[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 48 –

ސަމާލުވާންޖެހޭ ދެނުކުތާއެއް:

 

ފުރަތަމަ ނުކުތާ: ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.

 

“ސުވާލުކުރިމީހާ ސުވާލުކުރިއެވެ. ޙަދީޘެއް ޞައްޙަވެއްޖެނަމަ އެއީ ތެދު ޚަބަރެއްކަމުގައި ބެލެވޭނެ ހެއްޔެވެ. އޭގެ ޖަވާބުގައި ބުނަމެވެ. ޞައްޙަ ޙަދީޘް އެކި ބައިތަކަށް ބެހިގެންވެއެވެ.

 

1- އޭގެ ލަފްޡު މުތަވާތިރުކޮށް ޘާބިތުވެފައިވާ ޙަދީޘް.

އޭގެ މިޘާލަކީ އަންނަނިވި ޙަދީޘެވެ.

((مَنْ كَذَبَ عَلَيَّ مُتَعَمِّدًا فَلْيَتَبَوَّأْ مَقْعَدَهُ مِنِ النَّار))

މާނައީ: “ޤަޞްދުގައި ތިމަންކަލޭގެފާނާ ބެހޭ ގޮތުން ދޮގެއް ހަދައިފިމީހަކު ދަންނައެވެ. ފަހެ، އެމީހެއްގެ ޖާގަ ނަރަކައިން ލިބިގަންނާށެވެ.”

 

2- އޭގެ މާނަ މުތަވާތިރުކޮށް ޘާބިތުވެފައިވާ ޙަދީޘް.

އޭގެ މިޘާލަކީ ޝަފާޢަތާ ގުޅުންހުރި ޙަދީޘްތަކާއި ޤިޔާމަތްދުވަހުން ﷲ ތަޢާލާ ފެންނާނެކަމާ ބެހޭ ޙަދީޘްތަކާއި އެކަލޭގެފާނުގެ އިނގިލިފުޅުތަކުން ފެން ނުކުތްކަމަށް އައިސްފައިވާ ޙަދީޘްތަކާ އަދި އެނޫންވެސް އެހެން ޙަދީޘްތަކެވެ.

ފަހެ މިފަދަ ޙަދީޘްތަކުން ޢިލްމު ލިއްބައިދެއެވެ. އަދި އެއީ ތެދުޚަބަރެއްކަމަށް ކަށަވަރުކުރެވޭނެއެވެ. އެހެނީ އެއީ ލަފްޡީގޮތުން ނުވަތަ މާނައިގެ ގޮތުން މުތަވާތިރު ޙަދީޘްތަކަށްވާތީއެވެ.

 

3- ޞައްޙަ ޙަދީޘްތަކުގެ ތެރޭގައި މުޅި އުންމަތް ބަލައިގަނެ އެއަށް ޢަމަލުކޮށްފައިވާ ޙަދީޘްތައްވެއެވެ.

އޭގެ މިޘާލަކީ ބަނޑުގައި އޮންނަ ދަރިފުޅަށް ހަމަލާދިނުމުން ދިޔައިގެ ގޮތުގައި “ޣުއްރާ” އެއް ދިނުމަށްވާ ޙަދީޘާއި ޝުފްޢާ އާ ބެހޭ ޙަދީޘްތަކާއި ކުށުސަޖިދައާއި ގުޅުންހުރި ޙަދީޘްތައް ހިމެނެއެވެ. ފަހެ މިފަދަ ޙަދީޘްތަކަކީ ޢިލްމުލިއްބައިދޭ ޙަދީޘްތަކެވެ. އަދި އެއީ ތެދުކަން ކަށަވަރުކުރެވޭ ޙަދީޘްތަކެވެ. އެހެނީ އެޙަދީޘްތައް ތެދުކުރުމުގައްޔާއި އޭގައިވާ ގޮތަށް ޢަމަލުކުރުމުގައި އުންމަތް އެވަނީ އެޙަދީޘްތައް ޤަބޫލުކޮށްފައެވެ. ފަހެ މިއުންމަތުގެ މީހުން މަގުފުރެދުމެއްގެ މައްޗަށް އެއްބަސް ނުވާނެއެވެ. އޭގައި ދޮގެއް އެކުލެވިގެންވާނަމަ އުންމަތް އެވަނީ ދޮގުވެރިންގެ ބަސް ތެދުކޮށް އެއަށް ޢަމަލުކުރުމަށް އެއްބަސްވެފައެވެ. ފަހެ މިއީ ވާނޭ ކަމެއް ނޫނެވެ.

