[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޔަޤީނުންވެސް ނައިސް ނުދާނޭ ދުވަހެއް!

އެދުވަހަކީ ތިބާ ދުނިޔޭގައި ދިރިހުރެއްޖެނަމަ ގައިމުވެސް ނައިސް ނުދާނޭ ދުވަހެކެވެ. އަދި ކިއެއްހެއްޔެވެ! އެދުވަހަކީ ހަމަޔަޤީނުން ތިބާއާއިވެސް ބައްދަލުކުރާނޭ ދުވަހެކެވެ.

ތިބާ ދުނިޔޭގައި ދިރިހުރެއްޖެނަމަ، ތިބާ އެންމެ ލޯބިވާ މީސް މީހުން މިދުނިޔެއާއި އަލްވަދާޢު ކިޔާ ދާތަން ތިބާއަށް ފެންނާނެއެވެ. އެއީ ތިބާ އެމީހެއްގެ ކައިރީގައި ހުރިނަމަވެސް ނުވަތަ ދުރުގައި ވީނަމަވެސް އެވެ. ތިބާ އެމީހުންގެ ކައިރީގައިވާނަމަ އެއީ، އެމީހުނަށް ތިބާ މިދުނިޔެމަތީގައި ފެންނާނޭ އެންމެ ފަހު ހިނދުކޮޅެވެ. އެއީ ތިބާގެ މަންމަ ނުވަތަ ބައްޕަކުރެ މީހަކު ނަމަވެސް، ނޫންނަނަމަ ތިބާގެ މާމައާއި ކާފަ ކުރެ މީހަކު ނަމަވެސް، ނުވަތަ ތިބާގެ އަނބިމީހާއާ ނުވަތަ ފިރިމީހާއާއި ދަރީންކުރެ މީހެއް ނަމަވެސް، ނުވަތަ އެއްބަނޑު އެއްބަފާ މީހުންކުރެ މީހެއް ނަމަވެސް، ނުވަތަ ގާތްތިމާގެ އަދި ރަޙްމަތްތެރީންކުރެ މީހެއްނަމަވެސް އެވެ.

އެމީހަކަށް މިދުނިޔެމަތީގައި އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމަށްފަހު، ބިމުގައި ކޮނެވޭ ކުޑަކުޑަ ވަޅަކަށްލައި ފަސްއަޅައިލުމާއިއެކު، ދެން ދުވަހަކުވެސް މިދުނިޔެމަތީގައި އެމީހެއްގެ ހަށިގަނޑު އަޅުގަނޑުމެން ކުރެ ހަމައެކެއްގެ ލޮލަކަށްވެސް ނުފެންނާނެއެވެ. އެހިސާބުން ދެން ހިތަށްއާވާނީ އޭނާ ދުނިޔޭގައި ކޮށްއުޅުނު ކަންތައްތަކާއި ބުނެއުޅުނު ބަސްތަކެވެ. އެފަދަ އެތައް ބަސްތަކެއް ހަމަ ދެންމެ އިވުނު ބަސްތަކެއް ގޮތަށް ކަންފަތުގައި ގުގުމާލާފައި ނުވަތަ އިވިއިވި ހުންނަހެން ހީވާނެއެވެ. ކޮށްއުޅުނު އެތައްކަމެއް ލޯމަތީގައި ސިފަވަމުންދާނެއެވެ. އަދިކިއެއްހެއްޔެވެ. އެމީހަކު ދޫކޮށްފައި ދިޔަ ތަކެތި، ފޭރާން އަންނައުނު، އެނދު ތަންމަތި، ހިފާގެންގުޅޭ ސާމާނުންކުރެ ފެންނަންހުރި ކޮންމެ އެއްޗަކީ އެމީހެއްގެ ހަނދާންތައް އާކޮށްދޭނެ ތަކެއްޗެވެ.

