[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހުވަފެނުގައި، ނަބިއްޔާ صلى الله عليه وسلم ފެނުން.

dream

الحَمْدُ للهِ رَبِّ العَالَمِيْن. وَالصَّلاَةُ وَالسَّلاَمُ عَلَى أَشْرَفِ الأَنْبِيَاءِ وَالمُرْسَلِيْن، وَعَلَى آلِهِ وَصَحْبِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْن. أَمَّا بَعْد:

މީހަކަށް ހުވަފެނުގައި ނަބިއްޔާ صلى الله عليه وسلم ފެނުމަކީ ވެދާނެކަމެކެވެ. އެހެނީ ހަމަކަށަވަރުން ޝައިޠާނާއަށް ނަބިއްޔާ صلى الله عليه وسلم ގެ ޞޫރަފުޅަށް ބަދަލެއް ނުވެވޭނެއެވެ. އަދި ކިއެއްތަ، ޙަޤީޤީ ޞޫރަފުޅެއް ޞިފައެއްވެސް ނުކޮށްދެވޭނެއެވެ. އެނޫން ސިފަތަކުގައި އައިސް، އެއީ ނަބިއްޔާ صلى الله عليه وسلم ކަމުގައި ދަޢުވާ ކުރުމަކީ ޝައިޠާނާއަށް ކުރެވިދާނެކަމެކެވެ.

އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. ((مَنْ رَآنِي فِي الْمَنَامِ فَسَيَرَانِي فِي الْيَقَظَةِ، وَلَا يَتَمَثَّلُ الشَّيْطَانُ بِي))[1] މާނައީ: “ތިމަންކަލޭގެފާނު ހުވަފެނުގައި ފެނިއްޖެ މީހާއަށް އޭނާ ހޭލައި ހުއްޓައި ތިމަންކަލޭގެފާނު ފެންނާނެއެވެ. ޝައިޠާނާއަށް ތިމަންކާލޭގެފާނުގެ ޞޫރަފުޅަށް ބަދަލު ނުވެވޭހުއްޓެވެ.”

އަދި އިމާމު އަޙްމަދު ރިވާކުރައްވާފައިވާ ރިވާޔަތުގައި ވަނީ: ((فَإِنَّ الشَّيْطَانَ لَا يَسْتَطِيعُ أَنْ يَتَشَبَّهَ بِي))[2] “ފަހެ ހަމަކަށަރުން ތިމަންކަލޭގެފާނާ ވައްތަރުވެ ގަތުމަށް ޝައިޠާނާއަށް ކުޅަދާނަވެގެން ނުވެއެވެ.”

އިސްވެދިޔަ ފުރުތަމަ ޙަދީޘްގެ އެކި ލަފްޒުތައް ވާރިދުވެފައި ވާކަމުގައި އިބްނު ޙަޖަރު ވިދާޅުވެފައި ވެއެވެ. [ބަސްފުޅުގެ ތަރުޖަމާއީ:] ((فَسَيَرَانِيْ فِيْ اليَقَظَةِ)) “އޭނާ ހޭލައި ހުއްޓައި ތިމަންކަލޭގެފާނު ފެންނާނެއެވެ.” ((فَكَأَنَّمَا رَآنِيْ فِيْ اليَقَظَةِ)) “އޭނާ ހޭލައި ހުއްޓައި ތިމަންކަލޭގެފާނު ފެނުންފަދައެވެ.” އަދި ((فَقَدْ رَآنِيْ فِيْ اليَقَظَةِ)) “ހަމަކަށަވަރުން ތިމަންކަލޭގެފާނު އެފެނުނީ އޭނާ ހޭލައި ހުއްޓައެވެ.” އަދި ((فِيْ اليَقَظَةِ)) “ހޭލައި ހުއްޓައި” ކަމުގައި އޮތް ލަފްޒު ފިޔަވައި، ގިނަ ރިވާޔަތްތަކުގައި ވަނީ މިތިން ރިވާޔަތުގައި މިވާގޮތަށް ކަމުގައި ނަންގަނެފައި ވެއެވެ. އަދި މިމައްސަލައިގައި ޢިލްމުވެރީންގެ ހަ ބަސްފުޅެއް ވާކަމުގައި ވިދާޅުވެފައި ވެއެވެ:

ފުރަތަމައީ: އެއީ ވައްތަރުވެ ގަތުމާއި ބަދަލުވެގަތުމެވެ. މިކަމަށް ދަލީލު ލިބެނީ އެހެން ރިވާޔަތެއްގައިވާ: ((فَكَأَنَّمَا رَآنِيْ فِيْ اليَقَظَةِ)) “އޭނާ ހޭލައި ހުއްޓައި ތިމަންކަލޭގެފާނު ފެނުންފަދައެވެ.” [މިބަސްފުޅުންނެވެ.]

