينِنَا وَعَقْلِنَا يَا رَسُولَ اللهِ؟ قَالَ: أَلَيْسَ شَهَادَةُ الْمَرْأَةِ مِثْلَ نِصْفِ شَهَادَةِ الرَّجُلِ؟ قُلْنَ: بَلَى. قَالَ: فَذَلِكِ مِنْ نُقْصَانِ عَقْلِهَا. أَلَيْسَ إِذَا حَاضَتْ لَمْ تُصَلِّ وَلَمْ تَصُمْ؟ قُلْنَ: بَلَى قَالَ فَذَلِكِ مِنْ نُقْصَانِ دِينِهَا.”[1] متفق عليه .
މާނައީ: “ތިޔަބޭކަނބަލުންނަށްވުރެ ދީނާއި ބުއްދީގެ ގޮތުން އުނި ބައެއް، ވިސްނުންތޫނު ފިރިހެނުންގެ ވިސްނުން ގެއްލުވާލުމުގައި (ތިޔަބޭކަނބަލުންހާ ކުޅަދާނަބައެއް) ތިމަންކަލޭގެފާނު ދެކިވަޑައި ނުގަންނަވަމެވެ.
ދެން އަންހެން ކަނބަލުންތައް ދެންނެވިއެވެ. “އޭﷲގެ ރަސޫލާ ޞައްލަﷲ ޢަލައަހި ވަސައްލަމައެވެ. ބުއްދީގެ ގޮތުންނާއި ދީނީގޮތުން ތިމަންކަނބަލުން އުނިވަނީ ކޮންގޮތަކުން ހެއްޔެވެ؟
ރަސޫލުﷲ ޞައްލަﷲ ޢަލައހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ފިރިހެނެއްގެ ހެކިބަހުގެ ދެބައިކުޅަ އެއްބައިކަމުގައި އަންހެނެއްގެ ހެކިބަސް ނުވޭހެއްޔެވެ؟”
އެބޭކަނބަލުން ދެންނެވިއެވެ. ނޫނެކެވެ. އެފަދައިންނެވެ.
ދެން ޙަދީޘް ކުރެއްވިއެވެ. “އެއީ އެކަނބަލުންގެ ބުއްދީގެ އުނިކަމެވެ. އަދި އެކަނބަލުން ޙައިޟުވެއްޖެނަމަ ނަމާދުނުކޮށް ރޯދަ ނުހިފައި ނުތިބޭ ހެއްޔެވެ؟”
އެކަނބަލުން ދެންނެވިއެވެ. “ނޫނެކެވެ. އެފަދައިންނެވެ.”
ދެން ޙަދީޘްކުރެއްވިއެވެ. “އެއީ އެކަނބަލުން ދީނީގޮތުން އުނިވުމެވެ.”
ޙައިޟަކީ، އެނގިގެންވާ ދުވަސްތަކެއްގައި އަނހެނުން އަންނަ ޠަބީޢީ ލެއެކެވެ.
ފަހެ ރޯދައަށް ހުއްޓައި ޙައިޟުގެ ލޭ ފެނިއްޖެނަމަ -މަޣްރިބުވުމުގެ ވަގުތުކޮޅެއްކުރިން ކަމުގައި ވިއަސް- އެކަނބުލޭގެ އެދުވަހުގެ ރޯދަ ބާޠިލުވާނެއެވެ. އަދި ސުންނަތް ރޯދައެއްކަމުގައި ނުވާނަމަ އެރޯދަ ޤަޟާކުރުން ވާޖިބުވާނެއެވެ. ސުންނަތް ރޯދަ ޤަޟާކުރުން ވާޖިބެއް ނުވާނެއެވެ.
