
މިފަދަ ދަތުރުތަކުގެ މުހިންމުކަމާއި ބޭނުން:
ޙަދީޘްތައް ފެތުރުމުގައި ދަތުރުތަކުގެ ވަރަށް ބޮޑު ދައުރެއް ވެއެވެ. އޭގެ ސަބަބުން ސަނަދުގެ މަގުތައް ގިނަވެ އަދި އެސަނަދުގައިވާ މީހުން ތަފްޞީލުކޮށް ދެނެގަތުމަށް ފަސޭހަވެގެންދިޔައެވެ. އެގޮތުން ކޮންމެ މުޙައްދިޘެއްވެސް ރަށްރަށަށް ދިޔުމުން އެބޭކަލަކު ތަޢާރަފުވެ އެތަނުގައި ތިއްބަވާ ބޭކަލުންނާ ވާހަކަދައްކަވާ އެބައެއްގެ ސުވާލުތައް ކުރިމަތިވެއެވެ. އޭގެ ސަބަބަން ދެވަނަ ޤަރުނާއި ތިންވަނަ ޤަރުނުގައި ޢިލްމު ހޯދުމަށް ކުރަމުން އައި ދަތުރުތަކުގެ ދާއިރާ ވަރަށް ފުޅާވިއެވެ.
އަލްޙާފިޡް ރާމަހުރްމުޒީ ‘ المحَدِّث الفَاصِل’ އޭ ކިޔުނު ފޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެއްވި މުޙައްދިޘުންގެ ނަންތައް ބަޔާންކުރައްވާފައިވެއެވެ. އަދި އެކި ޖީލުތަކަށް ބަހާލައި ތަރުތީބުކުރައްވާފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ ބަޔާންކުރައްވާފައިވަނީ އެތައް ރަށަކަށް ދަތުރުކުރެއްވި ބޭކަލުންނެވެ. ދެން ބަޔާންކުރައްވާފައިވަނީ ވަކި ރަށެއްގައި ތިބި ޢިލްމުވެރިންނާ ބައްދަލުކުރައްވަންވެގެން ވަކި ރަށަކަށް ދަތުރުކުރެއްވި ބޭކަލުންނެވެ. [1]
އެގޮތުން ދީން ކިޔަވާ ކުދިން އޭރު ދަތުރުކޮށް އުޅުނު އެންމެ މުހިންމު ރަށްތަކަކީ: މަދީނާއާއި މައްކާއާއި ކޫފާއާއި ބަޞަރާއާއި ޖުޒައިރާއާއި ޝާމުކަރައާއި ޔަމާމާއާއި މިޞްރާއި މަރްވުއާއި އައްރައްޔުއާއި ބުޚާރާއެވެ. އެހެނީ އެއީ އޭރުގެ ޢިލްމުގެ މަރުކަޒުތަކެވެ. އަދި އެތަންތަނުގައި ޢިލްމުވެރިން ނުހަނު ގިނައެވެ.
ދީން ކިޔަވާ ކުދިންނާމެދު އިމާމު އަޙްމަދާ ސުވާލު ދެންނެވުނެވެ. އެކުއްޖަކު ޢިލްމުހުރި އެއް ބޭކަލެއްގެ އަރިހުގައި މަޑުކުރާނީ ހެއްޔެވެ. ނުވަތަ ޢިލްމުގެ ރަށްތަކަށް ދަތުރުކޮށް އެކި ޢިލްމުވެރިންގެ އަރިހުން ޙަދީޘް އަޑުއަހާނީ ހެއްޔެވެ. ފަހެ، ވިދާޅުވިއެވެ.
“ކޫފާއާއި ބަޞަރާއާއި މަދީނާއާއި މައްކާއަށް ދަތުރުކޮށް އެތަންތަނުގައި ތިބި ޢިލްމުވެރިންގެ އަރިހުން ޙަދީޘްލިޔާނީއެވެ. އަދި މީސްތަކުންގެ ކައިރިއަށް ދަތުރުކޮށް އެމީހުންގެ ކިބައިން ޙަދީޘް އަޑުއަހާނީއެވެ.” [2]
އަދި މީގެ ކުރިންވެސް އިބްރާހީމް ބިން އަދްހަމުގެ ބަސްފުޅުވާނީ ގެނެސްދެވިފައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“ހަމަކަށަވަރުން ޙަދީޘް ޢިލްމުވެރިން ކުރައްވާ ދަތުރުފުޅުތަކުގެ ސަބަބުން މިއުންމަތުގެ ކިބައިން، ﷲ ތަޢާލާ މުޞީބާތް އެއްކިބާ ކުރައްވައެވެ. “
= ނުނިމޭ =
______________________
[1] المحدِّث الفاصل للرامهرمزي ص: ۲۲٩ – ۲۳۳.
[2] 2 الرحلة في طلب الحديث (ص: ٨٨ / رقم: ۱۲)