الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ޙައްޖާއި ޢުމްރާގެ މާތްކަން ބަޔާންކުރައްވާ ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ޙަދީޘްތަކެއްވެއެވެ. މިތަނުގައި މިޛިކުރުކޮށްލަނީ ޢުމްރާގެ މާތްކަމާގުޅޭގޮތުން އައިސްފައިވާ ބައެއް ޙަދީޘްތަކެވެ.
- ((الْعُمْرَةُ إِلَى الْعُمْرَةِ كَفَّارَةٌ لِمَا بَيْنَهُمَا وَالْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلَّا الْجَنَّةُ)) [رواه البخاري (١٧٧٣) ومسلم (٣٢٨٩) من حديث أبي هريرة رضي الله عنه]
މާނައީ: ” އެއް ޢުމްރާއިން އަނެއް ޢުމްރާއާ ދެމެދު ކުރެވޭ ފާފަތަކުގެ ކައްފާރާއެއް ކަމުގައި ޢުމްރާކުރުންވެއެވެ. އަދި މަބްރޫރު ޙައްޖެއްގެ ޖަޒާއެއްކަމުގައި ސުވަރުގެ މެނުވީ ނުވެއެވެ.”
- ((تَابِعُوا بَيْنَ الحَجِّ وَالعُمْرَةِ، فَإِنَّهُمَا يَنْفِيَانِ الفَقْرَ وَالذُّنُوبَ كَمَا يَنْفِي الكِيرُ خَبَثَ الحَدِيدِ، وَالذَّهَبِ، وَالفِضَّةِ، وَلَيْسَ لِلْحَجَّةِ الْمَبْرُورَةِ ثَوَابٌ إِلَّا الجَنَّةُ)) [رواه الترمذي (٨١٠) وابن خزيمة في صحيحه (٢٥١٢) والنسائي (٢٦٣١) من حديث ابن مسعود رضي الله عنه، وإسناده عندهم حسن، ورواه النسائي (٢٦٣٠) بإسناد صحيح من حديث ابن عباس رضي الله عنه، وليس فيه ((وَالذَّهَبِ، وَالفِضَّةِ،)) والجملة الأخيرة]
މާނައީ: “ވިދިވިދިގެން ޙައްޖާއި ޢުމްރާ ކުރާށެވެ. ފަހެ، އެދެކަން ފަޤީރުކަމާއި ފާފަތަކުން ދުރުކޮށްދެއެވެ. “ކީރުން”[1] ދަނގަޑާއި ރަނާއި ރިހީގައި ހުންނަ ހަޑިކަން ފިލުވާލާ ފަދައިންނެވެ. އަދި މަބްރޫރު ޙައްޖެއްގެ ޘަވާބެއްކަމުގައި ސުވަރުގެ މެނުވީ ނުވެއެވެ.”
- عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ -رضي الله عنها- قَالَتْ: قُلْتُ: “يَا رَسُولَ اللَّهِ عَلَى النِّسَاءِ جِهَادٌ؟” قَالَ: ((نَعَمْ، عَلَيْهِنَّ جِهَادٌ، لَا قِتَالَ فِيهِ: الْحَجُّ وَالْعُمْرَةُ)) [رواه ابن ماجه (٢٩٠١) وابن خزيمة في صحيحه (٣٠٧٤)]
މާނައީ: “އުންމުލްމުއުމިނީން ޢާއިޝާ رضي الله عنها ގެ އަރިހުންރިވާވެގެން އައިސްފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ. “ތިމަން ކަމަނާ ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. އަންހެނުންނަށް ޖިހާދުވޭ ހެއްޔެވެ؟” ޙަދީޘްކުރެއްވިއެވެ. “އާދޭހެވެ. އެކަނބަލުންނަށް ޖިހާދުވެއެވެ. އޭގައި ހަނގުރާމަކުރުމެއް ނުވެއެވެ. (އެއީ) ޙައްޖާއި ޢުމްރާއެވެ.””
_____________________
މަޞްދަރު: تبصير الناسك بأحكام المناسك للشيخ عبدالمحسن بن حمد العباد البدر
[1]“ ކީރަކީ” އަލިފާން ރޯކުރުމަށް ފުމެން ބޭނުންކުރާ އެއްޗެކެވެ. ދިވެހި ބަހުގައި މިއަށް ކިޔަނީ ގިރުނބާއެވެ.