[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 29 –

ތިންވަނައީ: ޙަދީޘް ހޯދުމަށްޓަކައި ދަތުރުކުރުން:

 

ސުންނަތުގެ މަޤާމު ބަޔާންކުރެވިގެން ދިޔައިރު ސުންނަތަކީވެސް ﷲގެ ޙަޟްރަތުން އައިސްފައިވާ ވަޙީއެއްކަންވާނީ ބަޔާންކުރެވިފައެވެ. އަދި ﷲ ގެ  ފޮތުގައިވާ ކަންކަން ބަޔާންކޮށްދީފައިވަނީ ސުންނަތުގައިކަންވެސްވާނީ ބަޔާންކުރެވިފައެވެ. ފަހެ، ސުންނަތުގެ މަޤާމު އެހާ މަތިވެރިވެފައިވުމުން ސަލަފުންގެ ބޭކަލުންވަނީ އެއަށް ނުހަނު ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާފައެވެ. އެގޮތުން ޙަދީޘްތަކާއި އޭގެ ސަނަދު އެއްކުރެއްވުމަށް އެބޭކަލުންގެ ކިބައިގައިހުރި ކެރިފޯރުންތެރިކަން ހުރި މިންވަރުންވަނީ މަސައްކަތްކުރައްވާފައެވެ. އެގޮތުން ޙަދީޘްތައް ހޯދުމަށާއި އޭގެ ސަނަދު ދިރާސާކުރެއްވުމަށް ދަތިއުނދަގުލުން ދިގު ރާސްތާތައް ކަޑައްތުކޮށްފައިވެއެވެ. އެކަން ކޮށްފައިވަނީ އަންނަނިވި އާޔަތަށް ޢަމަލުކުރެއްވުމަށެވެ.

(فَلَولا نَفَرَ مِنْ كُلِّ فِرْقَةٍ مُنْهُمْ طَائِفَةً لِيَتَفَقَّهُوا فِي الدِّيْنِ وَلْيُنْذِرُوا قَوْمَهُمْ إِذَا رَجَعُوا إِلَيْهِمْ لَعَلَّهُمْ يَحْذَرُونَ) . [1]

މާނައީ: “ފަހެ، އެއުރެންގެ ތެރެއިން ކޮންމެ ޤަބީލާއަކުން ބަޔަކު ހަނގުރާމަޔަށް ނުކުތްނަމަ ކިހާރަނގަޅު ހެއްޔެވެ. (އެއީ) އެއުރެން (އެބަހީ: ނުގޮސްތިބި މީހުން) ދީން އުނގެނި ދަސްކުރުމަށެވެ. އަދި އެއުރެންގެ ޤައުމުގެ މީހުން (އެބަހީ: ހަނގުރާމަޔަށް ނުކުތް މީހުން) އެއުރެންގެ ގާތަށް އެނބުރި އަތުވެއްޖެހިނދު، އެއުރެންނަށް އިންޛާރުކުރުމަށްޓަކައެވެ. (އެއީ) އެއުރެން ބިރުވެތިވެ، ރައްކާތެރިވުމަށްޓަކައެވެ.”

އަދި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

 ((مَنْ سَلَكَ طَرِيقًا يَلْتَمِسُ فِيهِ عِلْمًا، سَهَّلَ اللَّهُ لَهُ به طَرِيقًا إِلَى الْجَنَّةِ)). [2]

މާނައީ: “ޢިލްމު ހޯދުމަށް މަގެއް ޚިޔާރުކޮށްފިމީހާ ދަންނައެވެ. އޭގެ ސަބަބުން ސުވަރުގެއަށް ވާސިލުވާނެ މަގެއް ﷲ އޭނާއަށް ފަސޭޙަކޮށްދެއްވައެވެ.”

އެގޮތުން ޙަދީޘް ހޯދުމަށް ދަތުރުކުރުންވެގެން ދިޔައީ މުޙައްދިޘުން ވަޑައިގެންނެވި މަގުގައި އަދި މަންހަޖުގައި ޢިލްމު ޙާޞިލުކުރުމަށް ލާޒިމުކަމަކަށެވެ. އަލްޙާފިޡު އިބްނު ޞަލާޙު ވިދާޅުވިއެވެ.

“އެމީހެއްގެ ރަށުގައި ހުރި ޙަދީޘްގެ މަތީ ސަނަދުތަކާއި މުހިންމު ފޮތްތައް އުނގެނުމަށްފަހު އެހެން ރަށަކަށް ދަތުރުކުރާ ހުށިކަމެވެ.”

އެގޮތުން ޔަޙްޔާ ބިން މަޢީނުގެ އަރިހުން ރިވާކުރެވިގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

ހަތަރު މީހެއްގެ ކިބައިން ހެޔޮކަމަށް އުންމީދު ނުކުރާށެވެ. އެއީ ދޮރުފާރަވެރިޔާއާއި ޤާޟީގެ ފަރާތުން އިޢުލާނުކުރާ މީހާއާއި މުޙައްދިޘުންގެ ދަރިންނާއި ޙަދީޘް ހޯދުމަށް ދަތުރުނުކޮށް އަމިއްލަ ރަށުގައި ހުރެ ޙަދީޘް ލިޔާ މީހާއެވެ.

އަދި އަޙްމަދު ބިން ޙަންބަލުގެ ކިބައިން ރިވާކުރެވިގެންވެއެވެ. އެކަލޭގެފާނަށް ދެންނެވުނެވެ.

“މަތީ ސަނަދުތައް ހޯދުމަށް މީހަކު ދަތަރުކުރަންވާނެ ހެއްޔެވެ؟ ފަހެ ވިދާޅުވިއެވެ. އާދޭހެވެ. ﷲ ގަންދީ ބުނަމެވެ. ވަރުގައަށް އެކަން ކުރަންވާނެއެވެ. ޢަލްޤަމާއާއި އަސްވަދުގެ އަރިހަށް ޢުމަރުގެފާނުގެ ފުށުން ޙަދީޘެއް އައުމުން، ސީދާ އެކަލޭގެފާނުގެ އަރިހަށްގޮސް، އެޙަދީޘް އަޑުއަހައިފުމަށް ދާންދެން އެބޭކަލުން އެކަމާ ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވައެވެ.”

އިބްރާހީމް ބިން އަދްހަމު ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

” ޙަދީޘްގެ އަހުލުވެރިން ކުރައްވާ ދަތުރުތަކުގެ ސަބަބުން މިއުންމަތުގެ ކިބައިން މުޞީބާތްތައް ފިލައިގެންދެއެވެ.”[3]

 

= ނުނިމޭ =

 

______________________

އެހެނިހެން ބައިތައް

 

[1]  سورة التوبة – الآية ۱۲۲.

[2]  رواه مسلم في صحيحه – كتاب الذكر والدعاء – باب فضل الاجتماع على تلاوة القرآن وعلى الذكر ٤ / ۲٠٧٤ ح ۲٦٩٩.

[3]  انظر: علوم الحديث لابن الصلاح ص: ۲۲۲ – ۲۲۳.