މިއަދު ތިބާ އިންތިހާއަށް ހިތާމަކުރާނެއެވެ. އެތައް ކަމެއްގައި ފަރުވާކުޑަކުރެވުމުގެ ސަބަބުންނެވެ. މައިން ބަފައިންނަށް އިޙްސާންތެރިވެ ހެޔޮކޮށް ނުހިތުނު ކަމަށްޓަކައެވެ. އެމީހުނާއި ގާތްގުޅުމެއް ނުބާއްވާ، ވާހަކަ ދައްކައި ނޫޅެވުނު ކަމަށްޓަކައެވެ. އެމީހުންގެ ބަސްއަހައި ކިޔަމަންތެރި ނުވެވުނުކަމަށްޓަކައެވެ.

ފަރުޟު ފަސްނަމާދު ނާޅައި، ފުރިހަމައަށް އެނަމާދުތައް ކުރުމަށް އެމީހުން ކިހާ ނަޞޭހަތެއް ދިންހެއްޔެވެ! ދަރިފުޅާއޭ ކަންނެތްކަމާއި އެކީ ނިދަންނޯވެ މިސްކިތަށް ނަމާދަށް ދާށޭ ބުނީ ކިތައްފަހަރަށް ހެއްޔެވެ! ދަރިފުޅާއޭ ޙަރާމް ފާޙިޝް ޢަމަލުތައް ކުރާ ގޯސްކުދިންނާއި މީހުނާއި އެކު ނޫޅޭށޭ، ސިނގެރޭޓާއި ބަނގުރަލާ މަސްތުވާތަކެތީގެ އަވައިގާ ނުޖެހޭށޭ އެފަދަ އެކުވެރިންނާއި އެކު ނޫޅޭށޭ ބުނީ ކިހާވަރަކަށް ހެއްޔެވެ! ދަރިފުޅާއޭ ތިޔައަޅާ ވިޔާނުދާ ފާޑުފާޑުގެ ހެދުންތައް އަޅައިގެން ނޫޅޭށޭ އަދި ބޮލާއި އަތްފައި ގޮތްގޮތަށް ހަދައި ފާޑުފާޑުގެ އެއްޗެހި އަޅައިގެން ނޫޅޭށޭ ބުނެ ނަޞޭޙަތްދީ ހެދީ ކިހާވަރަކަށް ހެއްޔެވެ!

ކޮންމެއަކަސް މައިންބަފައިން ނުވަތަ ގާތްތިމާގެ މީހުންކުރެ ހެޔޮވިސްނޭ މީހުން ދޭ އެތައް ނަޞޭޙަތަކަށް ބީރުކަންފަތެއް ދީއުޅެފައި، މިފަދަ ދުވަހެއް އައިސް ޖެހުމުން އެކަމާ އިންތިހާއަށް ދެރަވާނެއެވެ. އެއީ އެމީހުންގެ ކުރިމަތީގައި، އާނ ތިޔަބަސް ޤަބޫލުކޮށްފީމޭ އަދި ތިޔާއި އެއްގޮތަށް ޢަމަލު ކުރާނަމޭ ދެން ބުނާކަށް އިތުރަށް ކިތަންމެ ކުޑަނަމަވެސް ފުރުޞަތެއް ނުލިބޭނެތީއެވެ. އަދި އެކަން އިޞްލާޙުކުރި ނަމަވެސް އެކަން އެމީހުންނަށް ދެން ނޭނގެނެތީއެވެ. އެމީހުން މަރުވެ އެދިޔައީ އެކަންކަމުގެ ހިތާމަތައް ހިތުތެރޭގައި ބަހައްޓައިގެންވާ ޙާލުއެވެ. ފަހެ ތިބާ އެކަމަށް ނުވިސްނާނަން ހެއްޔެވެ؟ އަދި އެކަމާ މިއަދު ދެރަ ނުވާނަން ހެއްޔެވެ؟ (މިއީ ތިބާ ރަނގަޅު މަގު ޚިޔާރު ނުކޮށް އެކަންކަމަށް ފަރުވާ ބަހައްޓާ ނޫޅުނު ނަމަވެއެވެ. އެހެންނަމަވެސް ތިބާ ހެޔޮމަގުގައި ހުރެ އެމީހުންނަށް ހެޔޮކޮށްހިތައި ހެދިނަމަ މިއަދު ތިބާ ކިތަންމެ ދެރަވިނަމަވެސް ހިތަށް ހަމަޖެހުން ލިބިފައިވާނެއެވެ.)

