އެކަލޭގެފާނުގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކަށް ބެއްލެވުމުގައި އެބޭކަލުން ޝައުޤުވެރިވެފައިވާ މިންވަރަކީ އޭގެ ތެރެއިން ބައެއް ބޭކަލުން ޑިއުޓީ ބައްސަވައިގެން ދެދުވަހުން އެއްދުވަހު އެކަލޭގެފާނުގެ މަޖްލިސްތަކަށް ވަޑައިގަންނަވައެވެ. އެގޮތުން ޞަޙީޙުލް ބުޚާރީގައި ޢުމަރު ބުން އަލްޚައްޠާބުގެ އަރިހުން އައިސްފައިވެއެވެ.
“ﷲގެ ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ތިމަންކަލޭގެފާނާއި ބަނޫ އުމައްޔަ ބިން ޒައިދުގައި އުޅުއްވި ތިމަންކަލޭގެފާނުގެ އަވަށްޓެރިއަކު އައިސް އުޅުއްވީ ޑިއުޓީ ބަހައިގެންނެވެ. – އެއީ މަދީނާގެ ޢަވާލީއޭ ކިޔުނު ސަރަޙައްދުގައި އުޅުއްވި ބޭކަލެކެވެ. – ކޮންމެ ބޭކަލަކުވެސް ވަޑައިގަންނަވަނީ ދެދުވަހުން އެއްދުވަހުއެވެ. ތިމަންކަލޭގެފާނަށް ދެވޭ ދުވަހު ތިމަންކަލޭގެފާނު އެދުވަހުގެ ޚަބަރުތައް ގެނެސްދެއްވަމެވެ. އަދި އެބޭކަލަކުވެސް އެފަދައިން ޢަމަލުކުރައްވައެވެ.” [1]
ހަމައެފަދައިން މަދީނާއާ ދުރު ހިސާބުތަކުގައި އުޅުނު ޤަބީލާތަކުގެ މީސްތަކުންވެސް އެކަލޭގެފާނު صلى الله عليه وسلم ގެ އެރިއަހަށް ދީނުގެ ޙުކުމްތައް އުނގެނުމަށް މީސްތަކުން ފޮނުއްވައެވެ. އެއަށްފަހު އެދުރުންގެ ގޮތުގައި އެބައިމީހުން އެނބުރި ރުޖޫޢަވެއެވެ. އެގޮތުން ޞަޙާބީ ބޭކަލުންވަނީ އެކަލޭގެފާނުގެ އަރިހުގައި ސުވާލުދެންނެވުމަށް ދިގު ރާސްތާތައް ދަތުރުކުރައްވާފައެވެ. އެއީ ދިމާވާ ބޮޑެތި ކަންތައްތަކުގައްޔާ އަދި ޝަރުޢީ ޙުކުމްތަކާ މެދު ސުވާލުދެންނެވުމަށެވެ. ދެން އެއަށްފަހު މަޑުކުރެއްވުމެއް ނެތި އެނބުރި ރުޖޫޢަވެއެވެ.
އިމާމު ބުޚާރީގެ ޞަޙީޙުގައި ޢުޤްބާ ބިން ޢާމިރުގެ އަރިހުން ރިވާވެފައިވެއެވެ.
ޢުޤްބާ ބިން ޢާމިރާއި އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ގާތުން ކިރުދެއްވިކަމަށް އަންހެނަކު ބުނުމުން، މައްކާގައި ހުންނަވާފައި މަދީނާއަށް އައުމަށް ވަގުތުން ދަތުރުފެއްޓެވިއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހަށް އާދެވުމުން ފަހެ ނޭނގިހުރެ އެއްކިރުގެ ގޮތުން އުޚްތަކާ ކައިވެނިކުރެވުނު މީހެއްގެ ޙުކުމާ ބެހޭގޮތުން ސުވާލު ދެންނެވިއެވެ. އެދެމީހުން ކައިވެނިކުރުމަށްފަހު އެދެމީހުންގެ ކިރުމައި އެވާހަކަ ބުނިކަމަށްވެސް ވިދާޅުވިއެވެ. ފަހެ ޖަވާބުގައި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((كَيْفَ وَقَدْ قِيلَ))
މާނައީ: “އެފަދައިން ބުނެވުމުން ދެން (އަތްބެއްގެ ގޮތުގައި ބަހައްޓަވާނީ) ކިހިނަކުންތޯއެވެ.” [2]
= ނުނިމޭ =
______________________
[1] رواه البخاري في كتاب العلم من صحيحه – باب التناوب في العلم فتح ۱ / ۱٨٥ ح: ٨٩.
[2] رواه البخاري في كتاب العلم – باب الرحلة في المسألة النازلة فتح ۱ / ۱٨٤ ح: ٨٨.