ﷲ އާ ބެހޭގޮތުން ހަދަހަދައިގެން ވާހަކަ ދައްކާ، އެއިލާހާމެދު ދޮގު ހަދަން ކެރުމަކީ ފާޖިރު މުނާފިޤުންނާއި ދީން ޤަބޫލުނުކުރާ މީހުންނާއި ކާފިރުންގެ އެންމެ ވަރުގަދަ އެއް ޞިފައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّـهِ كَذِبًا أَوْ قَالَ أُوحِيَ إِلَيَّ وَلَمْ يُوحَ إِلَيْهِ شَيْءٌ وَمَن قَالَ سَأُنزِلُ مِثْلَ مَا أَنزَلَ اللَّـهُ﴾ [سورة الأنعام ٩٣ ]
މާނައީ: “ﷲ އާމެދު ހަދައިގެން ދޮގެއްބުނި މީހަކަށްވުރެން، ނުވަތަ އެމީހަކަށް އެއްވެސް އެއްޗެއް ވަޙީނުކުރައްވަނީސް، ތިމަންނާއަށް ވަޙީކުރައްވައިފިއޭ ބުނި މީހަކަށްވުރެން އަދި ﷲ ބާވައިލެއްވި ފަދަތަކެތި ތިމަންވެސް ބާވައިލައިފާނަމޭ ބުނި މީހަކަށްވުރެން ބޮޑު އަނިޔާވެރިޔަކީ ކާކުހެއްޔެވެ! “
އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
))مَنْ كَذَبَ عَلَيَّ مُتَعَمِّدًا فَلْيَتَبَوَّأْ مَقْعَدَهُ مِنِ النَّار (([رواه البخاري في صحيحه – كتاب العلم – باب إثم من كذب على النبي صلى الله عليه وسلم]
މާނައީ: “ޤަޞްދުގައި ތިމަންކަލޭގެފާނާ ބެހޭ ގޮތުން ދޮގެއް ހަދައިފިމީހަކު ދަންނައެވެ. ފަހެ، އެމީހެއްގެ ޖާގަ ނަރަކައިން ލިބިގަންނާށެވެ.”
ހުރިހާ ވައްތަރެއްގެ ދޮގަކީވެސް ހުތުރުވެގެންވާ ޖަރީމާއެކެވެ. އަދި ޢިލްމެއް ނެތި، ހަދަހަދައިގެން ﷲ އާ މެދު ވާހަކަދެއްކުމުން އެކަމުގެ ހުތުރުކަމާއި ނުބައިކަން އިތުރަށް ބޮޑުވެއެވެ. އެއީ މިޘާލަކަށް ﷲ ތަޢާލާ މިފަދައިން ވަޙީކުރެއްވިއޭ ނުވަތަ މިވެނިކަމެއް ޙަރާމް ކުރެއްވިއޭ ނުވަތަ މިވެނިކަމަކަށް އަމުރުކުރެއްވިއޭ ނުވަތަ މިވެނިކަމެއް ނަހީކުރެއްވިއޭ ބުނުމެވެ.
ނުވަތަ ނަބިއްޔާ صلى الله عليه وسلم މިފަދައިން ޙަދީޘްކުރެއްވިއޭ ނުވަތަ އަމުރުކުރެއްވިއޭ ނުވަތަ ނަހީކުރެއްވިއޭ ނުވަތަ މިވެނިކަމެއް ޙަލާލުކުރެއްވިއޭ ނުވަތަ ޙަރާމް ކުރެއްވިއޭ ބުނުމެވެ. އެފަދަ މީހަކުއެވަނީ އެބުނި ބަހުގެ ފާފައާއި އޭނާގެ ބަހަށް ޤިޔާމަތާ ހަމައަށް ޢަމަލުކުރި މީސްތަކުންގެ ފާފަ ބޮލުއަޅާފައެވެ. އެފަދަ ވާހަކަތައް ދައްކާ މީހުންވަނީ މިއަދު ވަރަށް ގިނަ ވެފައެވެ.
އެފަދަ އިންސާނުންނާމެދު ޙައިރާންވާންޖެހޭ ކަމަކީ އޭގެ ތެރެއިން މީހެއް ގާތުގައި ދުނިޔަވީ ކުޑަކުޑަކަމަކާ ބެހޭގޮތުން ސުވާލުކޮށްފިނަމަ އޭނާ ތިބާއަށް ބުނާނެއެވެ. “ތިކަން މޮޅަށް ދެނެ ވޮޑިގެންވަނީ ﷲއެވެ.” ނަމަވެސް ދީނާއި ޢަޤީދާއާ ގުޅުންހުރި އެންމެ އުނދަގޫ ކަންކަމާމެދު ސުވާލުކުރިޔަސް އެފަދަ މީހުން ފަޞާޙާތްތެރިކަމާއެކު ޖަވާބު ދޭނެއެވެ. އެފަދަ މީހުންނަކީ ދީން ޝަރުޢުކުރާމީހުންނޭ ހީވާ ފަދައެވެ.
