الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
މުޤައްދިމާ:
ނަމާދަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ނަމާދުކުރަންވީ އެންމެ ފުރިހަމަ ގޮތް، ﷲ ގެ ރަސޫލާ صلى الله عليه وسلم ވަނީ އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން ފަރުޟު ފަސްނަމާދުގެ ވަޤުތު ޖެހުމުން ބަންގިގޮވާނެ ގޮތް އެކަލޭގެފާނުވަނީ އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް އުނގަންނަވައި ދެއްވާފައެވެ. އަދި ބަންގިއަށްފަހު ގަމަތްދޭނެގޮތްވެސް އެކަލޭގެފާނުވަނީ ދަސްކޮށްދެއްވާފައެވެ.
މިކަން ކުރާއިރު ބަންގިއާއި ގަމަތާދެމެދު ނަމާދެއްކުރުމަށް ނުވަތަ އިށީނދެލުމަށް ނުވަތަ ނަމާދުގެ ޖަމާޢަތަށް މީސްތަކުން ޙާޟިރުވާނެ ވަޤުތެއް ދިނުމަކީ މުސްތަޙައްބުކަމެއްކަމުގައި ފިޤުހުވެރިންވަނީ ބަޔާންކުރައްވާފައެވެ. އެއީ ނަމާދުގެ މުސްތަޙައްބު ވަޤުތު ނުގެއްލޭނެ ގޮތުގައެވެ.
ހަމައެއާއެކު މިގޮތަށް ވަޤުތުކޮޅެއް ނުދީ ބަންގިގޮވުމަށްފަހު ވަޤުތުން ޤަމަތް ދިނުމަކީ މަކުރޫހަކަމެއްކަމުގައި އެބޭފުޅުން ބަޔާންކުރައްވައެވެ. އެހެނީ ނަމާދަށް ބަންގި ގޮވުމުގެ މަޤްޞަދަކީ ނަމާދުގެ ވަޤުތު ވަދެއްޖެކަން މީސްތަކުންނަށް އަންގާ، ނަމާދަށް ތައްޔާރުވުމަށް ފުރުޞަތު ދިނުމެވެ. އެއީ ނަމާދަށް ޠާހިރުވެގެން ނަމާދަށް އައުމަށެވެ. މިހަމައިން މިކަން ނުކުރެވިއްޖެނަމަ ވަރަށް ގިނަ މީހުންނަށް ނަމާދުގެ ޖަމާޢަތް ގެއްލިގެން ދާނެއެވެ.[1]
މިލިޔުމުގައި އަލިއަޅުވާ މިލަނީ ނަމާދުގެ ބަންގިއާއި ގަމަތާދެމެދުގައި ވަޤުތު ދިނުމާ ބެހޭގޮތުންނެވެ.
ބަންގިއާއި ގަމަތުގެ ތަޢާރަފު:
الأَذَانُ (ނުވަތަ ބަންގި) އަކީ: ވާރިދުވެގެންވާ ވަކި ޚާއްޞަ ލަފްޡުތަކަކުން ވަކި ޚާއްޞަ ގޮތަކަށް ނަމާދުގެ ވަޤުތުވެއްޖެކަން އެންގުމެވެ.
الإقَامَةُ (ނުވަތަ ގަމަތް) އަކީ: ވެސް އެފަދަ އެންގުމެކެވެ.
– މިދެކަން އެއްގޮތްވަނީ މިދެކަމަކީވެސް އެންގުމެއްކަމުގައި ވާތީއެވެ.