އަދި ރަމަޟާންމަހުގެ ދުވާވާލުގެ ވަގުތުގެ ތެރޭގައި ޙައިޟުން ޠާހިރުވެއްޖެނަ އެދުވަހުގެ އެރޯދަ އެކަނބުލޭގެ ކިބައިން ޞައްޙަވެގެން ނުވާނެއެވެ. އެހެނީ އެކަނބުލޭގެވީ ދުވާލުގެ ކުރީކޮޅުގައި، އެކަނބުލޭގެ ކިބައިން ރޯދަ ނަފީކުރާ މީހުންގެ ތެރެއިންނެވެ. އަދި އެދުވަހުގެ ބާކީ ވަގުތުގައި ރޯދަގެއްލޭ ކަންކަމުން ދުރުވެހުރުން އެކަނބުލޭގެ މައްޗަށް ލާޒިމްވާނެހެއްޔެވެ؟ މިކަމުގައި ޢިލްމުވެރިންގެ މެދުގައިވަނީ ޚިޔާލު ތަފާތުވެފައެވެ. ދަތުރުވެރިޔަކު ރޯދަ ދޫކޮށްލާފައިވާ ހާލު އޭނާގެ އަމިއްލަ ރަށަށް އާދެވިއްޖެނަމަ، ކުރިޔަށް އޮތްބައިގައި ރޯދަގެއްލޭ ކަންކަމުން ދުރުވެގެން ހުރުން ލާޖިމްވާނެތޯ ނުވަތަ ނޫންތޯ، މިވާހަކަތަކުގެ ތެރެއިން މިކަމުގެ ޙުކުމް ޛިކުރު ކުރެވިފައި ވާނެއެވެ.
އަދި ރަމަޟާން މަހުގެ ރޭގަނޑުގެ ވަގުތުގައި ޙައިޟުން ޠޯހިރު ވެއްޖެނަމަ –ފަޖުރުވުމުގެ ކުޑަވަގުތުކޮޅެއް ކުރިން ކަމުގައިވިއަސް- އެކަނބުލޭގެ މައްޗަށް ރޯދަ ވާޖިބުވާނެއެވެ. އެހެނީ އެހާރުން އެކަނބުލޭގެއަކީ ރޯދައިގެ އަހުލުވެރިންގެ ތެރެއިންވާ މީހެކެވެ. (އެބަހީ ރޯދަ ވާޖިބުވާ މީހުންގެ ތެރެއިންވާ މީހެކެވެ.) (ޠާހިރުވުމުން) އެކަނބުލޭގެ ކިބައިގައި ރޯދަހިފުން މަނާކުރަނިވި ކަމެއް ނެތެވެ. އެހާރުން އެކަނބުލޭގެއަށް ރޯދަ ހިފުން ވާޖިބުވާނެއެވެ. އަދި އެކަނބުލުން ހިނައިން ޠާހިރުވެފައި ނުވިނަމަވެސް ރޯދަ ޞައްޙަ ވާނެއެވެ. އެއީ އިރު އެރުމުގެ ކުރިންކަމުގައި ވާނަމައެވެ.
އެއީ ޖުނުބުވެރިޔާވެސް ޖުނުބުވެރި ހާލުގައި ރޯދައަށް ހުރުމުން އޭނާގެ ރޯދަ ޞައްޙަވާ ފަދައިންނެވެ. އެއީ އިރު އެރުމުގެ ކުރިންކަމުގައި ވާނަމައެވެ. ޢާއިޝާ رضي الله عنها ގެ ބަސްފުޅުގައި ވާފަދައިންނެވެ.
” كَانَ النبيّ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصْبِحُ جُنُبًا مِنْ جِمَاعٍ غَيْرَ احْتِلَامٍ ، ثُمَّ يَصُومُ فِي رَمَضَانَ”([2]) متفق عليه .
މާނައީ: “ނަބިއްޔާ ޞާއްލަﷲ ޢަލައިހި ވަސައްލަމަ ފަތިހަށް ހޭލައްވާއިރު ޖުނުބުވެރި ހާލުގައިވެއެވެ. އެއީ ޖިމާޢު ވުމުގެ ސަބަބުން ޖުނުބުވެރި ވެފައެވެ. އިޙްތިލާމު ވުމުގެ ސަބަބުންނެއް ނޫނެވެ. ދެން އެކަލޭގެފާނު ރަމަޟާން މަހުގެ ރޯދަ ހިއްޕަވައެވެ.”
އަދި ނިފާސް ކަމުގެ އަހުލުވެރިންވެސް ކުރިން ބަޔާންވެގެން ދިޔަފައިން ޙައިޟުގެ އަހުލުވެރިންނާ އެއްފަދަ ވެގެން ވެއެވެ.
އެ ދެބާވަތުގެ ބޭކަނބަލުންނަށްވެސް ފާއިތުވެދާ ރޯދަ ޤަޟާކުރުން ވާޖިބު ވާނެއެވެ. ﷲތަޢާލާގެ ވަޙީ ބަސްފުޅުގައި ވާފަދައިންނެވެ.