ތިބާ އެމީހަކާއި އަލްވަދާޢު ކިއީ އަބަދުގެ އަބަދަށްހެއްޔެވެ؟ ދެން ދުވަހަކުވެސް އެމީހަކާއި ބައްދަލު ކުރަން ނޭދޭނެ ހެއްޔެވެ؟ ނޫނެކެވެ. ވަކިވުމެއް ނުވާ އަބަދުގެ އަބަދަށް އެކުގައިވާނޭ ބައްދަލުވުމަކުން އެމީހަކާ ބައްދަލުވާން ތިބާ އިންތިހާއަށް ބޭނުންވާނެއެވެ. އެހެންވީއިރު އަވަހަށް ތައުބާވާށެވެ. ޢަމަލުތައް އިޞްލާޙު ކުރާށެވެ. ތިބާ އެބަޔަކާއި އެކީ އަބަދުވުމަށް އެދޭ ކޮންމެ މީހަކަށް، ސުވަރުގެ ހޯދުމަށް މަސައްކަތްކުރުމަށް ނަޞޭޙަތްތެރިވާށެވެ. އާދެ ވަކިވުމެއް ނުވާ، އަބަދުގެ އަބަދަށް އެކުގައިވާނޭ ސުވަރުގެއަށް އެންމެން ދިއުމަށްއެދި މަސައްކަތް ކުރާށެވެ.

ތިބާއަށް އަދިވެސް އެކަންކަން ނުކުރެވި ވީނަމަވެސް އުންމީދު ކަނޑާނުލާށެވެ. ފާއިތުވެ ދިޔަތަން ދިޔައީއެވެ. އެކަންކަމަށް ތައުބާވެ އިޞްލާޙުވާށެވެ. އަދި ތިބާއާއި އަލްވަދާޢު ކިޔައި އެދިޔަ މަންމަ ނުވަތަ ބައްޕަ ނުވަތަ އެނޫން މީހަކު ނަމަވެސް އެމީހަކަށް ހެޔޮ ރަޙްމަތްލެއްވުމަށާއި ފާފަ ފުއްސަވާ ދެއްވުމަށާއި ކައްވަޅު ތަނަވަސްކޮށްދެއްވާ ޙިސާބު ލުއިކޮށްދެއްވާ ސުވަރުގެ ވެއްދެވުމަށް އެދި ދުޢާކޮށްދޭށެވެ. އަދި އެސުވަރުގޭގައި ބައްދަލުކޮށްދެއްވުމަށް އެދި ގިނަގިނައިން ދުޢާކޮށް ހަދާށެވެ.

އިންސާނާ މަރުވެދިޔުމުން އޭނާއަށް ހެޔޮޢަމަލު ލިބެން އޮތް ހުރިހާ މަގުތަކެއް ބަންދުވީއެވެ. ތިންކަމަކުން މެނުވީއެވެ. އޭނާ ދުނިޔެމަތީގައި ދޫކޮށްފައި ދިޔަ ފައިދާ ކުރަނިވި ޢިލްމަކުން ނުވަތަ ދޫކޮށްފައި ދިޔަ ދިގު ދެމިގެންވާ ޞަދަޤާތަކުން ނުވަތަ އޭނާގެ ހުރި ޞާލިޙް ދަރިޔަކު އޭނާއަށް ކުރާ ދުޢާއެއް ފިޔަވައެވެ. އެހެންވީމާ އަދިވެސް  ތިބާއަށް އެމީހުނަށް ހެޔޮކަމެއް ކޮށްދޭން އޮތް ފުރުޞަތު ގެއްލިގެން ނުދެއެވެ. އެހެންނަމަވެސް ރައްކާތެރިވެ ސަމާލުވާށެވެ. އެމީހުންނަށް ހެޔޮކަންފޯރުކޮށްދިނުމުގެ ގޮތުން ދީނުގައި ކުރަން ޘާބިތުވެފައި ނުވާ ބިދުޢަތަކާއި ޚުރާފީ ކަންކަމުން ދުރުހެލިވާށެވެ. އެކަންކަމުން ފައިދާއެއް ނުކުރާތާނގައި އެކަންކަން ކުރާ އަދި ކުރުވާ ބައެއް ފާފަވެރިވުން ނޫން ކަމެއް ނުވާނެއެވެ.