– ނަމަވެސް ތަފާތުވަނީ ގަމަތަކީ ޙާޟިރުވެތިބި ބަޔަކަށް ނަމާދު ފެށިއްޖެކަން އަންގާ އެންގުމަކަށްވާތީއެވެ. އަދި ބަންގިއަކީ މިސްކިތުގައި ނެތް ބަޔަކަށް ނަމާދަށް ތައްޔާރުވުމުގެ ގޮތުން އަންގާ އެންގުމެކެވެ. އަދި މިދެކަމުގެ ޞީޣާވެސްވަނީ ތަފާތުވެގެންނެވެ. [2]
ބަންގިއާއި ގަމަތާދެމެދު ކުރުމަށް ޝަރުޢުވެގެންވާ ބައެއް ޢަމަލުތަައް:
ބަންގިގޮވަން ފަށާއިރުން ފެށިގެން އަދާކުރުން ސުންނަތްވެގެންވާ ވަރަށް ގިނަ ކަންތައްތަކެއްވެއެވެ. އެގޮތުން ބަންގިދޭމީހާ ކިޔާ ކަލިމަތައް އޭނާގެ ފަހަތުން ކިޔުމާ[3] އަދި އެނޫންވެސް ކަންތައްތައް ޝަރުޢުވެގެންވެއެވެ.
1 – ބަންގި ދުޢާ[4]
ބަންގިދޭމީހާގެ ބަންގިއަށް ޖަވާބުދީ ނިމުމަށްފަހު رسول الله صلّى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔަވުން ޝަރުޢުވެގެންވެއެވެ. [5] ދެން އަންނަނިވި ދުޢާކިޔުންވެސް މެއެވެ.
((اللَّهُمَّ رَبَّ هٰذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاَةِ الْقاَئِمَةِ، آتِ مُحَمَّدًا الْوَسِيْلَةَ وَالْفَضِيْلَةَ، وَابْعَثْهُ مَقاَماً مَحْمُوْدًا الَّذِيْ وَعَدْتَهُ، [ إِنَّكَ لاَ تُخْلِفُ الْمِيْعاَدَ ])) [6]
މާނައީ: “އޭﷲ! އިބައިލާހީ މިފުރިހަމަ ގޮވާލުމާއި، މިޤާއިމުވާ ނަމާދުގެ ވެރިރައްބެވެ! މުޙައްމަދުގެފާނަށް ވަސީލަތާއި[7] މަތިވެރިކަން ދެއްވާނދޭވެ! އަދި އިބައިލާހު އެކަލޭގެފާނަށް ވަޢުދުކުރެއްވި ޙަމްދު ލިބިގެންވާ މަޤާމަށް އެކަލޭގެފާނު ފޮނުއްވާނދޭވެ! [ހަމަކަށަވަރުން އިބައިލާހު ވަޢުދާ ޚިލާފުވެވޮޑިނުގަންނަވައެވެ.]”
2 – ރަވާތިބު ސުންނަތްތައް
އެއީ ބާރަ ރަކުޢަތެވެ. ޙަދީޘްގައި އައިސްފައިވެއެވެ.
((مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الْجَنَّةِ)) [أخرجه مسلم]
މާނައީ: “ރެއަކާއި ދުވާލު ސުންނަތް ބާރަ ރަކުޢަތްކޮށްފިމީހާ ދަންނައެވެ. އޭގެ ސަބަބުން ސުވަރުގޭގައި އޭނާއަށް ގަނޑުވަރެއް ބިނާކުރެވެއެވެ.”