فَعِدَّةٌ مِنْ أَيَّامٍ أُخَرَ [البقرة/185]
މާނައ: “(އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) ފަހެ އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ.”
އަދި ޢާއިޝާ رضي الله عنها ގެ އަރިހުން ސުވާލު ދެންނެވުނެވެ.
“مَا بَالُ الْحَائِضِ تَقْضِى الصَّوْمَ وَلاَ تَقْضِى الصَّلاَةَ؟ قَالَتْ: كَانَ يُصِيبُنَا ذَلِكَ فَنُؤْمَرُ بِقَضَاءِ الصَّوْمِ وَلاَ نُؤْمَرُ بِقَضَاءِ الصَّلاَةِ.” ([3]) رواه مسلم
މާނައީ: “ޙައިޟުވެރިން ފާއިތުވާ ރޯދަ ޤަޟާކޮށްފައި ފާއިތުވާ ނަމާދު ޤަޟާނުކުރަނީ ކީއްވެތޯއެވެ؟ އެކަމަނާ ވިދާޅުވިއެވެ. (ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޒަމާނުގައި) ތިމަންބޭކަނބަލުންނަށް އެކަންތައް ދިމާވެއެވެ. (އެބަހީ ޙައިޟުވެއެވެ.) ދެން އެކަލޭގެފާނު ތިމަންބޭކަނބަލުންނަށް ރޯދަ ޤަޟާކުރެއްވުމަށް އަމުރުކުރައްވައެވެ. އަދި ނަމާދު ޤަޟާކުރުމަކަށް އަމުރެއް ނުކުރައްވައެވެ.”
ނުވަވަނަ ބައި
ކިރުމައި އަންހެނާއާއި މާބަނޑު އަންހެނާ، (ރޯދައަށް ހުރުމުގެ ސަބަބުން) އެކަނބުލޭގެ އަމިއްލަ ނަފުސަށް ނުވަތަ ދަރިފުޅަށް ގެއްލުމެއް ލިބިދާމެކަމަށް ބިރުވެތިވާނަމަ ފަހެ އެކަނބުލޭގެ ރޯދަ ދޫކޮށްލާށެވެ. އަނަސް ބުން މާލިކު އަލްކަޢުބީ رضي الله عنه ގެ އަރިހުން ރިވާވެގެންވާ ޙަދީޘް ބަސްފުޅުގައި ވާފަދައިންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
“إِنَّ اللَّهَ وَضَعَ عَنِ الْمُسَافِرِ شَطْرَ الصَّلاَةِ ، وَعَنِ الْمُسَافِرِ وَالْحَامِلِ وَالْمُرْضِعِ الصَّوْمَ أَوِ الصِّيَامَ”([4]) أخرجه الخمسة وهذا لفظ ابن ماجه ، وهو حسن .
މާނައީ: “ހަމަކަށަވަރުން ﷲތަޢާލާވަނީ ދަތުރުވެރިޔާއަށް ނަމާދުގެ ދެބައިކުޅައެއްބައި މަޢާފުކޮށްދެއްވާފައެވެ. އަދި ދަތުރުވެރިޔާއާއި މާބަނޑު އަންހެނާއާއި ކިރުމައި އަންހެނާއަށް ވަނީ ރޯދަ މަޢާފުކޮށްދެއްވާފައެވެ.”
އަދި އެކަނބުލޭގެއަށް ފަސޭހަވި އިރަކުން ފާއިތުވެދިޔަ ރޯދަތައް ޤަޟާކުރުން ލާޒިމްވާނެއެވެ. އަދި (ގެއްލުމެއް ލިބިދާނެކަމަށް) ބިރު ފިލާދިޔުމުން (އެފަދަ މީހުންނަށް) ރޯދަ ޤަޟާކުރުން ލާޒިމްވާމެއެވެ. މިސާލަކަށް ބަލިމީހާ ބަލިފަސޭހަވުމުން ރޯދަ ޤަޟާކުރުން ލާޒިމްވާ ފަދައިންނެވެ.
