ތިރީގައި މިގެނެސްދެނީ ސަނަދުގައިވާ ބޭކަލުންގެ ވާހަކަދައްކާއިރު، ޘާބިތުވާ ވާހަކަދެއްކުމާއި އެކަމުގައި ފަރުވާތެރިވުމާ އަދި އިތުބާރު ނުހިފޭ މީހުންގެ ކިބައިން ޚަބަރުތައް ނުގެނައުމަށް ސަލަފުންގެ ބައެއް އިމާމުން ވިދާޅުވެފައިވާ ބަސްފުޅުތަކެވެ.
1- އިމާމު މުސްލިމު ބިން ޙައްޖާޖު ވިދާޅުވިއެވެ.
“ދަންނާށެވެ. – ﷲ ތިބާއަށް ތައުފީޤު ދެއްވާށިއެވެ. – ޞައްޙަ ރިވާޔަތްތަކާއި ޟަޢީފު ރިވާޔަތްތައް ވަކިކުރަން އެނގޭ އަދި އިތުބާރުކުރެވޭ ރާވީންނާއި ތުހުމަތުކުރެވޭ ރާވީން ވަކިކުރަން އެނގޭ ކޮންމެ މީހެއްގެ މައްޗަށް ވާޖިބުވެގެންވަނީ ޞައްޙަ ރިވާޔަތެއް ނޫނީ ރިވާ ނުކުރުމެވެ. އަދި އޭގެ ސަނަދުގައި ރަނގަޅު މީހުންވާ ޙަދީޘެއް ނޫނީ ރިވާ ނުކުރުމެވެ. އަދި ތުހުމަތުކުރުވޭ މީހުންނާއި ދެކޮޅުވެރިކަން ދައްކާ، ބިދުޢަ ހަދަމުންދާ މީހުންގެ ރިވާޔަތްތައް ދޫކޮށްލުމެވެ.” [1]
ދެން އެއަށްފަހު ސަނަދާއެކު ގެންނަވާފައިވަނީ ﷲގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން އަބޫ ހުރައިރާ رضي الله عنه ރިވާކުރައްވާފައިވާ ރިވާޔަތެކެވެ. ހަމަކަށަވަރުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
(( يَكُونُ فِي آخِرِ الزَّمَانِ دَجَّالُونَ كَذَّابُونَ، يَأْتُونَكُمْ مِنَ الْأَحَادِيثِ بِمَا لَمْ تَسْمَعُوا أَنْتُمْ، وَلَا آبَاؤُكُمْ، فَإِيَّاكُمْ وَإِيَّاهُمْ، لَا يُضِلُّونَكُمْ، وَلَا يَفْتِنُونَكُمْ )) [2]
މާނައީ: “ފަހު ޒަމާނުގައި ދޮގުވެރި ދައްޖާލުންތަކެއް ވާނެއެވެ. ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކާބަފައިންވެސް އަޑު ނާހާ ޙަދީޘްތައް އެއުރެން ކިޔާނެއެވެ. ފަހެ، ތިޔަބައިމީހުން އެއުރެންނާ ދުރުހެލިވާށެވެ. އަދި އެއުރެން ތިޔަބައިމީހުންނާ ދުރުހެލިކުރާށެވެ. އެއުރެން ތިޔަބައިމީހުން މަގުފުރެއްދިޔަ ނުދޭށެވެ. އަދި އެއުރެން ތިޔަބައިމީހުން ފިތުނަވެރިކުރިޔަ ނުދޭށެވެ.”
ދެން މުޖާހިދުގެ އަރިހުން ސަނަދުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“އިބްނު ޢައްބާސްގެ އަރިހަށް ބަޝީރު ބިން ކަޢުބު އައެވެ. އަދި ހަދީޘްތަކެއް ކިޔައިދޭން ފެށިއެވެ. ބުންޏެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ… ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ… ފަހެ، އިބްނު ޢައްބާސް އޭނާގެ ވާހަކަ ނުއެއްސެވިއެވެ. އަދި އޭނާއަށް ނުބެއްލެވިއެވެ. ފަހެ (ބަޝީރު) ބުންޏެވެ. އޭ އިބްނު ޢައްބާސްއެވެ. ތިމަންގެ ވާހަކަ ކަލޭގެފާނު އަޑުނޭއްސެވީ ކީއްވެ ހެއްޔެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ހަދީޘް ކިޔައިދިނުމުންވެސް ކަލޭގެފާނު ނުއައްސަވައެވެ. ފަހެ އިބްނު ޢައްބާސް ވިދާޅުވިއެވެ. މީގެ ކުރިން މީހަކު އައިސް، ﷲ ގެ ރަސޫލާ صلى الله عليه وسلم ވިދާޅުވިކަމަށް ބުނުފިނަމަ ތިމަން ބޭކަލުންގެ ލޯތައް އެމީހަކަށް ހުއްޓެއެވެ. އަދި ކަނުލާ އެމީހެއްގެ ވާހަކަ އަޑުއައްސަވަމެވެ. އެހެނަސް މީސްތަކުން އެކިމަގުމަގު ޚިޔާރުކުރަން ފެށުމުން، މީސްތަކުން ކުރެ ދަންނަ މީހެއްގެ ފުށުން މެނުވީ ތިމަން ބޭކަލުން ޙަދީޘް ނުނަންގަވަމެވެ.” [3]
= ނުނިމޭ =
______________________
[1] مقدمة صحيح مسلم ۱ / ٨.
[2] مقدمة صحيح مسلم ۱ / ۱۲ – ۱۳.
[3] مقدمة صحيح مسلم ۱ / ۱۲ – ۱۳.