ދެވަނައީ: އޭގެ މާނައަކީ: އޭނާ ހޭލައި ހުއްޓައި އެކަން ޙަޤީޤަތަށްވެ ސީދާވެގެން ދިއުމެވެ.

ތިންވަނައީ: އެއީ އެކަލޭގެފާނުގެ ޒަމާނުގައި، އެކަލޭގެފާނު ފެނިވަޑައިގަތުމުގެ ކުރިން އެކަލޭގެފާނަށް އީމާންވި މީހުންނަށް ޚާއްޞަ ކަމެކެވެ.

ހަތަރުވަނައީ: އޭނާއަށް ހުވަފެނުން އެފެނުން ގޮތަށް އެކަލޭގެފާނަށް އޭނާ ފެނުމެވެ. އެކަމަށް ފަސޭހަވެގެން ވާނަމައެވެ. ޙާފިޛު [އިބުނު ޙަޖަރު] ވިދާޅުވެފައިވާ ފަދައިން، މިހުރިހާ ގޮތަކުންވެސް ވުން އެންމެ ދުރީ މިގޮތެވެ.

ފަސްވަނައީ: ހުވަފެނުގައި އެކަލޭގެފާނު ފެނިވަޑައިގެންފައި ނުވާ މީހުންނަށް ޢާންމުކޮށް އެކަލޭގެފާނު ފެންނަވަރަށްވުރެ މާޚާއްޞަގޮތެއްގައި، ޤިޔާމަތް ދުވަހުގައި އޭނާއަށް އެކަލޭގެފާނު ފެނުމެވެ.

ހަވަނައީ: ދުނިޔޭގައި ޙަޤީޤަތަށް އެކަލޭގެފާނު ފެނި ވާހަކަދެއްކުމެވެ.

ހަވަނައަށް މިވާ ގޮތާމެދު އިންކާރު ކުރައްވާ ޤުރުޠުބީ ވިދާޅުވިއެވެ. އެންމެ ފުރަތަމަ މިއީ ނުބައި ގޮތެއްކަން ބުއްދީގެ ގޮތުންވެސް އެބަ އެނގެއެވެ. އެހެނީ އެކަމުން ލާޒިމު ކުރަނީ އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވި އިރު ވާސޫރައިގައި މެނުވީ އެކަލޭގެފާނު ނުފެނުމެވެ. އަދި ދެތަނެއްގައިވާ ދެމީހަކަށް އެއްވަގުތެއްގައި އެކަލޭގެފާނު ނުފެނުމެވެ. އަދި އެކަލޭގެފާނު ދިރިވަޑައިގެން ކަށްވަޅުން ނުކުމެވަޑައިގެން ބާޒާރުތަކަށް ވަޑައިގެން މީސްތަކުންނާ މުޚާޠަބު ކުރައްވައި އެބައިމީހުންވެސް އެކަލޭގެފާނާ މުޚާޠަބު ކުރައްވައި ހެދުމެވެ. އަދި އެކަން އެގޮތަށް ވާނަމަ އެކަލޭގެފާނުގެ ހަށިކޮޅު ކަށްވަޅުފުޅުން ވަކިވެ ވަޑައިގެންނެވީހެވެ. އަދި އެތަނުގައި އެކައްޗެއްވެސް ނުވީހެވެ. އެކަލޭގެފާނުގެ ހަށިކޮޅު ވަޑައިގެން ޤަބުރަށް ޒިޔާރަތްކުރައްވައި، ފެނިފައި ނުވާ މީސްތަކުންނާ ސަލާމްވެސް ކުރެއްވީހެވެ. އެހެނީ އެއީ ޙަޤީޤަތެއް ކަމުގައި ވާނަމަ ރެއާއި ދުވާލު ގުޅިފައިވާއިރު އެކަލޭގެފާނުގެ ޤަބުރުފުޅުނޫން އެހެން ތަންތަން ފެނިވަޑައިގެންނެވުމީ ހަމަ ވާނެ ކަމެކެވެ. ދެންފަހެ މިއީ ޖާހިލުން ކިޔައިއުޅޭ، ބުއްދީގެ ކުޑަވެސް މިންވަރެއް ވާމީހަކު ބުނާނެފަދަ ވާހަކައެއް ނޫނެވެ.” –އިބްނު ޙަޖަރުގެ ވާހަކަކޮޅު ނިމުނީ-

