[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަދީނާގެ މާތްކަން 2

މަދީނާގެ މާތްކަމުގެ ތެރޭގައި މަދީނާގެ ބިމުގައި އަމާންކަން ލިބިގެންވާ ޙަރަމެއް ﷲ ތަޢާލާ ލެއްވުން ހިމެނިގެންވެއެވެ. މައްކާ ގައިވެސް އަމާންކަން ލިބިގެންވާ ޙަރަމެއް ﷲ ތަޢާލާ ލެއްވިފަދައިންނެވެ. ރަސޫލުﷲ صلى الله عليه و سلم ޙަދީޘްކުރައްވާފައިވެއެވެ. ((إِنَّ إِبْرَاهِيْمَ حَرَّمَ مَكَّةَ وَ إِنِّيْ حَرَّمْتُ الْمَدِيْنَةَ)) رواه مسلم  މާނައީ :ހަމަކަށަވަރުން އިބްރާހީމް ޢަލައިހިއްސަލާމް މައްކާ ޙަރާމް ކުރެއްވިއެވެ. އަދި ތިމަންކަލޭގެފާނު މަދީނާ ޙަރާމް ކުރެއްވީމެވެ.” މިޙަރާމް ކުރެއްވުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އިބްރާހީމް ޢަލަހިއްސަލާމަށް ނިސްބަތްވެގެންވިޔަސް އެބޭކަލުން އެ ޙަރާމްކުރެއްވީ އޭގެ ބޭރުފުށަށެވެ. އެހެންނަމަވެސް ޙަޤީޤަތުގައި މައްކާ އާއި މަދީނާ ޙަރާމް ކުރެއްވީ ﷲ ތަޢާލާއެވެ. އެހެންކަމުން މައްކާ އާއި މަދީނާގައި ދެ ޙަރަމް ލެއްވީ ﷲ ތަޢާލާއެވެ.

ﷲ ތަޢާލާ ވަނީ މައްކާ އާއި މަދީނާގައި ދެ ޙަރަމްލައްވައި އެހެން ރަށްތަކުގެ މައްޗަށް މި ދެރަށް މާތް ކުރައްވާފައެވެ. މިއީ އެހެން އެއްވެސް ތަނަކަށް ލިބިގެންނުވާ ޙުރުމަތެކެވެ. މައްކާ އާއި މަދީނާ ފިޔަވައި އެހެން އެއްވެސް ތަނެއްގައި ޙަރަމެއްވާކަމަށް އެއްވެސް ދަލީލަކުން އައިސްފައި ނުވެއެވެ. ވަރަށް ގިނަ މީހުން މަސްޖުދުލް އަޤްޞާއަކީ މުސްލިމުންގެ ތިންވަނަ ޙަރަމްކަމުގައި ބުނެއުޅެއެވެ. އެހެންނަމަވެސް މިއީ މީސްތަކުންގެ ވާހަކައިގައި ހިމެނި ދޫތައްމަތިން ފެތުރިފައިވާ ކުށެކެވެ. ސަބަބަކީ މައްކާ އާއި މަދީނާގައިވާ ދެ ޙަރަމް ފިޔަވައި އެހެން ތަނެއްގައި ޙަރަމެއްނުވެއެވެ. އެހެންނަމަވެސް ރަނގަޅުގޮތަކީ މަސްޖިދުލް އަޤްޞާއަކީ އެންމެ މާތް ވެގެންވާ ޝަރަފުވެރިވެގެންވާ ތިން މިސްކިތުގެ ތެރެއިން އެއް މިސްކިތޭ ބުނުމެވެ. އަދި މިތިން މިސްކިތުގެ މާތް ކަމާއިބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.  ((لَا تُشَدُّ الرِّحَالُ إِلَّا لِثَلَاثَةِ  مَسَاجِدَ: مَسْجِدِ الْحَرَامِ، وَمَسْجِدِي هَذَا، وَالْمَسْجِدِ الْأَقْصَى)) رواه البخاري و مسلم މާނައީ: ” ދަތުރު ހަދައިގެން އައުން ތިން މިސްކިތަކަށް ފިޔަވައި ހުއްދަވެގެން ނުވެއެވެ. އެއީ އަލްމަސްޖިދިލް ޙަރާމް އަދި ތިމަން ކަލޭގެފާނުގެ  މި މިސްކިތާއި( މަދީނާގައިވާ އަލްމަސްޖިދުއް ނަބަވީ) އަލްމަސްޖިދުލް އަޤްޞާއެވެ.”

