الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ޙައްޖާއި ޢުމްރާ ކުރުން ވާޖިބުވެގެންވަނީ ޢުމުރުން އެއްފަހަރުއެވެ. ޙައްޖު ވާޖިބުވެގެންވާކަމަށް ޤުރުއާނާއި ސުންނަތާއި އިޖްމާޢުން ދަލީލު ލިބެވެއެވެ. ނަމަވެސް ޢުމްރާ ވާޖިބުވެގެންވާކަމަށް ދަލީލު ލިބެނީ ޙަދީޘްތަކުންނެވެ. މިތަނުގައި މިޛިކުރުކޮށްލަނީ ޢުމްރާގެ ވާޖިބުވުމާގުޅޭގޮތުން އައިސްފައިވާ ބައެއް ޙަދީޘްތަކެވެ.
- عَنْ عَائِشَةَ -رضي الله عنها- قَالَتْ: قُلْتُ: “يَا رَسُولَ اللَّهِ عَلَى النِّسَاءِ جِهَادٌ؟” قَالَ: ((نَعَمْ، عَلَيْهِنَّ جِهَادٌ، لَا قِتَالَ فِيهِ: الْحَجُّ وَالْعُمْرَةُ)) [رواه الإمام احمد (٢٥٣٢٢) وابن ماجه (٢٩٠١) وابن خزيمة (٣٠٧٤)، وإسناده عند الإمام أحمد وابن ماجه على شرط الشيخين]
މާނައީ: ” ޢާއިޝާ رضي الله عنها ގެ އަރިހުންރިވާވެގެން އައިސްފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ. “ތިމަން ކަމަނާ ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. އަންހެނުންނަށް ޖިހާދުވޭ ހެއްޔެވެ؟” ޙަދީޘްކުރެއްވިއެވެ. “އާދޭހެވެ. އެކަނބަލުންނަށް ޖިހާދުވެއެވެ. އޭގައި ޤަތުލުކުރުމެއް ނުވެއެވެ. (އެއީ) ޙައްޖާއި ޢުމްރާއެވެ.””
- ޙަދީޘް ޖިބްރީލްގައި ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް ޢުމަރު رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.
((الْإِسْلَامُ أَنْ تَشْهَدَ أَنْ لَا إِلَهَ إِلَّا اللَّهُ، وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَأَنْ تُقِيمَ الصَّلَاةَ، وَتُؤْتِيَ الزَّكَاةَ، وَتَحُجَّ وَتَعْتَمِرَ، وَتَغْتَسِلَ مِنَ الْجَنَابَةِ،وَأَنْ تُتِمَّ الْوُضُوءَ، وَتَصُومَ رَمَضَانَ)) [رواه ابن خزيمة (٣٠٦٥) بإسناد صحيح رحاله ثقات، والدارقطني (٢/٢٨٢)، وقال: إسناد ثابت صحيح]
މާނައީ: “އިސްލާމް ކަމަކީ ﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާ ކަމަށާއި މުޙައްމަދުގެފާނީ އެއިލާހުގެ ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމުކުރުމާއި، ޒަކާތް ދިނުމާއި، ޙައްޖުވުމާއި ޢުމްރާކުރުމާއި، ޖުނުބުން ހިނައިގަތުމާއި، ވުޟޫ ފުރިހަމަކުރުމާއި، ރަމަޟާންމަހު ރޯދަ ހިފުމެވެ.”
- عَنْ أَبِي رَزِينٍ العُقَيْلِيِّ، أَنَّهُ أَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَالَ: يَا رَسُولَ اللهِ، إِنَّ أَبِي شَيْخٌ كَبِيرٌ لاَ يَسْتَطِيعُ الحَجَّ، وَلاَ العُمْرَةَ، وَلاَ الظَّعْنَ، قَالَ: ((حُجَّ عَنْ أَبِيكَ وَاعْتَمِرْ)). [رواه الترمذي (٩٣٠)، وقال: “هذا حديث حسن صحيح” وهو على شرط مسلم]
މާނައީ: “އަބޫ ރަޒީން އަލް ޢުޤައިލީގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. ތިމަންކަލޭގެފާނުގެ ބައްޕައަކީ ވަރަށް މުސްކުޅިވެފައިވާ މީހެކެވެ. ޙައްޖުކުރުމަށްވެސް، ޢުމްރާކުރުމަށްވެސް އަދި ދަތުރުކުރުމަށްވެސް ވަނީ ނުކުޅެދިފައެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިބާގެ ބައްޕަގެ މަތިން ޙައްޖުކުރާށެވެ. އަދި ޢުމްރާ ކުރާށެވެ.”
_____________________
މަޞްދަރު: تبصير الناسك بأحكام المناسك للشيخ عبدالمحسن بن حمد العباد البدر