[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 49 –

ދެވަނަ ނުކުތާ: ޝައިޚު މުޙައްމަދު އަމީން ޝަންޤީޠީ رحمه الله ވިދާޅުވިއެވެ.

 

“ދަންނާށެވެ. މިމައްސަލަ ދިރާސާކުރުމުން އެނގޭ ގޮތުގައި ތަބާވާންޖެހޭ ރަނގަޅު ރައުޔަކީ ދީނުގެ ފަރުޢީ މައްސަލަތަކުގައި އާޙާދު ޙަދީޘް ޤަބޫލުކުރާފަދައިން ދީނުގެ އުޞޫލީ މައްސަލަތަކުގައިވެސް އެ ޤަބޫލުކުރަންޖެހޭކަމެވެ. ފަހެ، ﷲ ގެ ޞިފަފުޅުތަކާމެދު ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޞައްޙަ ސަނަދުތަކުން ޘާބިތުވެފައިވާ ޙަދީޘްތައް ޤަބޫލުކޮށް ﷲ ގެ ފުރިހަމަކަމާ އެކަށީގެންވާ ގޮތުގައި އެކަންކަން އިޢުތިޤާދުކުރަން ޖެހެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿لَيْسَ كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ﴾ [سورة الشورى١١]

މާނައީ: “އެއިލާހާ އެއްފަދަ އެއްވެސް އެއްޗެއް ނުވެތެވެ. އަދި އެއިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.”

މީގެން އެނގިގެންދަނީ ކަލާމުގެ އަހުލުވެރިންނާއި އެބައިމީހުންނަށް ތަބާވާ މީހުން އެއްބަސްވެފައިވާ ގޮތަކީ ބާޠިލުގޮތެއްކަމެވެ. އަދި އެއަށް ރުޖޫޢަ ނުވެވޭނެކަމެވެ. (އެބައިމީހުން އެއްބަސްވެފައިވަނީ) ޢަޤީދާގެ މައްސަލަތަކުގައްޔާއި ﷲ ގެ ޞިފަފުޅުތައް ޘާބިތުކުރުމުގައި އާޙާދު ޙަދީޘް ޤަބޫލުނުކުރުމަށެވެ. އެބައިމީހުން ދެކެނީ އޭގެން ޔަޤީންކަން ލިއްބައި ނުދޭކަމުގައެވެ. އަދި ޢަޤީދާގެ މައްސަލަތައް ޘާބިތުކުރުމުގައި ޔަޤީން މަގަކުން ޘާބިތުވާންޖެހޭނެކަމުގައެވެ. ނަމަވެސް މީގެން ލާޒިމުވަނީ ހަމައެކަނި ބުއްދިން ވިސްނުމަށްފަހު ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޘާބިތު ޞައްޙަ އެތައް ޙަދީޘްއެއް ރައްދުކުރުމެވެ. މިބަހުގެ ދޮގުކަން ޘާބިތުކުރުމަށްޓަކައި މިކަން ފުދެއެވެ.

ﷲ ގެ ޞިފަފުޅުތަކުގެ މަތިވެރިކަމުގެ ކުރިމަތީގައި އިންސާނާގެ ބުއްދި ކުޑަވެގެންދެއެވެ. މުތަކައްލިމުންގެ އާދައަކަށްވެފައިވަނީ އެމީހުން ދަޢުވާ އެކުރާ ބުއްދީގެ ދަލީލު (މަންޠިޤީ ގޮތުން ބަލާނަމަ ޤިޔާސް) އެއީ ވަޙީގެ މައްޗަށް އިސްކުރެވޭ އެއްޗަކަށް ހެދުމެވެ. އެބައިމީހުން އެ ހަދާފައިވަނީ އެބައިމީހުން އުފައްދާފައިވާ އިޞްޠިލާޙުތަކެއް އެއްކޮށްގެންނެވެ. ނަމަވެސް މިއީ އެންމެ ބޮޑުވެގެންވާ ބާޠިލެވެ. އެހެނީ އެބައިމީހުން އެކިޔާ ބުއްދީގެ ދަލީލާއި އަދި އޭގެ ނަތީގެ ސަބަބުން އެއްވެސް ޝައްކެތް ނުވާ މިންވަރު ޙާޞިލުވާނެކަމަށް ކުރާ ދަޢުވާއަކީ ޖަހާލަތުގެ އަނދިރިކަމާއި އޮޅުވާލުންތަކެވެ.

