[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުފުރުގެ އަޞްލުތައް

الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا محمد وعلى آله وصحبه أجمعين. أما بعد

ކުފުރުގެ 4 އަޞްލެއްވެއެވެ. އެއީ ކިބުރުވެރިކަމާއި، ޙަސަދަވެރިކަމާއި، ރުޅިވެރިކަމާއި، ނަފްސުގެ އެދުންތަކެވެ.

ކިބުރުވެރިކަން، އިންސާނާ ބޯލަނބައި ކިޔަމަންގަތުމުން ދުރުކޮށްލައެވެ. ޙަސަދަވެރިކަން، ނަޞޭޙަތް ޤަބޫލުކުރުމާއި، ނަޞޭޙަތްދިނުމުން އޭނާ ދުރުކޮށްލައެވެ. ރުޅިވެރިކަން، އޭނާ ޢަދުލުވެރިކަމުން ދުރުކޮށްލައެވެ. އަދި ނަފްސުގެ އެދުންތައް، އޭނާ ﷲއަށް އަޅުކަންކުރުމުން ދުރުކޮށްލައެވެ.

އެހެންކަމުން ކިބުރުވެރިކަމުން ސަލާމަތްވެއްޖެނަމަ، ބޯލަނބައި ކިޔަމަންގަތުމަކީ އުނދަގޫކަމަކަށް ނުވެއެވެ. އަދި ޙަސަދަވެރިވުމުން ދުރުވެއްޖެނަމަ، އެހެންމީހުންނަށް ނަޞޭޙަތް ދިނުމާއި އެހެންމީހުންގެ ނަޞޭޙަތް ޤަބޫލުކުރުން ފަސޭހަވެގެންދެއެވެ. ރުޅިވެރިކަމުން އެއްކިބާވެއްޖެނަމަ، ޢަދުލުވެރިވެ ތަވާޟުޢުވެރިވުން އެއީ ޢާދައަކަށް ވެދެއެވެ. އަދި ނަފްސުގެ އެދުންތަކަށް ތަބަޢަނުވާނަމަ، ޢިއްފަތްތެރިވުމާއި، ކެތްތެރިވުމާއި، އަޅުކަންކުރުމަށް މަގުފަހިވެގެންދެއެވެ.

މިޞިފަތަކުން ދުރުވުމަކީ، ބައެއްމީހުންނަށް، ފަރުބަދައެއް އެހެންތަނަކަށް ގެންދިއުމަށްވުރެވެސް އުނދަގޫކަމެކެވެ. ޚާއްޞަކޮށް އޭނާގެ ކިބައިގައި މިޞިފަތަށް ގަދަޔަށް ހަރުލައިފިނަމައެވެ. އެފަދަމީހަކަށް ހެޔޮޢަމަލުކުރުމުގައި ދެމިހުރުމަކީ ފަސޭކަމަކަށް ނުވާނެއެވެ. އަދި ފާފަތަކުން ނަފްސުޠާހިރުކުރުމަކީވެސް އެފަދަ މީހުންނަށް އުނދަގޫކަމަކަށް ވެދެއެވެ.

ހުރިހާ އާފާތްތަކާއި މުޞީބާތްތައް އުފެދިގެން އަންނަނީ މި ހަތަރުކަމުގެ ޛަރީޢާއިންނެވެ. މިކަންތައް، ބާޠިލަކީ ޙައްޤުގެގޮތުގައި އޭނައަށް ދައްކައިދެއެވެ. އަދި ޙައްޤަކީ ބާޠިލުގެގޮތުގައި ދައްކައިދެއެވެ. ހެޔޮކަންތަކަކީ ނުބައިކަންތަކުގެ ގޮތުގައި ދައްކައިދެއެވެ. އަދި ނުބައިކަންތަކަކީ ހެޔޮކަންތަކުގެ ގޮތުގައި ދައްކައިދެއެވެ. އަދީ އޭނާ އުޚްރަވީ ޙަޔާތުގެ ކާމިޔާބާއި ދުރުކޮށް، ދުނިޔޭގެ ކަންތަކުގައި ޣާފިލުކުރުވައެވެ.

އެހެން އުއްމަތްތަކުގެ މީހުން ކާފަރުވީ ސަބަބާމެދު ވިސްނައިފިނަމަ، އެއީވެސް މި ހަތަރު ކަންތައްކަން އެނގިގެންދާނެއެވެ. އަދި މި ކަންތަކުގެ ސަބަބުން އެމީހުންނަށް ޢަޛާބުދެވުނުކަންވެސް އެނގިގެންދާނެއެވެ. އެޢަޛާބުގެ ކުޑަބޮޑުމިން ބިނާވެފައިވަނީ މިހަތަރު ކަމުގެ ކުޑަބޮޑުމިނުގެ މައްޗަށެވެ. އެހެންކަމުން މިހަތަރުކަމަށް ފުރުސަތު ދީފިމީހާ، ނުބައި ޢަމަލުތަކަށް މަގެއް ކޮށައިފިކަން ކަށަވަރެވެ. އަދި މިކަންތަކަށް ފުރުސަތު ނުދިންމީހާ، ނުބައި ޢަމަލުތަކުގެ ދޮރު ބަންދުކޮށްފިކަން ކަށަވަރެވެ. އެހެނީ މިކަންތައް، އިޚްލާޞްތެރިކަމާއި، ބޯލަނބައި ކިޔަމަންގަތުމާއި، ތައުބާވެ ޙައްޤަށް ރުޖޫޢަވުމާއި، ނަޞޭޙަތްޤަބޫލުކުރުމާއި ތަވާޟުޢުވެރިވުމުން އިންސާނާ ދުރުކޮށްލައެވެ.

މިކަންތައް އުފެދިގެން އަންނަނީ، ވެރިރައްބު މަޢުރިފާކޮށް ދެނެގަތުމާއި، އަމިއްލަނަފްސު ރަނަގަޅަށް ދެނެގަތުމަށް ފަރުވާކުޑަކުރުމުގެ ސަބަބުންނެވެ. އެހެނީ ވެރިރައްބުގެ ފުރިހަމަ ޞިފަތަކާއި، ރިވެތިވެގެންވާ ނަންފުޅުތަކުން އެއިލާހު ދެނެގަނެ، އަމިއްލަ ނަފްސުގެ ނިކަމެތިކަމާއި، އޭގެ އުނިކަން ދެނެގެންފިމީހާ، ކިބުރުވެރި ނުވާނެއެވެ. ރުޅި ކޮންޓްރޯލް ކުރާނެއެވެ. އަދި ﷲތަޢާލާ އެހެންމީހަކަށް ދެއްވާފައިވާ ނިޢުމަތަކަށް ޙަސަދަވެރިނުވާނެއެވެ.

____________________________________

އަޞްލު: فوائد الفوائد لابن القيم الجوزية