މިބާރަ ރަކުޢަތުގެ ތަފްސީރުވަނީ އެހެން ޙަދީޘްއެއްގައި އައިސްފައެވެ. އެއީ މެންދުރު ނަމާދުގެ ކުރިންކުރާ ހަތަރު ރަކުޢަތާއި މެންދުރު ނަމާދުގެ ފަހުން ދެރަކުޢަތާއި މަޣްރިބުނަމާދު ފަހުން ދެރަކުޢަތާއި ޢިޝާނަމާދު ފަހުން ދެރަކުޢަތާ އަދި ފަތިސްނަމާދުގެ ކުރިން ދެ ރަކުޢަތެވެ. ރަވާތިބު ސުންނަތްތަކޭ މިކިޔަނީ މިނަމާދުތަކަށެވެ. (ފަރުޟުނަމާދުތަކުގެ ކުރިން އަދި ފަހުން ކުރާ ސުންނަތްތަކުގެ ތަފްޞީލު ބެއްލެވުމަށް)
3 – ރަވާބިތު ނޫން ބައެއް އެހެން ސުންނަތް ނަމާދުތައް
ޢަޞުރު ނަމާދުގެ ކުރިން ކުރާ ހަތަރު ރަކުޢަތް
((رَحِمَ اللَّهُ امْرَأً صَلَّى قَبْلَ العَصْرِ أَرْبَعًا)) [رواه أحمد والترمذي والجماعة بسند صحيح عن ابن عمر رضي الله عنهما]
މާނައީ: “ޢަޞުރުނަމާދުގެ ކުރިން ހަތަރު ރަކުޢަތްކޮށްފިމީހަކަށް ﷲ ރަޙުމަތްލައްވާށިއެވެ.”
ހަމައެފަދައިން ކޮންމެ ބަންގިއަކާއި ގަމަތަކާއި ދެމެދު ނަމާދެއްކުރުން ސުންނަތްވެގެންވެއެވެ. އެގޮތުން މަޣްރިބުނަމާދުގެ ބަންގިއާއި ގަމަތާ ދެމެދުގައްޔާއި ޢިޝާނަމާދުގެ ބަންގިއާއި ގަމަތުގެ ދެމެދުގައި އެފަދައިން ކުރެވިދާނެއެވެ. އެހެނީ ޙަދީޘްގައިވެއެވެ.
ކޮންމެ ބަންގިއަކާއި ގަމަތަކާ ދެމެދު ކުރާ ސުންނަތް ނަމާދު
((بَيْنَ كُلِّ أَذَانَيْنِ صَلاَةٌ، بَيْنَ كُلِّ أَذَانَيْنِ صَلاَةٌ))، ثُمَّ قَالَ فِي الثَّالِثَةِ: ((لِمَنْ شَاءَ)) [رواه البخاري ومسلم]
މާނައީ: “ކޮންމެ ބަންގިއަކާއި ގަމަތަކާ ދެމެދު (ސުންނަތް) ނަމާދެއްވެއެވެ. ކޮންމެ ބަންގިއަކާއި ގަމަތަކާ ދެމެދު (ސުންނަތް) ނަމާދެއްވެއެވެ.” – ދެން ތިންވަނަ ފަހަރު ޙަދީޘްކުރެއްވިއެވެ. – “އެއީ އެނަމާދު ކުރުމަށް އެދޭ މީހަކަށެވެ.”
އަދިވެސް ޙަދީޘްކުރެއްވިއެވެ.
((صَلُّوا قَبْلَ صَلاَةِ المَغْرِبِ))، قَالَ: ((فِي الثَّالِثَةِ لِمَنْ شَاءَ)) [رواه البخاري]
މާނައީ: “މަޣްރިބުނަމާދުގެ ކުރިން ނަމާދު ކުރާށެވެ. މަޣްރިބުނަމާދުގެ ކުރިން ނަމާދު ކުރާށެވެ.” – ދެން އެއަށްފަހު ތިންވަނަ ފަހަރު ޙަދީޘްކުރެއްވިއެވެ. – “އެއީ އެނަމާދު ކުރުމަށް އެދޭ މީހަކަށެވެ.”
4 – ދުޢާކުރުން
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
((الدُّعَاءُ لَا يُرَدُّ بَيْنَ الْأَذَانِ وَالْإِقَامَةِ)) [رواه الترمذي في سننه وصححه الألباني]
މާނައީ: “ބަންގިއާއި ގަމަތާ ދެމެދު ކުރެވޭ ދުޢާ އިޖާބަނުކުރެއްވި ނުދެއެވެ.”