މައްކާ އާއި މަދީނާގައިވާ ޙަރަމްގެ ތެރެއިން ކޮންމެ ޙަރަމަކަށް ވެސް ބޯޑަރުތަކެއް ލިބިގެންވެއެވެ. އަދި ޙަރަމަކީ މި ބޯޑަރުތަކުގެ އެތެރޭގައިވާ ސަރަހައްދެވެ. އަދި މަސްޖިދުއް ނަބަވީ އަށް “ޙަރަމް” އޭ މީސްތަކުންގެ މެދުގައި ކިޔޭ ކިޔުމަކީ މީސްތަކުންގެ ދޫތައްމަތިން ފެތުރިފައިވާ ކުށެކެވެ. ސަބަބަކީ ޙަރަމް އަކީ މަސްޖިދުއްނަބަވީ އެކަންޏެއްނޫނެވެ. އެހެންނަމަވެސް މަދީނާގައއިވާ ދެ ފަރުބަދައެއް ކަމުގައިވާ ޢައިރު ފަރުބަދަ އާއި ޘަވްރު ފަރުބަދައާއި ދެމެދުގައިވާ ސަރަހައްދާއި ދެ ލާބަތު (މަދީނާގައިވާ އަލިފާން ފަރުބަދައިން ނުކުންނަ ލާވާ ނުކުމެފައިވާ ދެ ސަރަހައްދެއް) ދެމެދުގައިވާ ސަރަހައްދަކީވެސް ޙަރަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. ((المَدِيْنَةُ حَرَمٌ مَا بَيْنَ عَيْرٍ إِلىَ الثَوْرِ)) رواه البخاري و مسلم މާނައީ: ” ޢައިރު ފަރުބައާއި ޘަވްރު ފަރުބަދައާއި ދެމެދުގައިވާ މަދީނާގެ ބިމަކީ ޙަރަމެވެ.”

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. ((إِنِّيْ حَرَّمْتُ مَا بَيْنَ لاَبَتَيِ الْمَدِيْنَةِ أَنْ يُقْطَعَ عِضَاهُهَا أَوْ يُقْتَلَ صَيْدُهَا )) رواه مسلم މާނައީ: ” ތިމަންކަލޭގެފާނު މަދީނާގެ  ދެ ލާބަތު (މަދީނާގައިވާ އަލިފާން ފަރުބަދައިން ނުކުންނަ ލާވާ ނުކުމެފައިވާ ދެ ސަރަހައްދެއް) ގެ ދެމެދުގައިވާ ތަން ޙަރާމް ކުރައްވައިފީމެވެ. އަދި އެތާނގެ ކަށިފަޅާ ގަސްތައްތައް ކެނޑުން ޙާރާމްވެގެންވެއެވެ. އަދި ޝިކާރުކޮށް ޤަތުލުކުރުން ޙަރާމްވެގެންވެއެވެ. “

މިޒަމާނުގައި މަދީނާ  މިވަނީ ތަރައްޤީވެ އާބާދުވަމުންގޮސް މަދީނާގެ އެއްބައި ޙަރަމުން ބޭރުވެފައެވެ.  އެހެންކަމުން މިހާރު މަދީނާގައިވާ ހުރިހާ ބިނާތަކަކީ ޙަރަމުގައިވާ ބިނާތައްކަމުގައި ނުބުނެވޭނެއެވެ.  އެހެނެއްކަމަކު ޙަރަމުގެ ބޯޑަރު ތެރޭގައިވާ ތަންތަނަކީ ޙަރަމުގެ ތެރެއިންވާ ތަންނަނެވެ. ޙަރަމްގެ ބޯޑަރުން ބޭރުގައިވާ ތަންތަނަކީ މަދީނާގެ ތަންތަނެވެ. އެހެން ނަމަވެސް ޙަރަމުގައިވާ ތަންތަނެއް ނޫނެވެ.

