މިކަމާ ގުޅޭގޮތުން މަޖްމަޢުލް ފިޤްހީގެ ޤަރާރެއްގައި އައިސްފައިވެއެވެ.
(قرار مجمع الفقه الإسلامي الدولي المنبثق عن منظمة المؤتمر الإسلامي المنعقد في دورته السادسة عشرة بدبي (دولة الإمارات العربية المتحدة) 30 صفر – 5 ربيع الأول 1426هـ، الموافق 9 – 14 نيسان ( إبريل ) 2005م.)
“ފަސްވަނަ ނުކުތާ: ވަޒީފާއަށް ދިޔުމަށް ޝަރުޠުކުރުން
- ގެއިން ބޭރަށް ވަޒީފާއަކަށް ދާނެކަމަށް ކައިވެނީގެ ޢަޤުދުގައި އަނބިމީހާއަށް ޝަރުޠުކުރެވިދާނެއެވެ. ފަހެ އެ ޝަރުޠަށް ފިރިމީހާ ރުހިއްޖެނަމަ އެކަން ފިރިމީހާގެ މައްޗަށް ލާޒިމުވެއެވެ. ޢަޤުދުކުރާއިރު ޞަރީޙަކޮށް އެގޮތަށް ޝަރުޠުކުރަން ޖެހޭނެއެވެ.
- ވަޒީފާއަށް ދިޔުމަށް އިޛުނަ ދިނުމަށްފަހުގައިވެސް އަނބިމީހާ ވަޒީފާއަށް ދިޔުމުން ޢާއިލާއާ ދަރިންގެ މަޞްލަޙަތުތައް ގެއްލިގެންދާނަމަ އަނބިމީހާ ވަޒީފާއަށް ނުދިޔުމަށް ފިރިމީހާއަށް އެދެވޭނެއެވެ.
- އަނބިމީހާ ގެއިން ބޭރަށް ވަޒީފާއަށް ފޮނުވުމުގެ އިޛުނަދިނުމުގައި، ފިރިމީހާ ކުރަން ޖެހޭ ވާޖިބު ޚަރަދުތަކުގައި އަނބިމީހާ ބައިވެރިވާން ޖެހޭނެކަމަށް ޝަރުޠު ކުރުން ޝަރުޢީގޮތުން ހުއްދަވެގެން ނުވެއެވެ. އަދި އަނބިމީހާގެ މުސާރައިން ނުވަތަ ޢާމްދަނީއިން ބައެއް ދިނުން ޝަރުޠުކުރުންވެސް ހުއްދަވެގެން ނުވެއެވެ.
- ގެއިން ބޭރުގައި އަނބިމީހާ ވަޒީފާއެއް އަދާކުރުމަށް ފިރިމީހާއަށް މަޖުބޫރެއް ނުކުރެވޭނެއެވެ.
ހަވަނަ ނުކުތާ: މިލްކުވެރިކަމުގައި އަނބިމީހާ ބައިވެރިކުރުން
ގެއެއް ގަތުމުގައި ނުވަތަ ބިމެއް ގަތުމުގައި ނުވަތަ ވިޔަފާރިއެއް ފެށުމުގައި، އަނިބިމީހާގެ މުދަލުން ނުވަތަ ޢާމްދަނީއިން އޭގައި ހިއްސާވެއްޖެނަމަ އޭގެ މިލްކުވެރިކަމުގައި ހިއްސާވުމުގެ ޙައްޤު އަނބިމީހާއަށް ލިބިގެންވެއެވެ. އެއީ އޭނާ އެ ހޭދަކުރި މިންވަރެއްގެ ނިސްބަތުންނެވެ.
ހަތްވަނަ ނުކުތާ: ވަޒީފާއަށް ދިޔުމުގެ ޙައްޤު ނަހަމަ ގޮތުގައި ބޭނުންކުރުން.