ކޮންމެއަކަސް މިކުރިމަތިވި ޙާދިޘާއިން ޢިބްރަތްލިބިގަނެ ތިމާއާއިވެސް އެމަރުއައިސް ހަމަ ކޮންމެހިނދެއްގައިވެސް ބައްދަލުކޮށްފާނެކަން ވިސްނައި، އެކަމަށް ތައްޔާރުވާށެވެ. ތިމާ ދުނިޔެމަތީގައި އެންމެ ލޯބިވީ މީސްމީހުންނާއި ކަންކަމާއި ހުރިހާ ތަކެއްޗެއް ދޫކޮށް އެކަނި މާއެކަނި، ކައްވަޅުގެ އެކަނިވެރި ގޯއްޗަށް ދާންޖެހޭނެކަމާއި، އެތަނުގައި އެންމެ ފުރަތަމަ ރޭ ހޭދަކުރަންޖެހޭނީ ކިހިނެއްކަމާމެދު ވިސްނާފިކުރު ކުރާށެވެ.

އިންސާނުންނަކީ ދެރަވެ ހިތާމަ ކުރުމުގެ އިޙްސާސް އެބައެއްގެ ކިބައިގާ ލައްވާފައިވާ ބައެކެވެ. ކިތަންމެ ކެތްތެރިވިނަމަވެސް ތިމާ ލޯބިވާ ގާތް މީހަކު މަރުވުމުން އިންތިހާއަށް ދެރަވެ ހިތާމަކުރެވޭނެއެވެ. ތިމާގެ ޙަޔާތަށް ފަޅުކަމެއް ލިބުނުކަމަށް އިޙްސާސްކުރެވޭނެއެވެ. އެއީ ފިޠުރީ އަދި ޠަބީޢީ ކަމެކެވެ. އެހެންނަމަވެސް ދަންނަން ޖެހޭ ޙަޤީޤަތަކީ ކޮންމެ މީހަކާއިވެސް މަރު ބައްދަލުކުރާނެކަމެވެ. އެއީ ތިމާ ކިތަންމެ ލޯބިވާ މީހެއްކަމުގައި ވީނަމަވެސްއެވެ. އެއީ އަޅުގަނޑުމެންނާއި މުޅި މިކާއިނާތުގެ ވެރި ރައްބުގެ އިލާހީ ޤާނޫނެވެ. އެޙަޤީޤަތަށް އެއްވެސް މީހަކަށް އިންކާރެއް ނުކުރެވޭނެއެވެ. އެޙަޤީޤަތް މަތިން ހަނދުމަކުރުމުން ލިބިފައިވާ ހިތާމަތަކަށް ލުއިކަން ގެނެސްދޭނެއެވެ. އެހެންކަމުން ދެން މަސައްކަތް ކުރަންވީ، ވަކިވުމެއްނުވާ އަބަދުގެއަބަދަށް އެކުގައިވާނޭ ސުވަރުގޭގައި އެންމެންވުމަށް އެދި ގަދައަޅާ މަސައްކަތް ކުރުމަށެވެ.

ޔާ ﷲ! އަޅަމެންނާއި އަޅަމެންގެ ތެރެއިން މަރުވެ ގޮސްފައިވާ އެންމެހައި މުސްލިމުތަކުންގެ ފާފަފުއްސަވައި ހެޔޮ ރަޙްމަތް ލައްވަވާ، ކައްވަޅު ތަނަވަސްކޮށްދެއްވަވާ، ޙިސާބު ލުއިކޮށްދެއްވަވާ ސުވަރުގޭގެ ދާޢިމީ ނިޢުމަތް ލިބޭ ބައެއްކަމުގައި ލައްވަވާންދޭވެ. آمين يا رب العالمين.