[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިންސާނާގެ މަރު 2

އިންސާނާގެ ހަށިގަނޑަށް ދިމާވާ ހުރިހާ ކަންތައްތަކެއް މިހެން ދިމާވަނީ ކީއްވެގެން ހެއްޔެވެ؟ ﷲ އިރާދަ ކުރައްވައިފިނަމަ ހަށިގަނޑު އެގޮތަށް ނުބައި ނުވެވެސް އޮވެދާނެއެވެ. ނަމަވެސް ހަށިގަނޑު ނުބައިވުން އެއީ އަހަރުމެންނަށް ވަރަށް މުހިއްމު މެސެޖެއް ދޭކަމެކެވެ. އެއީ ކޮން މެސެޖެއްތޯއެވެ؟ އެއީ ކުރީގެ ދިރިއުޅުމަށް އެނބުރި ދެވޭނެ ހަމައެއްވެސް ގޮތެއް ދެނެއް ނޯންނާކަން ހާމަކޮށްދެއްވުމެވެ. ޢާއިލާގެ މެންބަރުންނާއި އެކު މޭޒުދޮށުގައި ކައިބޮއި ހެދުން، ދަތުރުގޮސް މަޖާކުރުން، ފައިސާ އެއްކުރުން މިއީ ދެން ހަމަ އެއްގޮތަކަށްވެސް ކުރެވޭނެ ކަންތައްތަކެއް ނޫންކަމުގެ މެސެޖެވެ. އިންސާނުންގެ ނިމުން މިއޮންނަ ގޮތުން އޭނާއަކީ ހަމައެކަނި ހަށިގަނޑެއް ނޫންކަން އެނގެން ޖެހޭނެއެވެ. އަދި ކިއެއްތަ، އޭނާއަކީ ހަށިގަނޑަކުން ” ވަށައިލެވިފައިވާ ” ފުރާނައެއްކަން އެނގެން ޖެހޭނެއެވެ. އެހެން ގޮތަކަށް ބުނާނަމަ އިންސާނާއަކީ ހަށިގަނޑެއްގެ އިތުރު ބައެއްވެސް ހިމެނޭ މީހެކެވެ. އިންސާނާ ވަރަށް މުހިއްމު ބައެއްކަމަށް ދެކިގެން އުޅުނު ހަށިގަނޑު ކޮންމެވެސް ދުވަހަކުން ކުނިވެ، ފަނިކައި، އަދި އެންމެފަހުން ކަށިގަނޑަކަށް ބަދަލުވެގެން ދެއެވެ. އެދުވަސް ހީނުކުރާހާ އަވަހަށްވެސް އަތުވެދާނެއެވެ.

ކަން މިހެން އޮތްނަމަވެސް ނަފްސާނީގޮތުން އިންސާނާ އަކީ އޭނާ ނުރުހޭ ނުވަތަ ބޭނުންނޫން ކަންތައްތަކަށް އަޅާ ނުލެވޭ މީހެކެވެ. އަދި އެކަންތައްތަކަކީ ޙަޤީޤަތެއް ނޫންކަމަށް ޤަބޫލު ކުރެވޭ ދަރަޖައަށްވެސް މި ވިސްނުން ދެއެވެ. މަރަކީވެސް މިކަހަލަ ކަމެކެވެ. ނަމަވެސް ޖަނާޒާއެއްގައި ބައިވެރިވާ ހިނދު ނުވަތަ ވަރަށް ގާތް ތިމާގެ މީހަކު ކުއްލިއަކަށް މަރުވާ ހިނދު މަރު މަތީން ހަނދާންވާ ގޮތްވެއެވެ. އެހެން ނޫނީ މަރާމެދު ދެކޭނީ ވަރަށް ދުރު ކަމެއްގެ ގޮތުގައެވެ. މީހުން ނިދީގައި މަރުވާ ކަމާއި، އެކްސިޑެންޓެއްގައި ކުއްލިގޮތަކަށް މަރުވާކަން ވެސް އެންމެން ދަނެއެވެ. ނަމަވެސް ހިތަށް ގެނެވެނީ އެއީ އަދި ވަކި ބައެއް ކަމަށެވެ. ނަމަވެސް ހިތަށް ގެނެވެނީ އެއީ އަދި ވަކި ބައެއް ކަމަށެވެ. ތިމާއަށް އެގޮތް މެދުވެރިވެދާނެކަން ޤަބޫލުކުރަން ހަމަ ދަތިވަނީއެވެ. އަބަދުވެސް ހީވެފައި އޮންނަނީ މަރުވާ ދުވަސް އަދި މާ ފަހަތުގައި އޮތް ކަމަށެވެ. ދުނިޔޭގައި އުޅެން އަދި ދުވަސް އެބައޮތް ކަމަށެވެ. ހައްޖަށް ދާން އަދި މާ އަވެހޭ ބުނެވެނީ ވެސް އެހެންވެގެން ކަންނޭނގެއެވެ.