އިބްނު ޙަޖަރު ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ:] “ބުޚާރީގެ އުސްތާޛެއް ކަމުގައިވާ ސުލައިމާން ބްން ޙަރްބު، ޙައްމާދު ބްން ޒައިދުގެ އަރިހުން އަދި އެކަލޭގެފާނުގެ އައްޔޫބުގެ އަރިހުން ރިވާކުރައްވައެވެ. [ސުލައިމާން ގެ] އަރިހުން އިސްމާޢީލް ބްން އިސްޙާޤް ރިވާކުރައްވައި، އެކަލޭގެފާނުގެ އަރިހުން ތިމަންނާއަށް ސަނަދު ގުޅިގެން ރިވާވިއެވެ. ވިދާޅުވިއެވެ. މުޙައްމަދަށް –އެބަހީ އިބްނު ސީރީނަށް-، ނަބިއްޔާ صلى الله عليه وسلم ހުވަފެނުގައި ފެނިއްޖެ ވާހަކަ މީހަކު ކިޔައިދީފިނަމަ ވިދާޅުވެއެވެ. ތިބާއަށް އެކަލޭގެފާނު ފެނުނުގޮތް ކިޔައިދޭށެވެ. ފަހެ އެކަލޭގެފާނުގެ އެނގެން ނެތް ގޮތަކަށް ކިޔައިދީފިނަމަ ވިދާޅުވެއެވެ. ތިބާއަކަށް އެކަލޭގެފާނެއް ނުފެނެއެވެ.” -މީގެ ސަނަދު ޞައްޙައެވެ.- އަދި އެކަމަށް ބާރުދޭ [ދަލީލެއް] ޢާޞިމް ބްން ކުލައިބުގެ ގެ އަރިހުން ޙާކިމް ރިވާކުރައްވާފައިވާތީ ފެނިފައިވެއެވެ. އެކަލޭގެފާނުގެ ބައްޕާފުޅު ކިޔައިދެއްވި ކަމުގައި ވިދާޅުވިއެވެ. [ބަސްފުޅުގެ މާނަ:] ހުވަފެނުގައި ނަބިއްޔާ صلى الله عليه وسلم ފެނުން ކަމުގައި އިބްނު ޢައްބާސްއަށް ތިމަންނާ ދެންނެވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންނާއަށް ޞިފަކޮށްދީބަލާށެވެ. ވިދާޅުވިއެވެ. ޢަލީގެފާނުގެ ދަރިކަލުން ޙަސަން ގެފާނުގެ ނަންގަނެ އެކަލޭގެފާނާ ވައްތަރު ކުރެއްވީމެވެ. ވިދާޅުވިއެވެ. ތިބާއަށް އެކަލޭގެފާނު ފެނިއްޖެއެވެ. -މީގެ ސަނަދު ވެސް ރަނގަޅެވެ.-“[3]

ކޮންމެ ޞޫރައެއްގައިވެސް ނަބިއްޔާ صلى الله عليه وسلم ފެނިދާނެކަމުގައިވާ ޙަދީޘް ދަންނައެވެ! އެއީ ޟަޢީފް ޙަދީޘެއް ކަމުގައި ޙާފިޛް އިބްނު ޙަޖަރު ވިދާޅުވެފައި ވެއެވެ.

مَن رآني في المنام فقد رآني فإنِّي أُرى في كل صورة” (حديث ضعيف)

ދެންފަހެ އެކަލޭގެފާނު ޢުމުރުގެ ކޮންމެވެސް ހިސާބެއްގައި ހުރި ޞޫރައިގައި ފެނުމަކީ ވެދާނެކަމެކެވެ. ނަމަވެސް ޝަރުޠަކީ އެއީ އެކަލޭގެފާނު އެޢުމުރުގައި ހުންނެވި ޞޫރަކަމުގައި ވުމެވެ.

