[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 45 –

އާޙާދު ޙަދީޘް އިންކާރުކުރުމުގެ ބިދުޢަ ފެށުނު ތާރީޚު ދިރާސާ ކުރާ ފަރާތަކަށް އަންނަނިވި ކަންކަން ފާހަގަވާނެއެވެ.

ފުރަތަމައީ: މިކަން ފާޅުވެފައިވަނީ ބިދުޢަވެރިންގެ ފުށުންނާއި އެބައިމީހުންގެ ދީންވެރިކަމާމެދު ތުހުމަތު ކުރެވޭފަދަ މީހުންގެ ފުށުންނެވެ. އެއީ ޖަހުމީންނާއި މުޢުތަޒިލީންނާއި މުތަކައްލިމުންނެވެ. މިފިރުޤާތަކުގެ ބޮޑުންކުރެ ގިނަ މީހުންނަނީ ދީން ޤަބޫލުނުކުރާ ކަމަށް ނުވަތަ އިސްލާމްދީނުގެ ޢަދުއްވުންގެ ކިބައިން ޢަޤީދާ އުނގެނުނުކަމުގެ ތުހުމަތުކުރެވޭ މީހުންނެވެ. ނުވަތަ އެބައިމީހުންގެ ދީންވެރިކަން ކުޑަކަމަށް ތުހުމަތުކުރެވޭ މީހުންނެވެ. އަލްޖާޙިޡް އާ ބެހޭގޮތުން އިމާމު ޛަހަބީ ވިދާޅުވެފައިވާ ފަދައިންނެވެ.

“އޭނާއަކީ ދީންވެރިކަން ކުޑަ ލަދުކުޑަ މީހެކެވެ.” [1]

އަދި އަލްޚަޠީބު އަލްބަޣްދާދީ، އިބްނު އަބިއްޛިޔާލުގެ އަރިހުން ސަނަދުން ރިވާކުރެއްވިއެވެ.

“އަލްޖާޙިޡްއަކީ ނަމާދު ނުކުރާ މީހެކެވެ.” [2]

ދެވަނައީ: މި ބަހުގެ އަޞްލަކީ ހަވާނަފްސަށް ތަބާވެ، (ޝަރުޢީ ދަލީލުތަކަށްވުރެ) ބުއްދި އިސްކޮށް މުޅި ސުންނަތް ޤަބޫލުނުކުރުމެވެ. އެހެނީ އެބައިމީހުން އާޙާދު ޙަދީޘް ޤަބޫލުނުކުރަނީ އެމީހުން ޤަބޫލުކުރާ ގޮތުގައި ރާވީއަކު ދޮގުހަދާފާނެތީއެވެ. ނުވަތަ ރާވީއަކަށް އޮޅިވެސް ދާނެތީއެވެ. ދެން އެއަށްފަހު އެބައިމީހުން މުތަވާތިރު ޙަދީޘްތައް ތައުވީލުކުރަނީ ނުވަތަ އޭގެ މާނައެއް ނޭނގޭކަމުގައި ބުނަނީ ހަމައެކަނި އެބައިމީހުންގެ ބުއްދިން ވިސްނޭ ގޮތާ އެއާ ޚިލާފުވާކަމުގެ ދަޢުވާކުރަމުންނެވެ. ނަމަވެސް ޙަޤީޤަތަކީ ބުއްދިއަކީ އުނިކަން ބޮޑު އަދި ބައެއްފަހަރު ދެކޮޅު ނުޖެހޭ އެއްޗެކެވެ. އަދި އެއް ބުއްދި އަނެއް ބުއްދިއާ ޚިލާފުވެސްވެއެވެ.[3]