މިކަމުގެ އެންމެ ފާޅު އަދި ޞަރީޙަ އެއް ދަލީލަކީ: މިފަދަ ބައެއް ޖަމާޢަތްތަކުން ބުނާގޮތުން ބުއްދީގެ ހަމަތަކުން މިވެނި ޞިފަތަކެއް ވާނޭކަމަށް ބުނުން މަނާކުރާއިރު އެވެނި ޞިފަތަކެއް ވާނޭކަން ލާޒިމުކުރެއެވެ. އެގޮތުން އެއަށް ބިނާކޮށް ވަޙީގެ ނައްޞުތައް މިބައިމީހުން ދޮގުކުރެއެވެ. އެއާ ވިދިގެން އެބައިމީހުންނާ ދެބަސްވާ މީހުން ބުނެއެވެ. ބުއްދީގެ ހަމަތަކުން ދޮގުކުރާކަމަށް ތިޔަ ބައިމީހުން ތިޔަ ބުނީ ދޮގެކެވެ. އަދި ކިއެއް ހެއްޔެވެ. އެއީ ބުއްދީގެ ހަމަތަކުން ވާޖިބު ޞިފައެކެވެ. އަދި ބުއްދީގެ ހަމަތަކުން ވާޖިބުވާކަމަށް ނުވަތަ ހުއްދަވާކަމަށް ބުނި ބުނުމުގައި ތިޔަބައިމީހުން ތިޔަބުނީ ދޮގެކެވެ. އަދި ކިއެއް ހެއްޔެވެ. އެއީ ބުއްދީގެ ހަމަތަކުން މަނާކަމެކެވެ.

މިއީ ވަރަށް ގިނަ މައްސަލަތަކުގައި މިކަން ހިނގަމުންދާ ގޮތެވެ. މިޘާލަކަށް އަޅުތަކުން ކުރާ ޢަމަލުތަކާމެދުވެސް މިފަދަ ޚިލާފެއް އޮވެއެވެ. އަދި ހަމަލޮލަށް ﷲ ތަޢާލާ ފެނުމާ މެދުވެސްއެވެ… ފަހެ މުސްލިމު އަޅާގެ މައްޗަށް ވާޖިބުވެގެންވަނީ ޞައްޙަ ސަނަދުން ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަންނަ ހުރިހާ ކަމެއް ޤަބޫލުކުރުމެވެ. އަދި އޭނާ ދަންނަން ޖެހޭކަމަކީ ނަބިއްޔާ ގެ އަރިހުން އައިސްފައިވާ ހިދާޔަތުން އޭނާއަށް ސަލާމަތްކަމުގެ އައްސޭރިއަށް ނުދެވިއްޖެނަމަ އޭނާގެ ފުރެދިފައިވާ ބުއްދީން ޖާހިލުކަމާއި ޙައިރާންކަމުގެ އަނދިރިކަމުން އޭނާއަށް ސަލާމަތް ނުވެވޭނެކަމެވެ. ކޮންމެއަކަސް ފަހެ ޞައްޙަ އާޙާދު ޙަދީޘުން ﷲ ގެ ޞިފަފުޅުތައް ޘާބިތުކޮށް އެގޮތަށް އިޢުތިޤާދުކުރުމަކީ ﷲ ގެ އަމުރުފުޅުތަކާއި ނަހީތަކަށް ޢަމަލުކުރުންފަދަކަމެކެވެ. އެހެނީ އަމުރުފުޅުތަކާއި ނަހީތައްވެސް ޘާބިތުވެފައިވަނީ އެފަދައިންނެވެ. އެގޮތުން ޞިފަފުޅުތައްވެސް ޘާބިތުވެއެވެ. އަދި އެއީ އެއްގޮތުން ބަލާއިރު ޤަޠުޢީ ދަލީލެއްކަމުގައި އަޅުގަނޑުމެންވާނީ ބަޔާންކޮށްފައެވެ.” [1]  

 

= ނުނިމޭ =

 

އެހެނިހެން ބައިތައް

____________________________

[1]  مذكرة أصول الفقه للشيخ محمد الأمين الشنقيطي ص: ١٠٤ – ١٠٥

“މިތަނުގައި ދެގޮތުގެ މުރާދަކީ: އެއީ އެއްގޮތުން ބަލާއިރު ޤަޠުޢީދަލީލެއްކަމަކު އަނެއް ގޮތުން އެއީ ޤަޠުޢީ ދަލީލެއް ނޫންކަމެވެ. އެ ޤަޠުޢީ ދަލީލަކަށް ވާގޮތަކީ އެއަށް ޢަމަލުކުރުމަށް ބަލާއިރުއެވެ. އެހެނީ ޤުރުއާނާއި ސުންނަތާއި އިޖްމާޢުން ދަލީލު ލިބެނީ އާޙާދު ޙަދީޘަށް ޢަމަލުކުރުމަށެވެ. އެ ޤަޠުޢީ ދަލީލަކަށް ނުވާގޮތާމެދު ދަންނައެވެ. އެޚަބަރު އޭގެ ޛާތުގައި ތެދުޚަބަރަކަށް ވުމާމެދު އެއީ ޤަޠުޢީ ދަލީލެއް ނޫނެވެ.”

انظر كتاب: الرحلة إلى بيت الله الحرام للشيخ محمد الأمين الشنقيطي رحمه الله تعالى ص: ۹۸