[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 84 “ދޮގު ހެދުމާއި ޚަބަރު ފެތުރުމުގައި ތެދުދޮގު ބަލައިނުލުން… “

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވި ކަމުގައި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާކުރައްވައެވެ. ((سَيَكُونُ فِي آخِرِ أُمَّتِي أُنَاسٌ يُحَدِّثُونَكُمْ مَا لَمْ تَسْمَعُوا أَنْتُمْ وَلَا آبَاؤُكُمْ، فَإِيَّاكُمْ وَإِيَّاهُمْ))[1] މާނައީ: ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކާބަފައިންވެސް އަހައިފައިނުވާ ވާހަކަތައް ދައްކާ ބަޔަކު ތިމަންކަލޭގެފާނުގެ އުއްމަތުގެ ފަހުކޮޅުގައި ވާނެއެވެ. ތިޔަބައިމީހުން އެއުރެންނާ މެދު ހޭވެރިވާހުށިކަމެވެ.”

އަދި އެހެން ރިވާޔަތެއްގައި ވަނީ: ((يَكُونُ فِي آخِرِ الزَّمَانِ دَجَّالُونَ كَذَّابُونَ، يَأْتُونَكُمْ مِنَ الْأَحَادِيثِ بِمَا لَمْ تَسْمَعُوا أَنْتُمْ وَلَا آبَاؤُكُمْ، فَإِيَّاكُمْ وَإِيَّاهُمْ، لَا يُضِلُّونَكُمْ، وَلَا يَفْتِنُونَكُمْ))[2] “ފަހުޒަމާނުގައި ދޮގުވެރި ދައްޖާލުންތައް ވާނެތެވެ. ތިޔަބައިމީހުންނާއި އަދި ތިޔަބައިމީހުންގެ ކާބަފައިންވެސް އަހައިފައިނުވާ ވާހަކައާގެން އެއުރެން ތިޔަބައިމީހުންގެ ގާތަށް އަންނާނެއެވެ. ފަހެ ތިޔަބައިމީހުން އެއުރެންނާމެދު ސަމާލުވާހުއްޓެވެ. އެއުރެންނަށް ތިޔަބައިމީހުން އަވާގައި ޖައްސައި މަގުފުރައްދައިލިޔަ  ނުދޭށެވެ.”

އަދި عَامِر بْن عَبْدَة ގެ ކިބައިން މުސްލިމް ރިވާކުރައްވައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ޢަބްދުﷲ (ބްން މަސްޢޫދު) ވިދާޅުވިއެވެ. ((إِنَّ الشَّيْطَانَ لَيَتَمَثَّلُ فِي صُورَةِ الرَّجُلِ، فَيَأْتِي الْقَوْمَ، فَيُحَدِّثُهُمْ بِالْحَدِيثِ مِنَ الْكَذِبِ، فَيَتَفَرَّقُونَ، فَيَقُولُ الرَّجُلُ مِنْهُمْ: سَمِعْتُ رَجُلًا أَعْرِفُ وَجْهَهُ وَلَا أَدْرِي مَا اسْمُهُ يُحَدِّثُ))[3] މާނައީ: “ހަމަކަށަވަރުން ޝައިޠާނާ މީހެއްގެ ސޫރާގައި ޤައުމެއްގެ މީސްތަކުންގެ ގާތަށް އާދެއެވެ. އަދި އެބައިމީހުންނަށް ދޮގުވާހަކަ ކިޔައިދެއެވެ. ދެން ފަހެ އެބައިމީހުން އެތަނުން ދިއުމުން އޭގެތެރެއިން މީހަކު ބުނެއެވެ. ތިމަންނާ އަޑުއެހީ މީހަކު ބުނާއަޑެވެ. އެއީ ތިމަންނާ ދަނެއުޅޭ މޫނެކެވެ. އޭނާއަށް ކިޔައިއުޅޭ ނަމެއް ތިމަންނާ ނުދެނަހުރީމެވެ.”