ބަންގިއާއި ގަމަތާ ދެމެދު ވަޤުތުކޮޅެއް ދިނުމާ ބެހޭގޮތުން އެކި ޢިލްމުވެރިންގެ ބަސްފުޅުތައް:
– ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިއެއްކަމުގައިވާ އަބޫ އިސްޙާޤު އައްޝީރާޒީ رحمه الله ވިދާޅުވިއެވެ.
“ޖަމާޢަތަށް މީސްތަކުންނަށް އާދެވެންދެން ބަންގިއާއި ގަމަތާދެމެދު މަޑުކޮށްލުން މުސްތަޙައްބުވެގެންވެއެވެ.” [8]
– ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިއެއްކަމުގައިވާ އިބްނު ޤުދާމާ އަލްމަޤްދިސީ رحمه الله ވިދާޅުވިއެވެ.
“ވުޟޫކޮށް ތައްޔާރުވެ ދެރަކުޢަތުގެ ނަމާދެއް ކޮށްލެވޭފަދަ މިންވަރަކަށް ބަންގިއާއި ގަމަތާދެމެދު ދުރުކޮށްލުމަކީ ސުންނަތެވެ.” [9]
– އިމާމް ބުޚާރީ رحمه الله އެކަލޭގެފާނުގެ ޞަޙީޙުގައި ބާބު ބަޔާންކުރައްވަމުން ވިދާޅުވިއެވެ. ‘ބަންގިއާއި ގަމަތާދެމެދުގައިވާ މިންވަރު ނަންގަނެވުނު ބާބު’ – މިފަދައިންނެވެ. މީގެ ޝަރަޙައިގައި އިބްނު ބައްޠާލު رحمه الله ގެ ކިބައިން ނަޤުލުކުރައްވާ އިބްނު ޙަޖަރު رحمه الله ވިދާޅުވިއެވެ.
“އެކަމަކީ ވަކި މިންވަރެއް ކަނޑައެޅިގެންވާކަމެއް ނޫނެވެ. އެކަމުގައި ބަލަންވީ ވަޤުތުޖެހިއްޖެ ތޯއާއި އަދި ނަމާދަށް ޖަމާޢަތަށް މީސްތަކުން އެއްވެއްޖެ ތޯއެވެ.” [10]
އަދި އައްޝައިޚު ސައްޔިދު ސާބިޤު رحمه الله ވިދާޅުވިއެވެ.
“ބަންގިއާއި ގަމަތާ ދެމެދު ނަމާދަށް ތައްޔާރުވެގެން ޙާޟިރުވެވޭ ވަރުގެ ވަޤުތެއް ދިނުމަށް އެދެވިގެންވެއެވެ. އެހެނީ ބަންގި ގޮވުން ޝަރުޢުކުރައްވާފައިވަނީ އެކަމަށްޓަކައެވެ. ނޫންނަމަ ބަންގިގޮވުމުގެ ފައިދާ ގެއްލިގެން ދިޔައީހެވެ.” [11]
އަދި އައްޝައިޚު ޢުޘައިމީނު رحمه الله އަށް ސުވާލުދެންނެވުނެވެ. ބަންގިއާއި ގަމަތާދެމެދުގައި ﷲގެ ރަސޫލާ صلى الله عليه وسلم ވަކިވަޤުތެއް ކަނޑައެޅުއްވި ހެއްޔެވެ؟
ޖަވާބުގައި ވިދާޅުވިއެވެ. “ޢިޝާނަމާދު ފިޔަވާ ކޮންމެ ނަމާދެއްވެސް އޭގެ އެންމެ ފުރަތަމަ ވަޤުތުގައި ނަބިއްޔާ صلى الله عليه وسلم ކުރެއްވިއެވެ. ފަހެ އެކަލޭގެފާނު ބައްލަވަނީ މީސްތަކުން ޖަމާވެއްޖެތޯއެވެ. މީސްތަކުން ނަމާދަށް ޖަމާވެއްޖެނަމަ އަވަހަށް ފައްޓަވައެވެ. މީސްތަކުން ލަސްވެއްޖެނަމަ ފަސްކުރައްވައެވެ. އެކަލޭގެފާނު މަޑުކުރައްވަނީ އެކަލޭގެފާނުގެ ގެކޮޅުގައެވެ. ބަންގިގޮވާ ބޭކަލަކު ވަޑައިގެން ނަމާދު ވަޤުތުވެއްޖެކަމަށް ވިދާޅުވުމުން ނުކުމެވަޑައިގަންނަވައެވެ. ބައެއްފަހަރު އެގޮތަށް ވިދާޅުނުވިޔަސް ނުކުމެވަޑައިގަންނަވައެވެ.
