މާތްވެގެންވާ ބަރަކާތްލެއްވިގެންވާ މަދީނާގެ މާތްކަމުގެ ތެރޭގައި ރަސޫލާ صلى الله عليه و سلم މި ރަށަށް ޠައިބާ ( طَيْبَةٌ ) އޭ ނަންދެއްވުން ހިމެނެއެވެ. އަދި ޠާބާ ( طَابَةٌ ) ގެ ނަންވެސް ދެއްވިއެވެ. އަދި ޞަޙީޙް މުސްލިމްގައި ވާ ގޮތުގައި މި މަދީނާއަށް ޠާބާ ( طَابَةٌ ) ގެ ނަމުން ނަންދެއްވީ ﷲ ތަޢާލާއެވެ. ރަސޫލުﷲ صلى الله عليه و سلم ޙަދީޘް ކުރައްވާފައިވެއެވެ. ((إِنَّ اللهَ سَمَّى الْمَدِيْنَةَ طَابَةً)) މާނައީ: “ހަމަކަށަވަރުން ﷲ ތަޢާލާ މަދީނާއަށް ޠާބާ އޭ ނަންދެއްވިއެވެ.” މި ދެ ނަމަކީވެސް ޠައްޔިބުން ( طَيِّبٌ) ނެގިފައިވާ ދެނަމެވެ. ޠައްޔިބުގެ މާނައަކީ ރަނގަޅުވުމެވެ އަދި ހެޔޮވެގެންވުމެވެ. އެހެންކަމުން މި ދެނަން ބަޔާންކޮށްދެނީ މަދީނާގެ ހެޔޮކަމާއި މަތިވެރިކަމާއި މާތްކަމެވެ. އަދި މި ދެނަމަކީ ހެޔޮވެގެންވާ ދެނަމެވެ. އެންމެ ހެޔޮވެގެންވާ އެއް ރަށަށްކިޔޭ ހެޔޮވެގެންވާ ދެ ނަމެވެ.
މަދީނާގެ މާތްކަމުގެ ތެރެއިން ހިމެނޭކަންތައްތަކުގެ ތެރޭގައި މަދީނާއަށް އީމާންކަން އެނބުރި ރުޖޫޢަވުން ހިމެނެއެވެ. ރަސޫލުﷲ صلى الله عليه و سلم ޙަދީޘްކުރައްވާފައިވާ ފަދައިންނެވެ. ((إِنَّ الْإِيْمَانَ لَيَأْرِزُ إِلَى الْمَدِيْنَةَ كَمَا تَأْرِزُ الْحَيَّةَ إِلَى جُحْرِهَا)) رواه البخاري و مسلم މާނައީ: “ހަމަކަށަވަރުން އީމާންކަން މަދީނާއަށް އެނބުރި ރުޖޫޢަވާނެއެވެ. ހަރުފައެއް އޭގެހޮރަށް އެނބުރި ރުޖޫޢަވާ ފަދައިންނެވެ.” މީގެ މާނައަކީ އީމާންކަން މަދީނާއަށް މިސްރާބުޖެހުމެވެ. މުސްލިމުން އަބަދުވެސް މަދީނާއަށް އައިސްއައިސް ތިބޭނެއެވެ. އަދި މަދީނާއަށް އައުމަށް އެދިއެދި ތިބޭނެއެވެ. އެމީހުން މިކަމަށްޓަކައި މަސައްކަތްކުރަނީ އެމީހުންގެ އީމާންކަމުގެ ސަބަބުންނެވެ. މަދީނާދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. މާތް ﷲ ބަރަކާތްލައްވައި ޙުރުމަތްތެރި ކުރައްވާފައިވާ މަދީނާއެވެ.