 

4- އަދިވެސް ޞައްޙަ ޙަދީޘްގެ ތެރޭގައި ހިމެނޭ ޙަދީޘްތަކުގެ އެއް ބާވަތަކީ އޭގައިވާ އެއްޗެއް ތެދުކޮށް ޢިލްމުވެރިން ޤަބޫލުކުރައްވާފައިވާ ޙަދީޘްތަކެވެ.

އެއީ މިޘާލަކަށް ޞަޙީޙު ބުޚާރީއާއި މުސްލިމުގައިވާ ގިނަ ޙަދީޘްތަކެވެ. މިދެފޮތުގައިވާ ގިނަ ޙަދީޘްތައް ޞައްޙަކަމަށް ގިނަ ހުރިހާ ޢިލްމުވެރިންވެސް ކަށަވަރުކުރެއެވެ. ޙަދީޘް ދެނެގަތުމުގައި އެހެން ފަރާތްތައްވަނީ އެބޭކަލުންނަށް ތަބާވެގެންނެވެ. ޢިލްމުވެރިން ކަމަކަށް އިޖްމާޢުވަޑައިގެންފިނަމަ އެބޭކަލުންގެ އެއިޖުމާޢުގައި މުޅިއުންމަތްވަނީ އެބޭކަލުންނަށް ތަބާވެގެންނެވެ. އެބޭކަލުން ކުށެއްގެ މައްޗަށް އިޖުމާޢުވެވަޑައިނުގަންނަވާނެއެވެ.

 

5- އޭގެ ތެރޭގައި ހިމެނޭ އަނެއް ބާވަތަކީ އޭގެ ޞައްޙަކަމަށް ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވާ ޙަދީޘްތަކެވެ.

އެއީ ޚުކުމްތަކުގައި ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަތުންފަދަ ކަމެކެވެ. އެއީ ތެދެއްކަމުގައި މެނުވީ ނުވާނެއެވެ. ޞައްޙަ ޙަދީޘްތަކުގެ ގިނަ މަތަނުތައްވަނީ މިފަދަ ގޮތަކަށެވެ. މިޙަދީޘްތަކުގެ ގިނަ މަތަނުތައްވަނީ ނަބިއްޔާ ގެ އަރިހުން އެކިމަގުތަކުން ޘާބިތުވެފައެވެ. އެކިބޭކަލުންވަނީ އެކި މަގުމަގުން އެއް ޙަދީޘް ރިވާކުރައްވާފައެވެ. ފަހެ މިފަދަ ޙަދީޘުންވެސް ޢިލްމު ލިއްބައިދެއެވެ.

 

 6- ބައެއް ޢިލްމުވެރިން ޞައްޙަކުރައްވާފައިވާ ޙަދީޘްތަކަށްވެސް ޞައްޙަ ޙަދީޘްތައްކަމުގައި ކިޔާ އުޅެއެވެ.

މިފަދަ ޙަދީޘްތަކުގައި ބައެއް އެހެން ޢިލްމުވެރިން އެބޭކަލުންނާ ޚިލާވެވަޑަގަތުން އެކަށީގެންވެއެވެ. އެގޮތުން އެއީ ބަލިކަށި ޙަދީޘްތަކެއްކަމުގައި އެބޭކަލުން ވިދާޅުވެދާނެއެވެ. އެގޮތުން އިމާމު މުސްލިމު އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރެއްވި ބައެއް ޙަދީޘްތަކާމެދު ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތެވެ. އެޙަދީޘްތަކުގެ ޞައްޙަކަމާމެދު ބައެއް އެހެނިހެން ޢިލްމުވެރިން ޚިލާފުވެއެވެ. އެއީ އެކަލޭގެފާނާ އެއްހަމައިގެ ޢިލްމުވެރިންނެވެ. ނުވަތަ އެކަލޭގެފާނަށްވުރެ ދަށުފަންތީގެ ނުވަތަ މަތީ ފަންތީގެ ބޭކަލުންނެވެ. އެފަދަ ޙަދީޘްތަކުގެ ޞައްޙަކަމާމެދު ކަށަވަރުކުރެވޭނީ ދަލީލެއް ލިބިގެންނެވެ.”

 

ޚުލާޞާގޮތަކަށް ޝައިޚުގެ ބަސްފުޅު ނިމުނީއެވެ. [1]

____________________

= ނުނިމޭ =

އެހެނިހެން ބައިތައް

[1]  مجموع الفتاوى ١٨/ ١٦ – ٢٢، وانظر: مختصر الصواعق لابن القيم ٢ / ٣٧٢ فما بعدها.