ޙާފިޛް އިބްނު ޙަޖަރު ވިދާޅުވިއެވެ. [ބަސްފުޅުގެ މާނައީ:] “((لَا يَسْتَطِيعُ)) “ކުޅަދާނަވެގެން ނުވެއެވެ.” ޙަދީޘްކުރައްވާފައި ވަނީ ﷲ ތަޢާލާ، އެކަމުގެ ކުޅަދާނަކަން އެއަށް (އެބަހީ ޝައިޠާނާއަށް) ނުދެއްވުމަށެވެ. އެއީ ޝައީޠާނާ ބޭނުން ކޮންމެ ޞޫރައަކަށް ބަދަލުވުމުގެ ކުޅަދާނަކަން ލިބިގެން ވިޔަސް ނަބިއްޔާ صلى الله عليه وسلم ގެ ޞޫރަފުޅު އެއަކަށް ނަކަލެއް ނުކުރެވެއެވެ. އަދި އެތައް ބޭކަލުންނެއް މިފަދައިން ވިދާޅުވެއެވެ. އަދި ޙަދީޘާމެދު ވިދާޅުވަނީ: އެކަން ވަނީ ހުވަފެން ފެންނަ މީހާއަށް އެކަލޭގެފާނު ހުންނެވި ޞޫރަފުޅުގައި ފެނުމުގައެވެ.

އަދި ބައެއް ބޭކަލުން އެކަން ހަނިކުރައްވައި ވިދާޅުވެއެވެ. އެކަލޭގެފާނުގެ ސީދާ ޞޫރަފުޅު އޭނާއަށް ފެންނަން ޖެހޭނެއެވެ. އަދި ހުދު އިސްތަށިފުޅުގެ ޢަދަދަށް ދާންދެން ބުނެވެން ޖެހޭނެއެވެ. އެކަލޭގެފާނުގެ ހުދު އިސްތަށިފުޅުގެ ޢަދަދު ވިއްސެއް ހަމައެއް ނުވެއެވެ.

މިކަމުގައި ރަނގަޅު ގޮތަކީ: ހުރިޙާ ޙާލަތަކަށްވެސް އެކަން ޢާންމުކޮށް އޮތުމެވެ. ޝަރުޠަކީ [ޢުމުރުގެ] ކޮންމެވެސް ވަގުތެއްގައި ހުންނެވި ސޫރަފުޅެއް ކަމުގައި ވުމެވެ. އެއީ ނޫކަށިފުރާއިރު ނުވަތަ ޒުވާން އިރު ނުވަތަ ދެބައިޢުމުރު ނުވަތަ އެނޫންވެސް ޢުމުރުފުޅެއްގައެވެ.”[4]

މިހުރިހާ ކަމުން އެނގި ބަޔާންވަނީ ހުވަފެނުގައި، އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ އެއްވެސް މަރުޙަލާއެއްގައި ﷲ ތަޢާލާ ލައްވާފައި ނުވާ އަސްލު ޞިފައެއްގައި ޝައިޠާނާ އައިސް އެއީ ނަބިއްޔާ صلى الله عليه وسلم ކަމުގައި ދަޢުވާ ކޮށްފާނެކަމެވެ.

އަދި ކުރީގެ އަޑުތައް ލެއްވުމާއި ބޮޑެތި ފިރިހެނުންނާއި އަދި މުސްކުޅިންގެ އަޑުވެސް އެއަށް ލެއްވިދާނެ ކަމެވެ. އަދި މުޙައްމަދު صلى الله عليه وسلم އޭ ވެސް ބުނެވިދާނެކަމެވެ. ފަހެ އެއިން އެއްވެސްކަމަކީ ހުވަފެނުގައި ނަބިއްޔާ صلى الله عليه وسلم ފެނުމާ ގުޅުމެއް ހުރި ކަންކަމެއް ނޫނެވެ.