ދިހަވަނަ ބައި
ނުރައްކަލަކުން އަނެކާ ސަލާމަތް ކުރުމަށްޓަކައި، ރޯދަ ދޫކޮށްލަން ޖެހިއްޖެނަމަ ރޯދަ ދޫކޮށްލެވިދާނެއެވެ. މިސާލަކަށް މަޢުޞޫމަކު[5] ޣަރަޤުވަނިކޮށް ނުވަތަ އަނދަނިކޮށް ނުވަތަ (އެނޫންގޮތަކުންވެސް) ހަލާކުގެ ތެރެއަށް ވެއްޓިގެންދާހިނދު، ކައިގެން ބޮއިގެން ގައިގާވަރުޖެހިގެން މެނުވީ އެކަމުން އެމަޢުސޫމު މީހާ ސަލާމަތްކުރެވެން ނެތްނަމަ ރޯދަ ދޫކޮށްލެވިދާނެއެވެ. އަދި ކިއެއްތޯއެވެ. އެހާރުން ރޯދަ ދޫކޮށްލުން ވާޖިބުވާނެއެވެ. އެހެނީ މަޢުޞޫމަކު ހަލާކުގެ ތެރެއަށް ވެއްޓިގެންދާ ހިނދު އޭނާ ސަލާމަތްކުރުމަކީ ވާޖިބެކެވެ. އެކަމަކާއި ލައިގެން މެނުވީ ވާޖިބެއް ފުރިހަމަ ނުކުރެވޭ ކޮންމެ ކަމަކީ ވާޖިބެކެވެ. އަދި ފާއިތުވެދިޔަ ރޯދަ ޤަޟާ ކުރުން އޭނާގެ މައްޗަށް ލާޒިމުވާނެއެވެ.
ހަމައެފަދައިން ﷲގެ މަގުގައި ޖިހާދުކުރުމުގައި ޢަދުއްވުންނާ ކުރިމަތިލުމަށްޓަކައި، ހަށިގަނޑުގައި ވަރުޖެއްސުމަށް ބޭނުން ޖެހިއްޖެނަމަ، ފަހެ އެމީހަކަށް ރޯދަ ދޫކޮށްލެވިދާނެއެވެ. އަދި ފާއިތުވެދާ ރޯދަ ޤަޟާކުރަން ޖެހޭނެއެވެ. އެއީ ދަތުރެއްގެމަތީ ކަމުގައި ވިޔަސް ނުވަތަ ޢަދުއްވުން އަމިއްލަ ރަށުގައި ވާހިނދު، ރަށުގައި ހަނގުރާމަކުރި ކަމުގައި ވީނަމަވެސް މެއެވެ. އެހެނީ އެކަމަކީ އެއީ މުސްލިމުން ދިފާޢުކޮށް ﷲ ޢައްޒަ ވަޖައްލަގެ ކަލިމަފުޅު މަތިވެރިކުރުމަށްޓަކައި ކުރެވޭ ކަމަކަށް ވާތީއެވެ.
ޞަޙީޙު މުސްލުގައި އަބޫ ސަޢީދުލް ޚުދުރީ رضي الله عنهގެ އަރިހުން ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ތިމަންބޭކަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއިއެކު މައްކާއަށް ދަތުރުކުރެއްވީމެވެ. –އޭރު ތިމަންބޭކަލުން ތިއްބެވީ ރޯދައަށެވެ.- ދެން ތިމަންބޭކަލުން ތަނަކަށް މަޑުކުރީމެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
“إِنَّكُمْ قَدْ دَنَوْتُمْ مِنْ عَدُوِّكُمْ وَالْفِطْرُ أَقْوَى لَكُمْ”
މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުން ޢަދުއްވުންނާ ކައިރިވަނީއެވެ. ރޯދަ ދޫކޮށްލުމުން ތިޔަބައިމީހުންގެ ގައިގައި ވަރުޖެހޭނެއެވެ.”