އަދި عَبْدُ اللهِ بن عَمْرُو بن عَاص رضي الله عنهما ގެ ކިބައިންވެސް ރިވާ ކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ((إِنَّ فِي الْبَحْرِ شَيَاطِينَ مَسْجُونَةً أَوْثَقَهَا سُلَيْمَانُ، يُوشَكُ أَنْ تَخْرُجَ، فَتَقْرَأَ عَلَى النَّاسِ قُرْآنًا))[4] މާނައީ: “ސުލައިމާނުގެފާނު، ހައްޔަރުކުރައްވާ ޖަލަށް ލައްވާފައިވާ ޝައިޠާނުންތަކެއް ކަނޑުގައި ވެއެވެ. އެބައިމީހުން އެތަނުން ނުކުންނާން ކައިރިވެއްޖެއެވެ. ފަހެ (އެތަނުން ނުކުމެ) މީސްތަކުންނަށް ކިޔެވެލިތަކެއް ކިޔަވައިދޭން ފަށައެވެ.”

ނަވަވީ ވިދާޅުވިއެވެ. [އެބަސްފުޅުގެ ތަރުޖަމާއީ:] “އޭގެ މާނައަކީ: ޤުރުއާން ނޫން އެއްޗެއް ކިޔަވައިދީ އެއީ ޤުރުއާން ކަމުގައި ބުނުމެވެ. އެކަމުގެ ސަބަބުން އާންމުންގެ މީހުން ހެއްލުންތެރި ކުރުވުމަށެވެ. ފަހެ ތިޔަބައިމީހުން ހެއްލުންތެރިއެއް ނުކުރެވޭނެއެވެ.”

ދެންފަހެ މިޒަމާނުގައި އިވޭ ބީރައްޓެހި ވާހަކަތަކުގެ ގިނަކަމާއެވެ! ހަމަކަށަވަރުން ބައެއް މީހުންގެ ކިބައިން ގިނައިން ދޮގުހެދުމާއި ތެދުދޮގު ބަލައިނުލައި ވާހަކަ ފެތުރުމުގެ އާދަ ނުކެނޑެއެވެ. މިކަމަކީ މީސްތަކުން މަގުފުރެދި ފިތުނަވެރިވާ ކަމެކެވެ. އެހެންކަމުން އެފަދަމީހުންގެ ވާހަކަތައް ތެދުކުރުމާމެދު ސަމާލުވުމަށް ނަބިއްޔާ صلى الله عليه وسلم އަންގަވާފައި ވެއެވެ. ނަބިއްޔާ صلى الله عليه وسلم އަރިހުން ގެނެވޭ ވާހަކަތައް ޘާބިތުކުރުމުގައި މިނަންގަނެވުނު ޙަދީޘްތަކަކީ ޤަވާއިދެއް ކަމުގައި ޢިލްމުވެރިން ހިއްޕަވާފައި ވެއެވެ. ރިވާކުރާ މީހުން ފުރާނައި އެބައިމީހުންގެ ތެރެއިން ތެދުވެރިންނަކީ ކޮބައިކަން ދެނެގަތުމަށެވެ.

މިޒަމާނުގައި ދޮގުހެދުން ގިނަވެފައި ވުމުގެ ސަބަބުން، ޚަބަރު ތަކުގެ ތެރެއިން ތެދާއި ދޮގު ވަކި ކުރަން އިންސާނާ މިވަނީ ނުކުޅެދިފައެވެ.

=ނުނިމޭ=

___________________________

[1] ((صحيح مسلم))، المقدمة، باب النهي عن الرواية عن الضعفاء، (1 / 78 – مع شرح النووي).

[2] ((المراجع السابق)) (1 / 78 – 79 – نووي).

[3] ((صحيح مسلم))، المقدمة، (1 / 79 – مع شرح النووي).

[4] ((صحيح مسلم))، المقدمة، باب النهي عن الرواية عن الضعفاء، (1 / 79 – 89 – مع شرح النووي).