އައްޝައިޚް އިބްނު ބާޒް ރަޙިމަހުﷲ އާ ސުވާލު ދެންނެވުނެވެ:

ނަބިއްޔާ صلى الله عليه وسلم ހުވަފެނުން ފެނިއްޖެ ކަމުގައި ބައެއް މީހުން ދަޢުވާކުރެއެވެ. އަދި އެކަލޭގެފާނަށް ކަށްވަޅުގައި އެބަ އުނދަގޫވާކަމުގައި އޭނާގާތު ދެންނެވި ކަމުގައި ވެސް އެބަ ބުނެއެވެ. އެހެނީ އީރާނާއި ޢިރާޤާއި ދެމެދު ހިނގަމުންދާ ހަނުގާރަމައަށް ހުއްޓުމެއް ނާދެއެވެ. އަދި އަނެކަކު ބުންޏެވެ. އޭނާއަށް ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ފެނިއްޖެއެވެ. އަދި އޭނާގާތު ދެންނެވިއެވެ. މިހަނގުރާމަ ތިރީސް ހަތަރު މަސް ވަންދެން ކުރިޔަށް ދާނެއެވެ. އެހެންޏާ މިހާރު ހަނގުރާމައަށް ހަތަރު އަހަރު ވީއެވެ. ކަން ވަމުންދާގޮތާ ޚިލާފަށް ފެންނަ މިފަދަ ހުވަފެންތަކުގެ ޝަރުޢީ ޙުކުމަކީ ކޮބައިތޯއެވެ؟

ޖަވާބުގެ ތަރުޖަމާ:

ނަބިއްޔާ صلى الله عليه وسلم ފެނުން ކަމުގައި ދަޢުވާކުރާ މީހުން ވަރަށް ގިނައެވެ. އެއްގޮތަކީ އޭނާ ދޮގުވެރިއެއް ކަމުގައި ވުމެވެ. ނުވަތަ އޭނާއަށް ރަސޫލާ صلى الله عليه وسلم ނޭނގެނީއެވެ. އޭނާ އެހީކުރީ އެއީ ރަސޫލުﷲ صلى الله عليه وسلم ކަމުގައެވެ. ނަމަވެސް އެއީ އެކަލޭގެފާނެއް ނޫނެވެ.

ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުން ޞައްޙަ މަގުން ރިވާވެފައި ވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.: ((مَنْ رَآنِي فِي الْمَنَامِ فَقَدْ رَآنِي، فَإِنَّ الشَّيْطَانَ لَا يَتَمَثَّلُ فِي صُورَتِي))[5] މާނައީ: “ހުވަފެނުގައި ތިމަންކަލޭގެފާނު ފެނިއްޖެ މީހާއަށް، ތިމަންކަލޭގެފާނު ފެނިއްޖެކަން ކަށަވަރެވެ. ފަހެ ޝައިޠާނާއަށް ތިމަންކަލޭގެފާނުގެ ޞޫރަފުޅާ ވައްތަރެއް ނުވެވޭހުއްޓެވެ.” އެކަލޭގެފާނުގެ ސޫރަފުޅު ފެނިއްޖެ މީހާއަށް އެކަލޭގެފާނު ފެނުނީއެވެ. އެކަލޭގެފާނަކީ ޙައްޤުބަސްފުޅު ނޫން ބަސްފުޅެއް ވިދާޅުވާބޭކަލެއް ނޫނެވެ.

އެހެނެއްކަމަކު އެކަލޭގެފާނު ހުވަފެނުން ފެންނަފެނުން ޝަރީޢަތުން އެނގެން އޮތް އެއްޗަކާ ދިމާވޭތޯވެސް ބަލަން ޖެހެއެވެ. ޝަރުޢުގައި އެނގެން އޮތް އެއްޗަކާ އެކަން ދިމާވާނަމަ ފަހެ އެއީ ޙައްޤެވެ. އެހެން ނޫންނަމަ އެއީ އެހުވަފެން ފެނުން މީހާއަށްވާ އޮޅުމެކެވެ. އެހެނީ އޭނާއަށް ރަސޫލާ صلى الله عليه وسلم ނުފެނެއެވެ. އޭނާއަށް ސިފަވި މަންޒަރެއްގެ ސަބަބުން، އެއީ ރަސޫލާ صلى الله عليه وسلم ކަމުގައި އޭނާއަށް ހީވި ހީއެއް ކަމުގައި މެނުވީ އެކަން ނުވެއެވެ.