އެހިނދު ތިމަންބޭކަލުންނަށް ރޯދަ ދޫކޮށްލުމުގެ އިޚްތިޔާރު ލިބެގެން ދިޔައެވެ. ދެން ތިމަންބޭކަލުންގެ ތެރޭގައި ރޯދަވެރިންވެސް އަދި ރޯދަ ދޫކޮށްލާގެން ތިއްބެވި ބޭކަލުންވެސް ވިއެވެ. ދެން ތިމަންބޭކަލުން އެހެންތަނަކު މަޑުކުރީމެވެ. ދެންފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
“إِنَّكُمْ مُصَبِّحُو عَدُوِّكُمْ وَالْفِطْرُ أَقْوَى لَكُمْ فَأَفْطِرُوا”
މާނައީ: “ތިޔަބައިމީހުން ފަތިހު ޢަދުއްވުންނާ ބައްދަލު ކުރާނެތެވެ. ރޯދަ ދޫކޮށްލުމުން ތިޔަބައިމީހުންގެ ގައިގައި ވަރުޖެހޭނެއެވެ. ތިޔަބައިމީހުން ރޯދަ ދޫކޮށްލާށެވެ.”
އެކަލޭގެފާނުގެ އެބަސްފުޅު، ރޯދަ ދޫކޮށްލުމަށް ބާރު އެޅުއްވިއެވެ. ދެން ތިމަންބޭކަލުން ރޯދަ ދޫކޮށްލީމުއެވެ.”([6])
އިސްވެދިޔަ ޙަދީޘްގައި އިޝާރާތް ކުރައްވާފައި އެވަނީ ހަނގުރާމަކުރުމަށް ވަރުޖެއްސުމަށެވެ. ދަތުރުގެ ބަދަލުގައި ވަކި ޚާއްޞަ ސަބަބެއް އެވަނީ ފާހަގަ ކުރައްވާފައެވެ. އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ދޫކޮށްލުމުގެ ޢިއްލަތެއްގެ ގޮތުގައި ފާހަގަ ކުރައްވާފައި އެވަނީ ދަތުރުގެ ބަދަލުގައި ޢަދުއްވުންނާ ހަނގުރާމަ ކުރާއިރު ގައިގައި ވަރުޖެއްސުމުގެ ވާހަކައެވެ. އެހެންކަމުން ފުރަތަމަ މަޑުކުރެއްވިތަނުގައި އެބޭކަލުންނަށް ރޯދަ ދޫކޮށްލުމަކަށް އެކަލޭގެފާނު އަމުރެއް ނުކުރައްވައެވެ.
ރޯދަ ދޫކޮށްލުން ހުއްދަވެގެންދާ މީހުންގެ ގޮތުގައި އިސްވެ ބަޔާންކުރެވުނު މީހުންގެ ތެރެއިން، ރޯދަ ދޫކޮށްލުމަށް މެދުވެރިވި ސަބަބަކީ ފާޅުވެގެން އެނގެން އޮތް ސަބަބުތަކެއްނަމަ، ރޯދަ ދޫކޮށްލާފައިވާކަން ޢިއުލާނުކޮށް ފާޅުކުރުމަކީ މަނާވެގެންވާ ކަމެއް ނޫނެވެ. މިސާލަކަށް ބަލިމީއާއި ރޯދަ ނުހިފޭވަރުގެ މުސްކުޅިން ފަދަ މީހުންނެވެ. އަދި ރޯދަ ދޫކޮށްލުމަށް މެދުވެރިވި ސަބަބަކީ ފޮރުވިފައިވާ ކަމެއްނަމަ އެހެންމީހުންނަށް ނޭނގޭގޮތަށް ސިއްރުން ރޯދަ ދޫކޮށްލާށެވެ. މިސާލަކަށް ޙައިޟުވެރިންނާއި މަޢުޞޫމަކު ހަލާކުގެ ތެރެއިން ސަލާމަތް ކުރުމަށްޓަކައި ރޯދަ ދޫކޮށްލާ މީހުން ރޯދަ ދޫކޮށްލިކަން އިޢުލާނު ނުކުރާށެވެ. އެއީ އެމީހެއްގެ މައްޗަށް ތުހުމަތު ތަކެއްކުރެވުމުން ސަލަމަތް ވުމަށްޓަކައެވެ. އަދި އެކަމުގެ ސަބަބުން ޖާހިލަކަށް އޮޅުންއެރިޔަ ނުދިނުމަށްޓަކައެވެ. ޢުޛުރެއް ނެތި ރޯދަ ދޫކޮށްލުން އެއީ ހުއްދަ ކަމެއްކަމުގައި އޭނާ ދެކިދާނެއެވެ.