އަޅުގަނޑުމެންގެ ބައެއް ޝައިޚުން މިކަމާމެދު މިޘާލު ޖައްސަވަމުން ވިދާޅުވިއެވެ. އެފަދަ މީހެއް ގާތުގައި ފިޔާ ވިއްކަނީ ކޮންތާކުހޭ ސުވާލުކޮށްފިނަމަ ބުނާނެއެވެ. “އެކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ.” ނަމަވެސް ދީނުގެ ކަމަކާމެދު ސުވާލުކޮށްފިނަމަ ޖަވާބު ދިނުމުގައި ފަސް ނުޖެހޭނެއެވެ. ﷲ އާ މެދު އިހާނާތްތެރިވުމުން އެފަދަ މީހުންނަށް އެވަނީ އެބައިމީހުންގެ އަމިއްލަ ނަފްސުގެ އަގެއް ނެތިފައެވެ. އެފަދަ މީހުންގެ ކިބައިން އެކިއެކި ފަތުވާތަކާއި ކަންކަން ޙަލާލުކޮށްގަތުމާއި ޙަރާމްކޮށްގަތުމާއި ޖާހިލިއްޔަ ޒަމާނުގެ ދެކޮޅު ނުޖެހޭކަންކަން ތިބާއަށް އިވޭނެއެވެ.
މިއާއެކު ފެނިގެންދާކަމަކީ، ﷲ ތަޢާލާ އަބަދުވެސް ދޮގުވެރިން ފަޟީޙަތްކުރައްވައެވެ. އަދި އެފަދަ މީހުންގެ ޙަޤީޤަތް ފާޅުކުރައްވައެވެ. އެއީ އޭނާގެ ދޫ އޮޅިގެން ނަމަވެސްއެވެ. އެކަމުގެ އެންމެ ބޮޑު ޢިބްރަތެއް އަޅުގަނޑުމެންނަށް ލިބެނީ ނަބީކަން ދަޢުވާކުރިމީހުންގެ ކިބައިންނެވެ. އެއީ ﷲ ތަޢާލާ އެބައިމީހުންނަށް ވަޙީ ބާވާލެއްވިކަމަށް ދަޢުވާކުރާ މީހުންނެވެ. ދެން އެއްވެސް ތާކުންތަކު ނުޖެހޭ ވާހަކަތައް އެފަދަ މީހުން ދައްކައެވެ. އެވާހަކަތަކުގައިވަނީ ހަމަނުޖެހޭ ޢިބާރާތްތަކާއި ދެކޮޅުނުޖެހޭ ބަސްތަކެވެ. އަދި (ފައިދާކުރާނޭ) އެއްޗެއްގެ މަތީގައި އެބައިމީހުން ވާކަމަށް އެބައިމީހުން ހީކުރިޔަސް އެކަންކަން ވެފައިއެވަނީ ދުނިޔެމަތީގައި އެބައިމީހުންނަށް ހުރި ޢުޤޫބާތެއްކަމުގައެވެ.
ދަންނާށެވެ. އެމީހަކާ ބެހޭގޮތުން އެހެން މީހަކު ދޮގު ހަދައިފިކަން އިންސާނާއަށް އެނގޭ ހިނދު އެކަމާ ވަރުގަދައަށް ރުޅިއައިސް މޫނު ރަތްވެ ކެކި އަރައިގަނެއެވެ. ދެން ފަހެ، ސިއްރާއި ފާޅު މޮޅަށް ދެނެވޮޑިގެންވާ ﷲ އާމެދު ދޮގު ހެދުމުން އެއިލާހު އެމީހަކާމެދު ކޯފާވެވޮޑިނުގަންނަވާނެ ހެއްޔެވެ؟؟
ﷲ ތަޢާލާ އޭނާއަށް ހެޔޮ ޞިއްޙަތާއި ބުއްދިއާއި މުދަލާއި ޖާހު ދެއްވުމުން އޭގެ ބަދަލުގައި އެއްވެސް ލަދު ޙަޔާތެއް ނެތި އޭނާ އެއިލާހާ ބެހޭގޮތުން ދޮގުހަދައެވެ.
އެފަދަ ކަންކަންކުރާމީހުން އެކަމުގެ ސަބަބުން ﷲ ގެ ޙަޟްރަތުގައި އޭނާއަށް ހުރި ކޯފާއާއި ޢުޤޫބާތާމެދު ވިސްނާ ފިކުރުކުރާނަމަ އެފަދަ ކަމެއް ކުރަން ނުކެރުނީހެވެ. ﷲ އާ މެދު ދޮގުހަދާމީހުންނަކީ ފަހަރުގައި މަސްއޫލުވެރިންނާއި ރައީސުންފަދަ މީހުންނާ ބެހޭގޮތުން ދޮގުހަދަން ނުކެރޭ މީހަކަށް ވެދާނެއެވެ. އަދި އެކަން ހިތަށްވެސް ނާރުވާ މީހަކަށް ވެދާނެއެވެ. އެފަދަ މީހުން އެއުރެން ދެކެ އެގަންނަ ބިރަކީ ﷲ ދެކެ ގަންނަ ބިރަށްވުރެ ބޮޑު ބިރެކެވެ. ﷲ އާ މެދު ދޮގުހެދުމަކީ އެފަދަ މީހުންނަށް އުނދަގޫކަމެއް ނޫނެވެ.
____________________________
މިއީ އައްޝައިޚް ޣާލިބު އަލްޢިވާޖީ ލިޔުއްވާފައިވާ المتنبئون في الإسلام، މިފޮތުން ތަރުޖަމާކޮށްފައިވާ ލިޔުމެކެވެ. (ބައްލަވާ: ص: 58- 59 / طبعة: دار النصيحة)