އެކަލޭގެފާނީ ނޫކަށިފުރާ ޒުވާން ބޭކަލެއް ކަމުގައި ބައެއް މީހުންނަށް ފެނިދާނެއެވެ. އަނެއްބަޔަކަށް އެކަލޭގެފާނީ އިސްތަށިފުޅު ނުރަވާން ފަށައިފައިވާ މުސްކުޅި ބޭކަލެއްގެ ސިފައިގައި ފެނިދާނެއެވެ. އަދި އަނެއްބަޔަކަށް ކުރު ބޭކަލެއް ކަމުގައްޔާއި، އަނެއް ބަޔަކަށް އެއީ ދިގު ބޭކަލެއް ކަމުގައި ވެސް ފެނިދާނެއެވެ. އަދި އެއީ ކަޅު ބޭކަލެއް ކަމުގައިވެސް ބަޔަކަށް ފެނިދާނެއެވެ. އަދި އެނޫންވެސް ސޫރަތަކުގައި އެކަލޭގެފާނު ފެނިދާނެއެވެ. ދަންނައެވެ! އެއީ ﷲގެ ރަސޫލާ صلى الله عليه وسلم އެއް ނޫނެވެ.

ރަސޫލުﷲ صلى الله عليه وسلم އަކީ ފިރިހެނުންކުރެ މެދު މިނުގެ އިސްކޮޅެއްވާ، ރަތް ދޮންކަމެއްވާ ބޭކަލެކެވެ. ފިރިހެނުންގެ ތެރެއިން އެންމެ ރީތި ކަލޭގެފާނެވެ. އިސްތަށިފުޅު ކަޅު ބޭކަލެކެވެ. ވަރަށް ކުޑަކޮށް މެނުވީ ހުދުކަމެއް ނުހުރެއެވެ. އެއީ ނުރަ މަދު ބޭކަލެކެވެ.

އެކަލޭގެފާނު ހުވަފެނުން ފެންނަ މީހާއަށް، އެކަލޭގެފާނު ފެނުނީ ޙަދީޘް ފޮތްތަކުންނާއި ސިޔަރަތު ފޮތްތަކުން އެނގެން އޮތްގޮތަށް ކަމުގައި ވާންޖެހޭނެއެވެ. އަދި އޭނާއީ ތެދުވެރިކަމާއި އަމާނާތްތެރިކަމުގައި މީސްތަކުން ދަންނަ، އިތުބާރު ކުރެވޭ ފަރާތަކަށް ވާންޖެހޭނެއެވެ. އެހެން ނޫންނަމަ އޭނާގެ ބަހަކީ އެއީ ޤަބޫލު ކުރެވޭނެ ބަހެއް ކަމުގައި ނުވާނެތެވެ. އެކަލޭގެފާނު صلى الله عليه وسلم މިފަދައިން ޙަދީޘްކުރައްވައިފައި ވަނީ މިހެންވެއެވެ. ((فَإِنَّ الشَّيْطَانَ لَا يَتَمَثَّلُ فِي صُورَتِي)) “ފަހެ ޝައިޠާނާއަށް ތިމަންކަލޭގެފާނުގެ ޞޫރަފުޅާ ވައްތަރެއް ނުވެވޭނެއެވެ.” ތިމަންކަލޭގެފާގެ މިޘާލުގައި ނުވެވޭނެއެކޭ ޙަދީޘްއެއް ނުކުރައްވައެވެ. ޙަދީޘްކުރައްވާފައި ވަނީ: ((فِي صُورَتِي)) “ތިމަންކަލޭގެފާނުގެ ޞޫރައިގައި” އެވެ.

މިއިން ދަލާލަތު ކޮށްދޭ ގޮތުގައި މީހަކަށް އެކަލޭގެފާނުގެ ޞޫރަފުޅުގައި ނޫންގޮތަކަށް ފެނިއްޖެނަމަ އެއީ ނަބިއްޔާ صلى الله عليه وسلم އެއް ނޫނެވެ. އަދި އެއަށްފަހު އޭނާއަށް އެފެނުން ހުވަފެނުގައި ޝަރުޢީ ޙުކުމެއް ނުވަތަ އަޅުކަމަކާ ގުޅުން ހުރިނަމަ އެކަން ޝަރީޢަތާ އެއްގޮތްތޯ ވެސް ބަލަން ޖެހެއެވެ. ފަހެ ޝަރީޢަތާ ޚިލާފު ވެއްޖެނަމަ އެއީ ނަބިއްޔާ صلى الله عليه وسلم އެއް ނޫނެވެ.