1. ކައިވެންޏަކީ ދެމަފިރިންގެ ދެމެދުގައިވާ ބަދަލުކުރެވިގެންދާ ވާޖިބުތަކަކާއި ޙައްޤުތަކެކެވެ. އެއީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ކަންތައްތަކެކެވެ. އެހެންކަމުން އެކަށީގެންވަނީ ދެމަފިރިންގެ ދެމެދުގައި އެއޮންނަ ގުޅުމަކީ އެހީތެރިވުމާއި ބެލެހެއްޓުމާއި ރަޙުމުގެ މައްޗަށް ބިނާކޮށްފައިވާ ގުޅުމަކަށް ހެދުމެވެ. އެމިންގަނޑުން ނުކުތުމަކީ ޝަރީޢަތުގައި ޙަރާމްކުރައްވާފައިވާ ހައްދު ފަހަނައެޅުމެކެވެ.
2. ފިރިމީހާއަށް ލިބިފައިވާ ޙައްޤު، ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަނބިމީހާ ވަޡީފާއަށް ދިޔުން ހުއްޓުވުމާއި ވަޒީފާ ދޫކޮށްލުމަށް އެދުމަކީ ހުއްދަކަމެއް ނޫނެވެ. އެއީ އަނބިމީހާއަށް ގެއްލުން ދިނުމުގެ ޤަޞްދުގައި އެކަން ކުރުމެވެ. އެކަމުން އިސްތިޘްނާ ކުރެވޭ ޙާލަތަކީ ވަޒީފާއަށް ދިޔުމުން ޙާޞިލުވުމަށް އެދޭ މަޞްލަޙަތަށް ވުރެ ބޮޑު ގެއްލުމަކާއި ފަސާދަތަކެއް މެދުވެރިވާ ޙާލަތުގައެވެ.
3. ފިރިމީހާއަށް ނުވަތަ ޢާއިލާއަށް ގެއްލުން ދިނުމުގެ ޤަޞްދުގައި އަނބިމީހާ ވަޒީފާއަށް ދިޔުމަކީވެސް ހުއްދަކަމެއް ނޫނެވެ. ނުވަތަ އޭނާ ވަޒީފާއަށް ދިޔުމުން ޙާޞިލުވުމަށް އެދޭ މަޞްލަޙަތަށްވުރެ ބޮޑު ގެއްލުމެއް ލިބޭ ޙާލަތްތަކުގައިވެސްމެއެވެ.
ދެވަނައީ: [އެކަމުގައި ފިރިމީހާގެ އަމުރަށް އަނބިމީހާ ނުކިޔަމަންތެރިވުން]
ކައިވެނީގެ ޢަޤުދުގައި ވަޒީފާއަށް ދާނެކަމަށް އަނބިމީހާ ޝަރުޠުކޮށްފައިނުވާނަމަ، އަނބިމީހާގެ މައްޗަށް ލާޒިމުވެގެންވަނީ އެވަޒީފާ ދޫކޮށްލުމަށް ފިރިމީހާ އަމުރުކޮށްފިނަމަ އެކަމަށް ކިޔަމަންގަތުމެވެ. އަދި އޭނާގެ އަމުރަށް ނުކިޔަމަންތެރިވުން އޭނާއަށް ހުއްދަވެގެން ނުވެއެވެ. އޭނާގެ އަމުރަށް ނުކިޔަމަންތެރިވުމުގައި އަނބިމީހާ ދެމިހުރެއްޖެނަމަ ޝަރުޢީ ގޮތުން އޭނާ ބެލެވޭނީ ނުކިޔަމަންތެރި އަނތްބެއްގެ ގޮތުގައެވެ…
މިފަދައިން ކަން ހިނގައިފިނަމަ ދެން އޮންނާނީ ނުކިޔަމަންތެރި އަނބީންނާމެދު ދީނުގައި ޢަމަލުކުރުމަށް އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމެވެ.
والله أعلم .
= ނިމުނީ =
____________________