[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الزلزلة ގެ ތަފްސީރު 3

يَصْدُرُ النَّاسُ أَشْتَاتاً “އެދުވަހުން މީސްތަކުން ތަފާތު ބައިބަޔަށް ދާނެތެވެ.” ތަފާތު ޖަމާޢަތްތަކަކަށެވެ. ކޮންމެ ބަޔަކުވެސް މިސްރާބުޖަހާނީ އެބަޔަކަށް ކަނޑައެޅިފައިވާތަނަކާ ދިމާއަށެވެ. ސުވަރުގޭގެ އަހުލުވެރިން ސުވަރުގެއާ ދިމާއަށެވެ. ނަރަކައިގެ އަހުލުވެރިން ނަރަކައާ ދިމާއަށެވެ. ނަރަކައިގެ އަހުލުވެރިން ލަވަމުން ގަދަކަމުން އެނަރަކައާ ދިމާއަށް ގެންދެވޭނެއެވެ. އަމިއްލަ އިޚްތިޔާރުގައި ދާން ބޭނުންނުވިކަމުގައި ވިޔަސްމެއެވެ. ގަދަކަމުން ގެންދެވޭނެއެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.

يَوْمَ نَحْشُرُ الْمُتَّقِينَ إِلَى الرَّحْمَـٰنِ وَفْدًا ﴿٨٥﴾ وَنَسُوقُ الْمُجْرِمِينَ إِلَىٰ جَهَنَّمَ وِرْدًا ﴿٨٦﴾ لَّا يَمْلِكُونَ الشَّفَاعَةَ إِلَّا مَنِ اتَّخَذَ عِندَ الرَّحْمَـٰنِ عَهْدًا ﴿٨٧﴾ [مريم: 85-87].
މާނައީ: “ތަޤުވާވެރިން ރަޙްމާނުވަންތަ އިލާހުގެ ޙަޟްރަތަށް ވަފުދެއްގެ ގޮތުގައި ތިމަންއިލާހު އެއްކުރައްވާ ދުވަސް (ހަނދުމަކުރާށެވެ) އަދި ތިމަންއިލާހު، ކުށްވެރިން ކަރުހިއްކައިގެންފައިވާޙާލު ނަރަކަޔާ ދިމާޔަށް ލަވައި ގެންދަވާހުށީމެވެ.”
މީސްތަކުން ތަފާތު ބައިތަކަށް ޖަމާޢަތްތަކަށް ބެހޭނެއެވެ. ތަފާތުވެގެންވާ ގޮތުގައެވެ. އެއްބަޔަކަށްވުރެ އަނެއްބަޔަކު މާތްކުރައްވާގޮތުގައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.
انظُرْ كَيْفَ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ وَلَلْآخِرَةُ أَكْبَرُ دَرَجَاتٍ وَأَكْبَرُ تَفْضِيلًا ﴿٢١﴾ [الإسراء: 21]. މާނައީ: “ތިމަންއިލާހު އެއުރެންކުރެ އެއްބަޔަކު އަނެއްބަޔަކަށްވުރެ މާތްކުރައްވާފައިވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! އަދި ހަމަކަށަވަރުން، ދަރަޖައިގެގޮތުން އާޚިރަތް މާބޮޑެވެ. އަދި މާތްކުރެއްވުމުގެ ގޮތުންވެސް މާބޮޑުމެއެވެ.”
لِّيُرَوْاْ أَعْمَـلَهُمْ (އެއީ) އެއުރެންނަށް، އެއުރެންގެ ޢަމަލުތައް ދެއްކެވުމަށްޓަކައެވެ. އެބަހީ އެއުރެން އެގޮތަށް ބައިބަޔަށް އެ ގެނެވެނީ އެއުރެންނަށް އެއުރެންގެ ޢަމަލުތައް ދެއްކެވުމަށެވެ. އެބައިމީހުން ކުޅަ ޢަމަލުތައް ﷲ ތަޢާލާ އެބައިމީހުންނަށް ދައްކަވާނެއެވެ. ހެޔޮ ޢަމަލުތައް ކުޅަނަމަ ހެޔޮ ޢަމަލުތަކެވެ. ނުބައި ޢަމަލުތައް ނަމަ ނުބައި ޢަމަލުތަކެވެ. އެއީ ޙިސާބު ބެއްލެވުމާއި އޭނާގެ ޢަމަލުތަކުގެ ފަތް ދެއްވުމުންނެވެ. އިންސާނާއަށް އޭނާ ކުޅަ ޢަމަލުތަކުގެ ފަތް ދެއްވޭ ހުއްޓެވެ. އޭނާގެ ކަނާއަތަށް ނޫނީ އޭނާގެ ވާއަތަށެވެ. އޭގެފަހުގައި އޭނާގެ އެފަތުގައިވާ އެއްޗަކާ ބެހޭގޮތުން ޙިސާބުކުރެވޭހުއްޓެވެ. މުއުމިނު އަޅާއާ ﷲ ތަޢާލާ އެކަހެރިވެވޮޑިގެން އޭނާއަށް އޭނާގެ ފާފަތައް ﷲ ތަޢާލާ ހަނދުމަކޮށްދެއްވުމުން އޭނާ އޭނާގެ ފާފަތަކަށް އިޤުރާރުވާނެތެވެ. ﷲ ތަޢާލާ އޭނާއަށް ވަޙީކުރައްވާނެއެވެ. “ތިބާ މިވެނި އެވެނި ކަމެއް ކުރީމު ނޫން ހެއްޔެވެ؟” އޭނާ އެކަންކަމަށް އެއްބަސްވެ އިޤުރާރުވެއްޖައުމަށް ދާންދެނެވެ. ދެން އޭނާ ކަންބޮޑުވާ ހިނދު ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. “ހަމަކަށަވަރުން ތިމަންއިލާހު ތިބާއަށް ދުނިޔޭގައި އެފާފަތައް ސިއްރުކޮށްދެއްވީމެވެ. އަދި މިއަދު ތިބާއަށް ތިމަންއިލާހު އެ ފާފަތައް ފުއްސަވާދެއްވާ ހުށީމެވެ.” އަދި ކާފިރުވިމީހާ ދަންނައެވެ. އޭނާއާމެދު މި ގޮތަށް މުޢާމަލާތްނުކުރެވޭ ހުއްޓެވެ. އޭނާ ގޮވާ ނަގާނެތެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. “وَيَقُولُ الْأَشْهَادُ هَـٰؤُلَاءِ الَّذِينَ كَذَبُوا عَلَىٰ رَبِّهِمْ أَلَا لَعْنَةُ اللَّـهِ عَلَى الظَّالِمِينَ” [هود: 18] މާނައީ: “އަދި ހެކިން ބުނާނެތެވެ. އެއުރެންގެ ރައްބާމެދު ދޮގުހަދައިގެން އުޅުނު މީހުންނަކީ މިތިބީއެވެ. ދަންނާށެވެ! އަނިޔާވެރިންގެ މައްޗަށް ﷲ ގެ ލަޢުނަތް ހުއްޓެވެ.”
لِّيُرَوْاْ أَعْمَـلَهُمْ (އެއީ) އެއުރެންނަށް، އެއުރެންގެ ޢަމަލުތައް ދެއްކެވުމަށްޓަކައެވެ. އޮތް ބަސްފުޅުގެ މުރާދުގައި ހުރިހާ ޢަމަލުތަކެއް ހިމެނިގެންވެއެވެ. ބޮޑެތި ޢަމަލުތަކާއި ކުދި ޢަމަލުތަކެވެ. ހެޔޮކަންކަނ ކުޅައުމުގެ ސަބަބުން އެއުރެންގެ ޢަމަލުތަކުން ﷲ ތަޢާލާ ފުއްސަވާދެއްވި ޢަމަލުތަކެއް މެނުވީއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ [هود: 114] މާނައީ: “ހަމަކަށަވަރުން، ހެޔޮކަންތައް، ނުބައިކަންތައް ނެތިކޮށްލަތެވެ”
އިންސާނާ އޭނާގެ ޢަމަލުތައް ދެކޭނެއެވެ. މަދު ޢަމަލުތަކާއި ގިނަ ޢަމަލުތަކެވެ. އޭނާއަށް އެ ޢަމަލުތަކުގެ ކަންކަން ސާފުގޮތުގައި ބަޔާންވެއްޖައުމަށް ދަންދެނެވެ. އޭނާއަށް ބުނެވޭނެއެވެ.
اقْرَأْ كِتَابَكَ كَفَىٰ بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا [الإسراء: 64].
މާނައީ: “ތިބާގެ ފޮތް ތިބާ ކިޔާށެވެ. މިއަދު ތިބާގެ މައްޗަށް ޙިސާބުކުރާ މީހަކަށް، ތިބާގެ އަމިއްލަ ނަފްސުފުދެއެވެ.”
އެހެންކަމުން، އިންސާނާގެ މައްޗަށް ވާޖިބުވެގެންވަނީ ﷲ ތަޢާލާ ރުއްސަވާވޮޑިނުގަންނަވާ ކަންކަން ނުކުރުމެވެ. އެހެނީ އޭނާ ކުރާ ކަންކަން އަދި ބުނާ ބަސްތައް ލިޔެވެމުން ދާކަން އޭނާއަށް އެނގެއެވެ. އަދި އޭގެ ފަހުގައި އެ ކަންކަމާމެދު އޭނާ ޙިސާބުކުރެވޭނެ ކަންވެސް އޭނާއަށް އެނގެއެވެ.
(ނުނިމޭ)

މިލިޔުމުގެ އެހެނިހެން ބައިތައް