އިސްވެ ބަޔާންކުރެވުނު ހުރިހާ ބައިތަކެއްގެ މީހުން، އެމީހުން ރޯދަ ދޫކޮށްލާފައިވާ ދުވަސްތަކުގެ އަދަދަށް އެރޯދަތަށް ޤަޟާކުރުން ލާޒިމްވެގެން ވެއެވެ. ﷲތަޢާލާގެ ވަޙީ ބަސްފުޅުގައި ވާފަދައިންނެވެ.
فَعِدَّةٌ مِنْ أَيَّامٍ أُخَرَ [البقرة/185]
މާނައ: “(އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) ފަހެ އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ.”
މުޅި ރަމަޟާން މަސް އެއްކޮށް ރޯދަ ދޫކޮށްލާފިނަމަ އެމަހުގެ ހުރިހާ ދުވަހަކަށް ވާވަރަށް ރޯދަ ޤަޟާކުރަން ޖެހޭނެއެވެ. އެ މަހަކީ އެއީ ތިރީސް ދުވަހުގެ މަހެއްނަމަ ތިރީސް ދުވަހު ރޯދަ ހިފުން ލާޒިމްވާނެއެވެ. އަދި އެމަހަކީ އެއީ ނަވާވީސް ދުވަހުގެ މަހެއްނަމަ ޤަޟާކުރަން ޖެހޭނީ ހަމައެކަނި ނަވާވީސް ދުވަހެވެ.
އެންމެ އައުލާކަން ބޮޑުވެގެންވަނީ ޢުޛުރުނެތިގެން ދިޔުމާއެއްކޮށް އަވަހަށް ރޯދަތައް ޤަޟާކުރުމުވެ. އެހެނީ އެކަން ހިމެނިގެންދަނީ ހެޔޮކަންކަމުގައި އަވަސްވެގަތުމުގެ ތެރެއިންނެވެ. އަދި އަވަހަށް ޒިންމާއިން ބަރީއަވުމުގެ ތެރެއިންނެވެ.
އަދި ރޯދަ ދޫކޮށްލި ދުވަސްތަކާއި، ޖެހިގެންއަންނަ ރަމަޟާންމަހާއި ދެމެދުގެ ދުވަސްތަކާއި ހަމައަށް ރޯދަ ނުހިފާ ފަސްކޮށްލުންވެސް ހުއްދަވެގެންވެއެވެ.
فَعِدَّةٌ مِّنْ أَيَّامٍ أُخَرَ يُرِيدُ اللَّـهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ ﴿البقرة: ١٨٥﴾
މާނައީ: ” (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ. ﷲ ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ.”
އެންމެ ފުރިހަމަވެގެންވާ ލުއި ފަސޭހަކީ ޤަޟާކުރުން ފަސްކުރުމެވެ. ރޯދަ ދޫކޮށްލާފައިވަނީ ދިހަ ދުވަހު ކަމުގައި ވާނަމަ، އަންނަންއޮތް ރަމަޟާން މަހާއިޖެހެން ދިހަ ދުވަހާއި ހަމައަށް ރޯދަ ޤަޟާކުރުން ލަސްކޮށްލުން ހުއްދަވެގެން ވެއެވެ.
އަދި ޢުޛުރެއް ނެތި އަންނަންއޮތް ރަމަޟާން މަހާއި ހަމައަށް ލަސްކުރުން ހުއްދަވެގެން ނުވެއެވެ. ޢާއިޝާ رضي الله عنها ގެ ބަސްފުޅެއްގައި ވެއެވެ.
“كَانَ يَكُونُ عَلَيَّ الصَّوْمُ مِنْ رَمَضَانَ فَمَا أَسْتَطِيعُ أَنْ أَقْضِيَ إِلَّا فِي شَعْبَانَ” رواه البخاري
މާނައީ: “ރަމަޟާން މަހުން ތިމަންކަމަނާ ޤަޟާކުރަންޖެހޭ ރޯދަތަކެއް ހުންނަކަމުގައި ވިއެވެ. ފަހެ ޝަޢުބާން މަހުގައި މެނުވީ އެރޯދަތައް ޤަޟާކުރުމަށް ތިމަންކަމަނާއަށް ކުޅަދާނަކަން ލިބެގެން ނުވެއެވެ.”
