[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 47 –

ފަސްވަނައީ: މިބަސް ޢިލްމުވެރިންގެ މެދުގައި ފެތުރުމަށްފަހު އެބޭކަލުން މިކަމާ ބެހޭގޮތުން ވިދާޅުވި ބަސްފުޅުތައް ތިން ބަސްފުޅަށް ޚުލާޞާކޮށްލެވެއެވެ.

 

– ފުރަތަމައީ: އޭގެން ދަލާލަތުކުރަނީ ހީ އަކަށް

މިބޭކަލުން ދެބަޔަކަށް ބެހިގެންވެއެވެ.

 1- މުޢުތަޒިލާއިންނާއި އެބައިމީހުންގެ މަންހަޖަށް ތަބާވީ މީހުން: އޭގެން ދަލާލަތުކުރަނީ ހީއަކަށެވެ. އަދި އެއިން ޢިލްމު ލިއްބައިނުދެއެވެ. އަދި އެއަށް ޢަމަލުކުރުން ވާޖިބުވެގެންނުވެއެވެ.

2- އަޝްޢަރީންގެ ތެރެއިން މުތަކައްލިމުން: އެއީ ހީއެކެވެ. ނަމަވެސް ޢަޤީދާގެ މައްސަލަތައް ފިޔަވާ ޙުކުމްތަކާގުޅުން ހުރިކަންކަމުގައި ރާޖިޙު ހީތަކަށް ޢަމަލުކުރުމަކީ ހުއްދަކަމެކެވެ.

މިބައިމީހުންގެ ޙުއްޖަތަކަށްވެފައިވަނީ، އާޙާދު ޙަދީޘްރިވާކުރައްވާ އެންމެ ޢަދުލުވެރިބޭކަލުންވެސް ދޮގު ހެދުން ނުވަތަ އެބޭކަލުންނަށް އޮޅުން އެކަށީގެންވޭތޯ ސުވާލުކޮށްފިނަމަ އެފަދައިން ކަން ހިނގާފާނެކަމަށް ބުނުން ޟަރޫރީވެއެވެ. ފަހެ އޭރުން ބުނަން ޖެހޭނީ އޭނާގެ ތެދުވެރިކަން ޔަޤީންކުރާ ޙާލު ދޮގުހެދުން ނުވަތަ އޮޅިދާނެކަމަށް އިޤުރާރުވުމަކީ އެއްވެސް މާނައެއް އޮތްކަމެއް ނޫނެވެ. [1]

 

– ދެވަނައީ: ޢަދުލުވެރި، ދަސްކުރުމުގައި ރައްކާތެރި ބޭކަލުން ރިވާކުރައްވާ ޙަދީޘުން ޢިލްމު ލިއްބައިދޭ އަދި އެއަށް ޢަމަލުކުރުން ވާޖިބުވެގެންވޭ

އަބޫ މުޙައްމަދު އިބްނު ޙަޒަމް ވިދާޅުވިއެވެ.

” އަބޫ ސުލައިމާން އަލްޚައްޠާބީއާއި އަލްޙުސައިން ބިން އަލްކަރާބީސީއާއި އަލްޙާރިޘް އަލްމުޙާސިބީ އަދި އެހެންބޭކަލުންވެސް ވިދާޅުވިއެވެ. ހަމަކަށަވަރުން ޢަދުލުވެރި ބޭކަލެއް އެފަދަ ބޭކަލެއްގެ އަރިހުން ރިވާކުރައްވާ އާޙާދު ޙަދީޘް، ﷲގެ ރަސޫލާ އާ ހަމައަށް ގުޅޭނަމަ އެއިން ޢިލްމު ލިއްބައިދެއެވެ. އަދި އެއަށް ޢަމަލުކުރުން ވާޖިބުވެއެވެ. މިއީ އަޅުގަނޑުމެންގެވެސް ބަހެވެ. އަދި އިމާމު މާލިކުގެ އަރިހުން އަޙްމަދު ބިން އިސްޙާޤު (މަޝްހޫރު ނަމުންނަމަ އިބްނު ޚުވައްޔިޒު މިންދާދު) ރިވާކުރެއްވިއެވެ.” [2]

