[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެއްދާންކުރުމަށް އަނބިމީހާ އެދުމުން އެކަމަށް އިންކާރުކުރާ ފިރިމީހާ

ﷲގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން އަބޫ ހުރައިރާ رضي الله عنه ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((إِذَا دَعَا الرَّجُلُ امْرَأَتَهُ إِلَى فِرَاشِهِ فَأَبَتْ فَبَاتَ غَضْبَانَ عَلَيْهَا لَعَنَتْهَا المَلاَئِكَةُ حَتَّى تُصْبِحَ)) [روى البخاري ومسلم]

މާނައީ: “އެއްދާންކުރުމަށް ފިރިމީހާ ގޮވާލުމުން، އަނބިމީހާ އެކަމަށް އިންކާރުކުރުމުގެ ސަބަބުން އެކަމާ ރުޅިއިސްކޮށް ފިރިމީހާ ނިދައިފިނަމަ ދަންނައެވެ. ފަތިސްވަންދެން މަލާއިކަތްބޭކަލުން އެއަންހެނާއަށް ލަޢުނަތްލައްވައެވެ.”

މިޙަދީޘްބަސްފުޅުގައި މިވަނީ ފިރިމީހާއާ އެއްދާންކުރުމަށް އަނބިމީހާ އިންކާރުކުރުމާ ގުޅުންހުރި ވަރުގަދަ ވަޢީދު ބަސްފުޅެކެވެ. އެހެނީ ޙައްޤުތައް އަދާކުރުމުގައި މަނާވެގަތުމަކީ ﷲ ގެ ކޯފާ ޙައްޤުވެގެންދާކަމެކެވެ. ނަމަވެސް ޢުޛުރެއް އޮވެގެން އެކަމާ ދެކޮޅު ހަދާ އަންހެނާ މިކަމުން އިސްތިޘްނާ ކުރެވެއެވެ. އެއީ މިޘާލަކަށް ޙައިޟުވެރިވެފައިވާ އަންހެނުންނާއި ބަލިވުމުގެ ސަބަބަން އެއްދާންކުރުމަށް އުނދަގޫވާ އަންހެނުންނެވެ. އަދި އެނޫންވެސް އެފަދަ ޢުޛުރުތަކެވެ. ފަހެ، ޢުޛުރެއް އޮތް އަންހެނަކު އެޙަދީޘްގައި އެވާ ވަޢީދުގައި ނުހިމެނޭނެއެވެ…

އަނބިމީހާ އެއްދާންކުރުމަށް އެދުމުން ފިރިމީހާ އެކަމާ މަނާވެގަތުމާމެދު ދަންނައެވެ. ބުރަވެވެނީ އެއީ އެކަންކުރުމަށް ކުޅަދާނަވެގެންވާ މީހަކަށް ހުއްދަކަމެއް ނޫންކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް އަނބިމީހާއަށް އެކަމަށް ނުހަނު ބޭނުންވެފައިވަނިކޮށެވެ. އެހެނީ އެއީ އަނބިމީހާއަށް ހެޔޮކޮށް ހިތުމަށް ﷲ ތަޢާލާ ކުރައްވާފައިވާ އަމުރުފުޅާ ޚިލާފުކަމެކެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

(وَعَاشِرُوهُنَّ بِالْمَعْرُوفِ) [النساء 19]

މާނައީ: ” އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ!”

އަދިވެސް ވަޙީކުރެއްވިއެވެ.

(وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ) [البقرة 228]    

މާނައީ: ” އަދި ޝަރުޢީ ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް ޙައްޤުވެގެން ވެއެވެ.”

މީގެން ދަލީލު ލިބެނީ އަނބިމީހާގެ މައްޗަށް އޮތް ޙައްޤުތަކާ އެއްވަރަށް އޭނާއަށްޓަކައިވެސް ޙައްޤުތަކެއްވާކަމެވެ. ނަމަވެސް މީގެން އިސްތިޘްނާކުރެވޭނީ ދެމަފިރިންކުރެ އެކަކަށް ޚާއްޞަ ދަލީލަކުން ޘާބިތުވާ ކަންކަމެވެ.

އަނބިމީހާ އެކަމަށް ބޭނުންވެފައިވާއިރު އޭނާ ޢިއްފަތްތެރިކޮށްދިނުމަށް ފިރިމީހާ މަސައްކަތް ނުކުރުމަކީ އެއަންހެނާ ފިތުނައިގެ ތެރެއަށް ހުށަހެޅިގެންދާނެ ސަބަބެކެވެ. އޭގެ ސަބަބުން އެއަންހެނާ ހިލޭ މީހުންކައިރިން އެކަމަށް އެދޭނެއެވެ. ވަކިން ޚާއްޞަކޮށް ފަސާދަވުމުގެ ސަބަބުތަކާއި އެކަމަށް މަގުފަހިކޮށްދޭ ކަންތައްތައް ފެތުރިފައިވާތީއެވެ.  (والله خير حافظاً وهو أرحم الراحمين)

އަބޫ ހުރައިރާގެ އަރިހުން އައިސްފައިވާ (އިސްވެ ބަޔާންކުރެވުނު) ޙަދީޘްގައިވާ ވަޢީދުގެ ބަސްފުޅާމެދު ދަންނައެވެ. އެބަސްފުޅުގައި ފިރިހެނުން ހިމެނޭނެކަމަށް ނުބެލެވެއެވެ. އެހެނީ އެޙަދީޘް އައިސްފައިވަނީ އަނބިމީހާ މަނާވެގަތުމާ ބެހޭގޮތުންކަމުގައިވާތީއެވެ. އަދި މިފަދަ މައްސަލަތަކުގައި ޤިޔާސްއެއް ނުކުރެވޭނެއެވެ. والله أعلم.

____________________________________

މަޞްދަރު