ފަހެ، ސުންނަތްވެގެންވަނީ ޢިޝާނަމާދާއި – ހޫނުގަދަ ދުވަސްވަރު – މެންދުރު ނަމާދު ފިޔަވާ، ދެން ހުރިހާ ނަމާދެއްވެސް އަވަހަށް ފެށުމެވެ. ނަމަވެސް އެކަށީގެންވާ ގޮތަކީ ފަތިސް ނަމާދާއި މެންދުރު ނަމާދު ފަދައިން ރަވާތިބު ސުންނަތްތައްވާ ނަމާދުތަކުގައި މީސްތަކުންގެ ޙާލަށް ރިޢާޔަތްކުރުމެވެ. އެގޮތުން ބަންގީގެ ފަހުން ވުޟޫކޮށްގެން ރަވާތިބު ސުންނަތް ކުރުމުގެ ފުރުޞަތު އެމީހުންނަށް ދޭންވާނެއެވެ.” [12]
އަދިވެސް “އަވަހަށް ފެށުމުގެ” މުރާދު ބަޔާންކޮށްދެއްވަމުން ވިދާޅުވިއެވެ.
“އެހެންކަމުން ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އަވަހަށް ފެށުން މާނަކުރުން އެކަށީގެންވަނީ ޙާޖަތްތަކާ ގުޅޭގޮތުންނެވެ. އެއީ ވުޟޫކުރުމާއި ލުއިގޮތަކަށް ސުންނަތް ނަމާދުތައް ނުވަތަ ރަވާތިބު ސުންނަތްތައް ކުރެވޭނެ ގޮތަށެވެ.” [13]
* އަދި މިމައުޟޫޢު ހިމެނޭ ގޮތަށް މައްކާގެ ޖާމިޢަތު އުންމުލް ޤުރާގެ ޝައިޚެއްކަމުގައިވާ د. سامي فراج عيد الحازمي ވަނީ ޢިލްމީ ރިސާލާއެއް ލިޔުއްވާފައެވެ. އެފޮތުގެ ނަމަކީ أحكام الأذان والنداء والإقامة – دراسة فقهية مقارنة އެވެ. މިކަމާ ގުޅުންހުރި ފިޤުހީ ގިނަ މަޢުލޫމާތުތަކެއް މިފޮތުގައި ގެނެސްފައިވެއެވެ.
ބަންގިއާއި ގަމަތާދެމެދު ވަޤުތު ދިނުމުގައި ސަމާލުވާންވީ ކަންތައްތައް:
މިކަމުގައި މައިގަނޑު ގޮތެއްގައި ބަލަންވީ ނަމާދަށް ޠާހިރުވުމަށް ވަޤުތު ދިނުމާއި ނަމާދަށް އައުމަށް ވަޤުތު ދިނުމާ އަދި ރަވާތިބު ސުންނަތްތައްފަދަ ސުންނަތްތައް އަދާކުރުމަށް އެކަށޭނެ ވަޤުތު ދިނުމަށެވެ.
މިކަމާ ގުޅޭގޮތުން ޙަދީޘްގައި އައިސްފައިވެއެވެ.
«اجْعَلْ بَيْنَ أَذَانِكَ وَإِقَامَتِكَ نَفَسًا حتى َيَقْضِي الْمُتَوَضِّئُ حَاجَتَهُ فِي مَهَلٍ ويَفْرُغُ الْآكِلُ مِنْ طَعَامِهِ فِي مَهَلٍ» .
