
ތަމްހީދު
ތިންވަނަ ފަޞްލު: ބިދުޢަވެރިންނާއި ފިރުޤާތަކާ އަދި ސުންނަތަކީ ޙުއްޖަތެއްކަމާމެދު އެބައިމީހުންގެ ރައުޔު
ހަމަކަށަވަރުން އެކިއެކި ބިދުޢަވެރި ފިރުޤާތަކާއި، އިސްލާމްދީން އައުމަށްފަހު މަންސޫޚުވެގެން ނުވަތަ ނެތިގެން ދިޔަ ދީންތަކުގެ މީހުންކުރެ އިސްލާމްދީންގެ ޢަދާވާތްތެރިންނަށް ކުޑަ މުއްދަތެއްގެ ތެރޭގައި އިސްލާމްދީން ފެތުރި އެބައިމީހުންގެ ޤައުމުގެ މީސްތަކުން އެދީނަށް ވަންނަމުންދާ ތަން ފެނުމުން، އެކަން ބަލަން ތިބޭކަށް ކެތެއް ނުކުރެވުނެވެ. އެގޮތުން އެބައިމީހުން ބެލީ މިދާނާ މިދީނުގެ އަހުލުވެރިންނާ ދެކޮޅަށް އެކި މަކަރުވެރި ރޭވުންތައް ރޭވުމަށެވެ.
އެގޮތުން ފާޅުކޮށް މިދީނާއި ކީރިތި ޤުރުއާނާ ދެކޮޅަށް ކުރިމަތި ނުލެވޭނެތީ، ޢަދާވާތްތެރިން ދެން މަސައްކަތްކުރީ މުސްލިމުންގެ ގޮތުގައި ހެދިގެން ތިބެ މުސްލިމުންގެ މެދުގައި ޝުބުހަތަކާއި ޝައްކުތައް ފަތުރާށެވެ. އެގޮތުން ޝައްކުގެ ލޮންސިތަކާއި ޝުބުހައިގެ ތީރުތައް އެބައިމީހުން ފޮނުވާލީ ޠާހިރު ސުންނަތަށާއި އެރިވާކުރެއްވި ބޭކަލުންނަށެވެ. ފަހެ، ސުންނަތަކީ ޤުރުއާނުގެ ޝަރަޙައެވެ. އަދި އެބަޔާންކޮށްދީ ޝަރަޙަކޮށްދޭ އެއްޗެވެ. އެއަށް ދެވޭ ކޮންމެ ހަމަލާއަކީ ޤުރުއާނަށް ދެވޭ ހަމަލާއެކެވެ. ފަހެ، އެއަށް ހަމަލާ ދިނުމަކީ އިސްލާމްދީން ބަދަލުކުރުމެވެ.
ޢަދާވާތްތެރިން ޤަޞްދުކުރީ މިކަންކުރާށެވެ. އަދި މުސްލިމުންކަމުގައި ހެދިގެން ތިބެ ޝައްކާއި ޝުބުހަތައް ފެތެރީވެސް މިސަބަބާ ހުރެއެވެ.
= ނުނިމޭ =
______________________