މަދުރަސާއަށް ދަނިކޮށް ނުވަތަ އޮފީހަށް ދަނިކޮށް އެކްސިޑެންޓްވެގެން މަރުވާ ކުއްޖާ ނުވަތަ މީހާވެސް ހީކޮށްގެން ހުންނާނީ ހަމަ މިކަހަލަ ގޮތަކަށް ކަންނޭނގެއެވެ. މާދަމާގެ ނޫހުގައި އޭނާގެ މަރުގެ ވާހަކަ އޮންނާނެކަމެއް އޭނާއަކަށް ކުޑަކޮށް ވެސް ނޭނގެނެއެވެ. މި މަޒުމޫނު ވިދާޅުވާއިރު ހުދު ތިޔަބޭފުޅާވެސް ހުންނެވީ މިކަހަލަ ވިސްނުންފުޅެއްގައި ނޫން ކަމެއް ނޭނގެއެވެ. އަވަހަށް ނިޔާވެދާނެ ކަމަށް ޤަބޫލުކުރަން ދަތިވާނެއެވެ. އަދިވެސް މި ދުނިޔޭގައި ނުކުރެވި އެތައް ކަންތައްތަކެއް ހުރީމައެވެ. މިއީ މަރުން އެއްކިބާވުމުގެ ވިސްނުމެކެވެ. ނަމަވެސް މަރަކުން ހަމަ ހިލާ ސަލާމަތެއް ނުވާނެއެވެ. ގަދަފަދަ ވެގެންވާ ކިއްލާތަކެއްގެ ތެރޭގައި ތިބި ކަމުގައި ވިޔަސްމެއެވެ. ކޮންމެ ތަނަކުންވެސް މަރު އޭނާ އަތުލާނެތެވެ.

އިންސާނާ ދުނިޔެއަށް އައީ އޭނާގެ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. އޭނާ އެނބުރި ދާނީ ވެސް އޭނާގެ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. އެކަނިމާ އެކަންޏެވެ. ނަމަވެސް އޭނާ ދުނިޔޭގައި އުޅޭއިރު ، އޭނާ ވަނީ މުދާ އެއްކުރުމުގައި އަވަދިނެތި އޭނާގެ ވަގުތުތައް ހޭދަކޮށްފައެވެ. އޭނާގެ ދިރިއުޅުމުގެ ހަމައެކަނި މަޤްޞަދަކީ ހަމައެކަނި މުދާގިނަކުރުން ކަމުގައި ހީވާ މިންވަރަށެވެ. ނަމަވެސް އެއްވެސް މީހަކަށް އޭނާގެ މުދާތައް ހިފައިގެން ކަށްވަޅަކަށް ނުދެވެއެވެ. ވަޅުލާނީ އާދައިގެ ދެރަ ފޮއްޗަކުން ކަފުން ކޮށްފައެވެ. އޭނާއަށް ގެންދެވޭ ހަމައެކަނި އެއްޗަކީ އޭނާކުރި ޢަމަލެކެވެ. ހެޔޮކަމުގެ ތިލަފަތް ބަރުވެއްޖެ ނަމަ ހުރި އުފަލެއްގެ ބޮޑުކަމާއެވެ.

– ނިމުނީ –