[أخرجه عبدالله بن أحمد بن حنبل في زوائده وحسنه الألباني في صحيح الجامع الصغير وزياداته رقم: ۱٥٠]
މާނައީ: “(އޭ ބިލާލުގެފާނެވެ.) ކަލޭގެފާނުގެ ބަންގިއާއި ގަމަތާދެމެދު ހުސްވަޤުތުކޮޅެއް ދެއްވާށެވެ. އެއީ ވުޟޫކުރާމީހާ ހަމަޖެހިލައިގެން އެކަން ނިންމާލުމަށެވެ. އަދި ކާން އިން މީހަކުވެސް ހަމަޖެހިލައިގެން އެކަން ނިންމާލުމަށެވެ.”
އިމާމު ޝައުކާނީ رحمه الله ވިދާޅުވިއެވެ.
“މިޙަދީޘުން ދަލީލު ލިބެނީ ބަންގިއާއި ގަމަތާދެމެދު ހުސްވަޤުތުކޮޅެއް ދިނުމަށެވެ. އަދި ވިދިވިދިގެން އެދެކަންތައް ނުކުރުމަށެވެ. އެއީ އޭގެ ސަބަބުން ޖަމާޢަތުގައި ނަމާދުކުރަން ބޭނުން ވަރަށް ގިނަ މީހުންނަށް ޖަމާޢަތުގެ ނަމާދު ގެއްލިގެން ދާނެތީއެވެ. އެހެނީ ބަންގި ގޮވާއިރު ކާން އިންނަ މީހަކު ނުވަތަ ވުޟޫނުކޮށް އިންނަ މީހަކަށް، ބަންގިއާއި ގަމަތާދެމެދު އަވަސްކޮށްލުމުން ކައި ނިންމާލައިގެން ނުވަތަ ނަމާދަށް ވުޟޫކޮށްގެން އަންނައިރު އޭނާއަށް ޖަމާޢަތުގެ ނަމާދު ގެއްލިގެން ދެއެވެ. ނުވަތަ އެއިން ބައެއް ގެއްލިގެން ދެއެވެ. ޚާއްޞަގޮތެއްގައި ޖަމާޢަތުގައި ނަމާދުކުރާ މިސްކިތަކާ ދުރުގައި ގެ ހުންނަ މީހަކަށް އެކަން ފާއިތުވެގެންދެއެވެ. ފަހެ، އެގޮތުން ގަމަތް ލަސްކޮށްލުމަކީ، ހެޔޮކަންތައްތަކާއި ތަޤްވާވެރިވުމުގެ މައްޗަށް މީސްތަކުންނަށް އެހީތެރިވެ ބާރުއެޅުމުގެ ތެރެއިން ހިމެނޭ ކަމެކެވެ.” [14]
އެކިއެކި އިސްލާމީ ޤައުމުތަކުގައި ބަންގިއާއި ގަމަތާދެމެދު ވަޤުތު ދީފައިވާ މިންވަރު:
ފަލަސްތީނުގެ ޣައްޒާގައި: [15]
ފަތިސް ނަމާދު: 30 މިނެޓު
މެންދުރު ނަމާދު: 20 މިނެޓު
ޢަޞުރު ނަމާދު: 20 މިނެޓު
މަޣްރިބު ނަމާދު: 7 މިނެޓު
ޢިޝާ ނަމާދު: 10 މިނެޓު
ސުޢޫދީ ޢަރަބިއްޔާގައި: [16]
ފަތިސް ނަމާދު: 25 މިނެޓު
މެންދުރު ނަމާދު: 15 މިނެޓު
ޢަޞުރު ނަމާދު: 15 މިނެޓު
މަޣްރިބު ނަމާދު: 10 މިނެޓު
ޢިޝާ ނަމާދު: 20 މިނެޓު
ޤަޠަރުގައި: [17]
ފަތިސް ނަމާދު: 25 މިނެޓު
މެންދުރު ނަމާދު: 20 މިނެޓު
ޢަޞުރު ނަމާދު: 25 މިނެޓު