މަދީނާގެ މާތްކަމުގެ ތެރެއިން ދެން ފާހަގަކޮށްލެވެނީ ރަސޫލުﷲ صلى الله عليه و سلم މި މާތްވެގެންވާ މަދީނާއަކީ “ރަށްތައް ކާ ރަށެއް” ގެ ގޮތުގައި ސިފަ ކުރައްވާފައިވާތީއެވެ. ރަސޫލުﷲ صلى الله عليه و سلم ޙަދީޘްކުރައްވާފައިވެއެވެ. ((أُمِرْتُ بِقَرْيَةٍ تَأْكُلُ الْقُرَى- يَغْنِيْ: أُمِرَ بِالْهِجْرَةِ إِلَى هَذِهِ الْقَرْيَةِ الَّتِيْ تَأْكُلُ الْقُرَى – يَقُوْلُوْنَ لَهَا: يَثْرِبُ , وَ هِيَ الْمَدِيْنَة)) رواه البخاري و مسلم މާނައީ: “ރަށްތައް ކާ ރަށަށް ހިޖުރަ ކުރުމަށް ތިމަންކަލޭގެފާނަށް އަމުރު ކުރެވުނެވެ. އެރަށަށް ކިޔައި އުޅެނީ ޔަޘްރިބެވެ. އަދި އެއީ މަދީނާއެވެ” ރަށްތައް ކާ ރަށެއް ކަމުގައި ރަސޫލުﷲ صلى الله عليه و سلم ވިދާޅުވެފައިވާ ބަސްފުޅުގެ މުރާދަކަމުގައި މާނަކުރެވެނީ އެއީ އެހެން ރަށްތަކުގެ މައްޗަށް ނަޞްރުހޯދާ ރަށެއްގެ ގޮތުގައެވެ. އެހެން ކަމުން އެހެން ހުރިހާ ރަށެއްގެ މައްޗަށް މަދީނާއަށް ނަޞްރު ލިބިގެންވުމަށްޓަކައެވެ. އަދި ﷲ ގެ މަގުގައި ހަނގުރާމަކޮށް ލިބޭ ޢަނީމާ މުދާތައް މަދީނާއަށް ގެނެވުން ކަމުގައިވެސް މާނަކުރެވެއެވެ. މި ދެ ކަންވެސް ވަނީ ހިނގާފައެވެ. އެހެން ރަށްރަށުގެ މައްޗަށް މަދީނާއަށް ނަޞްރުލިބުނު ގޮތަކީ ހިދާޔަތުގެ މަގަށް ގޮވާލާ މުޞްލިޙުން މުޅިދުނިޔޭގެ ކަންކޮޅުތަކަށް ޙައްޤަށް ގޮވާލުކަމަށްޓަކައި ނިކުމެގެން ފެތުރިގަތީ މަދީނާއިން ކަމަށްވާތީއެވެ. އަދި ރަށްތަށް ފަތަޙަކުރި މުޖާހިދުން އެރަށަކުން ނިކުމެގެން ދުނިޔޭގެ ކަންކޮޅުތައް ފަތަޙަކުރީ މަދީނާއިން ކަމަށްވާތީއެވެ. އަދި އެބައިމީހުން ﷲ ތަޢާލާގެ އިޒުނަފުޅާއެކު ދުނިޔޭގެ އެކި އެކި ރަށްތަކުގައި ތިބި މީސްތަކުން ޖަހާލަތުގެ އަނދިރިކަމުން ނެރެ އީމާންކަމުގެ އަލިކަމުގެ ތެރެޔަށް ވެއްދިއެވެ. އޭގެނަތީޖާއެއްގެ ގޮތުން މީސްތަކުން ﷲ ގެ ދީނަށް ވަންނަމުން ދިޔައެވެ. އެހެންކަމުން މި ދުނިޔޭގެ ހުރިހާބިމަކަށްވެސް އަދި ރަށަކަށްވެސް ލިބުނު ހެޔޮކަމެއް ނިކުމެގެން ގޮސްފައިވަނީ ﷲ ތަޢާލާ ބަރަކާތް ލައްވާފައިވާ މި މަދީނާއިންނެވެ. މިއީ ރަސޫލުﷲ صلى الله عليه و سلم ގެ ރަށްކޮޅެވެ. އެހެންކަމުން ރަށްތައް ކާ ރަށެއްގެ ގޮތުގައި ޙަދީޘްގައި މަދީނާ ސިފަވެގެން އައިސްފައިވާ ވުމަކީ ވަރަށްބޮޑުތެދެކެވެ. އެހެނީ އިސްލާމްދީން ފެތުރިގެންއައި ދުވަސަވަރު ކަމުގައިވާ ﷲ ރުއްސުންލެއްވި ޞަޙާބީންގެ ދުވަސްވަރާއި ﷲ ރުއްސުންލެއްވި ހަތަރު ޚަލީފާއިންގެ ދުވަސްވަރުގައި ރަށްތަކުގެ މައްޗަށް މަދީނާ ހޯދި ނަޞްރުތަކުން މިކަން ފާޅުވެގެންދެއެވެ. އަދި ހަމައެގޮތަށް ޢަނީމާ މުދާތަށް މަދީނާއަށް އައުމާއި އެ ހިފައިގެން މީސްތަކުން މަދީނާއަށް އައުން ތާރީޚުގައިވަނީ ހިނގާފައެވެ. ކިސްރާއާއި ޤައިސަރުގެ ޚަޒާނާތައް ﷲ ގެމަގުގައި ހޭދަކުރެވޭނެ ވާހަކަ ރަސޫލުﷲ صلى الله عليه و سلم ވަނީ ޚަބަރުދެއްވާފައެވެ. އަދި ހަމަ މިގޮތަށް މިކަންތައް ވަނީ ހިނގާފައެވެ. ޢުމަރުލް ފާރޫޤު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގައި މި ޚަޒާނާތައް ޢަނީމާގެ ގޮތުގައި މަދީނާއަށް ގެނެވުނެވެ. އަދި މީސްތަކުންގެ މެދުގައި ބަހާލެވުނެވެ.
(ނުނިމޭ)
އަޟްލު: فضل المدينة و آداب سكناها و زيارتها للعلامة المحدث عبد المحسن بن حمد العباد البدر -حفظه الله-.