ރޯދަ ޤަޟާކުރުން ފަސްކުރާ ކަމުގައި ވާނަމަ ރޯދައިގެ މައްޗަށް ރައްކާތެރިވާންޖެހޭނެއެވެ. އެހެނީ ރޯދަ ޤަޟާ ނުކުރެވި އުޅެނިކޮށް ރޯދަ ހިފުމަށް ނުކުޅެދުންތެރިވާ ކަމެއް ދިމާވެދާނެއެވެ. ނުވަތަ މަރުވެސް ވެދާނެއެވެ. އެހެނީ ރަމަޟާން މަހުގެ ރޯދައަކީ ތަކުރާރުވަމުން އަންނަ އަޅުކަމެކެވެ. އެއްނަމާދު އަނެއް ނަމާދުގެ ވަގުތާހަމައަށް ފަސް ނުކުރެވޭ ފަދައިން، އެއްއަހަރުގެ ރޯދަ އަނެއް އަހަރުގެ ރޯދަމަހާ ހަމައަށް ފަސްކުރުން ހުއްދަވެގެން ނުވެއެވެ.
އަދި ރޯދަ ހިފުމަށް ޢުޛުރެއްގެ ގޮތުގައި މެދުވެރިވި ސަބަބު މަރުވާންދެން އޮތްނަމަ އެމީހެއްގެ މައްޗަށް އެއްވެސް ކަމެއް ނެތެވެ. އެހެނީ ﷲ ޞުބުޙާނަހޫ ވަތަޢާލާ އޭނާގެ މައްޗަށް އެރޯދަ ފަރުޟުކުރައްވާފައިވަނީ، އެ ޢުޛުރު ފިލާދިޔުމުން އެހެން ދުވަސްތަކެއްގައި އެރޯދަތައް ހިފުމަށެވެ. (އެ ޢުޛުރު އޭނާގެ ކިބައިން ފިލާނުދަނީސް) ރޯދަ ނުހިފިވާނަމަ އޭނާގެ މަތިން އެކަންތަށް ކެނޑިގެންދާނެއެވެ. އެއީ ރަމަޟާން މަސް އައުމުގެ ކުރިން މަރުވާމީހާ އެމަހުގެ ރޯދަތައް ޤަޟާކުރަން ނުޖެހޭ ފަދައިންނެވެ. އަދި ރޯދަ ހިފުމަށް ކުޅަދާނަކަން ލިބިގެންވާ ހާލު ގެއްލިގެން ދިޔަ ރޯދަ ނުހުފި އުޅެނިކޮށް މަރުވެއްޖެނަމަ، އޭނާއަށް ގެއްލިގެން ދިޔަ ހުރިހާ ރޯދަތައް އޭނާގެ ވަލީވެރިޔާ ހިފަން ޖެހޭނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުގައި ވާފައިންނެވެ.
“مَنْ مَاتَ وَعَلَيْهِ صِيَامٌ صَامَ عَنْهُ وَلِيُّهُ” رواه البخاري. ([7])
މާނައީ: “އެމީހެއްގެ މައްޗަށް (ޤަޟާކުރަންޖެހޭ) ރޯދައެއް އޮތްހާލު މަރުވެއްޖެމީހާއަށް، އޭނާގެ ވަލީވެރިޔާ އޭނާގެ ފަރާތުން އެރޯދަ ހިފާހުށިކަމެވެ.”
(ވަލީވެރިޔާ އަކީ، ވާރުތަވެރިޔާއެވެ. ނުވަތަ ނަސަބުގެ ގޮތުން އެންމެ ކައިރި މީހާއެވެ.)
އަދި އޭނާއަށް ދޫވެގެންދިޔަ ރޯދަތަކުގެ ޢަދަދަށް، ޖަމާޢަތެއްގެ ބަޔަކަކުވެގެން އެރޯދަތައް އެއްދުވަހުންވެސް ހިފިދާނެއެވެ. އަލް އިމާމު ބުޚާރީ ވިދާޅުވިއެވެ. ޙަސަނުން ބަޞަރީ ވިދާޅުވިއެވެ.
“إِنْ صَامَ عَنْهُ ثَلاَثُونَ رَجُلاً يَوْمًا وَاحِدًا جَازَ.” رواه البخاري.
މާނައީ: “އޭނާގެ ކިބައިން ތިރީސް މީހުން އެއްދުވަހެއްގައި ރޯދަހިފުންވެސް ހުއްދައެވެ.”