މަޣްރިބު ނަމާދު: 10 މިނެޓު
ޢިޝާ ނަމާދު: 20 މިނެޓު
ޔޫއޭއީގެ ޝާރިޤާގައި: [18]
ފަތިސް ނަމާދު: 25 މިނެޓު
މެންދުރު ނަމާދު: 20 މިނެޓު
ޢަޞުރު ނަމާދު: 20 މިނެޓު
މަޣްރިބު ނަމާދު: 8 މިނެޓު
ޢިޝާ ނަމާދު: 10 މިނެޓު (ހަމައެކަނި ރަމަޟާންމަހުގައި)
* ފަހަރުގައި މިޤައުމުތަކުގައި ދިގު ވަޤުތުތަކެއް ބަންގިއާއި ގަމަތާމެދު ދެވިފައިވަނީ މިޤައުމުތައް ސަރަހައްދުގެ ގޮތުން ބޮޑުކަމުންކަމަށް ބައެއް ބޭފުޅުންނަށް ލަފާކުރެވިދާނެއެވެ. ނަމަވެސް މިސާލަކަށް: ސުޢޫދީ ޢަރަބިއްޔާގެ މައްކާ މަދީނާ ސަރަހައްދުގައިވެސް ގިނަ އަވަށްތަކުގައި ހުންނަ މިސްކިތްތަކަށް 2-5 މިނެޓުން ދެވޭވަރަށް މިސްކިތްތައް ކައިރިވެފައި ޢަދަދުގެ ގޮތުން ގިނައެވެ.
މިލިޔުމުގެ ޚުލާޞާ:
* ބަންގިއާއި ގަމަތުގެ ތަފާތަކީ ބަންގިއަކީ މިސްކިތުގައި ނެތް ބަޔަކަށް ނަމާދަށް ތައްޔާރުވުމުގެ ގޮތުން އަންގާ އެންގުމެކެވެ. އަދި ގަމަތަކީ ޙާޟިރުވެތިބި ބަޔަކަށް ނަމާދު ފެށިއްޖެކަން އަންގާ އަންގުމެކެވެ.
* ބަންގިއާއި ގަމަތާދެމެދު ވަކި ޙާއްޞަވަރަކަށް މުއްދަތެއް ކަނޑައެޅުމަށް ނައްޞުތަކުގައި އައިސްފައި ނުވެއެވެ. މައިގަނޑުކޮށް މިކަމުގައި ރިޢާއަތްކުރަން ޖެހެނީ ޖަމާޢަތަށް އަންނަ މީހުންނަށް ފަސޭހަވާނެ ގޮތަށް ޢަމަލުކުރުމަށެވެ. އަދި ބަންގިއާއި ގަމަތާދެމެދު ސުންނަތްކުރުމަށް ފުރުޞަތު ދިނުމަށެވެ.
* ނަމާދަށް ފަރުވާތެރިވާ މީހަކު ނުވަތަ ރަވާތިބު ސުންނަތްތައް ކުރަން ބޭނުން މީހަކު ބަންގި ގޮވާއިރު މިސްކިތުގައި ކޮންމެހެން ހުންނަން ޖެހޭނެކަމަށް ދެކުމަކީ ކުށްހީއެކެވެ. އެހެނީ އޭގެ ސަބަބުން ބަންގި ގޮވުމުގެ މަޤުޞަދު އެކީ ނަފީވެގެންދެއެވެ. މީސްތަކުންނަށް ނަމާދަށް އައުމަށް ސަމާލުކުރުމަށް ބަންގި ގޮވާއިރު ބަންގި ގޮވުމުން ވަޤުތުން ސަމާލުވާ މީހާއަށް ވުޟޫކުރުމާއި ސުންނަތް ކުރުމަށް ކޮންމެވެސް ވަރެއްގެ ފުރުޞަތުތަކެއް ދިނުން އެދެވިގެންވެއެވެ. މަތީގައި ބަޔާންކުރެވުނު ޢިލްމުވެރިންގެ ބަސްފުޅުތަކުގައި މިކަމަށްވަނީ ނުހަނު ބާރު އެޅިފައެވެ.