ދެން އެއަށްފަހުގައި އާޙާދު ޙަދީޘް ޤަބޫލުކުރުމާބެހޭގޮތުން ޞަޙާބީ ބޭކަލުންނާ އަދި އޭގެ ފަހުން ވަޑައިގަތް ސަލަފުންގެ ބޭކަލުން ގެންނަވާފައިވާ ޙުއްޖަތްތައް ބަޔާންކުރެއްވިއެވެ. [3]

އެކަލޭގެފާނު ޛިކުރުކުރެއްވި ގިނަ ދަލީލުތަކާއި ޙުއްޖަތްތައް – މުހިންމުކަމުގައިވިޔަސް – އޭގެ ގިނަ ދަލީލުތަކާއި ޙުއްޖަތްތައް އިމާމު ޝާފިޢީ – رحمه الله –  “الرسالة” ގައި ބަޔާންކުރައްވާފައިވާވެއެވެ. [4]

 

– ތިންވަނައީ: އާޙާދު ޙަދީޘެއްގެ ތެދުކަމާމެދުވާ ޤަރީނާތަކާއެކު އެ ރިވާކޮށްފައިވާނަމަ އޭގެން ޔަޤީން ޢިލްމު ލިއްބައިދޭ، ނޫންނަމަ އެއީ ހީއެއް

ޤަރީނާތަކާއެކު ރިވާކުރެވިފައިވާ އެފަދަ ޙަދީޘްތަކުގެ މިޘާލަކީ ދެ ޞަޙީޙުގައި އައިސްފައިވާ ޙަދީޘްތަކެވެ. އެތަނުގައި ޤަރީނާއަކީ އެދެފޮތް ލިޔުއްވި ބޭކަލުން މިފަންނުގައި ފުންނާބު އުސްވުމެވެ. އަދި ޞައްޙަ ޙަދީޘާއި އެނޫން ޙަދީޘްތައް ވަކިކުރުމުގައި އެދެބޭކަލުންނަށް އިސްކަން ދެވޭތީއެވެ. އަދި އެދެބޭކަލުންގެ އެދެފޮތް އުންމަތުގެ ޢިލްމުވެރިންވަނީ ބަލައިގެންފައެވެ. މިބަލައިގަތުމަކީ އޭގެ ޛާތުގައި އެއިން ޢިލްމު ލިއްބައިދޭކަމުގެ ވަރުގަދަ ހެއްކެއްކަމުގައި ގިނަ ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. އެއީ ހަމައެކަނި ގިނަ ސަނަދުތަކަކުން ރިވާވެގެން އައުމަށްވުރެވެސް ވަރުގަދަ ހެއްކެކެވެ. އިބްނުލް ޙާޖިބާއި އިމާމުލް ޙަރަމައިންއާއި އާމިދީއާއި ބައިޟާވީއާއި އަބުލް ޢައްބާސް އިބްނު ތައިމިއްޔާ رحمهم الله ވަނީ މިބަސްފުޅު އިޚްތިޔާރުކުރައްވާފައެވެ. އަދި އިމާމު އަޙްމަދުގެ އަރިހުން އައިސްފައިވާ ރިވާޔަތުން ބައެއް ބޭކަލުން ނަންގަވާ މާނައަކީ ޤަރީނާތަކުގެ ޛަރީޢާއިން އޭގެ ތެދުކަން ޘާބިތުވާ ޙަދީޘްތަކަށް ޚާއްޞަކަމަށެވެ. އެނޫން ޙަދީޘްތައް އޭގައި ނުހިމެނޭނެއެވެ. [5]

= ނުނިމޭ =

______________________

އެހެނިހެން ބައިތައް

[1]  مذكرة أصول الفقه لمحمد الأمين الشنقيطي ص: ۱٠۳، وانظر: الإحكام لابن حزم ۱ / ۱۳۳.

[2]  الإحكام لابن حزم ۱ / ۱۳۲.

[3]  انظر تفاصيل ذلك في: كتاب الإحكام لابن حزم ۱ /۱۲۲ – ۱۳۲.

[4]   انظر: الرسالة ص: ٤٠۱ فما بعدها – باب الحجة في تثبيت خبر الواحد وانظر: ما كتب الإمام أبو عبد الله البخاري في صحيحه حيث أفرد كتاباً من كتب الصحيح بعنوان: كتاب أخبار الآحاد. الفتح ۱۳ / ۲۳۱ – ۲٤٤

[5]  مذكرة أصول الفقه للشيخ محمد الأمين الشنقيطي ص: ۱٠۳