[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 31 –

ތާބިޢީ ބޭކަލުންގެ ދައުރުގައިވެސް ޙަދީޘް ހޯއްދެވުމަށް ދަތުރުކުރެއްވުންވަނީ ދެމިގެން ގޮސްފައެވެ. އޭރު ޞަޙާބީ ބޭކަލުންވަނީ އިސްލާމީ ފުތޫޙާތުތަކާއެކު އިސްލާމީ ރަށްތަކުގައި ފެތުރިފައެވެ. ނަބީކަމުގެ ވާރުތަ މުދާ (އެބަހީ: ޝަރުޢީ ޢިލްމު) ވީ އެބޭކަލުންގެ އަތްޕުޅުގައެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅުތަކާ ގުޅުންހުރި ޢިލްމު، ދަތުރުފަތުރުނުކޮށް ފަސޭޙައިން ހޯދޭނެ ގޮތެއް އޭރަކު ނެތެވެ. އެގޮތުން އެކަންކުރެވެން އޮތް ހަމައެކަނި މަގަކަށްވީ ޞަޙާބީ ބޭކަލުންގެ އަރިހަށް އެކި ރަށްރަށަށް ދަތުރުކުރުމެވެ.

 

ތާބިޢީންގެ އިމާމު، އިމާމު ސަޢީދު ބިން އަލްމުސައްޔަބު ވިދާޅުވިއެވެ.

“އެންމެ ޙަދީޘެއް ހޯދުމަށް އެތައް ރެއަކާއި ދުވާލެއް ތިމަންކަލޭގެފާނު ދަތުރުކުރެއްވީމެވެ.” [1]

 

އަދި ބުސްރު ބިން ޢަބްދުﷲ އަލްޙަޟްރަމީ ވިދާޅުވިއެވެ.

“އެންމެ ޙަދީޘެއް އަޑުއެހުމަށްޓަކައި ބައެއް ރަށްރަށަށް ތިމަންކަލޭގެފާނު ދަތުރުކުރެއްވީމެވެ.”

 

އަދި ޢާމިރު އައްޝަޢުބީ ވިދާޅުވިއެވެ.

“ޢަބްދުﷲ ބިން މަސްޢޫދާ އެކީ އުޅުއްވި ބޭކަލުންކުރެ، މަސްރޫޤަށްވުރެ ގިނައިން ޙަދީޘް ހޯއްދެވުމަށް ރަށްރަށަށް ދަތުރުކުރެއްވި ބޭކަލެއް ނުވެއެވެ.” [2]

 

އަދި އައްޝަޢުބީ މީހަކަށް ޙަދީޘެއް ބުނެދެއްވުމަށްފަހު ދެން ވިދާޅުވިއެވެ.

“އެއްވެސް ބަދަލަކާ ނުލާ އަހަރުމެން އޭނާއަށް އެ މިދިނީއެވެ. އެއަށްވުރެ މަދުމިންވަރެއް ހޯދުމަށްވެސް މީސްތަކުން މަދީނާއަށް ދަތުރުކޮށް އުޅުނެވެ.” [3]

 

އަދި އަބުލް ޢާލިޔާ އައްރައްޔާޙީގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“ބަޞްރާގައި ވަނިކޮށް، ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަޞްޙާބު ބޭކަލުންގެ ފުށުން ރިވާޔަތަށް އެނގުމުން މަދީނާއަށް އައިސް ސީދާ އެބޭކަލުންގެ ދުލުން އެ ޙަދީޘް ނީވެނީސް ތިމަންބޭކަލުން ހިތްހަމަޖެހިވަޑައިނުގަންނަވައެވެ.” [4]

 

= ނުނިމޭ =

______________________

އެހެނިހެން ބައިތައް

 

[1]  ابن سعد: الطبقات الكبرى ٥/۱۲٠، وأبو عمر ابن عبد البر: الجامع ۱/ ٩٤.

[2]  المصدر السابق.

[3]  الخطيب: الكفاية ص: ٤٠۲، ط: حيدر آباد، ابن عبد البر: جامع بيان العلم وفضله ۱ / ٩٤.

[4]  أبو محمد الدارمي: السنن ۱ / ۱٤٤ ح ٥٧٠ باب الرحلة في طلب العلم.