* ބަންގިއާއި ގަމަތާދެމެދު ދިނުމަށް ބުރަވެވޭ ރަނގަޅު މިންވަރަކީ މިނެޓުން ބަލާނަމަ:
ފަތިސް ނަމާދު: 15-25 މިނެޓު
މެންދުރު ނަމާދު: 10-15 މިނެޓު
ޢަޞުރު ނަމާދު: 10-15 މިނެޓު
މަޣްރިބު ނަމާދު: 7-10 މިނެޓު
ޢިޝާ ނަމާދު: 10-15 މިނެޓު
* އެހެން ނަމާދުތަކާ ޚިލާފަށް މަޣްރިބު ނަމާދުގައި ބަންގިއާއި ގަމަތާދެމެދު ކުރު ވަޤުތުކޮޅެއްދެނީ އެކަމާ ބެހޭގޮތުން އައިސްފައިވާ ޙަދީޘްތަކަށް ރިޢާޔަތްކޮށްފައެވެ.
والله أعلم.
____________________________
[1] ބައްލަވާ: الموسوعة الفقهية الكويتية / ج ٦ / ص: ۱٥
[2] ބައްލަވާ: الموسوعة الفقهية الكويتية / ج ٦ / ص: ٥-٦
[3] صحيح مسلم / رقم الحديث: ۱۱ – (۳٨٤)
[4] صحيح البخاري / رقم الحديث: ٦۱٤
[5] رواه مسلم / رقم الحديث: ۱۱ – (۳٨٤)
[6] رواه البخاري / رقم الحديث: ٦۱٤ އަދި ބުރެކެޓް ތެރޭގައި އެވަނީ الإمام بيهقي އިތުރަށް ރިވާކުރައްވާފައިވާ ޢިބާރަތެކެވެ. وحسّن إسناده ابن باز. (ބައްލަވާ: ޙިޞްނުލް މުސްލިމުގެ ދިވެހި ތަރުޖަމާ)
[7] ވަސީލަތާ ބެހޭގޮތުން رسول الله صلّى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އެއީ ސުވަރުގޭގެ މަޤާމަކަށް ކިޔާ ނަމެކެވެ. ﷲ ގެ އަޅުތަކުންކުރެ އެންމެ އަޅަކަށް މެނުވީ އެ މަޤާމު އެކަށީގެންނުވެއެވެ. އަދި އެ އަޅާއަކީ ތިމަންކަލޭގެފާނު ކަމުގައިވުމަށް އުންމީދުކުރައްވަމެވެ.” (ބައްލަވާ: ޙިޞްނުލް މުސްލިމުގެ ދިވެހި ތަރުޖަމާ)
[8] ބައްލަވާ: المهذب مع شرحه المجموع ج ۳/ ص ٨٩ / الناشر: دار إحياء التراث العربي
[9] ބައްލަވާ: المغني لإبن قدامة / ج ۲ / ص ٦٦ / الناشر: دار عالم الكتب
[10] ބައްލަވާ: فتح الباري ج ۲ / ص ٤۳٩ / الناشر: دار طيبة
[11] ބައްލަވާ: فقه السنة / ج ۱ / ص ٨٨/ الناشر: مؤسسة الرسالة
[12] مجموع فتاوى الشيخ محمد صالح العثيمين ۱۲/۱٩٠
[13] الشرح الممتع / ج ۲/ ص: ٧٨ / الناشر: دار ابن الجوزي
[14] ބައްލަވާ: نيل الأوطار / ج ۳ / ص ۱۳٠-۱۳۱ / الناشر: دار ابن الجوزي