މަދީނާގެ ޙަރަމްގެ ބޯޑަރު ރަސޫލުﷲ ޞާއްލަﷲ ޢަލައިހި ވަސައްލަމް ވަނީ ބަޔާން ކޮށްދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘްތަކުގައި އެކިއެކި ޢިބާރާތުން އައިސްފައިވާގޮތުން އެއީ “ދެ ލާބަތުގެ (މަދީނާގައިވާ އަލިފާން ފަރުބަދައިން ނުކުންނަ “ލާވާ” ނުކުމެފައިވާ ދެ ސަރަހައްދެއް) ދެމެދުގައިވާ” ސަރަހައްދެވެ. ނުވަތަ “ދެ ޙައްރަތުގެ ( އަލިފާން ފަރުބަދައިގެ ޙަރަކާތްތަކުގެ އަޘަރުހުރި ދެ ސަރަހައްދެއް ) ދެމެދުގައވާ” ސަރަހައްދެވެ. ނުވަތަ “ދެ ފަރުބަދައިގެ ދެމެދުގައިވާ” ސަރަހައްދެވެ. ނުވަތަ “ޢައިރު ފަރުބަދައާއި އާއި ޘަވްރު ފަރުބަދައާއި ދެމެދުގައި” ސަރަހައްދެވެ. މި ޢިބާރާތްތައް އެކަތި އަނެކައްޗަށް ނަފީ ނުކުރެއެވެ. އަދި އެކަތި އަނެކައްޗާއި ފުށުވެސް ނައަރައެވެ. އެހެނެއް ކަމަކު ކުޑަ ސަރަހައްދު ވަނީ ބޮޑު ސަރަހައްދުގެ އެތެރޭގައެވެ. އެހެންކަމުން ދެ ލާބަތުގެ (މަދީނާގައިވާ އަލިފާން ފަރުބަދައިން ނުކުންނަ “ލާވާ” ނުކުމެފައިވާ ދެ ސަރަހައްދެއް) ދެމެދުގައިވާ ސަރަހައްދަކީވެސް ޙަރަމެވެ. އަދި ދެ ޙައްރަތުގެ ( އަލިފާން ފަރުބަދައިގެ ޙަރަކާތްތަކުގެ އަޘަރުހުރި ދެ ސަރަހައްދެއް ) ދެމެދުގައިވާ ސަރަހައްދަކީވެސް ޙަރަމެވެ. އަދި ޢައިރު ފަރުބަދައާއި ޘަވްރު ފަރުބަދައާއި ދެމެދުގައިވާ ސަރަހައްދަކީވެސް ޙަރަމެވެ.

ކަމެއްގައި ޝައްކު އުފެދިއްޖެނަމަ ، މިޘާލަކަށް ވަކި ސަރަޙައްދަކީ ޙަރަމުގެ ތެރެއިން ވާތަނެއް ކަމަށް ޝައްކުވެއްޖެނަ ނުވަތަ ވަކި ސަރަހައްދަކީ ޙަރަމުގެ ތެރެއިން ނުވާ ތަނެއް ކަމަށް ޝައްކުވެއްޖެނަމަ، މި ކަމާއި ބެހޭގޮތުން ބުނެވެންއޮތީ، މި ކަމަކީ ޝުބުހައިގެ ތެރެއިން ވާ ކަމެއްކަމެވެ. އަދި ޝުބުހައިގެ ކަންތައްތަކާއިމެދު ޢަމަލު ކުރާނެގޮތް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ވަނީ ބަޔާންކުރައްވާފައެވެ. އަދި މިއީ އަޅުގަނޑުމެން ޢަމަލު ކުރަންޖެހޭގޮތެވެ. އެއީ އެ ޝުބުހައަކުން ދުރުވެގަތުމެވެ. ނުވަތަ ދޫކޮށްލުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ނުޢުމާން ބުން ބަޝީރު ރިވާކުރައްވާފައިވާ ހަދީޘެއްގައި ވެއެވެ. ((فَمَنِ اتَّقَى الشُّبُهَاتِ فَقَدِ اسْتَبْرَأَ لِدِيْنِه وَ عِرْضِه وَ مَنْ وَقَعَ فِيْ الشُبُهَاتِ وَقَعَ فِيْ الحَرَامِ)) متفق عليه މާނައީ: ޝުބުހަތަކަށް ރައްކާތެރިވެއްޖެމީހާ އޭނާގެ ދީނާއި އަބުރަށް ރައްކާތެރި ވެއްޖެއެވެ. އަދި ޝުބުހަ ތަކަށް އަރައިގެންފިމީހާ ޙަރާމްކަމަކަށް އަރައިގެންފިއެވެ.”

(ނުނިމޭ)

އަޟްލު: فضل المدينة و آداب سكناها و زيارتها للعلامة المحدث عبد المحسن بن حمد العباد البدر -حفظه الله-.