އަދި އޭނާގެ އެބަހުގައި އެވާ ((خجلان)) (އެބަހީ: “ދަތިވެޔޭ”) އޮތް ބަސްފުޅު އެއީ ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުގެ ބަހުރުވައެއްވެސް ނޫނެވެ. އެއީ މިޒަމާނުގެ ބަހުރުވައެއް ކަމުގައި މެނުވީ ނުވެއެވެ. މިއިން އެނގި ޘާބިތުވާ ގޮތުގައި އޭނާއަށް ނަބިއްޔާ صلى الله عليه وسلم ނުފެނެއެވެ. އަދި ކިއެއްތޯއެވެ. އޭނާއަށް އެފެނުނީ ޝައިޠާނާއެވެ.

ދެންފަހެ ރަސޫލުﷲ صلى الله عليه وسلم އަށް ޣައިބުގެ ޢިލްމު އެނގިވަޑައިގެން ނުމެވޭމެއެވެ. ވަޙީ ބާވައިލެއްވުން ވަނީ މެދުކެނޑިފައެވެ. ޣައިބުގައިވާ ކަންކަމަކީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގައިވެސް އެކަލޭގެފާނަށް އެނގިވަޑައިގަންނަވާ ކަންކަމެއް ނޫނެވެ. އެކަލޭގެފާނަށް އެނގިވަޑައިގަންނަވަނީ ވަޙީގެ ޒަރީޢާއިން ﷲ ތަޢާލާ ބާވައިލެއްވި މިންވަރެކެވެ. ޣައިބުގެ ކަންކަމުގެ ތެރެއިން ވަޙީގެ ޒަރީޢާއިން އެކަލޭގެފާނަށް ބާވައިލައްވާފައި ނުވާ އެއްޗަކީ އެކަލޭގެފާނަށް އެނގިވަޑައިގަންނަވާ އެއްޗެއް ނޫނެވެ. ޢިރާޤާއި އީރާނާ ދެމެދު ހިނގާ ހަނގުރާމާގައި ކަންވާނެ ގޮތެއް އެކަލޭގެފާނަށް އެނގިގެން ނުވެއެވެ. އެކަލޭގެފާނު صلى الله عليه وسلم އަވަހާރަވެ ވަޑައިގެންނެވުމާއެކު ވަޙީ ބާވައިލެއްވުން ވަނީ މެދުކެނޑިފައެވެ. މިހުވަފެނަކީ މިއީ ނަބިއްޔާ صلى الله عليه وسلم ގެ ކިބައިން ވާއެއްޗެއް ނޫންކަމާއި އެއީ ބުހުތާނު ދޮގެއްކަން އެންމެ ސާފުކޮށްދޭ ދަލީލަކީ މިއެވެ. އަދި ކިއެއްތޯއެވެ! އެއީ އެވާހަކަ ދެއްކި މީހާގެ މައްޗަށް ވެރިވެގަތް ޝައިޠާނުން ތަކެއް ދެއްކުވި ކަމެކެވެ. ނުވަތަ އޭނާއީ ކައްޒާބެކެވެ. އޭނާއަށް އެކަލޭގެފާނެއް ނުފެނެއެވެ.

وَصَلَّى اللهُ وَسَلَّمَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن. وَالْحَمْدُ للهِ رَبِّ الْعَالَمِيْن.

___________________________________________________

މިއީ ނަބިއްޔާ صلى الله عليه وسلم ހުވަފެނުގައި ފެނުމާ ބެހޭގޮތުން، ޢަރަބި ބަހުން ލިޔެވިފައިވާ ބައެއް ލިޔުންތަކާއި ފަތުވާތަށް ޖަމާކޮށް ތަރުޖަމާކޮށްފައިވާ ލިޔުމެކެވެ.

ޙަވާލާ:

https://islamqa.info/ar/23367

http://www.binbaz.org.sa/fatawa/4755

http://fatwa.islamweb.net/fatwa/index.php?page=showfatwa&Option=FatwaId&lang=A&Id=22154

[1]  ((صحيح البخاري)) (6592) و ((صحيح مسلم)) (2266).

ބުޚާރީ އިތުރުކުރެއްވިއެވެ: އިބްނު ސީރީން ވިދާޅުވިއެވެ. އެއީ ސީދާ އެކަލޭގެފާނުގެ ޞޫރަފުޅުގައި ފެނިއްޖެނަމައެވެ.

[2]  رواه أحمد (3400).

[3]  ބައްލަވާ: ((فتح الباري)) (12 / 383، 384).

[4]  ބައްލަވާ: ((فتح الباري)) (12 / 386).

[5]  متفق عليه.