އަދި އޭނާއަށް ވަލީވެރިއަކު (ވާރުތަވެރިއަކު ނުވަތަ ނަސަބުގެ ގޮތުން ކައިރި މީހަކު) ނެތްނަމަ ނުވަތަ އެފަދަ މީހަކު އޭނާގެ ކިބައިން ރޯދަ ހިފައިދެން ބޭނުން ނުވެއްޖެ ނަމަ، އޭނާއަށް ޤަޟާކުރުމަށް ކުޅަދާނަކަންލިބި ޤަޟާ ނުކުރެވިފައިވާ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދޭށެވެ. ކޮންމެ މިސްކީނަކަށް ހަނޑުލުން މުއްދެއްގެ މިންވަރެވެ. އެއީ ބައި ކިލޯ ދިހަ ގުރާމެވެ.
އަޚުންނޭވެ! މިއީ ރޯދައިގެ ޙުކުމްތަކުގައި މީސްތަކުން ބެހިގެންވާ ބައިތަކެވެ. ﷲތަޢާލާ ރޯދަ ޝަރުޢު ކުރައްވާފައި އެވަނީ ކޮންމެ ބަޔަކަށްވެސް އެބަޔަކާއި އެންމެ މުނާސަބުވާ ގޮތަކަށެވެ. އަދި މި ޝަރީޢަތުގައިވާ ތިޔަބައި މީހުންގެ ވެރި ރައްބުގެ ޙިކުމަތްތެރިކަން ދެނިގަންނާށެވެ. އަދި ތިޔަބައިމީހުންނަށް ޝަރީޢަތުގެ ކަންކަން ލުއިފަސޭހަ ކޮށްދެއްވާފައިވާ ކަމުގެ މައްޗަށް ޝުކުރުވެރި ވާށެވެ. އަދި ދީނުގެމަތީ މަރު ދުވަހާއި ހަމައަށް ޘާބިތުވެ ތިބުމުގެ ތަޢުފީޤު ދެއްވުންއެދި އެރައްބުގެ ޙަޟުރަތުގައި އެދި ދަންނަވާށެވެ.
اللهم اغفر لنا ذنوبا حالت بيننا وبين ذكرك، واعف عن تقصيرنا في طاعتك وشكرك، وأدم علينا لزوم الطريق إليك، وهب لنا نورا نهتدي به إليك، اللهم أذقنا حلاوة مناجاتك، واسلك بنا سبيل أهل مرضاتك، اللهم أنقذنا من دركاتنا، وأيقظنا من غفلاتنا، وألهمنا رشدنا، وأحسن بكرمك قصدنا، اللهم احشرنا في زمرة المتقين، وألحقنا بعبادك الصالحين، وصلى الله على نبينا محمد وعلى آله وأصحابه أجمعين.
________________________________
މިފޮތަކީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ ފޮތެއްގެ ތަރުޖަމާއެވެ.
މަޖާލިސް ޝަހްރު ރަމަޟާންގެ އެހެންބައިތައް
([1]) البخاري الحيض (298) ، مسلم الإيمان (80) .
([2]) البخاري الصوم (1825) ، مسلم الصيام (1109) ، أبو داود الصوم (2388) ، ابن ماجه الصيام (1704) ، أحمد (6/36) ، مالك الصيام (642) ، الدارمي الصوم (1725) .
([3]) البخاري الصوم (1825) ، مسلم الصيام (1109) ، أبو داود الصوم (2388) ، ابن ماجه الصيام (1704) ، أحمد (6/36) ، مالك الصيام (642) ، الدارمي الصوم (1725) .
([4]) مسلم الحيض (335) ، الترمذي الطهارة (130) ، النسائي الصيام (2318) ، أبو داود الطهارة (262) ، ابن ماجه الطهارة وسننها (631) ، أحمد (6/232) ، الدارمي الطهارة (986) .
[5] މިތަނުގައި މަޢުޞޫމުގެ މުރާދަކީ، ހަނގުރާމަކުރުން ޙަރާމްވެގެންވާ އާދަމުގެ ދަރިންނެވެ.
([6]) مسلم الصيام (1120) ، أبو داود الصوم (2406) .
([7]) البخاري الصوم (1851) ، مسلم الصيام (1147) ، أبو داود الصوم (2400) ، أحمد (6/69) .