ތިންވަނައީ: މިބަހަކީ ފުރަތަމަ ތިން ޖީލާއި އަދި ދެން އެއަށްފަހު އައި ޖީލުގައިވެސް ފާޅުވެ ފެތުރިފައިވާ ބައެއް ނޫނެވެ. ނަމަވެސް އެ ބަސް ފެތުރިފައިވަނީ އޭގެ ފަހުންނެވެ. މިފަދައިން ކަން ހިނގާފައިވަނީ ﷲ ގެ ފަޟްލުވަންތަކަމުންނެވެ. އަދި އެއަށްފަހު ސުންނަތް ރައްކާތެރިކޮށް އުންމަތަށް އެފޯރުކޮށްދެއްވުމަށް ﷲ ތަޢާލާގެ ރިޢާޔަތުގެ ދަށުގައި ތިއްބެވި ސަލަފުންގެ ބޭކަލުންގެ ސަބަބުންނެވެ. އެބޭކަލުންވަނީ ސުންނަތްތައް ދިރުވައި ބިދުޢަތަކުގެ ކުރީކޮޅު އެނެތިކޮށްލުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެބޭކަލުންނަށް ﷲ ހެޔޮ ރަޙްމަތް ލައްވާ ހެޔޮ ޖަޒާ ދެއްވާށިއެވެ.

އަޅުގަނޑަށް އެނގިފައިވާ ގޮތުން މިފަދައިން ބުނަން ފެށިފައިވަނީ ބިދުޢަތައް ފާޅުވެ މުސްލިމުން ބަލިކަށިވާން ފެށުމުންނެވެ. އޭރު މުސްލިމުންގެ ކަންކަމުގެ މައްޗަށް ބިދުޢަވެރިންވަނީ އަތްގަދަކޮށްފައެވެ. އެއީ ހިޖުރައިން ފަސްވަނަ ޤަރުނުން ފެށިގެން އޭގެ ފަހަށެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ގެ ޒަމާނުގައި އުޅުނު މިބަހަށް ތާއީދުކުރި މީހުންނަށް ރައްދުދެއްވަމުން އެކަލޭގެފާނު ވިދާޅުވިއެވެ.

” އެބައިމީހުންގެ ޢުޛުރެއްކަމުގައި ބުނަނީ މިމައްސަލަތަކުގައި އެބައިމީހުން އިބްނު ޙާޖިބުގެ ބަސްފުޅަށް ރުޖޫޢަވާކަމުގައެވެ. ދަރަޖައިގެ ގޮތުން ކުޑަކޮށް އުފުލިއްޖެނަމަ ދެން ރުޖޫޢަވަނީ ސައިފުލް އާމިދީއަށާ އަދި އިބްނުލް ޚަޠީބު ރާޒީއަށެވެ. އަދި އެއަށްވުރެ މަތީ ސަނަދެއްވާނަމަ ދެން ގުޅުވާލަނީ ޣަޒާލީއާއި ޖުވައިނީއާއި ބާޤިއްލާނީއާއެވެ. [4] ނަމަވެސް އާޙާދު ޙަދީޘާއި އެނޫން ޙަދީޘްތައް ތަފާތުކުރުމެއް ނެތި އެ ޤަބޫލުކުރުމަށް ސަލަފުންގެ ބޭކަލުންވަނީ އިޖުމާޢުވެފައެވެ.”[5]

= ނުނިމޭ =

______________________

އެހެނިހެން ބައިތައް

[1]  انظر: سير أعلام النبلاء ۱۱/ ٥۲٧.

[2] انظر: تاريخ بغداد ۱۲ / ۲۱٧.

[3]   انظر مثلاً على ذلك: كلام أبي المعالي الجويني في كتاب: الإرشاد ص: ۱٤٦- ۱٤٨ عند الكلام على صفة اليدين والعينين والوجه.

[4]  ބާޤިއްލާނީ މަރުވެފައިވަނީ ހިޖުރައިން 403 ގައެވެ. އަދި އަލްޣަޒާލީ މަރުވެފައިވަނީ ހިޖުރައިން 505 ގައެވެ.

[5]  އިބްނުލް ޤައްޔިމުވަނީ އެކަލޭގެފާނުގެ ޝައިޚުކަމުގައިވާ އިބްނު ތައިމިއްޔާގެ އަރިހުން މިވާހަކަ ނަޤުލުކުރައްވާފައެވެ. مختصر الصواعق ۲ / ٤۱۲ – ٤۳۳.